
މާނަ : ” ކަލޭގެފާނު
ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ތަޢާލާ ދެކެލޯބިވާކަމުގައި ވާނަމަ
ތިމަންކަލޭގެފާނަށް ތަބަޢުވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުން ދެކެ
ލޯބިވެވޮޑިގަންނަވާނެތެވެ.
އަދި، ތިޔަބައިމީހުންނަށްޓަކައި،
ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން
ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. (*) ކަލޭގެފާނު
ވިދާޅުވާށެވެ! ތިޔަބައިމީހުން،ﷲ އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ،
ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ ދަންނާށެވެ! ފަހެ،
ހަމަކަށަވަރުން، ކާފިރުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”
ޞަޙީޙުލް ބުޚާރީގައިވާ ، އިބްނު
އަބީ މުލައިކަތު ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ.
އެއްދުވަހެއްގައި އުމަރު ރަޞިޔަﷲ ޢަންހު އާއި އަބޫބަކުރު ރަޞިޔަﷲ ޢަންހު
އާއި ދެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި
އިންނަވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ބަނީ
ތަމީމު ދަރިކޮޅުގެ ބަޔަކު އައިހިދު ދެކެވުވުނު ވާހަކައެއްގައި އުމަރު
ރަޞިޔަﷲ ޢަންހު އާއި އަބޫބަކުރު ރަޞިޔަﷲ ޢަންހު އާއި ދެބޭކަލުންގެ އަޑުފުޅު
ތަންކޮޅެއް ގަަދަވެގެން ދިޔައެވެ. ދެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅު
ބާވައިލެއްވުނެވެ.
” يَا أَيُّهَا الَّذِينَ
آمَنُوا لَا تَرْفَعُوا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلَا
تَجْهَرُوا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ
أَعْمَالُكُمْ وَأَنتُمْ لَا تَشْعُرُونَ ﴿٢﴾
إِنَّ الَّذِينَ يَغُضُّونَ أَصْوَاتَهُمْ عِندَ رَسُولِ اللَّـهِ
أُولَـٰئِكَ الَّذِينَ امْتَحَنَ اللَّـهُ قُلُوبَهُمْ لِلتَّقْوَىٰ ۚ
لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴿٣﴾
” – سورة الحجرات –
މާނަ : ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ
އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނޫފުލާށެވެ! އަދި
ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން
އެކަލޭގެފާނުގެ އަރިހުގައި ބަސްބުނެ ނުހަދާށެވެ! (އެއީ)
ތިޔަބައިމީހުންނަށް ނޭނގިތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލު
ވެދާނެތީއެވެ.
(2)
ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ އަރިހުގައި އެއުރެންގެ އަޑު މަޑުކުރާ
މީހުންނީ އެއުރެންގެ ހިތްތައް ﷲ، އިމްތިޙާންކުރައްވައި، ތަޤުވާވެރިވުމަށް
ފަހިކޮށްދެއްވި މީހުންނެވެ. އެއުރެންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ
ދަރުމައެއްހުށްޓެވެ. “ މި އާޔަތް ބާވައިލެއްވުމުން އުމަރު ރަޞިޔަﷲ
ޢަންހު ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެއްޗެއް
ވިދާޅުވެއްޖެނަމަ ، ވިދާޅުވާލެއް މަޑުކަމުން އެ ވިދާޅުވި އެއްޗެއް
އޮޅުންފިލުވުމަށްޓަކައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެވަނަ
ފަހަރަށް ސުވާލުކުރައްވަން ޖެހިވަޑައިގަންނަވާކަމުގައި ވެއެވެ. އޭ އުމަރެވެ
އަދި އެއްފަހަރު ވިދާޅުވާށެވެ.
ﷲ ގެ އަމުރަށް ކިޔަމަންވުމުގައި
އެބޭކަލުންގެ އުޞޫލަކީ އަބަދުވެސް އެއީ އެއްމެ މުހިއްމު ކަންކަމުގައި
ދެކުމެވެ. ﷲ ގެ އަމުރު އައުމަށްފަހު އެއަށްވުރެ މައްޗަކަށް އެއްވެސް
އަމުރެއް ނުވާނެތީއެވެ. މިއީ އެބޭކަލުން ﷲ ގެ އަމުރަށް ކިޔަމަންވުގައި
އަވަސްވެގަންނަ މިންވަރެވެ.
ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމައަށް ކިޔަމަންތެރިވާންޖެހޭ ހައްޤު ގޮތުގައި ކިޔަމަންތެރިވީ
ބަޔަކީ މާތްނަބިއްޔާގެ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނެވެ.
އެބޭކަލުންނާއި ހަމައަށް ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ އަމުރުފުޅެއް އަތުވެއްޖެ ނަމަ ރުހިގެންވާހާލު
އެއަމުރުފުޅަކަށް ޢަމަލުކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން ﷲ
ތަޢާލާވަނީ އެބޭކަލުންނަށް އެއިލާހުގެ ރުހިވޮޑިގަތުން ލިބިފައިވާކަން
އަންގަވައިފައެވެ.
އެހެންކަމުން އެބޭކަލުންގެ އެ ނަމޫނާގައި ހިފައިގެން
މެނުވީ އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ.
އަޅުގަނޑުމެންގެ އިސްލާމީ
އުއްމަތަށް މިއަދު ނަޒަރު ހިންގާލައިފި ނަމަ ފެނިގެންދަނީ އެބޭކަލުންގެ އެ
ނަމޫނާއާއި މުޅިން އިދިކޮޅަށް މީސްތަކުންގެ ޢަމަލުތައް ގެންގުޅޭ
މަންޒަރެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އަމުރެއް
އައިސްފިކަމުގައިވާނަމަ އެއިން ރެކެވޭތޯ ކޮންމެހެން ހަދާފައިވެސް ބަލައެވެ.
އެއަށް ޢަމަލު ނުކޮށްވޭތޯ މަސައްކަތްކުރެއެވެ. ﷲ ތަޢާލާ
ޙަރާމްކުރައްވާފައިވާ ކަމެއް ، ނަމަވެސް އެކަމަކީ ތިމާ ކުރަންބޭނުންވާ
ނުވަތަ ހިތްއެދޭ ކަމަކަށް ވާތީ އެކަން ކުރަންވެގެން ބައެއްމީހުން ، އެކަން
ހުއްދަކުރާނޭ ކޮންމެވެސް “ޝެއިޚަކާއި” ދިމާވަންދެން ފަހަރަކު މީހަކާއި
ސުވާލުކުރަމުންދެއެވެ.
ﷲ ތަޢާލާ ކަމެއް
ޙަރާމްކުރައްވައިފިނަމަ ، އެފަދަ މީހުން އެ ޙަރާމްކަމަށް އަރައިގަންނަން
އުޅޭ މިންވަރުން ހީވެގެންދަނީ މުސްތަޙައްބު ( ކުރުންއެދެވިގެންވާ) ކަމެއް
އަދާކުރަން އުޅޭހެންނެވެ. އަދި އެއީ މަކްރޫހަ(ކުރުން އެދެވިގެންނުވާ)
ކަމެއްކަމުގައިވާނަމަ ، ކޮންމެހެން ކުރަންޖެހޭ ވާޖިބުކަމެއް އަދާކުރަން
އުޅޭފަދައިން އެކަމަކަށް އަރައިގަންނަން އުޅެއެވެ.
އަދި ވާޖިބެއް
އެމީހުނާއި ހަމައަށް އަތުވެއްޖެނަމަ އެއީ މަކްރޫހަ ކަމެކޭހީވާފަދައިން
އެކަމުން ދުރުވެގަންނަން މަސައްކަތްކުރެއެވެ. އެކަމެއް އަދާ ނުކޮށްވާނެ
ގޮތެއް އޮތްތޯ ކޮންމެހެންވެސް ބަލައެވެ. އަދި މުސްތަޙައްބު (
ކުރުންއެދެވިގެންވާ) ކަމެއް އެމީހުނާއި ހަމައަށް އަތުވެއްޖެނަމަ ،
އެކަމަކުން ދުރުވެގަންނަނީ ޙަރާމްކަމަކުން ދުރުވެގަންނަ މީހަކު
ދުރުވެގަންނަގޮތަށެވެ. ހިތާމަހުއްޓެވެ. ނަމަވެސް މިއީ މިއަދު
އަޅުގަނޑުމެންގެ ޙާލަތެވެ.
ﷲ ތަޢާލާއަި އެއިލާހުގެ ނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ކިބައިން ޙުކުމެއް އަތުވެއްޖެނަމަ
އަޅުގަނޑުމެން ކަންތައްތައް ކުރަންޖެހޭގޮތަކީ ކޮބައިތޯއެވެ؟
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވއެވެ. ”
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ
وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ
وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ” –
سورة الأحزاب 36 –
މާނަ : ” އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ކަމަކަށް
ނިޔާކަނޑައަޅުއްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު
އަންހެނަކަށްވެސް، އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ
ނެތްކަމެކެވެ. އަދި ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ
(ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު
ފުރެދިއްޖެކަން ކަށަވަރެވެ.”
ދުނިޔެމަތީގައި ތަފާތު
އުޒުރުތައް ދައްކައިގެން މީސްތަކުންގެ ކުރިމަތީގައި ކަންކަން
އޮޅުވައިލައިގެން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެއްވެސް އަޅާލުމެއް
ނުބަހައްޓައި އުޅެވިދާނެއެވެ. އަނިޔާވެރި މުޖުރިމުންނަށްވެސް ﷲ ތަޢާލާ
ދުނިޔެމަތީގައި މުހުލަތުދެއްވައެވެ.
އެއީ އެބައިމީހުން އެނބުރި ހައްޤަށް
ރުޖޫޢަވުމަށްޓަކައެވެ. ނަމަވެސް މީސްތަކުންގެ ހިތްތަކުގައިވާ އެއްމެހާ
ސިއްރުތަކާއި ހަޤީޤަތްތައް ހާމަކޮށްލެވޭ ދުވަހުގައި ފިލަންދާނެ އެއްވެސް
ތަނެއް ނޯންނާނެއެވެ. އެދުވަހުން މީސްތަކުން ގޮވާހަދާނެއެވެ. ﷲ އާއި
ރަސޫލާއަށް ކިޔަމަންވެވުނު ނަމައެވެ. ނަމަވެސް އެދުވަހުން ދެވަނަ
ފުރުޞަތެއް ނުދެވޭނެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ” يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّـهَ وَأَطَعْنَا الرَّسُولَا ﴿٦٦﴾ وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾
” – سورة الأحزاب –
މާނަ : ” އެބައިމީހުންގެ މޫނުތައް ނަރަކައިގެ
އަލިފާނުގައި ފުރޮޅި ފުރޮޅިވާނޭ ދުވަހެވެ. އެދުވަހުގައި އެބައިމީހުން
ބުނާނެތެވެ. ﷲ އަށް ކިޔަމަންތެރި ވެވުނުނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ.
އަދި ރަސޫލާއަށް ކިޔަމަންތެރި ވެވުނު ނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ. އަދި
އެބައިމީހުން ބުނާނެތެވެ. އޭ އަޅަމެންގެ ވެރި ރައްބެވެ. އަޅަމެންގެ
ސާޙިބުންނަށާއި ބޮޑުންނަށް ކިޔަމަންތެރިވީ ބައެއްކަމުގައި
އަޅަމެންވީމުއެވެ.
ފަހެ އެބައިމީހުން އަޅަމެން މަގުފުރެއްދީއެވެ. އޭ
އަޅަމެންގެ ވެރި ރައްބެވެ. ޢަޒާބުގެ ތެރެއިން ދެގުނަ ޢަޒާބު އެބައިމީހުނަށް
ދެއްވާފާންދެއެވެ. އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން
އެބައިމީހުނަށް ލަޢުނަތް ލައްވާފާންދެއެވެ. “
ދުޢާ އަކީ ﷲ ތަޢާލާ އާއި
އެއިލާހުގެ ނަބިއްޔާ އަށް ހައްޤު ގޮތުގައި ކިޔަމަންތެރިވުމަށް
އަވަސްވެގަންނަ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން
ލެއްވުމެވެ.
0 comments:
Post a Comment