Monday, April 30, 2012

ޢަދާލަތު ޕާޓީއަށް ބަހުގެ ހަމަލާތައް


–މާޗް 8، 2012 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުޙައްމަދު ވަޙީދު، ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިސްލާމްދީން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްނޫން ކަމަށެވެ.
“ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގައި ހުންނާނެ، އިސްލާމްދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސިޔާސީ ޕާޓީ. އެމެރިކާގައިވެސް ހުރޭ، އެމެރިކާގެ ދީންތައް ކުރިއަރުވާ ޕާޓީ. އިނގިރޭސިވިލާތުގައިވެސް ހުރޭ އަދި އެހެން ޤައުމުތަކުގައިވެސް ހުރޭ. އެހެންވީމާ، ކޮންމެހެން ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމަކީ އެއީ މީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން.” ރައީސް ވަޙީދު ވިދާޅުވެފައިވެއެވެ.


ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ދީނާއި ސިޔާސަތަކީ ވަކިއެއްޗެއް ކަމުގައިދެކި، ސިޔާސީ ޕާޓީތަކުން އިސްލާމްދީން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާ ފާޅުގައި ދެކޮޅުހަދާ ބަޔަކު ވޭތުވެދިޔަ ސަރުކާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައާއި މިހާރުގެ ސަރުކާރުގައިވެސް ޝާމިލްނުވެއޭ ބުނެވޭނެ ޖާގައެއް މިހާރަކު ނެތެވެ. ސަބަބަކީ އެފަދަ ބޭފުޅުންގެ ވާހަކަތަކާއި ޝުޢޫރުތައް ހުރިގޮތުންނެވެ.


އިޒްރޭލުގެ ގައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ މުޙައްމަދު ނަޝީދުގެ ސަރުކާރުން ދީފައިވާ މައްސަލަ ބެލުމަށްއެދި ޢަދާލަތު ޕާޓީން ހުށަހެޅުމާ ގުޅިގެން، ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރަމުން، އޭޕްރީލް 24، 2012 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ އިޒްރޭލް ފްލައިޓާއި އަދި އިޒްރޭލާ އެއްކޮށް އެއްވެސް ގުޅުމެއް އޮންނާކަށް ދިވެހި ރައްޔިތުން ޤަބޫލެއް ނޫންކަމަށާއި، ރައްޔިތުން ނޭދޭ ކަމެއް މަޖިލީހަކުން ނުކުރެވޭނެ ކަމަށެވެ.


އަދި މަޖިލީހުގެ ކޮމިޓީ މަރުޙަލާ ނިމިގެން އައިސް އެޤަރާރަށް މަޖިލީހުގައި ބަހުސްކުރެވެމުންދާއިރު އެކަމަކީ ކުރަން ނުޖެހޭނެ ކަމެއްކަން އެބައެނގޭ ކަމަށާއި، އެކަމާބެހޭގޮތުން މިރާއްޖޭގައި ދީނީ ކަންކަން ހުރިހާ ކަމަކަށް ކުރިއަރުވަން މަސައްކަތްކުރާއިރުގައި “ސިޔާސީ ބޭނުމަށްޓަކައި ދީން އަތަށްލައިގެން، ނޫނިއްޔާ ކޮނޑަށްލައިގެން އުޅޭ ވަކި ގްރޫޕްތަކެއް ރާއްޖޭގައި އެބަހުރި” ކަމުގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.


