މިމަހު 23 ވަނަދުވަހު ބޭއްވި ބޮޑު މުޒާރާގެ ތެރެއިން ސަރުކާރަށް ގޮވައިލެވުނު ހުރިހައި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރުން ހުއްޓުވައި އަދި ރާއްޖޭގައި ހުރި ހުރިހާ މަސާޖްޕާލަރތަކެއް ބަންދުކުރަން ކަމަށް ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިމަހު 23 ވަނަ ދުވަހު މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ބޮޑު މުޒާހަރާގައި ސަރުކާރަށް ގޮވާލާފައިވާ 5 ކަންތަކަށް އިޝާރާތް ކުރައްވައި ޒުހައިރު ވިދާޅުވީ އިސްލާމްދީން ޙިމާޔަތް ކުރުމަށް ކަމަށް ވިދާޅުވެ، އެކަމާމެދު އަޑު އުފުއްލަވައި، ހުށަހަޅުއްވާފައިވާ މައިގަނޑު ފަސް އެދިވަޑައިގަތުމާ ބެހޭގޮތުން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ގަސްދު ކުރައްވާފައިވާ ކަމަށެވެ. އަދި އެފިޔަވަޅުތައް ވަނީ ހާމަކުރައްވާފައެވެ.
ޒުހައިރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށާއި، ރާއްޖޭގައި މަސާޖުކުރާ ތަންތަން އެއީ، ހަށި ވިއްކުމަށް ބޭނުންކުރާ ތަންތަން ކަމުގެ ތުހުމަތުތައް ގިނަވެފައިވާތީ، އެފަދަ ހުރިހާ ތަނެއް ބަންދު ކުރެއްވުމަށް ސަރުކާރުން މިހާރު ޤަޞްދު ކުރައްވާފައިވާ ކަމަށެވެ. އަދި އެފަދަ ތަންތަން މި ރާއްޖޭގައި ގިނައިން ހިންގަނީ، ވަކި ޚާއްޞަ ހުއްދައެއް ސަރުކާރުން ދެއްވައިގެން ނޫންކަމަށްވާތީ، އެފަދަ ތަންތަން ގިންތި ކުރައްވައި ބެއްލެވުމުގެ މަސައްކަތްޕުޅުތަކެއް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާކަން ޒުހައިރު ހާމަކުރެއްވިއެވެ.
އިޒުރޭލު މަތިންދާބޯޓު ރާއްޖެއައުން މަނާކުރުމުގެ މައްޗަށް ޒުހައިރު ބައްލަވާލައްވަމުން، ވިދާޅުވީ، އެއްވެސް ޤައުމަކުން ދިވެހިރާއްޖެއަށް ފްލައިޓް އޮޕަރޭޓް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ، ފަތުރުވެރިކަމުގެ ނުވަތަ ޓޫރިޒަމްގެ ޞިނާޢަތަށާއި، އެ ވިޔަފާރި ކުރައްވާ ފަރާތްޕުޅުތަކަށާއި، ޖުމްލަ ގޮތެއްގައި، މުޅި ޤައުމުގެ އިޤްތިޞާދީ ލާބައާއި މަންފާއަށްޓަކާ ކަމުގައެވެ.
އެގޮތުން، އެފަދަ ބޯޓަކުން ރާއްޖެ އަންނާނެ ފަތުރުވެރިން، ކުރިއަށް ރިޒަރވްކޮށް، ބުކިންގ ހަދަމުންގެންދާ ކަމަށް ވިދާޅުވެ، ގިނަ ރިޒޯޓް ހިންގާ ކުންފުނީގައި، އެފަދަ ބުކިންގ، ނިސްބަތުން ގިނަވާނެކަން ޒުހައިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިޒުރޭލު ފްލައިޓް ހުއްޓުވުން، ފުރަތަމަ ޙައިސިއްޔަތުގައި ސަރުކާރަށްވުރެ ބޮޑަށް އޮތީ، އެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ކޮންޓްރޯލްގައި ކަމަށާއި، އިޒުރޭލު ބޯޓު ބޭނުންކުރައްވާނެ ފަތުރުވެރިންގެ ބުކިންގ، އެ ވިޔަފާރި ކުރައްވާ ފަރާތްތަކުން ކެންސަލް ކޮށްލެއްވުމުން، އެ ބޯޓު ރާއްޖެއަކަށް ނާންނާނެ ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
އައްޑޫސިޓީގައި ބެހެއްޓުނު ހަނދާނީ ބިނާތައް ސަރުކާރުން ނެންގެވުމަށް އަޑު އުފުއްލަވާފައިވާ އުފުއްލެވުމަށް އިޝާރާތް ކުރައްވަމުން، ޒުހައިރު ވިދާޅުވީ، މިކަމުގައި އިސް ދައުރެއް އޮތީ، އައްޑޫ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި ހަނދާނީ ބިނާތައް ނެންގެވުމާމެދު އެ ކައުންސިލުން ނިންމަވާ ނިންމެވުމަކަށް ސަރުކާރުން ހުރަހެއް ނާޅުއްވާނެ ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރ ނަވަނިތަމް ޕިއްލޭ، ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ، ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަން ހަމަޖައްސަވާފައިވަނީ، ދިވެހި ސަރުކާރަކުން ނޫން ކަމަށާއި، އެބޭފުޅާ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކައާމެދު އެއްޗެއް ވިދާޅުވެވޭނީ އެ މަޖިލީހަށް ކަމަށެވެ. އަދި ޕިއްލޭ އަކީ އދގެ އިސްމަޤާމެއް ފުރުއްވާ ބޭފުޅަކު ކަމަށާ އެފަދަ އިސްބޭފުޅަކު މަޤާމުގެ ހައިޞިއްޔަތުން ރާއްޖެއަށް ވަޑައިގަންނަވަން ބޭނުންފުޅުވުމުން އެކަމަށް ސަރުކާރުން މަރުހަބާ ކިޔަންޖެހޭ ކަމަށާ އެއީ ދައުވަތު ދިނުން ކަމަށް މާނަ ކުރެވިދާނެކަމަށް ވިދާޅުވެ ރާއްޖޭގައި އދގެ މަރުކަޒެއް ހުންނަކަން ޒުހައިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ އަރިހަށް ޕިއްލޭ ކުރެއްވީ އިޙްތިރާމުގެ ޒިޔާރަތެއް ކަމަށާ އެ ބައްދަލުވުމުގައި ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ވަރުގެ އެއްވެސް ވާހަކައެއް (ޕިއްލޭ) ދައްކަވާފައި ނުވާކަން ރައީސް ނަޝީދު ޔަޤީންކޮށްދެއްވާ ކަމަށްވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.
ބަނގުރާ ވިއްކުމުގެ ވިޔަފާރިއަށް ބައްލަވާލައްވަމުން ޒުހައިރު ވިދާޅުވީ މިއީވެސް ދިވެހި ސަރުކާރުން ކުރައްވާ ވިޔަފާރިއެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުން މުޅިން މަނާކުރުމަށް ސަރުކާރުން ގެންދަވަނީ ވިސްނަވަމުން ކަމުގައި ޒުހައިރު ވިދާޅުވިއެވެ.
“މީހުން ދިރިއުޅޭ އާދައިގެ ކުޑަ ރަށެއްގެ އާބާދީ ދުއިސައްތަ، ތިންސަތޭކަވަރުވާއިރު، ބައެއް ބޮޑެތި ރެޒޯޓްތަކުގައި ހަތަރުސަތޭކައަށްވުރެ ގިނަ ދިވެހިން ދިރިއުޅޭ.” ކަމަށް ޒުހައިރު ވިދާޅުވިއެވެ. މިކަމާމެދު ސަރުކާރުން ވިސްނަވައި، މިހާރު ގެންދަވަނީ، މި ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުން މުޅިން މަނާކުރެއްވުމަށް ބައްލަވަންޖެހޭ ބެއްލެވުންތައް ކަނޑައަޅުއްވަމުން ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ ފަތުރުވެރިކަމުގައި ސިނާއަތުގައި އެންމެ ފުޅާ ދާއިރާއެއްގާ ހަަރަކާތްތެރިވަމުން އަންނަ މަޓީ އާއި މަޓާޓޯ ފަދަ އެއްވެސް ފަރާތަކުން ވެސް އެއްވުމުގެ ބައިވެރިންގެ ގޮވައިލުންތަކަށް ކަންބޮޑުވާކަން ފައުޅުކޮށްފައި ނެތުމުން އެފަރާތްތަކުގެ އެއްވެސް ކަންބޮޑުވުމެއް މިކަމުގައި ނެތްކަމަށް ޤަބޫލުކުރަންޖެހޭ ކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ބައެއްރަށުގެ ބައެއް ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސުމާބެހޭގޮތުން ޒުހައިރު ވިދާޅުވީ އެގޮތަށް އެކަން ހަމަޖައްސަންޖެހެނީ އެއަރޕޯޓް ހަދާ ސަރަހައްދަކީ މީހުން ދިރިނޫޅޭ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ކަމަށެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައިވެސް ރައްޔިތުންގެ އަޑު ސަރުކާރުން އަހައި އިޖާބަ ދޭނެކަމުގެ ޔަޤީންކަން ޒުހައިރު ވަނީ ދެއްވާފައެވެ.
0 comments:
Post a Comment