ޑިމޮކްރަސީ (democracy) މިބަސް
ނެގިފައިވަނީ ގުރީކް ބަހެއްކަމުގައިވާ “demos” މާނައީ “މީހުން” އަދި
“cratus” މާނައީ “ވެރިކަންކުރުން” މިބަހުންނެވެ. މިއީ ވެރިކަމުގެ
ނިޒާމެކެވެ. މިނިޒާމު ހިނގާ ގޮތަކީ އެބައެއްގެ ތެރެއިން ބަޔަކު
އެބައިމީހުންގެ ރެޕްރެސެންޓެޓިވްސްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހަށް
ހޮވައި، އެ ހޮވޭމީހުން، އެބައިމީހުންނަށް ގަވައިދާ ޤާނޫނުތައް އެންމެ
ގިނަމީހުން ބޭނުންވާ ގޮތައް ހެދުމަށް ހަވާލުކުރަނީއެވެ.
އަބްދުލް ވައްހާބު
އަލް ޚިލާލީ ވިދާޅުވެފައިވެއެވެ. “ހުރިހާ (ތަނެއްގައި އޮންނަ) ދީމުޤްރާތީ
ނިޒާމެއްވެސް ބިނާވެފައިވަނީ އެއް ideology އެއް ނުވަތަ އެއް ވިސްނުމެއްގެ
މައްޗަށެވެ. ޤާނޫނާ ޤަވާޢިދުތައް ހެދުމުގެ ބާރު ރައްޔެތުންނަށް
ލިބިދީފައިވުމުގެ މައްޗަށެވެ. އެހެނީ، ދީމުޤްރާތީ ނިޒާމުގެ އަސާސަކީ
ރައްޔިތުންގެ ވެރިކަމެވެ.” “މީސްތަކުންގެ ޤަވާޢިދުތަކާއި ޤާނޫނުތައް،
މީސްތަކުންގެ ފަރާތުން، މީސްތަކުންނަށް” މިއީ އަބްރަހަމް ލިންކޮން
ބުނެފައިވާ ގޮތެވެ.
އެހެންކަމުން މިއީ ވަރަށް
ޤަބޫލުނުކުރެވޭ ވެރިކަމުގެ ނިޒާމެކެވެ. އަދި މުސްލިމުންނާ ވަރަށް
ބީރައްޓެހި ނިޒާމެއްވެސް މެއެވެ. ވެރިކަން ވަނީ ﷲ އަށެވެ. އެއިލާހުވަނީ
ޤާނޫނު އަސާސީ ތައްޔާރުކޮށް ނިންމަވާފައެވެ. އިންސާނުން
ޚަލްޤުކުރެވިގެންވަނީ އެ ޤާނޫނު އަސާސީ މިބިންމަތީގައި ތަންފީޛުކުރުމަށެވެ.
އެއަށްވުރެން ފުރިހަމަ އެއްޗެއް އިންސާނުންނަށް ހެދިދާނެ ހެއްޔެވެ!
ނުހެދޭނެކަން ޙައްޤު އެނގޭ، ތަޢައްޞުބުން އެއްކިބާވެފައިވާ ކޮންމެ މީހެއް
ޤަބޫލުކުރާނެއެވެ.
ނަޞާރާއިންނާ ބެހޭގޮތުން ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. اتَّخَذُوا
أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ
وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا
وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ (سورة
التوبة: 31)
މާނައީ: “އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި،
މަރިޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) އަކީ، ﷲ ފިޔަވައި އިލާހުން
ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން
ކުޅައުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެއެވެ. އެކަލާނގެ
މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއުރެން އެ
ޝަރީކުކުރާ ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.”
ބަނޫއިސްރާއީލުގެ މީހުން، އެމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ
އިލާހުން ކަމުގައި ބަލައިގަނެ ސަޖިދަކޮށް އެބައިމީހުންގެ ކިބައިން
ކަންކަމުގައި އެދިއެއް ނަހަދައެވެ. އެހެނެއްކަމަކު ﷲ ބާއްވައިލެއްވި ތަކެތި
ދޫކޮށް އެބައިމީހުންގެ ބުނުންތަކަށް ތަބަޢަވީއެވެ. ﷲ ޙަރާމްކުރެއްވި
ކަންތައް އެބައިމީހުން ޙަލާލުކަމުގައި ހެދުމުން އެއަށް ތަބަޢަވީއެވެ. އަދި
އެއިލާހު ޙަލާލްކުރެއްވި ކަންތައް ޙަރާމްކަމުގައި ހެދުމުން އެއަށް
ތަބަޢަވީއެވެ.
އެހައިރުން ބަނޫއިސްރައީލުގެ މީހުންނީ، އެމީހުންގެ ބޮޑުން
އިލާހުންކަމުގައި ހަދައި ޝަރީކުކުރި ބައެއްކަމުގައި ﷲ ކަނޑައެޅުއްވިއެވެ.
ވީމާ، މިހާރުވެސް ﷲ ގެ އެންގެވުމާއި ޚިލާފަށް ނުވަތަ އެކަލާނގެ ކަމެއް
ވަކިގޮތަކަށް ކަނޑައަޅުއްވައި ނިންމަވައިފައިވާ ކަމެއްގައި އިންސާނެއްގެ
ބަހަށް އެކަން ދޫކޮށްލައިފިނަމަ އެމީހަކު ޝިރުކު ކުރިމީހަކަށް ވާނެކަން
ދަންނާށެވެ. އެކަން އެވަނީ ދުސްތޫރުގައި ބަޔާންވެގެންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ
މީސްތަކުން ޚަލްޤުކުރެއްވީ އިލާހީ ޝަރީޢަތް ޤާއިމްކުރާށެވެ. ނަމަވެސް
މިބައިމީހުން ޙައްދު ފަހަނައަޅައި ދަނީއެވެ.
أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آَمَنُوا بِمَا
أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ
يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ
وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا (سورة النساء:
60)
މާނައީ:” ކަލޭގެފާނަށް ބާއްވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުގެ
ކުރިން ބާއްވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ
މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއުރެން އެދެނީ، ޙުކުމް
ލިބިގަންނާން، ތާޣޫތުންގެ ގާތަށް (އެބަހީ: ﷲ ފިޔަވައި އަޅުކަންކުރެވޭ
ފަރާތްތަކުގެ ގާތަށް) ދިޔުމަށެވެ. (އެއީ) ހަމަކަށަވަރުން، އެފަރާތަށް
ކާފަރުވުމަށް އަމުރުކުރައްވާފައި ވަނިކޮށެވެ. އަދި ޝައިޠާނާ އެދެނީ،
(ޙައްޤު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން
މަގުފުރެއްދުމަށެވެ.”
أَمْ
لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ
اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ
الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ (سورة الشورى:21)
މާނައީ:”ނުވަތަ ﷲ
އިޛުނަ ދެއްވާފައިނުވާ، ދީނުގެ ކަންތަކެއް، އެއުރެންނަށް، ޝަރުޢުކޮށް
ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާ ދެއްވުން،
ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރައްވާފައި ނުވާނަމަ، އެއުރެންގެ މެދުގައި
ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން،
އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”
قَدْ
كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ
إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآَءُ مِنْكُمْ وَمِمَّا تَعْبُدُونَ
مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ
الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ
إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا
أَمْلِكُ لَكَ مِنَ اللَّهِ مِنْ شَيْءٍ رَبَّنَا عَلَيْكَ تَوَكَّلْنَا
وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ (سورة الممتحنة: 4)
މާނައީ:
“އިބްރާހީމްގެ ފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ކިބައިގައި
ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ)
އެއުރެން، އެއުރެންގެ ޤައުމަށް ބުނި ހިނދެވެ. ހަމަކަށަވަރުން،
ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން،
ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން
އިންކާރު ކުރަމުއެވެ.
ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި
ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ.
އެއްކައުވަންތަ ﷲ އަށް އީމާންވެއްޖައުމަށް ދާންދެނެވެ. އިބްރާހީމްގެފާނު
އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން
ބައްޕައަށް ފާފަފުއްސެވުން އެދި ތިމަންކަލޭގެފާނު ދުޢާ ކުރައްވާހުށީމެވެ.
(އެހެނެއްކަމަކު) ﷲ ގެ ޙަޟްރަތުން ބައްޕައަށް އެއްވެސްކަމެއް ކޮށްދިނުމުގެ
ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެއެވެ.
އަޅަމެންގެ
ވެރިރަސްކަލާކޮ! ހަމައެކަނި، އިބަރަސްކަލާންގެއަށް އަޅަމެން
ވަކީލްކޮށްފީމުއެވެ. އަދި ހަމައެކަނި، އިބަރަސްކަލާންގެ ޙަޟްރަތަށް
އަޅަމެން ރުޖޫޢަވެ ތަވްބާވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ،
އިބަރަސްކަލާންގެ ޙަޟްރަތަށެވެ.”
އަހަރުމެން ޙުކުމް ކުރަންވީގޮތް ބަޔާންކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ
أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ
اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ
أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ
لَفَاسِقُونَ (سورة المائدة: 49)
މާނައީ: “އަދި ﷲ ބާއްވައިލައްވާފައިވާ
ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރައްވާށެވެ! އަދި
އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި
ނުގަންނަވާށެވެ! އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތްތަކުން
ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ
ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު
ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ﷲ އިރާދަކުރައްވަނީ، އެއުރެންގެ
ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި
މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ.”
އަހަރުމެން ކަމަކާއި މެދު
ދެބަސްވާހިނދު، އެކަމެއްގެ އެންމެ ފުރިހަމަ ޙުކުމް އޮތްގޮތް ބެލުމަށްޓަކައި
ރުޖޫޢަވާންވީ މަޞްދަރުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ބާއްވާލައްވާފައިވާ
މިފުރިހަމަ ޤާނޫނުގައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ
މިފަދައިންނެވެ.
يَا أَيُّهَا الَّذِينَ
آَمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ
مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ
وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ
ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (سورة النساء: 59)
މާނައީ: “އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި،
ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިންވާ
ވެރީންނަށްވެސްމެއެވެ. ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ
އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި،
އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!)
ތިޔަބައިމީހުންނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ބަޔަކުކަމުގައި
ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެ
ގޮތުގައި ރީތިކަންވެސް ބޮޑުމެއެވެ.”
ނަމަވެސް އެންމެހައި ރައްޔިތުން
ނިކުމެ ﷲގެ ޝަރީޢަތް ޤާއިމްކުރަން އެދުނަސް، ދީމުޤްރާތީ ނިޒާމުގެ
ހުންގާނުގައި ތިބޭ މީހުންގެ ބަހަކަށް ވެގެންދާނީ، އެއީ މުޅިން
ޑިމޮކުރަސީއާއި ޚިލާފު ނާތަހުޒީބު ޢަމަލެއް ކަމުގައެވެ. އަދި ޤާނޫނުހަދާ
މަޖިލީހުން ﷲގެ ޝަރީޢަތާ ފުށުއަރާ ޤަވާޢިދެއް ޤާނޫނެއް ނެހެދުމަށް
ރައްޔިތުން ގޮވިޔަސް، ކުއްކުރާ މީހުންނަށް ﷲ ގެ ޝަރީޢަތް ޤާއިމްކުރުމަށް
އެދުނަސް، އަންހެނުންނަށް އެބައިމީހުންގެ ޙަޤީޤީ ޙައްޤުތައް ދިނުމަށް
އެދުނަސް، އަދިވެސް އިންސާނާގެ ކަރާމަތް ގެއްލޭފަދަ ކަންކަމުން މުޖުތަމަޢު
ރައްކާތެރިކުރުމަށް ގޮވާލިއަސް، މިބައިމީހުންގެ ބަހަކަށް ވެގެންދާނީ ހަމަ
މިދެންނެވި ބަހެވެ.
ނަމަވެސް ﷲ، އެއިލާހުގެ ބިމުގައި ބާރުދެއްވާހިނދު، މުއުމިނުން ކަންކުރާނެގޮތް ބަޔާންކުރައްވައި ވަޙީކުރައްވަނީ މިފަދައިންނެވެ. الَّذِينَ
إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآَتَوُا
الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ
وَلِلَّهِ عَاقِبَةُ الْأُمُورِ (سورة الحج: 41)
މާނައީ: “އެއުރެންނީ،
ބިމުގައި ތިމަންރަސްކަލާންގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު
ޤާއިމްކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް
ނަހީކޮށްއުޅޭ މީހުންނެވެ.” ވެރިކަމެއްގެ ބޭނުމަކީ މިއީއެވެ. ﷲގެ
ދީން ބިންމަތީގައި ޤާއިމުކޮށް، އެއިލާހު އެއްކައުވަންތަކޮށް، އެގޮތުގައި
އިޖްތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އެހެނިހެން
ހުރިހާގޮތަކުންވެސް ކުރިއަރައިދާ މުޖުތަމަޢެއް ބިނާކުރުމެވެ. އަދި
އިޖްތިމާޢީ ރައްކާތެރިކަން ޤާޢިމްކޮށް، އިންސާނުންގެ ނަފްސާއި، މުދަލާއި،
އަބުރާއި، ޢިއްޒަތް ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ޙުކުމްތައް ޤާއިމްކުރުމެވެ.
އަދި އެފަދަ ކަމަކަށް
ބުރޫއަރާނޭފަދަ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމަށް މީސްތަކުންނަށް
ނަޞޭޙަތްތެރިވެ، ﷲގެ ސީދާވެގެންވާ ތެދުމަގަށް މީސްތަކުން ލެންބުމަށް
މަސައްކަތްކުރުމެވެ. އަދި މިކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް
އެހީތެރިވެ ވާގިވެރިވާ މުޖްތަމަޢެއް އުފެއްދުމެވެ. ﷲ ގެ ޝަރީޢަތަށް
ބޯލަނބަންވީ މިކަންކަން ހާޞިލްކުރުމަށެވެ. މުޖުތަމަޢުގެ ހެވާއި
ލާބައަށްޓަކައެވެ. އިންސާނީ ކަރާމާތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ.
ﷲ ގެ ޝަރީޢަތާއި ވަޟްޢީ ޤާނޫނުތަކުގެ ފަރަޤު
އަނދިރިކަމުގެ ތެރެއިން
އަލިކަމަށް ގެނައުމަކީ ﷲ ތަޢާލާގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.
މިގޮތުން ހަނަފަސްކަމަށްފަހު ވާރޭވެއްސަވައެވެ. އަޅުގަނޑުމެންގެ ލޮބުވެތި
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން
ފޮނުއްވުމުގެ ކުރިން މި ދުނިޔެވަނީ ޝިރުކުގެ ބޯ ވިލާގަނޑެއްގެ ތެރޭގައެވެ.
އަޅުކަން ކުރަންވީ ނުވަތަ ނުކުރަންވީ ކޮން ފަރާތަކަށްކަން މީސްތަކުންނަށް
ވަނީ އޮޅިފައެވެ.
ހިލަގަނޑެއް ފެނިއްޖެނަމަ އެއަށް އަޅުވެތިވެ އޭގެ
މައްޗަށް ކިރާއި ކާއެއްޗެހި އަޅައި އޭގެ ވަށައިގެން ޠަވާފުކޮށް އެއަށް
ދުޢާކުރަން ފަށައެވެ. ހިލަގަނޑެއް ނުފެނިއްޖެ ޙާލަތެއްގައި ކަދުރުން
ބުދެއްހަދައި އެއަށް ސަޖިދަ ޖަހައި އަޅުކަން ކުރެއެވެ. އަދި އެއަށްފަހު
ބަނޑުހައިވުމުން އޭތިކާލައެވެ. ބާޠިލު ވަނީ ޙައްޤުގެ މަޤާމު ހޯދާފައެވެ.
އަދި ޙައްޤަށް ލިބިފައިވަނީ ބާތިލްގެ މަޤާމެވެ. ޙައްޤުވަނީ ނިކަމެމެތިވެ
ބަލިކަށިވެފައެވެ.
24 ގަޑިއިރު ހަމައިގައި ތިބެވެނީ މަދު ބަޔަކަށެވެ.
އަންހެނުންގެ ތެރެއިން ގިނަމީހުން ދިޔައީ ކަސްބީ ވިޔަފާރި ކުރަމުންނެވެ.
އަމިއްލަ އަބުރާއި ޢިއްޒަތް ވިއްކާލަމުންނެވެ. އަދި އަންހެނުންނާއި މެދު
ޢަމަލުކުރެވެމުން ދިޔައީ ވަރަށް ނިކަމެތި ގޮތަކަށެވެ. ދަރިފުޅަކު
ވިހެއުމަށްފަހު އަންހެންކުއްޖެއްކަން އެނގުމުން ދިރިއޮއްވާ ވަޅުލައެވެ.
މިޒަމާނުގައި ޢަމަލުކުރަނީ އަދި އެއަށްވުރެ މާނުބައިކޮށެވެ.
ވިހެއުމުގެ
ކުރިން މަރާލަނީއެވެ. ކައިވެނި ކުރިކަމުގައިވިޔަސް ހައްދުފަހަނަ އަޅައި
ދަނީއެވެ. އެންމެ އަންހެނަކާއި ދިހަ ފިރިހެނުންވެސް އިނދެފާނެއެވެ.
މިޒަމާނުގައި ކައިވެންޏަކީ މިފަދަ މީހުން ކުރާއެއްޗެއްވެސްނޫނެވެ. މިއީ
އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގެ ޙަޟާރަތްތަކުގެ ޙާލެވެ. އަދި
މިއަދުވެސް އިސްލާމީ ޝަރީޢަތް ދޫކޮށްލުމުން ހަމަ އެއަށްވުރެ ދަށު
ދަރަޖައަށް އިންސާނީ މުޖުތަމަޢުގެ ޙާލުގޮސްވައިފާތަން ތިޔަބޭފުޅުންނަށް
ފެނިވަޑައިގަންނަވާނެއެވެ.
ކޮންމެއަކަސް ﷲ ތަޢާލާގެ
ރަޙްމަތްވަންތަކަމުން އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް އިރާދަކުރެއްވި
ހިނދު އެއިލާހު މީސްތަކުންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. އެއީ
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމްއެވެ. އެކަލޭގެފާނު ފޮނުއްވުމުގެ ބޭނުމަކީ އިންސާނުންނަށް
އިންސާނުން އުޅެންވީގޮތް އިލާހީ ޙަޟްރަތުން އެންގެވުމެވެ.
އިންސާނުން
އަމިއްލަޔަށް ހަދާ ޤާނޫނަތަކާއި ޤަވާއިދުތަކުން އެމީހުންނަށް ދުނިޔޭގައި
ނުއުޅެވޭނެކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް
ފޮނުއްވުމުގެ ކުރިން މިދުނިޔޭގެ ހާލަތު އޮތްގޮތުން ވަރަށް ރަނގަޅަށް
އެނގިގެންދެއެވެ. މިގޮތުން މިލިޔުމުގައި އަޅުގަނޑު ބާލާލާން
ގަސްތުކޮށްފައިވަނީ އިންސާނުން އަމިއްލައަށް ހަދާޤާނޫނުތަކާއި ހުރިހާ
ޚަލްޤުތަކުންގެ ވެރި ރައްބު ބާވައިލައްވާފައިވާ އެއިލާހުގެ ޤާނޫނާއި ހުރި
ތަފާތުތަކަށެވެ.
އިސްލާމީ ޝަރީޢަތަކީ ﷲ ތަޢާލާ
އެއިލާހުގެ އަޅުތަކުންނާއި މުޚާތަބުކުރައްވައި ޝަރުޢު ކުރައްވާފައިވާ
ޙުކުމް ތަކެކެވެ. އެޙުކުމްތަކަށް އަޅުގަނޑުމެން ބޯލެނބުމަށް
އަޅުގަނޑުމެންނަށް ތަކުލީފު ޖެއްސެވިގެންވާ ޙުކުމްތަކެކެވެ. މިގޮތުން
އިސްލާމީ ޝަރީޢަތުގައި ހިމެނެނީ ޢިލްމީ ޙުކުމްތަކާއި ޢަމަލީ ޙުކުމްތަކެވެ.
ޢިލްމީ ޙުކުމްތަކުގެ ތެރޭގައި ހިމެނެނީ ﷲ ތަޢާލާ އެއްކައުވަންތަކުރުމާއި
ގުޅިފައިވާ ޢިލްމެވެ. އަދި ޢަމަލީ ޙުކުމްތަކުގައި ހިމެނިފައިވަނީ
ފިޤުހީގޮތުން ދިރިއުޅުމުގައި އަޅުގަނޑުމެން ކުރާކަންތައްތަކުގައި
ޢަމަލުކުރަންވީގޮތުގެ ޢިލްމެވެ.
ޑިމޮކްރަސީ ފަދަ ނިޒާމްތަކާއި
ވަޟޫޢީ ޤާނޫނުތަކަކީ މީސްތަކުން އެމީހުންގެ މައްޗަށް ހިންގުމަށް
ކަނޑައަޅައި އެކުލަވާލާފައިވާ ޤާނޫންތަކެކެވެ.
ޚާލިޤާއި މަޚްލޫޤު ހަމަހަމަ
ވެގެން ނުވާފަދައިން އިސްލާމީ ޝަރީޢަތާއި ވަޟްޢީ ޤާނޫނުތަކާއި ދުވަހަކުވެސް
ހަމަހަމަ ނުވާނެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައްޗަށް ވަޟުޢީ ޤާނުނު
އިސްކުރަނީ ކާފަރުންނެވެ. ސަބަބަކީ އެބައިމީހުން އެ އިންކާރުކުރަނީ ﷲ
ތަޢާލާ ބާވައިލެއްވި ޝަރީޢަތަކީ ފުރިހަމަ ނޫން، ޒަމާނާއި ނުގުޅޭ، ހަރުކަށި
އުޞޫލްތަކެއް އެކުލެވޭ އެއްޗެއް ކަމަށްބުނެއެވެ.
އަދި އެމީހުންގެ
މެމްބަރުން މަޖިލީސްތަކުގައި އެއްވެގެން ސައްލާކޮށް، ﷲ އާއި އެއިލާހުގެ
ރަސޫލާ އަށް ޖެއްސުންކޮށް ފުރައްސާރަކޮށް ހަޖޫޖަހައި އެ ހަދާ ޤާނޫން ތަކަކީ
ވަރަށް ފުރިހަމަ، ޒަމާނާއި ގުޅޭ، އޯގާތެރި ޙުކުމްތެކެއް އެކުލޭވޭ
ޤާނުނުތަކެއް ކަމަށް އެމީހުން ދަޢުވާ ކުރެއެވެ. ނަމަވެސް އަޅުގަނޑުމެން
ދެނެގަންނަންޖެހޭ ޙަޤީޤަތަކީ ޚާލިޤާއި މަޚްލޫޤުގެ ތަފާތެވެ. ވަޟްޢީ
ޤާނޫނުތަކަށް ތާޢީދުކޮށް ﷲގެ ޙުކުމްތައް ހަރުކަށި ކަމަށްބުނާ މީހުންނަށް މި
ބުނެވެނީ ﷲ އަށް ވުރެ ތިމަންމެން އޯގާތެރި ކަމަށެވެ.
ނަމަވެސް
އެބައިމީހުން ހަނދާންކުރަންވީ ކަމަކީ އެބައިމީހުންނަށް މިއަދު އެހުރިހާ
ދޮގު ތަކެއް ހަދައި ﷲ ގެ ނިޢުމަތްތަކަށް ޙަރާމްކޯރުވެ އެއިލާހުގެ
ރުބޫބިއްޔަތުގެ ތެރޭގައި ހިމެނޭ ޙުކުމްތައް ޝަރުޢުކުރެއްވުމަކީ ﷲ
ތަޢާލާއަށް ޚާއްސަކަމެއްކަމަށް އިންކާރު ކުރާޙާލުވެސް ދުނިޔޭގައި
އެމީހުންނަށް އެ އުޅެވެނީ ﷲ ތަޢާލާގެ އޯގާވަންތަކަމުންނެވެ.
އެހެން
ނޫންނަމަ ފިރުޢައުނާއި ޤާރޫނާއި ހާމާން ގެންދެވި ގޮތަށް އެ ނިކަމެތި ލާދީނީ
މީހުންވެސް ގެންދަވައިފާނެތެވެ. މިކަމަކީ ﷲ ތަޢާލާއަށް ކުޑަވެސް
ބުރަކަމެއްނޫނެވެ.
1- އިސްލާމީ ޝަރީޢަތް ބާވައިލެއްވި ﷲ ތަޢާލާއާއި، ވަޟްޢީ ޤާނޫންހަދާ ފަރާތްތަކުގެ ފަރަޤު:
އިސްލާމްދީން ބާވައިލެއްވުނީ
ޚާލިޤާއި މަޚްލޫޤުގެ ފަރަޤު އިންސާނުންނަށް ބަޔާންކޮށްދިނުމަށެވެ. ﷲ ތަޢާލާ
އެއްކައުވަންތަ ކުރުމަށެވެ. އިސްލާމީ ޝަރީޢަތް ބާވައިލެއްވީ ހުރިހާ އުނި
ސިފަތަކަކުން ހުސްޠާހިރުވަންތަވެވޮޑިގެންވާ ހުރިހާ މަޚްލޫޤުން ޚަލްޤު
ކުރެއްވި ޚާލިޤު ކަމުގައިވާ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި އެ ކަލާނގެއީ
ހުރިހާ ފުރިހަމަވެގެންވާ ސިފަފުޅުތައް ލިބިވޮޑިގެންވާ ކަލާނގެއެވެ.
އެހެންނަމަވެސް ޑިމޮކްރަސީ ފަދަ ވަޟްޢީ ނިޒާމްތަކާއި ޤާނޫނުތައް ހަދާ
އިންސާނުންނަކީ އެބައިމީހުންގެ ކިބައިގައި ވަރަށް ގިނަ އުނިސިފަތަކެއް
އެކުލެވިގެންވާ ބައެކެވެ. އިންސާނުންގެ ކިބައިގައި ޝަހުވަތްތެރިކަމާއި
ފައިސާއާއި މުދަލަށް އެދުންވެރިވުމާއި އެހެނިހެން އަމިއްލަ
އެދުންތައްވެސްވެއެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތް ބާވައިލެއްވި ﷲ
ތަޢާލާގެ ޒާތުފުޅުގައި މިފަދައެއްވެސް އުނިސިފައެއް ނުވެއެވެ. އެކަލާނގެއީ
މަޚްލޫޤުންގެ ޙަޔާތުގައި މެދުވެރިވާ އެންމެ ކުދިކުދި ކަންކަމުންގޮސް އެންމެ
ބޮޑެތި ކަންކަމާއި ހަމަޔަށް އެންމެމޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.
އެކަލާނގެއަށް މިއިން އެއްވެސް ކަމެއް ވަންހަނާވެވޮޑިގެންނުވެއެވެ.
މިޒަމާނުގައިވެސް ވޭތުވެދިޔަ ޒަމާނުގައިވެސް އަދި ކުރިޔަށް އަންނަން އޮތް
ހުރިހާ ޒަމާނެއްގައިވެސް ކަންތައްވާނެ ގޮތް އެކަލާނގެ މޮޅަށް
ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (وَعِندَهُ
مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي
الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا
وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا
فِي كِتَابٍ مُّبِينٍ ) (سورة الأنعام59)
މާނައީ: ”
އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ
މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ
ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ
ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ
އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް،
ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.”
އެހެންކަމުން އެކަލާނގެއީ އިންސާނުންނަށް އެންމެ ރަނގަޅުގޮތާއި ދުނިޔެއާއި
އާޚިރަތުގައި އިންސާނުންނަށް ފައިދާކުރާނެގޮތް އެއްވެސް
އޮޅުމެއްނެތްގޮތުގައި މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެކަލާނގެ
މައްޗަށް އެއްވެސް ފަރާތަކަށް ޙުކުމް ނުކުރެވޭނެއެވެ. އެހެނެއްކަމަކު
އެކަލާންގެ ހުރިހާ ފަރާތެއްގެ މައްޗަށް ޙުކުމްކުރައްވައެވެ. އެހެންކަމުން
އިސްލާމީ ޝަރީޢަތަކީވެސް ހުރިހާ ފުރިހަމަ ޤާނޫނުތަކާއި ޤަވާޢިދު ތަކާއެކު ﷲ
ތަޢާލާ ބާވައިލައްވާފައިވާ، ހުރިހާ ޒަމާނަކާއި ހުރިހާ ތަނަކަށް އަދި
ހުރިހާ ޙާލަތަކަށްވެސް ފެތޭ ޝަރީޢަތެކެވެ.
ސަބަބަކީ އެންމެ
ފުރިހަމަވެގެންވާ ސިފަފުޅުތައް މިލްކުވެގެންވާ ﷲ ތަޢާލާގެ ޙަޟްރަތުން
ބާވައިލެއްވުނު ވަޙީގައި އެއްވެސް އުނިކަމެއް ނުހުންނާނެތީއެވެ.
އިންސާނުން އަތުން ކޮށައި
މަށައިގެން ހަދާ ޤާނޫނުތަކަށް އިންސާނުންގެ ކިބައިގައި ހުންނަ
އުނިސިފަތަކުގެ އަސަރު ވަރަށްބޮޑަށް ކުރެއެވެ. އިންސާނުންނަކީ ޚުދު
އެބަމީހުންނާމެދު ކަންތައްވާނެގޮތް އެނގޭބައެއްނޫނެވެ.
މިއަދު، މާދަމައަށް
އަމާޒުކޮށް ހަދާޤާނޫނުތައް މާދަމާ އަންނައިރު ހުންނަނީ އެއިން އުނިކަންތައް
ފެންނަންފަށާފައެވެ. ފަސްއަހަރު ދުވަހަށް ކަމުދާ ގޮތަށްވެސް
އިންސާނުންނަށް ޤާނޫންތައް ހެދުން މިވަނީ ބޮޑު އުނދަގުލަކަށްވެފައެވެ.
ތިމާގެ އަމިއްލަ ނަފްސަށް ދިމާވެދާނެ ނުރައްކަލެއް އެނގެންނެތް
އިންސާނާއަށް ތިމާ ފިޔަވައި މުޅިމުޖުތަމަޢު ނުރައްކަލުން ސަލާމަތްކުރުމަށް
ޤާނުނު ހަދަންއެނގޭނީ ފަހެ ކިހިނެއްތޯއެވެ؟
ނޭނގޭނެކަން ކަށަވަރެވެ!