“ހަމައެއާއެއްގޮތަށް ރާއްޖޭގައި އަދި އެހެނިހެން ޖަމްޢިއްޔާތަކާއި ޖަމާޢަތްތައްވެސް އެބަހުރި. އެއީ ފުޓްބޯޅަ ކުރިއަރުވަން ކަމުގައި ވީނަމަވެސް، އަދި ސިޔާސީ ކަންކަން ކުރިއެރުވުމަށް ކަމަށް ވީނަމަވެސް. އަޅުގަނޑުމްނެ ބަލައިލަން އެބަޖެހޭ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަކި ކަންތައްތަކެއް ކުރުމުގައި ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އެއްވެސް ގޮތަކަށް ތަފާތު ގޮތެއްގައި ދީން ޕްރޮމޯޓްކޮށް މިގޮތަކަށް ނުހެދޭނެ. ދިވެހިރާއްޖޭގައި އެކަން ވަރަށް ފުޅާދާއިރާއެއްގައި އެބަހިނގާ. ވަކި ޕާޓީތަކެއް ސީދާ ދީނަށް ނިސްބަތްވެ، ދީން އެއީ އެބޭފުޅުންގެ ސީދާ ތަރިކަ މުދަލެއް ކަމަށް ހަދައިގެންވެސް އެބަ އޮޕަރޭޓްކުރެވޭ. މިއަދު އަޅުގަނޑުމެންނަށް އެކަންކަން ޤަބޫލެއް ނުކުރެވޭ.” ޖާބިރު ވިދާޅުވެފައިވެއެވެ.


ޖާބިރު އަދި ވިދާޅުވެފައިވަނީ ދިވެހިންނަކީ މުސްލިމުން ކަމުގައި ޤާނޫނު އަސާސީގައި ސާފުބަހުން ލިޔެފައި އޮންނާނެ ކަމަށާއި މުސްލިމުންނަށް އިހާނެތިކޮށް ކަންތައްތައްކުރާ އެއްވެސް ފަރާތަކާ ގުޅުން އުފައްދައި އެކަން އަޅުގަނޑުމެން ނުކުރާނަން ކަމަށެވެ.


“އެއީ އަދި ކޮންމެ ސަރުކާރަކުން ބުންޏަސް އެކަން ނުކުރެވޭނެ. އެއީ ކުރެވޭނެ ކަމެއް ނޫން. އަދި އެކަމަށްޓަކައި އެކަން ނުކުރާތީއޭ، ކުރާނަމޭ ބުނެގެން އޭގެން އަންޑިއު އެޑްވާންޓޭޖެއް އެއްވެސް ބަޔަކު ނަގައިގެންނުވާނެ. އެއީ މިރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާނެ، މިހާރު ރައްޔިތުން މާ ހޭލުންތެރި އެއަށްވުރެ. ރައްޔިތުންނަށް އެބައެނގޭ އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައްތައް. އަޅުގަނޑުމެންނަކީ މާބޮޑަށް އިސްލާމްދީނަށް ތަބާވެ، މާބޮޑަށް ދީނީ ކަންކަން ކުރިއަރާފައި ތިބި ގައުމެއް” ޖާބިރު ވިދާޅުވެފައިވެއެވެ.


މިބަހުސްގައި ވާހަކަދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ޖާބިރަށް ރައްދުދެއްވަމުން ވިދާޅުވެފައިވަނީ، ރާއްޖެއަށް ބަނގުރަލާއި އޫރުމަސް ވިއްކޭ ކަމަށްވަންޏާ ޖުވާނުކުޅެވޭނީ ކީއްވެގެންތޯއާއި ޖުވާކުޅުމުގެ ހުއްދަވެސްދޭންޖެހޭނެ ކަމުގައި ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ.

“އެބުނި ބޭފުޅާއޭ މިބުނަނީ މިހާރު އެހެން ވާހަކައެއް އެދައްކަނީ. ދީނުގެ ނަމުގައި އެޑްވާންޓޭޖު ނަގައިގެންނޭ. އެހެންވީމާ، ދެދުލުގެ ވެރިން މިތިއްބެވީ” އިބްރާހިމް ރަޝީދު ވިދާޅުވެފައިވެއެވެ.
އެންމެ ފުރަތަމަ ޑީއާރުޕީގައި ހުންނެވުމަށްފަހު، ޕީއޭގައިވެސް އުޅުއްވި ޖާބިރު ޖުމްހޫރީ ޕާޓީ އުފެއްދެވުމުގައި ބައިވެރިވެވަޑައިގެން އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވެފައިވެއެވެ. އޭގެ ފަހުން 2008 ގެ ނޮވެމްބަރުގައި ވެރިކަން ބަދަލުވިތާ ދުވަސްކޮޅެއް ފަހުން ޖާބިރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. އަދި އެމްޑީޕީގައި އުޅުއްވުމަށްފަހު، ޖުމްހޫރީ ޕާޓީއަށް އަނެއްކާވެސް ސޮއިކުރެއްވީ ޖެނުއަރީ 26، 2012 ގައެވެ. އަދި މިހާރު ހުންނެވީ އެޕާޓީގެ ނައިބް ލީޑަރުގެ މަޤާމްގައެވެ.



ފެބްރުއަރީ 7، 2012 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން، ރައީސް އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓޭޓިވް ކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ފެބްރުއަރީ 23، 2012 ގައި ޖާބިރު ޢައްޔަންކުރައްވާފައިވެއެވެ. ނަމަވެސް އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ޖާބިރު ވަނީ، މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށްޓަކައި އެމަގާމުން އިސްތިއުފާދެއްވާފައެވެ.
ރާއްޖެއަށް ބަނގުރަލާއި އޫރުމަސް ވިއްކޭ ކަމަށްވަންޏާ ޖުވާނުކުޅެވޭނީ ކީއްވެގެންތޯއާއި ޖުވާކުޅުމުގެ ހުއްދަވެސްދޭންޖެހޭނެ ކަމުގައި ޖާބިރު ވިދާޅުވެފައިވާ ކަމަށް އިބްރާހީމް ރަޝީދު މަޖިލީހުގައި ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޖުވާކުޅޭތަނެއް ހެދުމުގެ ހުއްދަ ހޯދަން ޖާބިރު މަސައްކަތްކުރައްވާ ކަމަށް 2011 އޮކްޓޯބަރު މަހުތެރޭގައި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.


 ނަމަވެސް، އެކަމާބެހޭ ގޮތުން އޭރު “މިއަދު” ނޫހުން ސުވާލުކުރުމުން ޖާބިރު ވިދާޅުވެފައިވަނީ ރާއްޖޭގައި ޖުވާކުޅޭތަނެއް ހަދަން އަދި ވިސްނަވާފައި ނެތް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރަން ހުއްދަދޭން ބޭނުންވާ ކަންކަން ކަނޑައެޅުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި މިހާރުވެސް ރިޒޯޓުތަކުގައި ދިވެހިންނަށް ނުލިބޭގޮތަށް ކުރެވެމުންދާކަމަށާއި، ހަމައެކަނި ފަތުރުވެރިންނަށް ބައިވެރިވެވޭގޮތަށް ޖުވާކުޅުން ހުއްދަ ކުރުމަކީ ނުވަތަ ނުކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިންމާނެ ކަމެއް ކަމަށެވެ.

“އަޅުގަނޑުމެންނަކީ ވިޔަފާރިވެރިން. ވިޔަފާރިވެރިން ބޭނުންވާނީ ވިޔަފާރިކުރަން. ނަމަވެސް ވިޔަފާރިކުރެވޭނީ އެގައުމެއްގެ ވިޔަފާރި ސިޔާސަތުގެ ތެރެއިން. އަޅުގަނޑު ކޮންމެހެން ޖުވާގެ ވިޔަފާރިކުރަން ބޭނުންވެއްޖެނަމަ އެކަން ހުއްދަ ގައުމެއްގައި އެކަންކުރާނެ. އަދި އެހެން ވިޔަފާރިވެރިންވެސް ކުރާނެ” ޖާބިރު އޭރު ވިދާޅުވެފައިވެއެވެ.


ރާއްޖޭގައި ޖުވާކުޅުމުގެ ހުއްދަ ނުދިނުމަށް ޢަދާލަތު ޕާޓީން އޭރުގެ ސަރުކާރަށް އެދުވަސްވަރު ވަނީ ގޮވާލާފައެވެ. އެޕާޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ މެންބަރު އަދި މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އޮކްޓޯބަރު 26، 2011 ގައި ވިދާޅުވެފައިވަނީ ޖުވާކުޅޭތަނެއް ނުވަތަ ކެސިނޯއެއް ހެދުމާމެދު ހުވަދު އަތޮޅުގައި އަލަށް ހުޅުވާ ރިސޯޓެއްގެ ވެރިފަރާތާއި ސަރުކާރާދެމެދު އޭގެ ހަފްތާއެއް ކުރިން މަޝްވަރާކުރިކަމުގެ މަޢުލޫމާތު ޢަދާލަތު ޕާޓީއަށް ލިބިފައިވާ ކަމަށާއި، އަމިއްލަ ގޮތުން މިނިސްޓަރުކަމުގައި ތިއްބެވި ބޭފުޅުން، ސަރުކާރުގެ އެމަޝްވަރާތަކަށް ދެކޮޅު ހައްދާވަފައިވާ ކަމުގެ މަޢުލުމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.


އަދި ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ކެސިނޯ ހަދައި، ޖުވާކުޅުމުގެ ފުރުސަތުދީގެން ނުވާނެ ކަމަށާއި، އެފަދަ މަގެއް ރާއްޖޭގައި ހުޅުވިގެން ދިޔަދީގެން ވެސް ނުވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އެކަމާ އިދިކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ހުރިހާ ފެންވަރެއްގައިވެސް ކުރަންވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ. އަދި ޝަހީމް ވަނީ ރައްޔިތުން އެކަމާމެދު ސަމާލުވެ ތިބުމަށް ގޮވާލައްވާފައެވެ.


އޭރުގެ ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު “ސަން” އޮންލައިނަށް އޮކްޓޯބަރު 26، 2011 ގައި ވިދާޅުވެފައިވާ ގޮތުގައި، ޗައިނާގެ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހެޅިއިރު ފައިދާގެ ބައިގެ ތެރޭގައި “ވަރަށް ކުޑަ މިންވަރަކަށް” ޖުވާގެ ބައި ހިމަނާފައިވެއެވެ. އަދި އެކަމާބެހޭ ގޮތުން ކެބިނެޓަށް ހުށަހެޅުމުގެ ކުރިން ކުޑަ ކޮމެޓީއެއްގައި އެޕްރޮޕޯސަލާމެދު މަޝްވަރާކުރި ކަމަށާއި، ކެބިނެޓްގައި އަދި މަތީ ފެންވަރުގައި އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށް ޒުހައިރު ވިދާޅުވެފައި ވެއެވެ. ޒުހައިރު ވިދާޅުވެފައި ވަނީ އެކަން އޮތީ ހަމައެކަނި އެފަރާތުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށެވެ.


ކޮންމެއަކަސް، މިމަހު 14 ގައި ބޭއްވި މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރައްވައި މަޖިލީހުގެ މެންބަރު ކަމުގެ ހުވާ މިމަހު 19 ގައި ކުރެއްވުމަށްފަހު، މަޖީލީހުގެ މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ޖާބިރު ދެއްކެވި ވާހަކަފުޅުގައި ޢަދާލަތު ޕާޓީއަށް އިޝާރާތްކުރައްވައި ބަހުގެ ހަމަލާތައް ދިނުމުގެ އިތުރުން، އިސްލާމްދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރުވެސް އެވާހަކަތަކުން ދޭހަވެގެންދާތީ އެފަދަ ކަންތައްތަކާމެދު ރައްޔިތުން ސަމާލުވެ ތިބެންޖެހެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons