
ﷲ ތަޢާލާ ގެ ވަޙީބަސްފުޅުގައިވެއެވެ. ” اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الأَمْوَالِ وَالأَوْلادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا وَفِي الآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُورِ ” – سورة الحديد 20 – މާނަ : “
ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ.
ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائب ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި آخرة ގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. އަދި اللَّه ގެ حضرة ން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ. “
ދުނިޔޭގެ ދިރިއުޅުމުގެ މިޘާލަކީ
ސައިބޯނިބޮތްކެއްގެ މިޘާލެވެ. ތަފާތު ކުލަ ކުލައިގެ ދަޅަތަށް
ދެއްކުމަށްފަހުގައި ހިނދުކޮޅެއް ތެރޭގައި ފަޅައިގެން ނެތިގެން ދެއެވެ.
ދަންނާށެވެ! މަރަކީ ވަރަށް ކައިރީގައިވާ އެއްޗެކެވެ. ތިބާގެ ގާތަށް މަރު
އައުމުގެ ކުރިން ޞާލިޙުޢަމަލުތައް ކުޅައުމަށް އަވަސްވެގަންނާށެވެ. މަރުގެ
ވަގުތު އައުމުން ލަހެއްފަހެއް ނުކުރެވޭނެއެވެ. އެވަގުތު ޞާލިޙު
ޢަމަލުތައްކުރުމަށް ބޭނުންވާނެއެވެ. ނަމަވެސް ވަޤުތު ފާއިތުވާފަހުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
”
حَتَّى إِذَا جَاء أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ (*)
لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلاَّ إِنَّهَا كَلِمَةٌ هُوَ
قَائِلُهَا وَمِن وَرَائِهِم بَرْزَخٌ إِلَى يَوْمِ يُبْعَثُونَ ” މާނަ : ”
އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު
އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ޙަޔާތަށް)
އަލުން އަނބުރައި ފޮނުއްވާނދޭވެ! (*) އެއީ ތިމަންފަހަތަށް ނުކޮށް ދޫކުޅަ
ޞާލިޙު ޢަމަލުތައް ކުރުމުގެ އެދުމުގައެވެ.
ހަމަހިލާ އެހެންނަކުން
ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ދުލުކުރިން ބުނެލާ ބަހެކެވެ. އަދި
އެއުރެންގެ ފަހަތުގައިވަނީ ބަރުޒަޚުގެ ޢާލަމެވެ. އެއުރެން އަލުން
ދިރުމަކަށް ފޮނުއްވާ ދުވަހަށްދާންދެނެވެ. “
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ” حُفَّتْ النَّارُ بِالشَّهَوَاتِ وَحُفَّتْ الْجَنَّةُ بِالْمَكَارِهِ ”
– رواه مسلم – މާނަ : ” ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ.
(އިންސާނާގެ ހަވާނަފްސު އެދޭ ކަންތައްތަކުންނެވެ.) އަދި ސުވަރުގެ
ވަށައިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ. “
ޙަދީޘުން އެނގޭގޮތުގައި، ނަރަކައިގެ ޢަޒާބުން ސަލާމަތްވުމަށްޓަކައި
ހަވާނަފްސު އެދުންތަކުން ދުރުވާން ޖެހެއެވެ. ﷲތަޢާލާ ނަހީކުރައްވާފައިވާ
އެޝަހުވަތްތަކުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވާނަމަ އެދެވެނީ ނަރަކައާއި
ދިމާއަށެވެ. އަދި ސުވަރުގެ ޙާސިލުކުރުމަށްޓަކައި ތިމާގެ ނަފްސު ކުރަންނޭދޭ
ކަންތައްތައްވެސް ކުރަން އެބަ ޖެހެއެވެ. އެއީ ﷲ ތަޢާލާގެ
އަމުރުފުޅުތަކަށްވީތީއެވެ. އެ އަމުރުފުޅުތަކަށް ކިޔަމަންވުމުގެ ގޮތުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
”
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ (*) فَأَمَّا مَن طَغَىٰ (*)
وَآثَرَ الْحَيَاةَ الدُّنْيَا (*) فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ
(*) وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ
الْهَوَىٰ (*) فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ
” މާނަ : ” އަދި
ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. (*) ފަހެ، ފުރެދުމުގައި
ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ
ދަންނާށެވެ! (*) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.
(*) އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް
ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ
ދަންނާށެވެ! (*) ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ،
ސުވަރުގެއެވެ.”
ﷲ ތަޢާލާއަށް އަޅުވެތިވުމުގައި
މަލާމާތްކުރާ މީހާގެ މަލަމާތަކަށް އަޅުގަނޑުމެން ބަލާކަށްނުޖެހެއެވެ.
ހައްޤުމަގުގައި ޘާބިތުވެހުންނަ މީހާއަކީ ހުރިހާޒަމާނެއްގައިވެސް މަލާމާތާއި
ފުރައްސާރައާއި އުނދަގޫތައްކުރިމަތިވާނެ މީހެކެވެ. ރަސޫލުބޭކަލުންނާއި
ނަބީބޭކަލުންނަށްވެސް އިންތިހާދަރަޖައިގެ ދުއްތުރާތައް އެބޭކަލުންގެ
ޤައުމުގެ މީހުންގެ ކިބައިން ފޯރާފައިވެއެވެ. އެބޭކަލުން ވަނީ ކެއްތެރި
ވުމުގެ މަގު އިޚްތިޔާރުކޮށްފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
”
إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا
يَضْحَكُونَ(*) وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ (*) وَإِذَا
انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ (*) وَإِذَا
رَأَوْهُمْ قَالُوا إِنَّ هَـٰؤُلَاءِ لَضَالُّونَ (*) وَمَا أُرْسِلُوا
عَلَيْهِمْ حَافِظِينَ (*) فَالْيَوْمَ الَّذِينَ آمَنُوا مِنَ
الْكُفَّارِ يَضْحَكُونَ (*)
“ މާނަ: ” އަދި އެއުރެން އެ މުއުމިނުންގެ
ކައިރިންދާހިނދު، ލޮލުގެ އިޝާރާތުން ން ފުރައްސާރަ ކުރެތެވެ. (*)އަދި
އެއުރެންގެ އަހުލުވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ
ކުރަމުންދެއެވެ.
(*) އަދި އެއުރެން މުއުމިނުން ދެކޭހިނދު ބުނެތެވެ.
ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.
(*) އަދި މުއުމިނުންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި
އެ ކާފިރުން ފޮނުއްވާފައެއް ނުވެއެވެ. (*) ފަހެ، އީމާންވި މީހުން މިއަދު(
ޤިޔާމަތްދުވަހު) ކާފިރުންނާ ދިމާޔަށް ހޭނެތެވެ. “
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.”
الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ ” – صحيح مسلم – މާނަ
: ” ދުނިޔެއަކީ މުއުމިނުމީހާއަށްޓަކައި ޖަލެއްފަދަ ތަނެކެވެ. އަދި
ކާފިރުމީހާއަށް ސުވަރުގެއެކެވެ. “
އެހެންކަމުން ސުވަރުގޭގެ
ދާއިމީނިޢުމަތް ޙާޞިލުކުރުމަށްޓަކައި ބޮޑެތި ޤުރުބާނީ ތަކެއްވާނަޖެހެއެވެ.
ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ރައްބުލް ކާއިނާތުގެ އަމުރުފުޅުތައް
އިސްކުރަންޖެހެއެވެ. ހަޤީޤީ ކާމިޔާބު ޙާޞިލުކުރުމަށްޓަކައެވެ. އެހެނީ
ފިތުނަވެރިކަން އިންތިހާއަށް ފެތުރިފައިވާ މި ޒަމާނުގައި ދުނިޔޭގެ
ހަޤީޤތާއިމެދު ޣާފިލުވެއްޖެ މީހަކަށް ސަލާމަތްވުންވާނީ ވަރަށް
އުނދަގޫކަމަކަށެވެ.
މީސްތަކުން ވަނީ އެމީހުން ގެ ވެރި ރައްބެއް ހަތް
އުޑުމަތިން އެމީހުންގެ ޢަމަލުތަކަށް ބައްލަވާވޮޑިގެންވާކަން
ހަނދާންނެތިފައެވެ. އެހެންކަމުން ބިންމަތީގައި އެމީހުންނަށް ނުކުރެވޭނެ
އެއްވެސް ކަމެއް ނުވާކަމަށް އެމީހުނަށް ހީވާފަދައެވެ. އިއްޔެ ޞާލިޙް
ޢަމަލުތައްކޮށް ތަޤުވާގެ ފޭރާމުން ފޭރަންލައިގެން އުޅުނު މީހުން މިއަދު
ފާޖިރު ފާފަވެރިންގެ ގޮތުގައި ފެންނަމުން ނުދޭތޯއެވެ؟ ޝައިތޯނީ
ވަސްވާސްތަކަށް ހެއްލި ދުނިޔޭގެ ޒީނަތްތެރިކަމުގެ ދަޅަތަކުގައި ޖެހެނީއެވެ.
މީސްތަކުންގެ ޙާލަތްތަށް ބަދަލުވެގެން ދަނީ ހީވެސްނުކުރާހާ އަވަހަށެވެ.
ހައްޤު މަގުގައި
ޘާބިތުކޮށްކޮށްދެއްވުން އެދި، މުއުމިނުތަކުން ނަމޫނާއަކަށް ބަލަން ﷲ ތަޢާލާ
އަމުރުކުރައްވާފައިވާ، އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްމަ މިދުޢާ
ދަންނަވާކަމުގައިވެއެވެ.
( يَا مُقَلِّبَ
الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِك ) މާނަ : ” އޭ ހިތްތަށް
ބަދަލުކުރައްވާ އިލާހު! މިއަޅާގެ ހިތް އިބައިލާހުގެ ދީނުގެމަތީގައި
ޘާބިތުކޮށްދެއްވާފާންދެއެވެ. “
އެކަލޭގެފާނަކީ އެކަލޭގެފާނުގެ
އިސްވެ ގޮސްފައިވާ ފާފަތަކައި އަދި ފަހުންވެސް ކުރެވިދާނެ ފާފަތައްވެސް ﷲ
ތަޢާލާ ފުއްސަވާފައިވާ އެއިލާހުގެ ނަބިއްޔާއެވެ. އެއިލާހުގެ ހަޞްރަތުގައި
އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އިންސާނާއެވެ. މީސްތަކުންގެ ތެރެއިން ﷲ
ތަޢާލ އަށް އެންމެ ތަޤުވާވެރީވެސް އެކަލޭގެފާނެވެ.
އެއާއި އެކުވެސް
އެކަލޭގެފާނު މިދުޢާ ކުރެއްވުމުގައި ދެމިހުންނަވައެވެ. އެހެންކަމުން
އެކަލޭގެފާނު މިފަދައިން ބިރުވެތިވެ ރައްކާތެރިވާ ކަމަށްވާނަމަ،
އަޅުގަނޑުމެން ފަދަ ފާފައިން ފޯވެފައިތިބި ބަޔަކު ސަމާލުވެ ރައްކާތެރި ވުން
އިތުރުވެގެން ނުވޭތޯއެވެ؟ އެހެނީ ކިތައްމެ ތަޤުވާވެރިކޮށް އުޅެމުން އައި
ނަމަވެސް، ހައްޤުން މޫނު އަނބުރާލައިގެން ވާހާލު މަރާއި ބައްދަލުކޮށްފިނަމަ
އޭނަގެ ޢަމަލުތަކުން ކުރާނީ ކޮންފައިދާއެއްތޯއެވެ؟
އެހެން ކަމުން ތިބާގެ ނިމުން އަންނަހިދު ޞާލިޙު ޢަމަލުކުރާމީހެއްގެ ގޮތުގައި ވެވޭތޯ މަސައްކަތްކުރާށެވެ. އެންމެ ފަހުވަޤުތާއި ޖެހެންދެންވެސް އިންސާނާ މަގުފުރެއްދުމަށް ޝައިތޯނާ މަސައްކަތްކުރާނެއެވެ.
ހަޤީޤީ ކާމިޔާބާއި ހަމައަށް
ވާޞިލުވުމަށްޓަކައި ބޮޑެތި ޤުރުބާނީ ތަކެއްވާންޖެހެއެވެ. ހަވާނަފްސުގެ
ނުބައި އެދުންތައް ދޫކޮށްލަންޖެހެއެވެ. އަޅުގަނޑުމެންގެ ހިތް އެދޭހައި
ކަމެއް އަދި އެއީ ﷲ ތަޢާލާގެ ހަޞްރަތުގައި ހެޔޮކަމަކަށް ނުވެދާނެއެވެ.
އަދި
އަޅުގަނޑުމެން ހިތް ނުރުހުންތެރިވާ ކަމެއް އެއީ އަޅުގަނޑުމެނަށް ﷲ
ތަޢާލަގެ ހަޟްރަތުން ފައިދާ ކުރަނިވި ކަމަކަށްވެސް ވެދާނެއެވެ. ﷲ ތަޢާލާ
ވަހީކުރެއްވިއެވެ.
” وَعَسَىٰ أَن
تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا
شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا
تَعْلَمُونَ ” – سورة البقرة 216-
މާނަ : ” އަދި ތިޔަބައިމީހުން ނުރުހޭ
ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި
ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި
ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
”
އެހެން ކަމުން ތިބާއާއި ހަމައަށް
ހައްޤު އައުމަށްފަހު އެއާއި އެއްގޮތަށް ޢަމަލުތައް ބިނާކުރެވޭތޯ
މަސައްކަތްކުރާށެވެ. އެހެނީ ހައްޤު އެނގުމަށްފަހު އެއަށް
ފުރަގަސްދޭމީހާއަށްވުރެ ވަކިން ނުބައި މީހަކު ހުންނާނެތޯއެވެ. އިބްލީހަށް ﷲ
ތަޢާލާ އާދަމު ޢަލައިހިއްސަލާމްއަށް ސަޖިދަޖެހުމަށް އަމުރުކުރުމުން
އޭނާވެސް ބޮޑާކަމާއިއެކު އެކަމަށް ފުރަގަސްދިނެވެ.
އޭގެ ސަބަބުން ﷲ
ތަޢާލާގެ ރަޙުމަތުން ބޭރުކުރެވި ނަރަކަވެރިންގެ ތެރެއިން ވެގެންދިޔައެވެ.
އަޅުގަނޑުމެނަށް، ގުނާ އަދަދުނުކުރޭނޭފަދަ ގިނަގުނަ ނިޢުމަތްތަށް ﷲ
ތަޢާލާދެއްވާފައި ވާއިރު އެއިލާހަށް ކިޔަމަންތެރިވުމަށް ދެކޮޅުހަދާ
އެއިލާހުގެ އާޔަށްތަކަށް ފުރަގަސްދޭ ބަޔެއްކަމުގައި އަޅުގަނޑުމެން ވަނީނަމަ
އެއީ ކިހާބޮޑު އަނިޔާވެރިކަމެއްތޯއެވެ؟ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
”
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ
عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ ”- سورة السجدة22-
މާނާ : ” އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް
ހަނދާންކޮށްދެއްވުމުން، ދެން އެ آية ތަކަށް ފުރަގަސްދީ އެނބުރިގަތް
މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން،
ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ. “
ހަޤީޤީ ކާމިޔާބީ އަކީ ނިޢުމަތުން
ފުރިގެންވާ ސުވަރުގޭގެ ދާއިމީ ދިރިއުޅުން ލިބުމެވެ. އަދި ނަރަކައިގެ
އަލަިފާނުން ސަލާމަތްކަން ލިބިގެންދިޔުމެވެ. ﷲ ތަޢާލާ ގެ ވަޙީ
ބަސްފުޅުގައިވެއެވެ.
” كُلُّ نَفْسٍ
ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ
الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ
فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
” – سورة آل عمران 185 –
މާނަ : ” ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ
ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް)
ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް
ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި
މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ.
ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ
ދިރިއުޅުން ނުވެއެވެ. “
0 comments:
Post a Comment