އިންސާނާ އޭނާގެ އަމިއްލަ އަތުން ޤާނޫނުތައް ހަދާއިރު އެއަށް އޭނާގެ
ކިބައިގައިވާ އުނި ސިފަތައް ކަމުގައިވާ ޝަހުވަތްތެރިކަމާއި އަމިއްލަ
މަޞްލަޙަތުތަކާއި އަމިއްލަ އިޙްސާސްތަކުގެ އަސަރުތައް ފޯރާނެކަން ޔަޤީނެވެ.
މިސާލަކަށް ޤާނޫން ހަދަންތިބޭ އިންސާނުންނަކީ ބަނގުރާބޯ ބައެއްކަމުގައި
ވާނަމަ ބަނގުރާ މަނާކުރަން އެމީހުންނަށް ދަތިވާނެއެވެ. އަދި ޒިނޭ
ކުރާބައެއްނަމަ ޒިނޭ މަނާކުރަން ދަތިވާނެއެވެ. އަދި ޒިނޭމަސާޖުޕާލާތަކާއި
ހަށިވިއްކާ ތަންތަން ބަންދުކުރަންވެސް ޤާނޫނެއް ހަދަން ދަތިވާނެއެވެ. އަދި
ޑްރަގްސް ނަގާބައެއް ނަމަ އެއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން
އެމީހުންނަށް ދަތިވާނެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ. އަދި އެހެންވެސް
އެކިއެކި ނަފްސުގެ އެދުންތައް ހުރުމަކީ އިންސާނީ ޠަބީޢަތެވެ. މި އުޞޫލުން
ސަލާމަތްވެގެންވާ އެއްވެސް އިންސާނަކު ނެތެއެވެ. އަދި ޤާނޫނު ހަދަންތިބޭ
އިންސާނުންނަށް ބައެއް އިޖުތިމާޢި ނުފޫޒުތައްވެސް ފޯރައެވެ. މިސާލަކަށް
ތަނުގެ އާދަކާދައާއި ދިރިއުޅޭ ޒަމާނާއި ސިޔާސީ ހަލަބޮލިކަމާއި އިޤްތިޞާދީ
މަސްރަހުވެސް ޤާނޫނު ހަދަންތިބޭމީހުންނަށް ނުފޫޒު ފޯރުވައެވެ. މިޘާލަކަށް
ބޮޑުބެރު ޖެހުން ފަދަ ޙަރާމްކަންތައްތައް ޢާއްމުވެފައިވާ މުޖުތަމަޢެއްގައި
ބޮޑުބެރު މަނާކުރަން ޤާނޫނުހަދަން މީހުން ފަސްޖެހޭނެއެވެ.
އަދި ތިމާއުޅޭ
ސިޔާސީ ޖަމާޢަތުގެ މަސްލަޙަތާއި ފުށުއަރާކަމެއްނަމަ އެއާއި
ދެކޮޅުހަދާނެއެވެ. އަދި ޒަކާތްނެގުން މަޖުބޫރުކޮށް ޤާނޫނެއް ހަދަން
ވެއްޖެނަމަ މުއްސަނދިން އެއާއި ދެކޮޅު ހަދާފާނެއެވެ. ނަމަވެސް އިސްލާމީ
ޝަރީޢަތް ބާވައިލެއްވި ﷲ ތަޢާލާއަކީ އެއިލާހުގެ މައްޗަށް އެއްވެސް އެހެން
ފަރާތެއްގެ ނުފޫޒެއް ފޯރާނެފަރާތެއް ނޫނެވެ.
އަދި އެއީ ހުރިހާކަމަކުން
ފުދިވޮޑިގެންވާ އިލާހެވެ. ދީން އެއްފަރާތްކޮށްލާފައި ޤާނޫނުހަދަންއުޅުމުން
ކަންތައް ވާނީ ކުރީގެ މިޘާލުތަކުގައި ބަޔާންވިގޮތަށެވެ. އެހެންކަމުން
ޑިމޮކްރަސީފަދަ ވަޟުޢީ ނިޒާމްތަކުގައި އަޅުގަނޑުމެންނަށް ހައްތާވެސް
ފެނިގެންދަނީ މީސްތަކުން އަމިއްލަޔަށް ހަދާޤާނޫންތަކުގައި އުނިކަންތައް
ހުރެގެން ބަދަލުތަކަށް ގޯވާލެވޭ މަންޒަރެވެ.
ޚުލާސާގޮތެއްގައި ދަންނަވާނަމަ
ދެންނެވޭނީ އިސްލާމީ ޝަރީޢަތަކީ ހުރިހާ ފުރިހަމަ ސިފަފުޅެއް މިލްކުވެގެންވާ
ﷲ ތަޢާލާގެ ޙަޟުރަތުން ބާވައިލެއްވިގެންވާ އެއްވެސް އުނިކަމެއްނެތް
ޝަރީޢަތެއްކަމެވެ. އަދި އިންސާނުން އަތުން ހަދާފައިވާ ޑިމޮކްރަސީފަދަ
ވަޟްޢީ ނިޒާމްތަކާއި ޤާނޫނުތަކަކީ އުނި ސިފަތަކެއް ލިބިގެންވާ
އިންސާނުންތަކެއް ހަދާފައިވާ އުނިކަން ބޮޑު ނިޒާމަކާއި ޤާނޫންތަކެކެވެ.
2- އިސްލާމީޝަރީޢަތާއި ވަޟްއީޤާނޫންތަކުގެ މަޤްސަދުގެފަރަޤު:
އިސްލާމީ ޝަރީޢަތުގެ އެންމެ
ބޮޑު މަޤްޞަދަކީ މީސްތަކުން އެހެންމީހުންގެ އަޅުވެތިކަމުން ސަލާމަތްކޮށް
އެބައިމީހުންގެ ވެރިއިލާހު ﷲ ތަޢާލާގެ އަޅުވެތިކަމުގެދަށަށް ގެންދިއުމެވެ.
އަދި ﷲތަޢާލާ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންތައް ޚާލިޞްކުރުމެވެ.
އަދި ތިމާއާއި ތިވާގެ ވަށައިގެން ދިރިއުޅޭމީހުންނާއި އޮންނަގުޅުން
އިޞްލާޙުކޮށް މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްކުރުމެވެ. ކީރިތި
ޤުރްއާނުގައި، އަޅުކަންކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމަށް
އަމުރުކުރެއްވުމަށްފަހު ދެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް
އަންގަވާފައިވުން މިކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އިސްލާމީ
ޝަރީޢަތުގެ މަޤުޞަދަކީ އިންސާނާއަކީ މާތްމީހެއްކަމުގައި ހެދުމެވެ.
ހުރިހާ
މުސްލިމުންނަކީ އަޚުންނާއި އުޚްތުންކަން އެނގެވުމަށްފަހު އެ ބައިމީހުންގެ
މެދުގައި އޮންނަ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތް
ބާރުއަޅައެވެ. މިގޮތުން ޣީބަބުނުމާއި ދެބައޮޑުވުންފަދަ ކަންތައްތައް
އިސްލާމީޝަރީޢަތުގައި މަނާކުރެއެވެ. އަދި ބަސްބުނުމުގައި ހަޑިހުރުތުރު
ބަސްބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތްހުއްދަކުރާ ކަމެއްނޫނެވެ.
އަދި
ފާޙިޝް ލަވައާއި މިއުޒިކުގެ ފާޙިޝް ވަބާއަށް އިންސާނާ ޣަރަޤުވެގެންދާނެކަން
ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީ އެކަންތައްވަނީ މަނާކުރައްވާފައެވެ.
މިގޮތުން އިސްލާމީޝަރީޢަތުގައި ކަންތައްތައް މަނާކުރައްވާފައިވަނީ
އިންސާނާގެ ވަށައިގެންވާ މީހުންނަށް ލިބިދާނެ ގެއްލުމަކަށް އެކަނި
ރިއާޔަތްކުރައްވާފައެއް ނޫނެވެ. އެހެނެއްކަމަކު އިންސާނާގެ އަމިއްލަ
ނަފްސަށް ލިބިދާނެ ގެއްލުންތަކަށްވެސް ރިއާޔަތްކުރައްވާފައެވެ. އަދި
އަޅާއާއި އޭނާހެއްދެވި އޭނާގެ ވެރި އިލާހާއި އޮންނަ ގުޅުން ބަދަހިކުރުމަކީ
އިސްލާމީ ޝަރީޢަތް އެންމެބޮޑަށް ބާރުއަޅާއެއް މަޤްސަދެވެ.
ވަޟްޢީ ޤާނުނުތަކަކީ އަޚްލާޤާއި
ސުލޫކާއިމެދު މާބޮޑަށް އާޅާލާ ޤާނޫންތަކެއްނޫނެވެ. އަދި އިންސާނާގެ
އަމިއްލަނަފްސަށް ލިބިދާނޭ ގެއްލުމަކުން ސަލާމަތްކުރުމަކަށް
ވަޟްޢީޤާނޫނުތަކުން މާބޮޑެތި މަސައްކަތެއް ނުކުރެއެވެ. ނަމަވެސް ވަޟްޢީ
ޤާނޫނުތަކުގެ މަޤްޞަދު ބިނާކޮށްފައިވަނީ އިންސާނާގެ ސަބަބުން
މުޖުތަމަޢުގައި އުޅޭ އެހެން އިންސާނުން ސަލާމަތްކުރުމުގެ މައްޗަށެވެ.
މިގޮތުން މުޖުތަމަޢަށް ގެއްލުމެއްލިބޭ ކަމެއްނަމަ ވަޟްޢީޤާނޫނުން އެކަމެއް
ހުއްޓުވޭތޯ މަސައްކަތްކުރެއެވެ.
އެހެންނަމަވެސް ކުށްކުރާމީހާ އެހެން
މީހަކަށް ގޯނާނުކޮށް ކިތައްމެ ގިނަކުށެއްކޮށް އޭނާގެ އަމިއްލަ
ނަފްސުހަލާކަށް ހުށައެޅިޔަސް ވަޟްޢީޤާނުނުތަކަށް ފަރުވާލެއްނެތެވެ.
މިގޮތުން ބާލާއިރު ރާބޯ މީހާ އޭނާގެ ކޮޓަރިތެރޭގައި އޮވެގެން ކިތައްމެ
ގިނައިން ރާބުއި ކަމުގައިވިޔަސް ވަޟްޢީޤާނޫނުތަކަށް ފަރުވާލެއްނެތެވެ.
އެހެންނަމަވެސް ޢާއްމުތަންތާނގައި ރާބޮއި ހަދަންޏާ ފިޔަވަޅު
އަޅައިފާނެއެވެ.
ރާބޯމީހާގެ ހަށިގަނޑަށާއި އޭނާގެ ސިކުނޑިޔަށް ލިބޭ
ގެއްލުންތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއްނެތެވެ. ހަމަ މިގޮތަށް
ދެމީހަކު ރުހިގެން ކިތައްމެ ގިނައިން ޒިނޭ ކުރިޔަސް ވަޟްޢީޤާނޫނުތަކުން
އެއީ މައްސަލައެއްކަމުގައި ނުބަލައެވެ. މިހެންގޮސް މީހާރު
އެއްބަނޑުއެއްބަފާ މީހުންނާއި އެކީ ޒިނޭކުރުން ހުއްދަކުރާ ޤާނުނުތައް ހުރި
ޤައުމުތައްވެސް ދުނިޔޭގައި އެބަހުއްޓެވެ. މައްސަލަޔަކަށް ވަނީ ގަދަކަމުން
ރޭޕްކުރުމުންނެވެ.
އަދި އިޤްތިޞާދީގޮތުން ބާލައިރުވެސް ރިބާކެޔަސް
އެއީމައްސަލައެއް ނޫނެވެ. ލާރިހޯދާމަގު ޙަލާލުތޯ ނުވަތަ ޙަރާމްތޯ ބެލުމަކީ
ވަޟްޢީ ޤާނޫނުތަކުގެ ފަރުވާލެއް އޮތްކަމެއްނޫނެވެ. އެހެން މީހެއްގެ
މުދަލަށް ގަދަކަމުން އަރައިނުގަނެ ކޮންމެ ގޮތަކަށް ލާރި ހޯދިޔަސް
ވަޟްޢީޤާނޫނުތަކުގައި އެއީ މައްސަލައެއް ނޫނެވެ. މިކަހަލަ ކިތައްމެ އުނި
ކަންތަކެއް ވަޞްޢީޤާނޫނުތަކުގައި އެބަހުއްޓެވެ.
3- ޖަޒާގެ ގޮތުން ހުރި ފަރަޤު:
އިސްލާމީ ޝަރީޢަތުގައި މީހާގެ
ހުރިހާ ޢަމަލެއްގެ ހިސާބު ބައްލަވައެވެ. މިގޮތުން އޭނާ ސިއްރުން ކުރާ
ކަންތައްތަކާއި ފާޅުގައިކުރާ ކަންތައްވެސް ހިމެނެއެވެ. އަދި އޭނާ
ޤަބޫލްކުރާ ޤަބޫލްކުރުމަކީވެސް ރަނގަޅު ވިސްނުމެއްތޯ އިސްލާމީ ޝަރީޢަތް
ބަލައެވެ. ހަމަ ހިތައްއެރި އެއްޗެއް ދުލުން ކިޔައި ހިތަށްއެރިހާ ފިކުރެއް
ފަތުރަން އިސްލާމީޝަރީޢަތުން އިންސާނާ ދޫކޮށްނުލައެވެ.
ވަޟްޢީޤާނޫނުތަކުން ބަލަނީ
ހަމައެކަނި އޭނާގެ ކިބައިން އެހެންމީހަކަށް ގެއްލުމެއް ލިބޭހިސާބުން
ފެށިގެންނެވެ. އޭނާ އެކަނިވާ ވަގުތު އޭނާގެ ޢަމަލުތައް އިޞްލާޙުކުރުމަކަށް
ވަޟްޢީޤާނޫނުތައް ބާރެއް ނާޅައެވެ. އަދި އޭނާގެ ފިކުރާއި ވިސްނުމަކީ
ކިތައްމެ ނުބައި ވިސްނުމަކާއި ފިކުރަކަށް ވިޔަސް އަދި އޭނާ ދުލުން
ބުނާއެއްޗަކީ ކިތަންމެ ބޮޑު ގޯސްއެއްޗެއް ކަމުގައި ވިޔަސް މި
ކަންތައްތަކުގެ ސަބަބުން އެހެންމީހަކަށް ގެއްލުމެއްނުލިބެންޏާ
ވަޟްޢީޤާނޫނުތަކުގެ ފަރުވާލެއްނެތެވެ.
އެހެންކަމުން އިސްލާމީ
ޝަރީޢަތުގައި ޖަޒާއެއްގެ ގޮތުން އަދަބުދެވޭ ވަރަށްގިނަ ކަންކަމަށް ވަޟްޢީ
ޤާނޫނުގެދަށުން ޖާޒާއެއްގެ ގޮތުން އަދަބުކަނޑައެޅިފައެއް ނުވެއެވެ.
މިގޮތުން މިޘާލަކަށް މީހަކު ﷲ ގެ ޙުކުމްތަކަކީ ހަރުކަށި
ޙުކުމްތަކެއްކަމަށްބުނެ ﷲ އަށް ފުރައްސާރަކުރިޔަސް ވަޟްޢީ ޤާނޫނުތަކުން
ފަރުވާލެއް ނުބަހައްޓައެވެ.
ސަބަބަކީ ވަޟްޢީޤާނޫނުތަކުގެ ފަލްސަފާއަކީ
ދީނާއި ސިޔާސަތާއި ދިރިއުޅުމުގެ ކަންތައް ވަކިކުރުމެވެ. އެހެންނަމަވެސް
އިސްލާމީ ޝަރީޢަތުގައި ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް
ފުރައްސާރަކުރުމަކީ މުރުތައްދުވާ ބޮޑުފާފައެކެވެ. އަދި އޭނާ އަލުން ދީނަށް
ރުޖޫޢަނުވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރެވެއެވެ.
އިސްލާމީ ޝަރީޢަތުގެ ދަށުން އޭނާއަށް އާޚިރަތުގައިވެސް ވޭޏްދެނިވި ޢަޒާބު
ހުއްޓެވެ. އެހެންނަމަވެސް ވަޟްޢީޤާނޫނުތަކުގެ ޙުކުމްތަކަކީ އޭގެ އަސަރުތައް
ހަމައެކަނި މި ދުނިޔެ މަތީގައިފޯރާ ހުކުމްތަކެކެވެ.
4- އަޅުވެތިވުމުގެ ނަޒަރުން ބަލާލާއިރު ހުރި ފަރަޤު:
އިސްލާމި ޝަރީޢަތަކީ ދީނެކެވެ.
އޭގެ ކޮންމެ ޙުކުމަކީ އެއާއި އެއްގޮތަށް ޢަމަލުކުރުމުން ސަވާބުލިބޭ
ޙުކުމްތަކެކެވެ. އަދި ﷲ ތަޢާލާގެ ގާތްކަން ލިބޭ ހުކުމްތަކެކެވެ. އަދި އޭގެ
ޙުކުމްތަކަކީ އެއާއި ޚިލާފުވުމުން ފާފަވެރިވާ ޙުކުމްތަކެކެވެ. އިސްލާމީ
ޝަރީޢަތުގައި ޙަޤީޤީ ޖަޒާދެއްވުން ވަނީ އާޚިރަތުގައެވެ. އެދުވަހުން
އެއްވެސް މީހަކު އިސްތިސްނާވުމެއްނެތި ހަމަހަމަ ކަމާއި
ޢަދުލުވެރިކަމާއިއެކު ޢާލަމްތަކުގެ ވެރި އިލާހު އެންމެހާ މީސްތަކުންގެ
ހިސާބު ބައްލަވާނެއެވެ.
އަދި މީގެ އިތުރަށް ދުނިޔެމަތީގައިވެސް
ތަންފީޒުކުރުމަށް ﷲ ތަޢާލާ ޙުކުމްތަކެއް ކަނޑައަޅުއްވާފައިވެއެވެ. އަދި މި
ޙުކުމްތަކާއި އެއްގޮތަށް ޢަމަލު ކުރުމަކީ އިސްލާމީ ދަވްލަތެއްގެ އެއްމެއިސް
ވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމެވެ. ﷲ ތަޢާލާގެ ޙައްދުތައް
ޤާއިމްކުރަންޖެހޭ މީހުން އެކަންތައް ނުކޮށްފިނަމަ އެބައިމީހުންގެ މައްޗަށް ﷲ
ތަޢާލާގެ ކޯފާހުއްޓެވެ. އަދި ޤާއިމްކޮށްފިނަމަ އެބައިމީހުންނަށް ﷲ ތަޢާލާ
އަޖުރުދެއްވައެވެ.
ވަޟުޢީ ޤާނުނުތަކުން ކަނޑައަޅާ
ޙުކުމްތަކަކީ މިދުނިޔެމަތީގައި އެކަނި ތަންފިޒުކުރެވޭ ކަންކަމެވެ. އަދި މި
ޙުކުމްތަކީ އެއްވެސް ވަރަކަށް ޢާލަމްތައް ހެއްދެވި އިލާހަށް އަޅުވެތިވުން
ހިމެނިގެންވާ ޙުކުމްތަކެއް ނޫނެވެ. މާނައީ މި ޙުކުމްތައް ތަންފީޒު ކުރުމުން
ސަވާބުނުލިބެއެވެ. އަދި ނުކުރިޔަސް ޢަޒާބު ނުލިބެއެވެ.
އެހެންކަމުން
އިސްލާމީ ޝަރީޢަތް ޤަބޫލްކުރާ މީހެއްނަމަ އުޚްރަވީ ޢަޒާބަށް ބިރުވެތިވެ
ދުނިޔެމަތީގައި ނުބައިކަންތައްތަކެއް ނުކުރާނެއެވެ. އެހެންނަމަވެސް
ވަޟްޢީޤާނޫނުތަކަށް ތަބާވާމީހާ އޭނާއަށް ފުރުސަތެއްލިބި މީހަކަށް
ނުފެންނަންޏާ ކިތައްމެބޮޑު ނުބައިކަމެއް ކުރާކަށްވެސް ފަސްނުޖެހޭނެއެވެ.
ސަބަބަކީ މީހަކަށް ނުފެންނަންޏާ ދުނިޔެވީ އަދަބުން ރެކިގަނެވޭނެކަން
އޭނާއަށް އެނގެއެވެ.
5- ޢާއްމުކަމާއި ޚާއްޞަކަމުގެ ފަރަޤު:
އިސްލާމީ ޝަރީޢަތަކީ ކޮންމެ
އިންސާނެއްގެވެސް ދުނިޔެވީ ޙަޔާތާއި އުޚްރަވީ ޙަޔާތާއި އޭނާގެ ބަސްތަކާއި
ޢަމަލުތަކާއި ޢަޤީދާއާއި ޢަޚްލާޤުގައި ޢަމަލުކުރަންވީގޮތް ވަރަށް
ތަފްޞީލުކޮށް އެކުލެވިގެންވާ އެންމެހައި ކަންކަމާއި ޙާލަތްތަކަށް
ޢާއްމުވެގެންވާ ޝަރީޢަތެކެވެ. އިސްލާމީ ޝަރީޢަތަކީ ވަކި ޤައުމަކަށް
ޚާއްޞަވެގެންވާ ޝަރީޢަތެއް ނޫނެވެ.
އަދި ވަކި ދުވަސްވަރަކަށް
ޚާއްޞަވެގެންވާ ޝަރީޢަތެއް ނޫނެވެ. އަދި ވަކި ތަނަކަށް ޚާޞަވެގެންވާ
ޝަރީޢަތެއް ނޫނެވެ. އިސްލާމީޝަރީޢަތަކީ ކޮންމެ ޒަމާނަކަށްވެސް ކޮންމެ
ތަނަކަށްވެސް އަދި ކޮންމެ މުޖުތަމަޢަކަށްވެސް ހެޔޮވެގެންވާ ޝަރީޢަތެކެވެ.
ވަޟްޢީ ޤާނޫނުތަކަކީ އެޤާނޫނެއް
ހަދާ މުޖުތަމަޢަކަށް ޚާޞްވެގެންވާ ޤާނޫނުތަކެކެވެ. ދުނިޔޭގެ އެކި
ހިސާބުތަކުގައި އުޅޭމީސްތަކުނަށް ދިރިއުޅުމުގެ އާދަތަކާއި ޘާޤާފަތްތަކާއި
ޙާޖަތްތައް ތަފާތުވުމުގެ ސަބަބުން އެހުރިހާ ކަމަކަށް ކުރިމަތިލެވޭފަދަ
ވަޟްޢިޤާނޫނުތަކެއް ނެހެދޭނެއެވެ.
ސަބަބަކީ ވަޟްޢީޤާނޫނު ހަދާ ފަރާތްތަކަކީ
މަތީގައިވާ ޕޮއިންޓްތަކުގައި ފާހަގަކުރެވިފައިވާ ގޮތަށް މިކަމަށް
ނުކުޅެދިގެންވާ ބަޔެކެވެ. އެހެންކަމުން މީސްތަކުންގެ ދުނިޔެވީ ކަންތައްތައް
ހަމައަކަށް އެޅުމަށްވެސް ވަޟްޢީޤާނޫނުތައްވަނީ ނުކުޅެދިފައެވެ. އަދި
ޥަޟްއީޤާނޫނުތަކަކީ އެއްވެސް މިންވަރަކަށް ޢާޚިރަތުގެ ޙަޔާތާއިމެދު
ފަރުވާލެއް ބަހައްޓާ ޤާނޫނުތަކެއް ނޫނެވެ.
6- ޘާބިތުކަމާއި ދެމިގެންވުމުގެ ފަރަޤު:
އިސްލާމީ ޝަރީޢަތަކީ
މުޖުތަމަޢުތަކާއި ދުވަސްވަރުތައް ތަފާތުވުމުން އެއަށް އެއްވެސް ބަދަލެއް
އަންނަ ޝަރީޢަތެއްނޫނެވެ. މިގޮތަށް ޘާބިތުކަމާއިއެކު އެއްވެސް
ބަދަލުވުމެއްނެތި އިސްލާމީ ޝަރީޢަތް 1400 އަހަރު ވޭތުކޮށްފިއެވެ. އަދި
އިންސާނީ ތާރީޚުގައި އިސްލާމީ ޝަރީޢަތުގެ ސަބަބުން އެތައް މުޖުތަމަޢުތަކެއް
ވަނީ ބަދަލުވެފައެވެ.
އިސްލާމީ ޝަރިޢަތްވަނީ އެތައް މުޖުތަމަޢުތަކަކަށް
ތަރައްޤީއާއި ތަހްޒީބުގެނެސްދީފައެވެ. އަދި މިއަދާއި ހަމަޔަށްވެސް އިސްލާމީ
ޝަރީޢަތް ޤާއިމްކުރާ ބައެއްނަމަ އެބަޔަކަށް ﷲ ތަޢާލާ އެއިލާހުގެ ރިޒްޤު
ތަނަވަސްކޮށްދެއްވާކަން އަޅުގަނޑުމެން އަދުލުވެރިކަމާއި އެކު
ހޯދާބަލައިފިނަމަ އަޅުގަނޑުމެންނަށް ފެންނާނެވެ.
ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ! ﷲ ތަޢާލާ އަކީ الرزاق އެވެ. ރިޒްޤަކީ އެއިލާހު ދެއްވާ
އެއްޗެކެވެ. އަޅުގަނޑުމެންނަށް ރިޒްޤުދެއްވަނީ ދޮންމީހުންނެއް ނޫނެވެ. އަދި
ޢަރަބިންނެއްވެސް ނޫނެވެ. އެހެންކަމުން ﷲ އެންގެވި ގޮތަށް އެއިލާހުގެ
ޝަރީޢަތް މިދިވެހިރާއްޖޭގައި ޤާއިމްކުރުމުން އަޅުގަނޑުމެން ބަނޑަށް
ޖެހިދާނެކަމަށް ވިސްނައިގެން ނުވާނެއެވެ.
ސަބަބަކީ އެ ވިސްނުމަކީ
އަޅުގަނޑުމެންގެ އިސްލާމީ ޢަޤީދާއާއި ފުށުއަރާ ވިސްނުމެކެވެ. އަދި ﷲ ތަޢާލާ
ފިޔަވައި އެހެން ފަރާތަކަށް ރިޒްޤު ދެއްވިދާނެކަމަށް ޤަބޫލްކުރުމަކީ
މިއްލަތުން ބޭރުވާފަދަ ޤަބޫލްކުރުމެކެވެ. ޔޫރަޕް ނިދައިފިއްޔާ
އަޅުގަނޑުމެން ބަނޑަށްޖެހިދާނެކަމަށް ވިސްނައިގެންނުވާނެއެވެ. ސަބަބަކީ
ރިޒްޤު ދެއްވުމަކީ ﷲ ތަޢާލާއަށް ޚާއްޞަކަމެކެވެ. އަދި ވިސްނަވާށެވެ.
އަޅުގަނޑުމެންގެ ރާއްޖެ ދުނިޔެއަށް އައީ މީގެ 30 އަހަރު ކުރިންނެއް ނޫނެވެ.
އޭގެ މާކުރިންވެސް އަޅުގަނޑުމެން ދުނިޔޭގައި އުޅެމުންއައީ ކައިގެން
ބޮއިގެންނެވެ.
އެހެންނަމަވެސް އޭރު އަޅުގަނޑުމެން ކައިބޮއި އުޅުނީ
ދޮންމީހުންނަށް ބަނގުރާވިއްކައިގެން ލިބޭ އެއްޗަކުންނޫނެވެ. ދޮންމީހުންނަށް
ބަނގުރާނުވިއްކަންޏާ އަޅުގަނޑުމެން ބަނޑަށްޖެހިދާނެޔޭ ބުނާ ބުނުމަކީ
ވަރަށް ނުބައި ބުނުމެކެވެ. ޝައިޠާނާ އަޅުގަނޑުމެން ފަޤީރުވެދާނެކަމުގެ
ބިރުދައްކާނެއެވެ. އަޅުގަނޑުމެން ﷲ ގެ ދީނަށް އެނބުރި ރުޖޫޢަވެދާނެތީއެވެ.
ﷲ
ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (الشَّيْطَانُ
يَعِدُكُمْ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ وَاللَّهُ يَعِدُكُمْ
مَغْفِرَةً مِنْهُ وَفَضْلاً وَاللَّهُ وَاسِعٌ عَلِيمٌ) البقرة: 268 މާނައީ: “ފަޤީރު
ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި،
އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. ﷲ،
ތިޔަބައިމީހުންނަށް ވަޢުދުކުރައްވަނީ، އެކަލާނގެ ޙަޟްރަތުން
ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟްލަވަންތަ ކަމަށެވެ. ﷲއީ،
ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”
ފަޤީރުވެދާނޭކަމުގެ
ބިރަކީ ޝައިޠާނާ މީސްތަކުން މަގުފުރެއްދުމަށްޓަކައި ވިސްނައިދޭ
ނުބައިވިސްނުމެއްކަން މިއާޔަތުން ސާބިތުވެއެވެ. އަޅުގަނޑުމެން ހަނދުމަފުޅު
ބަހައްޓަވަންވީ ކަމަކީ، ﷲ ތަޢާލާ ފިޔަވައި އެހެންފަރާތަކަށް
އަޅުގަނޑުމެންނަށް ރިޒްޤުނުދެއްވޭނޭ ކަމެވެ. އަދި ﷲ ތަޢާލާގެ ވަޢުދުފުޅާއި
އެއްގޮތަށް އަޅުގަނޑުމެން ﷲ ތަޢާލާއަށް ކިޔަމަންވުމުން
އަޅުގަނޑުމެންނަށްޓަކައި އުޑުންނާއި ބިމުން ރިޒްޤު ދެއްވާނެއެވެ.
ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. (وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ…)الآية سورة الأعراف 96 މާނައީ: ”
ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން،
އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ
މަގުތައް ހުޅުއްވައިދެއްވީމުހެވެ. ”
ﷲ ތަޢާލާ އަޅުގަނޑުމެން
އެންމެނަށް ހިދާޔަތްދައްކަވައި ޙައްޤުގެ މަގުގައި ޘާބިތުކޮށްދެއްވާށި! އަދި
އަޅުގަނޑުމެންގެ ރިޒްޤު ތަނަވަސްކޮށްދެއްވާށި! އަދި އަޅުގަނޑުމެންގެ
ލޮބުވެތި ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމުގެ
ތަވްފީޤުދެއްވާށި! އާމީން.
و صلى الله و سلم على محمد و على آله و أصحابه أجمعين
و صلى الله و سلم على محمد و على آله و أصحابه أجمعين
0 comments:
Post a Comment