Saturday, April 7, 2012

މަސްތުވާތަކެއްޗާއި ޖުވާކުޅުން: ޒުވާން ޖީލުތަކުގެ ހަލާކު


ޒުވާނުން ތަރުބިއްޔަތުކުރުމަށާއި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރަށް ދުނިޔޭގެ އެއްވެސް ޤާނުނެއްގައި ނުވަތަ އެއްވެސް އިޤްތިޞާދީ ޕްލޭނެއްގައިވެސް ބާރުއަޅާފައެއްނުވެއެވެ. އެހެނީ ވަގުތުތައް ބޭކާރުގޮތުގައި ނަގާނުލުމަށާއި، ތިމާޔަށާއި އަނެކުންނަށް ފައިދާހުރި މަސައްކަތެއްކުރުމަށް އިސްލާމްދީން ބާރުއަޅައި އަމުރުކުރެއެވެ. ހަމައެފަދައިން އަނެކުން ހޯދާފައިހުންނަ ޙަލާލު މުދާތައް ބާޠިލުގޮތުގައި އަތުލައިގަނެ، އެމުދަލުގެ ޙުރުމަތްކެނޑުންވެސްވަނީ ނަހީކުރެއްވިގެންނެވެ. އަދި މަކަރާއި ޙީލަތާއި އޮޅުވާލުމުގެ ތެރެއިން އަނެކާގެ މުދާތަކަށް އަރައިގަތުންވެސްވަނީ މިދީނުގައި މަނާކުރައްވާފައެވެ.


ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللّهَ كَانَ بِكُمْ رَحِيماً) (29 ) (وَمَن يَفْعَلْ ذَلِكَ عُدْوَاناً وَظُلْماً فَسَوْفَ نُصْلِيهِ نَاراً وَكَانَ ذَلِكَ عَلَى اللّهِ يَسِيراً) (النساء : 29-30 ) 

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއްބަޔަކު އަނެއްބައެއްގެ މުދާތައް ބާޠިލުباطلގޮތުގައި ތިޔަބައިމީހުން ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުنفسތައް ތިޔަބައިމީހުން قتلޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް އޯގާވަންތަ رحيمވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.(30) ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި އެކަންތައް އެއީ، މާތް ﷲ އަށް ދާދި ފަސޭހަކަމެއްކަމުގައިވެއެވެ.”

އަޅުގަނޑުމެންގެ މުޖްތަމަޢުއަށް މިއަދުކުރިމަތިވެފައިވާ އެންމެބޮޑު އެއް އާފާތަކީ މީސްތަކުންގެ މުދާތަކުގެ މައްޗަށް ބާޠިލުގޮތުގައި އަރައިގަތުމުގެ މައްސަލައެވެ. ޣަޞްބުން ފޭރިގަތުމާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާއި ޙީލަތާއި އޮޅުވައިލުމާއި މިފަދަކަންތައްތަކުގެ އިތުރުން ޖުވާކުޅުމާއި، ބޭކާރު ގޮތުގައި މުދާތައް އިސްރާފުކުރުމުގެ އެކި ދާއިރާތައް ދުވަހެއްދުވަހަކަށްމިދަނީ އަޅުގަނޑުމެންގެ މުޖްތަމަޢުއަށް ތަޢާރަފުވަމުންނެވެ. ލޮޓަރީ ނުވަތަ ނަސީބު ކޫޕަންގެ ބަދަލުގައި އެކިއެކި ހަދިޔާ ޕުރޮގުރާމުތަކުގެ ތެރެއިންވެސް އެސްއެމްއެސްގެ ޛަރީޢާއިން ޖުވާގެ މުޢާމަލާތާއި އެއްފަދަ ޕުރޮގުރާމުތައް ފާޅުގައި ކުރިއަށްދެއެވެ. މިފަދަ ކަންކަމާއިމެދު ވިސްނާލުމެއް ފިކުރުކޮށްލުމެއްނެތި އެކަންކަމުގައި ބައިވެރިވާމީހުންގެ ޢަދަދުވެސް ނުހަނުގިނައެވެ.

އިސްވެބަޔާންކުރެވުނު އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މީސްތަކުންގެމުދާތައް ބާޠިލުގޮތުގައި ކެއުންމަށް ބޭނުންކުރެވޭ ހުރިހާ ވަޞިލަތްތަކަކާއި ދާއިރާތަކެއް އިޖުމާލީގޮތެއްގައި ނަހީކުރައްވާފައެވެ. ދީނުގައި އެކެއްގެ މުދާ އަނެކަކަށް ހުއްދަވާނީ އޭނާގެ ރުހުމާއެކުގައެވެ. ނޫނީ ދެވޭހަދިޔާއެއްގެ ގޮތުގައެވެ. ނުވަތަ ހިބައިކޮށްދީގެންނެވެ. ނޫނީ ދެފަރާތުންރުހިގެން ހިންގޭ ވިޔަފާރީގެ މުޢާމަލާތެއްގެ ގޮތުގައެވެ. އެއީވެސް އިސްލާމް ދީނުގައި ނަހީކުރެއްވިގެންވާ ވިޔަފާރީގެ ދާއިރާތައް ފިޔަވައެވެ. ޙަރާމްގޮތުގައި ހޯދާފައިވާތަކެތި ކައިގެން އުފެދިފައިވާ ހަށިގަނޑެއް އައުލާވެގެންވަނީ ނަރަކަޔަށް ކަމުގައި ބައެއް ބަސްފުޅުތަކުގައިވެއެވެ.

އެފަދަ ޙަރާމް ވިޔަފާރީގެތެރޭގައި ޖުވާކުޅުންވަނީ ކީރިތި ޤުރްއާނުގައި ޞަރީޙަ ޢިބާރާތުން މާތް ﷲ ނަހީކުރައްވައި އެއާ ދުރުވުމަށް އަންގަވާފައެވެ. ޤިމާރު ނުވަތަ ޖުވާކުޅުން މާތް ﷲ ޙަރާމްކުރައްވައި އެއަށް މައިސަރުގެ ނަންދެވާފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلاَمُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ) (المائدة : 90 ) (إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاء فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللّهِ وَعَنِ الصَّلاَةِ فَهَلْ أَنتُم مُّنتَهُونَ) (المائدة : 91 ) 

މާނައީ: “އޭ އީމާންيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތްބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.(90) ޝައިޠާނާ އެދޭކަންކަށަވަރީ ރާ އާއި، ޖުވާގެސަބަބުން، ތިޔަބައިމީހުންގެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!)”
މައިސަރު ނުވަތަ ޖުވާކުޅުމުގެ ބާވަތްތައް މާތް ﷲ ޙަރާމް ކުރައްވާފައިވަނީ އޭގައި މީސްތަކުންގެ މުދާ ބާޠިލުގޮތުގައި، ކެއުން ހިމެނޭތީއެވެ. އެހެންކަމުން ޖުވާކުޅުން ނުވަތަ ޤިމާރު އާއި މައިސަރުއަކީ އެންމެ ބޮޑެތި ފާފައިތަކުގެ ތެރެއިންހިމެނޭ ފާފައެއްކަމުގައި ދީނުގައިވަނީ ކަނޑައަޅުއްވާފއެވެ.

އިސްވެ ބަޔާންކުރެވުނު އާޔަތުގައި މައިސަރު (ޖުވާކުޅުން) ގެންނަވާފައިއެވަނީ ރަލުގެ ވާހަކައާއި އެކުގައެވެ. އަދި މާތް ﷲ އަށް ޝިރުކުރުމަށް ބޭނުންކުރެވޭ ވަޞީލަތްތަކުން އެއްކިބާވުމަށް ކުރެއްވި އަމުރުފުޅާއެކުގައެވެ. އެހެންކަމުން ޖުވާކުޅުމުގެ ނުބައިކަން މިއާޔަތުން ޞަރީޙަކޮށް އެނގިގެންދެއެވެ.

ޖުވާކުޅުން ޙަރާމްވުމުގެ އެއް ޙިކުމަތަކީ، މީސްތަކުން ޙަލާލުތަކެތިން ރިޒުޤު ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަށް ބާރުއެޅުއްވުމުގެ ގޮތުންނެވެ. ޙަލާލު މަސައްކަތަކުން އާމުދަނީ ހޯދުމަށް ހިތްވަރު ދެއްވުމަށެވެ. އެއީ ޙަލާލު ވިޔަފާރީގެ ބާވަތަކުން ކަމުގައިވިޔަސް ނުވަތަ ތިމާދަންނަ މަސައްކަތަކުން ކަމުގައިޔަސް ނޫނީ އެރޮގަކުން ތިމާއަށް ހުނަރުވެރިކަން ލިބިފައިވާ ރޮގެއްގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަކުންވިޔަސް މެއެވެ.

ޖުވާކުޅުން އޭގެޒާތުގައި ބިނާވެފައިވަނީ ތިމާއަށް މެދުވެރިވެދާނޭ ހެޔޮ ފާލެއްގެ މައްޗަށް ކުރެވޭ އުއްމީދުތަކަކަށެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ނަސީބުގެ މައްޗަށެވެ. އަދި ގިނަފަހަރު މަކަރާއި ޙީލަތާއި އޮޅުވާލުމުގެ މައްޗަށެވެ. ދޮގު ހުވަފެންތަކަކާއި މަސައްކަތެއް ކުރުމެއްނެތި ކުރެވޭ އުންމީދުތަކެއްގެ މައްޗަށެވެ. އެއީ ތިމާ ހެއްދެވިފަރާތަށް ބަރޯސާވުމުން ދުރުކުރުވައި އެކަލާނގެއަށް ތަވައްކަލްކުރުމުން އެއްކިބާ ކުރުވާކަމެކެވެ. އަދި ދީނުގައި ހުއްދަ ކުރައްވާފައިވާ ދުނިޔަވީ މަސައްކަތްތައް ދަސްކުރުމާއި، މަސައްކަތްތެރިކަމުގެ ރޮނގުން އެއްކިބާ ކުރުވާކަމެކެވެ. އެހެނީ އިސްލާމް ދީނުގެ ނަޒަރުގައި ޙަލާލު މުދަލަކީ ޙުރުމަތްތެރިވެގެންވާ މުދަލެވެ. މުސްލިމެއްގެ ޙުރުމަތްތެރިކަން ފަދައިން އޭނާގެ މުދަލާއި އޭނާގެ ޢަބަރުވުސް ހުރުމަތްތެރިވެގެންވެއެވެ.

އެފަދަ ޙަލާލު މުދާ ބާޠިލު ގޮތުގައި ހޭދަކުރުމާއި، ޙަރާމް ކަންތައްތަކަށް ހޭދަކުރުން ހުއްދަވެގެންނުވެއެވެ. އަދި އެހެންމީހެއްގެ މުދާ ބާޠިލުގޮތުގައި ހޯދައިގަތުންވެސް ހުއްދަވެގެންނުވެއެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ دَمُهُ وَمَالُهُ وَعِرْضُهُ) މާނައީ: “އެއްމުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްގެ ހުރިހާކަމެއް ޙަރާމްވެގެންވެއެވެ. އޭނާގެ ލެޔާއި އޭނާގެ މުދަލާއި އޭނާގެ ޢަބުރެވެ.” އެބަހީ އެތަކެއްޗަށް އަރައިގަތުން އެކަކު އަނެކަކުގެ މައްޗަށް ޙަރާމްވެގެންވެއެވެ.

ޤިމާރު ނުވަތަ ޖުވާކުޅުން ޙަރާމްވެގެންވުމުގެ އަނެއްސަބަބު ޞަރީޙަކޮށް ސާފު ޢީބާރާތުން އިސްވެބަޔާންކުރެވުނު އާޔަތުގައި މާތް ﷲ އެވަނީ އަންގަވާފައެވެ. އެއީ މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފައްދާ އެއްޗެއް ކަމުގައިވާތީއެވެ. އެފަދަ ކުޅިވަރެއްގައި ރުހުމުގެ މަންޒަރު ބޭރުފުށަށް ފާޅުކުރިއެއްކަމަކު ގިނަ މުދާތަކެއް އެއްފަހަރާ ގެއްލި ކުޅިވަރުގައި ނާކާމިޔާބުވާ މީހާގެ ހިތުގައި ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަން ތާއަބަދުމެ އޮވެއެވެ. އަދި އަނެކާގެ އަތުގައިހުރި ފައިސާއަށް ދަހިވެތިވުމުގެ ރޫޙު އާލާވެ، މަކަރާއި ޙީލަތާއި އޮޅުވާލައިގެންނަމަވެސް އެތަކެތި ހޯދުމުގެ ނިޔަތެއް ހިތުތެރޭގައި ފޮރުވިފައި އޮވެއެވެ.

ޖުވާކުޅުމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާގޮތުންވެސް މުޖްތަމަޢަށްކުރެއެވެ. ބަޔާންވެދިޔަ ޢަދާވަތްތެރިކަމުގެ ރޫޙުގައި މާރާމާރީ ހިންގުމާއި އަނިޔާވެރިކަން މުޖްތަމަޢުގައި ފެތުރިގެންދެއެވެ. ނުސީދާކޮށް ކުރިމަތިވާ ގެއްލުންތަކުގެ ތެރޭގައި މުޖްތަމަޢުގެ ހިންގުންތެރި ޒުވާނުންގެ ބޭނުން ކެޑިގެންދިޔައީއެވެ. މުޖްތަމަޢުގެ ދެއަތާއި ދެފައި ވާގިނެތި އައްސިވީއެވެ. ޙަލާލު ގޮތުގައި މުދާހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހުއްޓުމެއްއައިސް، ދިރިއުޅުމުގައި މަސައްކަތްތައް ދަންނަ ޒުވާނުން ޖީލުތަކެއް ނެތިގެންދިޔައީއެވެ.

މާތް ﷲ ގެ ބަސްފުޅުގެ ތެދުކަމާއެވެ! ރަލާއި ޖުވާކުޅުން މާތް ﷲ އެކުއެކުގައި އެއާޔަތުގައި ގެންނަވާފައިވުމުން އޭގެ ގެއްލުންތައް އެއްފަދަވެގެންވާކަމުގެ މައްޗަށްވެސް އިޝާރާތް ކުރެއެވެ. އިސްވެ މިދެންނެވި އަސަރުތައް މަސްތުވާތަކެތީގައިވެސް ހުރެއެވެ. އޭގެ ގެއްލުން ފަރުދުންނަށާއި މުޖްތަމަޢަވެސް ނުހަނު ބޮޑެވެ. ޖުވާކުޅުންވެސް ހަމައެފަދައެވެ. ރަލާއި ޖުވާކުޅުން މެދުވެރިކޮށް މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެއްދުމަށް ޝައިޠާނާ މަސައްކަތްކުރާކަންއެވަނީ އަންގަވާފެވެ. މަސްތުވާތަކެއްޗާއި ޖުވާގެ ކުޅިވަރުތައް ފެތުރިފައިވާ މުޖްތަމަޢުތަކަކީ މިއާޔަތުގެ ދެތުކަމުގެ މައްޗަށްހުރި ދަލީލެކެވެ.

މިފަދަ ނުރައްކާތެރިކަންބޮޑު އިޖްތިމާޢި ބަލިތަކުން އަޅުގަނޑުމެން ސަލާމަތް ކުރައްވާދޭވެ! އާމީން.

ލިޔުނީ:  

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons