އަންހެނުންގެ ތެރޭގައި ވަރަށް މާތް ހަތަރު ބޭކަނބަލަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ، އީމާންތެރިކަމާއި، ޚުލްޤު ހެޔޮކަމާއި، އިޙުސާންތެރިކަމުގައި ވެސް މުސްލިމު އުޚުތުންނަށް ރިވެތި ނަމޫނާތަކެކެވެ. މާތް ﷲ، ދުނިޔެއާއި އާޚިރަތުގައި އެ ބޭކަނބަލުން މާތް ކުރައްވައި، އެ ބޭކަނބަލުންނަށް މަތިވެރި ދަރަޖަ ދެއްވި އެވެ. ތިރީގައި މިވަނީ އެ ހަތަރު ބޭކަނބަލުންގެ މަޢުލޫމާތުކޮޅެކެވެ.
1. މަރްޔަމުގެފާނު
އެކަމަނާއަކީ، ސަލާމްލެއްވި ޢީސާގެފާނުގެ މަންމާފުޅެވެ. އެކަމަނާ މަޝްހޫރުވެފައިވަނީ، ޠާހިރު ކަމާއި ޢިއްފަތްތެރިކަމަށެވެ. ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުވާ ގޮތުގައި، މާތް ﷲ ޚަލްޤުކުރެއްވި އެންމެ މާތް އަންހެން ސާހިބަކީ އެކަމަނާ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.
(وَإِذْ قَالَتِ الْمَلائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاء الْعَالَمِينَ)
އާލުޢިމްރާން: 42
މާނައީ، "މަލާއިކަތުން ވިދާޅުވި ހިނދު، ހަނދުމަކުރައްވާށެވެ! އޭ މަރްޔަމުގެފާނޭވެ! ހަމަކަށަވަރުން، ﷲ، ކަމަނާ ޚިޔާރުކުރައްވައި، ޠާހިރުކުރައްވައި، (ކަމަނާގެ ދުވަސްވަރުގެ) ޢާލަމްތަކުގެ އަންހެނުންގެ މައްޗަށް، މާތްކުރައްވައި، މަތިވެރިކުރައްވައިފި އެވެ."
މަރްޔަމުގެފާނަށް މާތް ﷲ ވަނީ، ކީރިތި ޤުރުއާނުގައި މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފަ އެވެ.
(وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ)
މާނައީ، "އަދި ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނުގެ މިސާލުވެސްމެ އެވެ. އެކަމަނާއީ، އެކަމަނާގެ ފަރުޖު ރައްކާތެރިކުރެއްވި ކަމަނާއެވެ. ފަހެ، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެކަމަނާގެ ވެރިރަސްކަލާނގެ ކަލިމަފުޅުތަކާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވި އެވެ. އަދި އެކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ."
2. ޚަދީޖަތުގެފާނު
އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ފުރަތަމަ އަނބިކަނބަލުންނެވެ. އެއްވެސް ޝައްކަކާނުލައި، އިތުރު އެކަލޭގެފާނު ރިސާލަތު އެކަމަނާ ޤަބޫލުފުޅުކުރެއްވި އެވެ. އަދި އިތުރުއެކަލޭގެފާނަށް އަމިއްލަފުޅަށް ނަޞްރުދެއްވައި، އެކަމަނާގެ މުދާތައް ވެސް އިތުރު އެކަލޭގެފާނަށްޓަކައި ހޭދަކުރެއްވި އެވެ. ސުވަރުގޭގައި އެކަމަނާއަށް ގަނޑުވަރެއް ބިނާކުރެވިފައިވާކަމުގެ އުފާވެރި ޚަބަރު، މާތް ﷲ ގެ ޙަޟުރަތުން ޖިބުރީލުގެފާނު ގެނެސްދެއްވި އެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެ އެވެ.
(قَالَ أَتَى جِبْرِيلُ النَّبِىَّ -صلى الله عليه وسلم- فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ فَإِذَا هِىَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا وَمِنِّى وَبَشِّرْهَا بِبَيْتٍ فِى الْجَنَّةِ مِنْ قَصَبٍ لاَ صَخَبَ فِيهِ وَلاَ نَصَبَ)
ރިވާކުރެއްވީ: އަލްބުޚާރީ.
މާނައީ، "ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ (ޙިރާ ފަރުބަދައިގެ ހޮހަޅައިގައި ހުންނަވަނިކޮށް އިތުރުއެކަލޭގެފާނު) ގެ އަރިހަށް، ޖިބުރީލުގެފާނު ވަޑައިގެން ވިދާޅުވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! ކާބޯތަކެތީގެ ކަންވާރެއް ހިއްޕަވައިގެން (މައްކާއިން މިތަނަށް) ޚަދީޖަތުގެފާނު އެބަ ވަޑައިގަންނަވަ އެވެ. ފަހެ، އެކަމަނާ ކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން، އެކަމަނާގެ މައްޗަށް އެކަމަނާ ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތުންނާއި ތިމަންކަލޭގެފާނުގެ އަރިހުން ވެދުމާއި ސަލާމް ވިދާޅުވާށެވެ! އަދި، ސުވަރުގޭގައި އެކަމަނާއަށް، އެތެރެ ހޮއި އިތާގެ މުތުން ބިނާކުރެއްވިފައިވާ ގަނޑުވަރެއް ވާ ވާހަކަ ވެސް ވިދާޅުވާށެވެ! އެ ގަނޑުވަރުގައި އަޑުގަދަކުރުމެއް، ވަރުބަލިވުމެއް ނުވާނެ އެވެ."
މި ޙަދީޘްފުޅުގައިވާ، (إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ) ގެ ލަފުޒީ މާނައަކީ، "ރޮށި ނުވަތަ ކާނާ ނުވަތަ ފެން އޭގައިވާ ކަންވާރެއް" އެވެ. ޖިބުރީލުގެފާނު މިހެން ވިދާޅުވީ، އެ ކަންވާރުގައި އެ ހުރިހާ އެއްޗެއް ވާތީ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
3. އާސިޔަތުގެފާނު
އެކަމަނާއަކީ، ފިރުޢައުނުގެ އަނބިކަނބަލުންނެވެ. ފިރުޢައުނު ކަލާނގެ ކަމަށް ދަޢުވާކުރުމުން، އެކަމަނާ އެ ދަޢުވާއާ ދެކޮޅު ހެއްދެވި އެވެ. ދެން ފިރުޢައުނު އެކަމަނާއަށް އަދަބުދެއްވައި އަނިޔާކުރެއްވި އެވެ. ނަމަވެސް އެކަމަނާ މާތް ﷲ އަށް އީމާންވުންމަތީ ސާބިތުވެވަޑައިގެންނެވި އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(وَضَرَبَ اللَّهُ مَثَلا لِّلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ)
އައްތަޙުރީމު: 11
މާނައީ، "އަދި ފިރުޢައުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވި އެވެ. (އެއީ) އެކަމަނާ ވިދާޅުވި ހިނދުގަ އެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާއަށް އިބަރަސްކަލާނގެ ޙަޟުރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުޢައުނާއި، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!"
4. ފާޠިމަތުގެފާނު
އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ، މިދުނިޔޭގައި ކެތްތެރި، ތަޤުވާވެރި، ޞާލިޙު ބޭކަނބަލެއް ކަމުގައި ވެވަޑައިގެންނެވި އެވެ. އެކަމަނާއަކީ، ސުވަރުގޭގައި އަންހެނުންގެ ސާހިބާ ކަމުގައި މާތް ﷲ ލެއްވި އެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވި އެވެ.
(فَاطِمَةُ سَيِّدَةُ نِسَاءِ أَهْلِ الْجَنَّةِ)
ރިވާކުރެއްވީ: އަލްބުޚާރީ.
މާނައީ، "ފާޠިމަތުގެފާނަކީ، ސުވަރުގޭގެ އަންހެނުންގެ ސާހިބާ އެވެ."
ފާޠިމަތުގެފާނަށް އައްޒަހުރާ (الزهراء) ގެ ލަޤަބު ދެވިފައިވެ އެވެ. މި ލަޤަބު ދެވުނީ، އެކަމަނާގެ ހަށިކޮޅުގެ ދޮންކަމާއި ބުރުސޫރަ ރިވެތިކަމުންނެވެ.
މުޞަންނިފު: | އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން |
0 comments:
Post a Comment