
ޙަދީޘުގެ މާނަ
ﷲ ތަޢާލާ ރުއްސުންލެއްވި ސަޢުދް ބިން އަބީ ވައްޤާޞްގެ
ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ
ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އުފާވެރިކަމުގެ ތެރެއިން ހަތަރު
ކަމެއްވެއެވެ: ޞާލިޙު އަންބަކާއި، ތަނަވަސް ގެއަކާއި، ޞާލިޙު
އަވަށްޓެރިއަކާއި ފަސޭހަ ސަވާރީއެކެވެ. އަދި ބަދުނަސީބުކަމުގެ ތެރެއިން
ހަތަރު ކަމެއްވެއެވެ: ގޯސް އަވަށްޓެރިއަކާއި، ނުރަގަޅު އަންބަކާއި، އުނދަގޫ
ސަވާރީއަކާއި ދަތި ގެއެކެވެ.”
ތަފްޞީލީ މާނަ
ހުރިހާ އިންސާނުންވެސް އަރާމާއި އުފަލަށް ލޯބިކުރެއެވެ. އަދި
ދަތި އުނދަގޫ ގޮތްތަކުން ސަލާމަތްވާން ބޭނުންވެއެވެ. މިއީ އިންސާނީ
ޠަބީޢަތެވެ.
މި ހަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ
ބަޔާންކުރައްވާފައިވަނީ އިންސާނާއަށް އުފަލާއި އަރާމާއި ހިތްހަމަޖެހުން
ލިބިގެންދާނޭ ބައެއް ކަންތަކެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް
އެކަލޭގެފާނު ޙަދީޘްކުރައްވަނީ ޞާލިޙު އަންބެކެވެ.
އާދެ ޞާލިޙު އަންބެތް ލިބިއްޖެމީހާއަށް އެއޮތީ ދެދުނިޔޭގެ
ބާއްޖަވެރިކަންވެސް ޙާޞިލުކުރުމުގެ މަގު ފަސޭހަވެފައެވެ. އޭނައަށް އުފަލެއް
ލިބޭހިނދު އެއުފަލުގައި އެ އަނބިމީހާ ބައިވެރިވާނެއެވެ. އަދި އޭނައަށް
ހިތާމައެއް ކުރިމަތިވާ ހިނދު ހިތްވަރުދީ ކެތްތެރިވުމަށް ނަޞޭޙަތްތެރިވެ އެ
ހިތާމާއިގައިވެސް އެ އަނބިމީހާ ބައިވެރިވާނެއެވެ. ﷲ ނަހީކުރައްވާފައިވާ
ކަމަކާއި ދިމާލަށް ދާހިނދު އޭނާއަށް ނަޞޭޙަތްތެރިވެ ހެޔޮމަގަށް އަޅުވަން
މަސައްކަތްކުރާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمِنْ
آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا
إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ
لآيَاتٍ لِقَوْمٍ يَتَفَكَّرُونَ [ الروم : 21]
”ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން
ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ
ތެރެއިންވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން
ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ.
އަދި އެއިލާހު ތިޔަބައިމީހުންގެ
މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ފިކުރުހިންގާ ބަޔަކަށް
އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”
ހަމަ އެފަދައިން ގޭގެ އަހުލުންނާއި ގެއަށް ޒިޔާރަތްކުރާ
މެހެމާނުންނަށް ފުދޭވަރުގެ ތަނަވަސް ގެއެއް ހުރުމަކީވެސް، އިންސާނާއަށް
އުފަލާއި އަރާމު ލިއްބައިދޭ ކަމެއްކަމުގައި ރަސޫލާ ޞައްލަﷲ
ޢަލައިހިވަސައްލަމަ މިޙަދީޘްގައި ބަޔާންކުރައްވާފައިވެއެވެ.
ދެން އެއަށްފަހު އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ ޞާލިހު
އަވަށްޓެރިއެއްގެ ވާހަކައެވެ. އާދެ، ހެޔޮލަފާ ޞާލިހު އަވަށްޓެރިއެއް
ލިބުމަކީ އިންސާނާއަށް ހަމަޖެހިގެން އުފަލުގައި އުޅެވުމުގެ
ސަބަބެއްކަމުގައި ނުވެނުދާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެނީ
އެފަދަ އަވަށްޓެރިއެއްގެ ފަރާތުން އޭނައަށް އެއްވެސް އުނދަގުލެއް
ކުރިމަތިނުވާނެއެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސަށް ހެޔޮގޮތް
މިންވަރުވުމަށް އެދޭފަދައިން އޭނާއަށްވެސް މިންވަރުވުމަށް އެއަވަށްޓެރިއާ
އެދޭނެއެވެ.
އަދި ބަލިވުމުން އޭނައަށް ޒިޔާރަތްކުރާނެއެވެ. އޭނާގެ
ހާލުބަލައި ހެޔޮފޯރުވައި އުޅޭނެއެވެ. އޭނައަށް އުފަލެއް ލިބޭ ހިނދު
އުފާކުރާނެއެވެ. އަދި ހިތާމައެއް ކުރިމަތިވާ ހިނދު ހިތާމަކުރާނެއެވެ.
މިފަދަ ހެޔޮލަފާ އަވަށްޓެރިއަކު ލިބުމަކީ ﷲ ތަޢާލާ އިންސާނަކަށް ދެއްވާނޭ
އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން އެއްކަމެވެ.
ދެން ހަތަރުވަނަ އަދި އެންމެފަހު ކަމެއްގެ ގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކުރައްވަނީ ފަސޭހަ ސަވާރީއެއް ލިބުމެވެ.
އަދި މި ހަތަރުކަންތަކާ ޚިލާފަށް ކަންތައްވުމީ ބަދުނަސީބުގެތެރެއިންވާ ކަމެކެވެ.
މި ޙަދީޘުންލިބޭ ބައެއް ފައިދާތައް
- ޞާލިޙުއަނބިމީހާއީ ދުނިޔޭގައި އިންސާނާއަށްލިބޭ އުފާވެރިކަމުގެ ތެރެއިންވާކަމެކެވެ.
- ގެދޮރުތަނަވަސްވުމަކީ އުފާވެރިކަން އިތުރުކޮށްދޭކަމެކެވެ.
- ގެއެއް ހޯދާއިރު ރަނގަޅު، ޞާލިޙު އަވަށްޓެރިންނަށް އިސްކަންދޭންވާނެއެވެ.
- ފަސޭހަ (އަރާމު) ސަވާރީއެއްލިބުމަކީ އުފާވެރިކަން އިތުރުކޮށްދޭކަމެކެވެ.
- އިންސާނާ އަބާއްޖެވެރިއަކަށްވުމުގެ ސަބަބުތަކުގެ ތެރޭގައި:- ނުލަފާއަނބިން، ނުލަފާ އަވަށްޓެރިން، އުނދަގޫ ސަވާރީ، ގެދޮރުގެދަތި އުދަގޫކަން ހިމެނެއެވެ.
0 comments:
Post a Comment