Tuesday, April 3, 2012

ވައްކަންކުރުން


އެންމެހައި ޙަމްދުޘަނާއާއި ތަޢުރީފެއް ޙައްޤު ވަނީﷲ އަށެވެ. އެކަލާނގެއީ އެކަލާނގެ އެދިވޮޑިގަންވާ އަޅަކަށް އެކަލާނގެ ފަޟްލުވަންތަ ވެރިކަމުންނާއި އޯގާވަންތަވެރިކަމުން އިސްލާމްދީނަށް ތެދުމަގު ދައްކަވާ އިލާހެވެ. އަދި އެކަލާނގެ ކިބަފުޅުން މޫނު އަބުރާމީހާ އަދިރިކަމުގައި މެހިގެންވާގޮތަށް މަގުފުރައްދަވާ ޙިކުމަތްވަންތަ އިލާހެވެ.
އަދިއެންމެހައި ޞަލަވާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަނީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވައި ރަސޫލުކަން ޚަތަމްކުރެއްވި محمد بن عبد اللهއަށެވެ. އެކަލޭގެފާނަކީ އެންމެހައި މީސްތަކުންގެ މަށްޗަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރުދެއްވައި، ﷲގެއިޒްނަފުޅާއިއެކު އެކަލާނގެ ތެދުމަގަށް ގޮވާލައްވައި އަދި އަލިކަން ފާޅުވެގެންވާ ވޮށެއްކަމުގައި ﷲފޮނުއްވި ރަސޫލާއެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލް ކުރަމެވެ.



ދުނިޔޭގައި ކޮންމެ އިންސާނަކުމެ މުދަލަށް ލޯބިކުރެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނެކާގެ މުދަލަށް އަރައިގަތުމުގެ ޙައްޤު ދެއްވާފައި ނުވެއެވެ. ކޮންމެ މީހަކަށްވެސް ވަނީ އަމިއްލައަށް މަސައްކަތްކޮށްގެން މުދާ ހޯދުމެވެ. ﷲވަނީ ރިޒުޤު ހަމަޖައްސަވާފައިއެވެ. އެ ހޯދުމަށްޓަކައި އިންސާނާއަށް ޖެހެނީ މަސައްކަތް ކުރާށެވެ.


 ﷲ ވަޙީކުރައްވާފައިވެއެވެ. وما من دابة في الأرض إلا على الله رزقها ويعلم مستقرها ومستودعها كل في كتاب مبين " ﷲ އެއެއްޗަކައް ރިޒުގުނުދެއްވާ އެއްވެސްއެއްޗެއް ބިންމަތީގައި ނުވެއެވެ. އެތަކެތީގެ ދިރިއުޅުން ވާނޭތަނަކާއި ނިމިދިއުން ވާނޭތަނެއްއެކަލާނގެ ދެނެވޮޑިގަންނަވައެވެ. ބާޔާންވެގެން ވާފޮތްތަކުގައި ހުރިހައިކަމެއްވެއެވެ."

މުދަލަށް ދަހިވެތިވުމަކީ އިންސާނީ ފިޠްރީ ކަމެކެވެ. ވުމާއިއެކު އެމުދާހޯދުމަށް މަސައްކަތްކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. އަދި މުދާހޯދުމުގެ ވަޞީލަތްތައް ޖެހޭނީ ވަކި ދާއިރާއެއްގައި ވަކި ޙައްދެއްގައި ވަކިގޮތަކަށެވެ. އެއީ ޙައްޤުގޮތުގައެވެ. ޙައްޤު މުދަލެވެ. އެހަންކަމުން މިޙައްދު ފަހަނައަޅާ ނުދިއުމަށާއި، ޙައްދު ފަހަނައަޅާ ހިގައްޖެނަމަ އެކަން މަނާކުރުމުގެ ގޮތުންވަނީ ވަކީ ޢުޤޫބާތެއް ދިނުމަށް ކަނޑައަޅައި އަކަށައަޅާފައެވެ. އެއީ ވައްކަންކުރާމީހާގެ އަތްކެނޑުމެވެ.


މިއީ އިސްލާމީ ޝަރީޢަތުގައި ޙައްޤުނޫންގޮތުގައި ވައްކަންކޮށްގެން މުދާހޯދާމީހުންނަށް ދުނިޔެމަތީގައި ދިނުމަށް އޮތް ޢުޤޫބާތެވެ. އަދި އެފަދަ ގޮތުގައި މުދާހޯދާމީހުންނަށް އާދޚިރަތުގައިވެސް ވެންދެނިވި ޢަޒާބު ހުއްޓެވެ.



ވައްކަމުގެ ތަޢުރީފް.
ލުޣަވީގޮތުން:
ޢަރަބިބަހުގައި ވައްކަމަށް ކިޔަނީ އައްސަރިޤާ އެވެ. ސަރިޤާ، އަދި ސިރުޤާ މިދެގޮތަށްވެސް ކިޔައެވެ. މާނައަކީ ފޮރުވައިގެން މުދަލެއް ނެގުމެވެ. އެގޮތަށް ނަގާއިރު ނެގީ ކާކުކަން ނޭގޭ ގޮތަށެވެ. ސަރިޤާ މިލަފުޒު ނެގިފައިވަނީ " مسارقة النظر " އެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ (إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُبِينٌ ) الحجر: ١٨

ޝަރުޢީގޮތުން:
1- ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި ވައްކަމަކީ ފޮރުވާފައި ރައްކާކޮށްފައިވަނިކޮށް ކާކުކަން ނޭގޭ ގޮތަށް ވަގަށް އަނީޔާވެރިގޮތުގައި މީހެއްގެ މުދަލެއް ވަކި ޝަރުޠުތަކާއިއެކު ނެގުމެވެ.
2- އަނެއް ބައި ޢިލްމުވެރީން ވިދާޅުވަނީ ވައްކަމަކީ އެއްވެސް އޮޅުމެއްނެތި، ފޮރުވާފައިވަނިކޮށް ވައްކަންކުރުމުގެ ނިޔަތުގައިއެކުރެވެނީ ކީއްކަން އެނގި ހުންނަޙާލު ބުއްދިސަލާމަތުންހުރެ ބާލިޣުވެފައިހުރި މީހަކު އަމިއްލަ އިޚްތިޔާރުގައި ނިޞާބު ހަމަވާވަރުގެ މުދަލެއް ނެގުމެވެ.

އެއްމެ ރަނގަޅު ތަޢުރީފެއްކަމަށް ދެކެވޭ ވައްކަމުގެ ޝަރުޢީ ތަޢްރީފަކީ އެހެންމީހެއްގެ މުދަލެއް ރައްކާކޮށްފައި ހުއްޓައި ސިއްރުން އަނިޔާވެރިގޮތުގައި ވަގަށް ނެގުމެވެ.


ވައްކަމުގެ ޙުކުމް
ވައްކަންކުރުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް އޮތް ކަމެކެވެ. އިމާމް ޤުރުޠުބީ ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ ޖާހިލިއްޔަ ޒަމާނުގައި އަތްކެނޑުމަށް އަމުރުނެރުނީ ވަލީދް ބިން އަލްމުޣީރާއެވެ. އިސްލާމް ދީން އައުމަށްފަހުގައި އެންމެ ފުރަތަމަ ކެނޑުނީ އަލްޚިޔާރު ބިން ޢަދީގެ އަތެވެ. އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ ކެނޑުނީ މުއްރާބިންތް ސަމްޢާންގެ އަތެވެ. 


ވައްކަމަކީ އިސްލާމްދީނުގައި ކަނޑައޅިގެން ގަދަ އަމުރަކާއިއެކު ނަހީކުރައްވާފައިވާ ޙަރާމް ކަމެކެވެ. އަދި އެކަން ކުރާމީހާއަށް ލަޢުނަތް އައިސްފައިވާ ކަމެކެވެ. އަދި އީމާންކަންމަތީ ހުރިމީހަކަށް ނުކުރެވޭނެކަމެކެވެ. އަދި ނިޞާބު ހަމަވާ މުދަލެއް ވަގަށްނަގައިފިނަމަ އެމީހެއްގެ އަތްކެނޑުމަށް ޙައްދު ކަނޑައެޅިފައިވާ ޖަރީމާއެކެވެ. އެކަމަށް ކީރިތި ޤުރުއާނާއި ސުންނަތުން އަދި ދަންނަ ބެއިކަލުންގެ އިޖްމާޢުން ދަލީލް ލިބެން އެބަހުއްޓެވެ.

ދަލީލުތައް:
މާތްﷲ ވަޙީކުރައްވާފައިވަނީ: (وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ) المائدة 38: މާނައީ: "ވައްކަންކުރާފިރިހެނާއާއި،ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެދެމީހުން ކުޅަކަންތަކުގެ ޖަޒައަކަށް، ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ ގަދަފަދަވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ.


ވައްކަމުގެ ސުންނަތުގެ ދަލީލުތައް:
1- ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ. (إن سرق فاقطعوا يده، ثم إن سرق فاقطعوا رجله، ثم إن سرق فاقطعوا يده، ثم إن سرق فاقطعوا رجله)"މާނައީ: "ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ އަތްކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ، އޭނާގެ ފައިކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ އޭނާގެ އަތްކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ، އޭނާގެ ފައިކަނޑާށެވެ!


2- ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިކަމަށް އަބޫހުރައިރާ ރިވާކުރެއްވިއެވެ.
لعن الله السارق يسرق البيضة؛ فتقطع يده، ويسرق الحبل؛ فتقطع يده ބިސްވަގަށްނަގާމީހާގެ ފަހެ އަތްކަނޑާށެވެ! އޭނާ މާތްﷲ ގެ ލަޢްނަތްހުއްޓެވެ. އަދި ވާގަނޑު ވަގަށްނަގާމީހާގެ އަތްކަނޑާށެވެ!
އައްނަސާއީ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ.لا تقطع اليد إلا فيما دون ثمن المجن މާނައީ: "ޘުމަން އަލްމުޖަން (މުޖަނުގެ އަށްބައިކުޅަ އެއްބައި) ނެގުމުން މެނުވީ ވައްކަންކުރި މީހާގެ އަތްނުކަނޑާށެވެ." މިޙަދީޘުގައިވާ ޘުމުނުލް މިޖަނާއި ބެހޭގޮތުން އަޞްޙާބުބޭކަލުން ޢާއިޝާގެފާނުންގެ އަރިހުގައި ދެންނެވިއެވެ. "ޘުމަން އަލްމަޖަން" އަކީ ކޮބައިތޯއެވެ؟ ޢާއިޝާގެފާނު ވިދާޅުވެއެވެ. "އެއީ ދީނާރެއްގެ 4/1 އެވެ."

އަޞްޙާބުބޭކަލުންގެ ޢަމަލުފުޅު
ވައްކަމަކީ އެކަމުގެ ޙަރާމްކަމާއި ބެހޭގޮތުން ދަންނަ ބެއިކަލުން އިޖްމާޢުވެލައްވާފައިވާ ކަމެކެވެ. އިމާމް އިބްނު ޢުޘައިމީން މިކަމުގައި ދަންނަބެއިކަލުންގެ އިޖްމާޢު ގެންނަވާފައިވެއެވެ. ހަމައެފަދައިން ވަގުގެ އަތް ކެނޑުންވެސް ވަނީ ސާބިތު ވެފައިއެވެ. ޞަޙާބީންވެސް ވައްކަންކުރާމީހުންގެ އަތްކެންޑުއްވިއެވެ. ﷲ ރުއްސުންލެއްވި އަބޫބަކުރުއްޞިއްދީޤް 5 ދިރުހަމްވަގަށް ނެގުމުން އަތް ކެނޑުއްވިއެވެ. އަލްބައިހަޤީ ރިވާކުރެއްވިއެވެ. ޢަލީ ރަޟިޔަﷲޢަންހް ދީނަރުގެ 4/1 ވަގަށްނެގި މީހުންގެ އަތްކެނޑުއްވިއެވެ.


 ޢުޘްމާންގެ ފާނުވެސް އެފަދައިން ކަންތައް ކުރެއްވިއެވެ. އަދިވެސް ޢަލީގެފާނު ދަނގަޑު ބިހެއްފާޑުގެ އެއްޗެއް ވަގަށްނެގިމީހެއްގެ އަތްކެނޑުއްވިއެވެ. އެބިހުގެ އަގަކީ ދީނާރުގެ ހަތަރުބައިކުޅަ އެއްބައެވެ. ޢުމަރުގެފާނާއި، އަބޫބަކުރުގެވާނުވެސް އެގޮތަށް ޢަމަލުކުރައްވާފައިވެއެވެ. (ތިމަންކަލޭގެފާނަށްފަހު އަންނަމީހުން މިއަށް އިޤްތިދާވާށެވެ!) އަޞްޙާބުން އަތް ނުކަނޑާ ދޫކޮށް ލެއްވީ ހަނގުރާމައިގެ މައިދާނުގައި ވައްކަން ކުރާމީހާއެވެ. އޭނާވެސް މުސްލިމުންގެ ރަށަށް އެނބުރިއައުމުން ޙައްދު ޤާއިމް ކުރަން ޖެހޭނެއެވެ.މީގެ ސިއްރަކީ އަތްކަނޑާމީހާ ދެރަވެގެން ނުވަތަ ރުޅިއައިސްގެން ކާފަރުންގެ ބަޔަށްޖެހި މުސްލިމުންނަށް ގެއްލުން ދިނުމަށް އުޅެފާނެތީއެވެ.

ވައްކަން ކުރިމީހާގެ އަތްކެނޑުމުގެ ޙިކްމަތް.
ވަައްކަން ކުރާމީހާގެ އަތް ކެނޑުމަކީ މީސްތަކުންގެ މުދަލުގެ ޙިމާޔަތަކަށް ﷲ ލައްވާފައިވާ ކަމެކެވެ. ތަޝްރީޢީ ޙުކުމެކެވެ. އެކަން އެގޮތަށް އޮތުމުން މީސްތަކުން ނަހަމަ ގޮތުގައި ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައި ނުގަންނާނެއެވެ. އަދި މީސްތަކުން ދާއޮހޮރައިގެން ރައްދަކާ އަވީގައި ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވިގެންދާނެއެވެ. މީސްތަކުންގެ މުދަލަކީ ޙުރުމަތްތެރިކުރެވިފައިވާ އެއްޗެއްކަމަށް ޔަޤީން ކުރެވިގެންދާނެއެވެ.

ވައްކަމުގެ ޙައްދު ކެނޑުން.
ޙާކިމާއާއި ހަމައަށް ނުގޮސް ވައްކަންކުރިމީހާއަށް ޢަފޫދެވިއްޖެނަމަ ވައްކަމުގެ ޙައްދު ޖަހާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ޙާކިމާއާއި ހަމައަށް ގޮސްފިނަމަ ދެން ޙަައްދު ޖެހޭނެއެވެ. އެހެނީ ވައްކަމަކީ އޭގައި ދެޙައްޤެއް އެކުލެވިފައިވާ ކަމަކަށް ވާތީ މީހާގެ ޙައްޤު ނެތިގެން ދިއަޔަސް ﷲގެ ޙައްޤު އެހައި ހިސާބުން ވާޖިބު ވީއެވެ. ޙާކިމާއި ހަމައަށް ގޮސްފިކަމުގައިވާ ނަމައޭގެ ޙައްދު ޤާއިމްކުރަން ޖެހޭނެއެވެ. 


ޞަފްވާން ބިން އުމައްޔާގެ ރިދާ ވަގަށް ނެގި މީހާއަށް ޞަފްވާން މަޢާފް ދިނުމުން ﷲގެ ރަސޫލާ ޙަދީޘް ފުޅުކުރެއްވިއެވެ.هلا قبل أن تأتيني به؟ މާނައަކީ:"ތިމަންކަލޭގެފާނާއި ހަމައަށް އައުމުގެ ކުރިން މަޢާފް ދެއްވިނަމަހީ ކިހާރަނގަޅުހެއްