
ރޭޑިއޯއެޓޯލްއިން ރޭ ފޮނުވި “ފަސްއަލޫއަހްލައްޒިކްރި” ޕްރޮގްރާމުގައި މިއުޒިކާ ބެހޭގޮތުން އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝައިޚް ސަމީރު ވިދާޅުވީ ތިމާމެންގެ އަމިއްލަ ސައިޒާއި އަމިއްލަ ޢިލްމީ ޤާބިލްކަމަށް ނުބަލައި ﷲ ޞުބްހާނަހޫވަތައާލާގެ މައްޗަށް ބަސްކިޔަމުންދާ ކަމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އިސްލާމްދީނުގައި ވަކިކަމެއް ހުއްދައޭ ނުވަތަ ވަކިކަމެއް ޙަރާމޭ ބުނުމަކީ ތިމާގެ އަމިއްލަ ކަމެއް ނޫން ކަމަށާއި އެއީ ހިތަށް އެރުމުން ބުނެވޭނެ އެއްޗެއް ނޫން ކަމަށެވެ.
“ތިމަންނަ އެކަމެއް ކުރާހިތްވީމަ ނުވަތަ މުޖުތަމަޢުގެ ގިނަ ބަޔަކު ކުރާތީ ނުވަތަ އެކަންކަން ބަޔަކު ލައްވައި ކުރުވާހިތްވީމަ، އޭތި ހަލާލޭ ބުނުމަކީ އާދައިގެ ވާހަކައެއް ނޫން އެއީ. ކާއިނާތުގެ ވެރިއިލާހުގެ މައްޗަށް ބުނެވޭ ބަހެއް އެއީ. ބޮޑުވެގެވާ ބަހެއް އެއީ. އެހެންވީމާ ކޮންމެ މީހަކުވެސް އެއްޗެއް ބުނާއިރު ވިސްނަންޖެހޭނެ ތިމަންނަ މިބުނާ އެތީގެ ކިހާވަރެއްގެ ވަޒަނެއް ޝަރުޢެއް އެކުލެވޭތޯ.
ތިމަންނަ މިހެން ބުނުމުގެ ކުރިން ކިހާވަރެއްގެ ޢިލްމެއް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތުން ލިބިފައިވޭތޯ. ކިހާވަރެއްގެ ހައިސިއްޔަތެއް އިސްލާމީ ޝަރުޢީ އުސޫލުން ތިމަންނައަށް މިމައްސަލައިގައި މިހެން ބުނުމުގައި ލިބިފައިވޭތޯ.” ޝައިޚް ސަމީރު ވިދާޅުވިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ ﷲ ޙަރާމްކުރެއްވި ކަމެއް އެއީ ޙަރާމްކަމެއް ނޫނޭ ބުނުމަކީ ޙަރާމްކަމެއް ކުރުމަށްވުރެ ބޮޑު ފާފައެއް ކަމަށެވެ. އެގޮތުން މިސާލުދައްކަވަމުން ވިދާޅުވީ މީހަކު ޒިނޭކުރުމަކީ ބޮޑު ފާފައެއް ކަމަށާއި ޒިނޭކުރާމީހާ ދީނުންބޭރުނުވިޔަސް ޒިނޭކުރުމަކީ ޙަރާމްކަމެއްނޫން ކަމުގައި ބުނެ އިންކާރުކޮށްފި މީހާ ދީނުން ބޭރުވާނެ ކަމަށެވެ.
“ފާފައެއް ކުރުމަށްވެރެ އެފާފައެއް އެއީ ފާފައެއްނޫން ކަމަށް ޤަބޫލުކުރުން އެއީ ފާފައެއް ކަމަށް ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިހުރި ކަންކަމަށް އޭނާ އިންކާރުކުރުން. އެހެންވީމާ ހިތުހުރިހާ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ، މިވެނި ކަމެއް އެއީ ޙަލާލު ކަމެކޭ، މިވެނި ކަމެއް އެއީ ޙަރާމް ކަމެކޭ، އޭގެ މައްޗަށް ދަލީލެއް ފެންނަން ނެތިއްޔާ.” ޝައިޚް ސަމީރު ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ތިމާއަށް ޢިލްމު ލިބިގެންނުވާ ކަމަކާބެހޭ ގޮތުން ވާހަކަދައްކައިގެން ނުވާނެ ކަމަށާއި އިސްލާމީ ޝަރީޢަތަކީ ކުޅޭކުޅޭ އެއްޗެއް ނޫން ކަމަށެވެ. އަދި ކަމަކާބެހޭގޮތުން ތިމާއަށް ނޭނގޭ ކަމަށްވާނަމަ ޢިލްމުވެރިއެއްގެ ކައިރިން ސުވާލުކުރަންޖެހޭ ކަމަށެވެ.
މިއުޒިކާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ބަޔާންކުރައްވާފައިވާ ޙަދީޘްތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ތަފްޞީރުކުރައްވާފައިވާ އަޞްހާބްބޭކަލުންގެ ބަސްފުޅުތަކުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ސާފުކޮށް އެނގޭކަމުގައި ޝައިޚް ވިދާޅުވިއެވެ.
އިސްލާމްދީނުގެ ސާފުޠާޙިރުވެގެންވާ ޝަރީޢަތުގައި އިއްފަތާއި ކަރާމާތާއި، މީސްތަކުން ﷲ ހަނދުމަކުރުމާއި، މީސްތަކުންގެ ރިވެތި އަޚްލާޤާއި ސުލޫކީ ކަންކަމަށް އިސްކަންދޭއިރު މިމާތް މަތިވެރި ރިސާލަތުގައި މިއުޒިކްފަދަ ނުބައިކަންކަން ހުއްދަނުވާނެކަން ސަލާމަތް ބުއްދީގެ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށްވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ މުޅި ގައުމު އެއްކޮށް ޝަހުވާނީ އެދުންތަކުގައި އެއްކޮށް ބޮޑުވެގެންވާ ގެނބުމަކުން ގެނބިގޮސްފައިވާ ކަމަށާއި މުޅި ޖީލު އެއްކޮށް އޭގެ މަތީގައި އެންމެން ނަށައި މަޖާކޮށް ސަކަރާތްޖަހަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ކީރިތި ޤުރުއާން މާއްދާއެއްގެ ގޮތުގައި ލާޒިމްކުރާއިރު، އެއާޖެހިގެން މިއުޒިކާއި ނެށުމާއި މިހުރިހާ އެއްޗެއް ލާޒިމްކުރަން މަސައްކަތްކުރާތަން ފެންނަމުންދާ ކަމަށެވެ. އެއީ ކުދިންނަށް ކޮންކަހަލަ ސުލޫކެއް ދަސްކޮށްދޭންތޯ ސުވާލުއުފެދޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ މަންހަޖުގެ މައިގަނޑު މަޤްޞަދެއްކަމުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަޤީދާވަރުގަދަކޮށް އިސްލާމްދީނަށް ލޯބިޖެއްސުން ކަމަށާއި ނަމަވެސް ފެނިގެންދަނީ އުނަގަނޑުމަތީގައި ނަށަން ދަސްކޮށްދީ ކަޕްލް ޑާންސްކުރަން ދަސްކޮށްދީ އެފަދަ ފާޙިޝްކަންކަން ދަސްކޮށްދޭން އުޅޭތަން ކަމަށެވެ. އަދި އިސްލާމްދީނުގައި މަނާ ކަންކަން ދަސްކޮށްދީގެން އެކުދިން އިސްލާމްދީނަށް ލޯބިޖެހޭނީ ކިހިނެއްތޯ ޝައިޚް ސުވާލުކުރެއްވިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ ދަރިން ލައްވައި އެފަދަ ނުބައި ކަންތައްތައް މަޖުބޫރުކުރުވައިގެންވެސް ކުރުވަމުންދާ ކަމަށެވެ. އެއިން ކަމެއް ކުއްޖަކު ނުކުރާށޭ މައިންބަފައިން ބުނެގެން ނުކޮށްފި ކުއްޖެއްނަމަ، އެކުއްޖަކާމެދު ތަފާތުކޮށް ޖެއްސުންކޮށް ފުރައްސާރަކޮށް ނަފްސާނީގޮތުން ގޯނާކުރުންފަދަ ކަންތައްތައް ހިނގަމުންދާކަން ޝައިޚް ފާހަގަކުރެއްވިއެވެ.
ޝައިޚް ސަމީރު ވިދާޅުވީ ދައުލަތުގެ ބައިތުލްމާލުން ޚަރަދުކޮށްގެން މިނިސްޓްރީ ހަދައިގެން އެކަންކަން ޕްރޮމޯޓްކޮށް މިއުޒިކާއި ލަވަ އާންމުކޮށް އެއެއްޗެހި ފަތުރައި އެއެއްޗެހި ދަސްކޮށްދީ ކުދިންގެ ހިތުގައި އެއަށް ލޯބިޖައްސުވަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ހިނައި ޠާޙިރުވާނެގޮތް ނޭނގުނަސް މިއުޒިކް ކިޔަވައިދީ ދަސްކޮށްދެމުންދާ ކަމަށެވެ.
އޭގެ އިތުރުން މުޅި ގައުމުގައި ބަނުގުރާ އާންމުވަމުންދާތަން ފެންނަމުންދާ ކަމަށާއި މިއެންމެހާ ކަންތައްތަކާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޞަޙީޙް ބުޚާރީގައި ރިވާވެގެންވާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޙަދީޘެއް ޝައިޚް ބަޔާންކުރެއްވިއެވެ. އެހަދީޘްގެ މާނައިގައިވަނީ ޒިނޭއާއި ފިރިހެނުންނަށް ފަށުވިފޭރާމާއި ރަލާއި އަދި މިއުޒިކު ސާމާނު ހުއްދަކުރާނެ ބަޔަކު މިއުއްމަތުގެ ތެރެއިން އަންނާނެ ކަމަށެވެ.
އެހެން ޙަދީޘެއްވެސް ޝައިޚް ބަޔާންކުރެއްވިއެވެ. އެޙަދީޘްގެ މާނައިގައިވަނީ ”ތިމަންކަލޭގެފާނުގެ އުއްމަތުގައި ބަޔަކު ގަންބަވައިލެއްވުމާއި، ބައެއްގެ މައްޗައް އުޑުން ހިލަވެއްސެވުމާއި، ބިންހެލުމާއި، ސިފަ ބަދަލުކުރެއްވުން، މިކަންތައްތައް ފަހުން އަންނަހުއްޓެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮންއިރަކުން ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެބައިމީހުންގެތެރޭގައި ލަވަކިޔައިނަށާ އަންހެނުންނާއި މިއުޒިކް ސާމާނާއި ރާބުއިން ޢާންމުވެއްޖެނަމައެވެ.” މިފަދައިންނެވެ.
ޝައިޚް ބަޔާންކުރެއްވި ގޮތުގައި ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘްފުޅުތަކުގެ މައްޗަށް އެއްވެސް މީހަކަށް ބަހެއްނުކިޔޭނެއެވެ.
“ފަސްއަލޫއަހްލައްޒިކްރި” ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ރޭޑިއޯ އެޓޯލް ގުޅިގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ 22:00 ން 23:00 ށް ފޮނުވާ ދީނީ ސުވާލާއި ޖަވާބު ޕްރޮގްރާމެކެވެ.
0 comments:
Post a Comment