Saturday, December 10, 2011

އަޅުކަން ފާސިދުކުރާ ވަސްވާހުން ސަލާމަތްވުން


ސުވާލު

އަޅުގަނޑުކުރާ އަޅުކަން ފާސިދުކުރާ ވަސްވާސްތަކެއް، އަޅުގަނޑުގެ ހިތަށް ވެރިވެ އެވެ. އޭގެ ސަބަބުން އަޅުގަނޑުގެ ވިސްނުމާއި ފިކުރު ވިއްސިވިހާލިވެ، އެއްވެސް އަޅުކަމެއް އެދެވޭ ގޮތެއްގައި ނުކުރެވެ އެވެ. މިހެންވެ، ވުޟޫއާއި ނަމާދާއި ހިނައިގަތުން ފަދަ ކަންތައްތައް އިޢާދަކޮށް ކުރަން އެބަޖެހެ އެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ އެވެ؟




ޖަވާބު

بِسْمِ اللهِ، وَالْحَمْدُ لهِޭ، وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ، وَبَعْدُ:
ވަސްވާހަކީ، އިހުޒަމާނުގައި ވެސް މީހުންނަށް ވެސް ޖެހުނު ބައްޔެކެވެ. އެބަލި މިޒަމާނުގައި ވަނީ، އާވެ، މަޝްހޫރުވެފަ އެވެ. މި ޒަމާނުގައި އެބަލި ޖެހޭ މީހުންގެ ޢަދަދު މަދެއް ނޫނެވެ. އެބަލިވަނީ، އެތައް ބަޔަކު ޝިކާރަކޮށްފަ އެވެ. ޚާއްޞަކޮށް ޠަހާރަތާއި ނަމާދާ ގުޅުންހުރި ކަންކަމުގަ އެވެ. އަދި ކައިވެންޏާއި ވަރީގެ ކަންތަކުގައި ވެސް އެބަލީގެ ނުރައްކާތެރިކަން ވަނީ ކުރިމަތިވެފަ އެވެ.

ވަސްވާހުގައި ޖެހިފައިވާ މީހާ ވާނީ، އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ހަރުކަށިވެފަ އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ވުޟޫކުރުމާއި، ތަކުރާރުކޮށް އެއް ނަމާދެއް އެތައް ފަހަރަކު އޭނާ ކުރަމުން ގެންދަނީ، އެ ކަންތައްތައް ރަނގަޅަށް އަދާކުރުމުގެ ނިޔަތުގަ އެވެ. އެފަދަ މީހުންގެ މި ޢަމަލަކީ، އިސްލާމްދީނުގެ ހުރިހައި މަޛުހަބުތަކެއްގެ ޢިލްމުވެރިން އިންކާރުކުރައްވާފައިވާ ކަމެކެވެ. ތަކުރާރުކޮށް ވުޟޫކޮށްގެން ނަމާދު ނުކުރިޔަސް އެމީހުންނަށް މާތް ﷲ ޢަޛާބެއް ނުދެއްވާނެ އެވެ. މީސްތަކުންނަށް އެކަލާނގެ އެދިވޮޑިގަންނަވަނީ، ލުއިފަސޭހަ ގޮތްތަކެވެ. މީސްތަކުންނަށް ދަތި އުނދަގޫ ގޮތްތައް އެކަލާނގެ އެދިވޮޑިނުގަންނަވަ އެވެ.

ވަސްވާހުގައި ނުޖެހުމަށް އެންމެ ފުރަތަމަ މީސްތަކުން ހޭލުންތެރިކުރެއްވި އެއް ޢިލްމުވެރިޔަކީ، އިމާމު އަބޫ މުޙައްމަދު އަލްޖުވައިނީ އެވެ. އޭނާއަކީ ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިއެކެވެ. ހަތަރު މަޛުހަބުގެ ތެރެއިން، ޝާފިޢީ މަޛުހަބަކީ، ޠަހާރަތާއި ނަޖިހުން ތާހިރުވުމުގެ ކަންތައްތަކުގައި ދޫ ދޭ މަޛުހަބެއް ނޫނެވެ. އެހެން ކަމާއެކު ވެސް އިމާމު ޖުވައިނީ ފަދަ ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިން ވެސް ވަނީ، ދީނުގެ ކަންތައްތަކުގައި ހަރުކަށިވުމާމެދު އިންކާރުކުރައްވާފަ އެވެ. އިންފަހަނަޅައި ދާ މީހުންނަށް ސީދާވެގެންވާ ތެދުމަގަށް އެނބުރި އައުމަށް އެބޭކަލުންވަނީ ގޮވާލައްވާފަ އެވެ.

ޢާއްމު ނަޒަރަކުން ބަލާއިރު، ވަސްވާސް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއްބަޔަކީ، ޝައިޠާނީ ވަސްވާހެވެ. އަނެއް ބަޔަކީ މާއްދީ ވަސްވާހެވެ.

ޝައިޠާނީ ވަސްވާހުން ސަލާމަތްވުމަށްޓަކައި، ކުރެވިދާނެ ކަންކަމަކީ، އަޢޫޛުކިއުމާއި މާތް ﷲ ގެ ޙަޟުރަތުން ރައްކާތެރިކަން ލިބުމަށް އެދި ދެންނެވުމާއި ޛިކުރުކުރުމެވެ. އަދި ވަސްވާސް ނެތިކޮށްލާ ޝަރުޢީ ރުޤާތަކުގެ ބޭނުންހިފުމެވެ. ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އެދި ދެންނެވުމަށް މާތް ﷲ ވަނީ އަންގަވާފަ އެވެ.

(مِن شَرِّ الْوَسْوَاسِ الْخَنَّاسِ)
އައްނާސް: 4

މިއާޔަތުންނެވެ. މާނައީ، "ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. (އެބަހީ: ޝައިޠާނާގެ ނުބައިކަމުން އެކަލާނގެ ޙަޟުރަތުން ރައްކާތެރިކަން ލިބިގަންނަމެވެ."

މާއްދީ ވަސްވާހުގެ ސަބަބަކީ، ބޭސްފަރުވާއާ ގުޅިފައިވާ ބައްޔެއް ކަމުގައިވާނަމަ، ސަލާމަތްތެރިކަމަށް އެދި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރާ ޙާލު، ކަމާބެހޭ ޑަކުޓަރެއްގެ ފަރުވާ ހޯދާނީ އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَلا يُنَبِّئُكَ مِثْلُ خَبِيرٍ)
ފާޠިރު: 14

މާނައީ، "ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ފަދައިން ކަލޭގެފާނަށް ޚަބަރުދޭނެ ހަމަ އެކަކުވެސް ނެތެވެ."

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

(يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاء إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)
ފާޠިރު: 15

މާނައީ، "އޭ މީސްތަކުންނޭވެ! ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ، ތިޔަބައިމީހުންނެވެ. އަދި ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ އެވެ."
 
 
މުޞަންނިފު: ފަޟީލަތުއްޝައިޚު ޙާމިދުލް ޢައްޠާރު


 


0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons