Monday, December 12, 2011

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބު


            ސުވާލު

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބަކީ ކޮބައިތޯ އެވެ؟ އަދި މާތް ﷲ، އެމީހުންނަށް މިދުނިޔޭގައި އަޒާބުދެއްވުން އަވަސްކުރައްވާނެތޯ އެވެ؟




ޖަވާބު

ދޮގުހުވާކުރުމަކީ، ބޮޑުފާފައިގެ ތެރެއިން ބޮޑުވެގެންވާ ފާފައެކެވެ. ދޮގުހުވާކުރާ މީހާއަށް ޤިޔާމަތްދުވަހު ބޮޑުވެގެންވާ އަޒާބު ހުއްޓެވެ. މާތް ﷲ، އޭނާއަށް ހުރި އަޒާބު މިދުނިޔޭގައި ވެސް އޭނާއަށް ދެއްވާފާނެ އެވެ. ފަޤީރުކަން ނުވަތަ ހަލާކުވުން ފަދަ ބަލާއެއް އޭނާއާ ކުރިމަތިކުރައްވާފާނެ އެވެ. އެހެންނަމަވެސް އާޚިރަތުގައި އޭނާއަށް ހުރި އަޒާބު އެއަށްވުރެ މާބޮޑުވެގެންވެ އެވެ.

އެހެން މީހުންގެ މުދާ ކެއުމަށާއި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށްޓަކައި، ޤަޞްދުގައިކުރާ ދޮގު ހުވަޔަކީ، ބޮޑުވެގެންވާ ފާފަ އެކެވެ. އެފާފައަކީ، އެފާފަކުރާ މީހަކު ނަރަކައަށް ވެއްދެވުން ވާޖިބުކުރާ ފާފައެކެވެ. ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން ދަލީލު ލިބެނީ މިކަން މިގޮތަށެވެ. އަންނަނިވި އާޔަތަކީ އެފަދަ ދަލީލެކެވެ.

(إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلاً أُوْلَئِكَ لاَ خَلاقَ لَهُمْ فِي الآخِرَةِ وَلاَ يُكَلِّمُهُمُ اللَّهُ وَلاَ يَنظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ)
އާލުޢިމްރާން: 77

މާނައީ، "ހަމަކަށަވަރުން، ﷲ ގެ ޢަހުދާއި، އެއުރެންގެ ހުވާތައް ދީފައި، ކުޑަ އަގެއް ހިފާ މީހުންނީ، އާޚިރަތުގައި އެއުރެންނަށް އެއްވެސް ނަޞީބެއް ނެތް ބަޔެކެވެ. އަދި، ޤިޔާމަތްދުވަހުން، ﷲ، އެއުރެންނަކަށް ބަސް ވަޙީއެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަކަށް ބައްލަވާވޮޑިއެއްވެސް ނުގަންނަވާނެތެވެ. އަދި، (ފާފައިން) އެއުރެން ޠާހިރެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ."

އެހެން މީހުންގެ މުދަލާއި ޙައްޤުތައް ނިގުޅައިގަތުމަށްޓަކައި، ޤަޞްދުގައި ދޮގުހުވާކުރާ މީހުންނަށް ހުރި ކަމަށް މިއާޔަތުގައި އަންގަވާފައިވާ އަޒާބުތަކަކީ:

1. ދޮގުހުވާކުރާ މީހުންނަށް އާޚިރަތުގެ ނަސީބު ނުލިބުމާއި މާތް ﷲ ރަޙުމަތްފުޅުން އެއްކިބާވުން.
2. މާތް ﷲ، އޯގާވަންތަވެރިކަމާއެކު އެމީހުންނަށް ބަސްފުޅު ވަޙީނުކުރެއްވުން.
3. މާތް ﷲ، ރަޙުމަތްވަންތަކަމާއެކު އެމީހުންނަށް ބައްލަވާވޮޑިނުގަތުން.
4. ކުށްފާފަތަކުން އެމީހުން ޠާހިރު ނުކުރެއްވުން.
5. އެމީހުން ކޮށްފައިވާ ފާފަތަކުގެ ޖަޒާއެއްގެ ގޮތުން، އެމީހުންނަށް ގަދަފަދަވެގެންވާ އަޒާބު ދެއްވުން.

ސުންނަތުގެ ދަލީލުތަކަށް ބަލާއިރު އަންނަނިވި ޙަދީޘްތައް ހިމެނެ އެވެ.

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ.
(مَنْ حَلَفَ عَلَى يَمِينٍ وَهُوَ فِيهَا فَاجِرٌ يَقْتَطِعُ بِهَا مَالَ امْرِئٍ مُسْلِمٍ لَقِىَ اللَّهَ وَهُوَ عَلَيْهِ غَضْبَانُ)
ރިވާކުރެއްވީ: އަބޫދާވޫދު، އިބްނު މާޖާ، (ޞަޙީޙު ޙަދީޘެއް)

މާނައީ، "މުސްލިމެއްގެ މުދާ ނިގުޅައިގަތުމަށްޓަކައި ދޮގުހުވަޔެއް ކޮށްފި މީހާ، ﷲ ގެ ޙަޟުރަތަށް ދާނީ އެކަލާނގެ އޭނާގެ މައްޗަށް ކޯފާވެވޮޑިގެންވާ ޙާލުގަ އެވެ."

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ.
(لاَ يَقْتَطِعُ رَجُلٌ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَأَوْجَبَ لَهُ النَّارَ. فَقَالَ رَجُلٌ مِنَ الْقَوْمِ: يَا رَسُولَ اللَّهِ وَإِنْ كَانَ شَيْئًا يَسِيرًا قَالَ: وَإِنْ كَانَ سِوَاكًا مِنْ أَرَاكٍ)
ރިވާކުރެއްވީ: އިބްނު މާޖާ (އަލްބާނީގެ އަރިހުގައި މިއީ ޞަޙީޙު ޙަދީޘެކެވެ.)

މާނައީ، "ހުވަޔެއްކޮށްގެން މުސްލިމެއްގެ ޙައްޤެއް ނިގުޅައިގެންފި މީހާގެ މައްޗަށް ﷲ ސުވަރުގެ ޙަރާމްކުރައްވާނެތެވެ. މީހަކު ދެންނެވި އެވެ. ﷲ ގެ ރަސޫލާ އެވެ! އެއީ ކިތަންމެ ކުޑަ ޙައްޤެއް ކަމުގައިވިޔަސް ތޯ އެވެ؟ އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. އެއީ، އަރާކި ގަހުން ސިވާކު ދަނޑިކޮޅެއް ކަމުގައިވިޔަސްމެ އެވެ."

އަރާކި ގަހުގެ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅަން ބޭނުންކުރާ ދަނޑިކޮޅެވެ.

މިނޫނަސް، ދޮގުހުވާކުރާ މީހާއަށް އާޚިރަތުގައި ހުރި އަޒާބުގެ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްތައް ވެ އެވެ.

އާޚިރަތުގެ އަޒާބަށްވުރެ ކުރިން، މިދުނިޔޭގައި އަޒާބު ދެއްވުން އަވަސްކުރެއްވުމާމެދު ސުވާލުކުރައްވާފައިވާތީ ދަންނަވަމެވެ. ބައެއް ފާފަތައް ކުރުމުން، އަޒާބުދެއްވުން މިދުނިޔޭގައި އަވަސްކުރެއްވުމަކީ ވެދާނެ ކަމެއްކަން ބަޔާންވާ ދަލީލުތައް ވެ އެވެ. ތިމާގެ ކަމުގެ ގުޅުން ކަނޑާލާ މީހާއަށާއި، އަނިޔާވެރިވާ މީހާއަށާއި، ދޮގުހުވާ ކުރާ މީހާއަށް އަޒާބު އަވަސްކުރައްވާނެ ކަމަށް ވާރިދުވެފައިވެ އެވެ.

އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެ އެވެ.
(لَيْسَ شَىْءٌ أُطِيعَ اللَّهُ فِيهِ أَعْجَلَ ثَوَابًا مِنْ صِلَةِ الرَّحِمِ وَلَيْسَ شَىْءٌ أَعْجَلَ عِقَابًا مِنَ الْبَغْىِ وَقَطِيعَةِ الرَّحِمِ وَالْيَمِينِ الْفَاجِرَةِ تَدَعُ الدِّيَارَ بَلاَقِعَ)
ރިވާކުރެއްވީ: އަލްބައިހަޤީ.

މާނައީ، "ﷲ އަށް ކިޔަމަންގަތުމުގެ ތެރެއިން، ރަޙިމުގެ ގުޅުން ބަދަހިކުރުމަށްވުރެ އަވަހަށް ސަވާބުދެއްވާ ކަމެއް ނެތެވެ. (އުރެދުމުގެ ތެރެއިން) ފާޙިޝް ޢަމަލު ހިންގުމާއި، ރަޙިމުގެ ގުޅުން ކަނޑައިލުމާއި، ދޮގުހުވާކުރުމަށްވުރެ އަވަހަށް އަޒާބު ދެއްވާ ކަމެއް ނެތެވެ. ދޮގުހުވާކުރުމަކީ ގެދޮރު ފަޅުކޮށްލާ ކަމެކެވެ."

މި ޙަދީޘާމެދު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. "ދޮގުހުވާކުރުމަކީ ގެދޮރު ފަޅުކޮށްލާ ކަމެއް" ކަމަށް އޮތް ބަސްފުޅުގެ މާނައަކީ، ދޮގުހުވާކުރާ މީހާ ފަޤީރުވެ، އޭނާގެ ގެދޮރު ނިކަމެތިވެދާ ވާހަކަ އެވެ. އެއީ، މާތް ﷲ އޭނާއަށް ދެއްވާފައިވާ ތަނަވަސްކަމުގެ ނިޢުމަތް، އޭނާގެ އަތުން ބީވެގެންދާ ވާހަކަ އެވެ.

ޢަބްދުއްރަޙުމާން ބިން ޢައުފުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެ އެވެ.
(الْيَمِينُ الْفَاجِرَةُ تُذْهِبُ الْمَالَ)
ރިވާކުރެއްވީ: އަލްބައްޒާޒު
މިއީ ޞަޙީޙު ސަނަދަކުން ރިވާވެފައިވާ ޙަދީޘެކެވެ.

މާނައީ، "ދޮގުހުވަޔަކީ، (ހުވާކުރާ މީހާ) ގެ މުދާތައް ނެތިކޮށްލާ އެއްޗެކެވެ."

ދޮގުހުވާކުރާ މީހުންނަށް ހުރި އަޒާބާއި، އެމީހުންނަށް އަޒާބު ދެއްވުން އަވަސްކުރައްވާނެ ކަމަށް، ވާރިދުވެފައިވާ މިނޫނަސް ކިތަންމެ ޙަދީޘެއް ވެ އެވެ.

   
ސުވާލުކުރެއްވީ: ޚާލިދު، ޔޫ.އޭ.އީ.
ޖަވާބުދެއްވީ: ޕްރޮފެސަރ ޑރ. ޙުސާމުއްދީން ބިން މޫސާ، ފިޤުހާއި އުޞޫލުލް ފިޤުހުގެ ޕްރޮފެސަރ، ޤުދުސް ޔުނިވަރސިޓީ.
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons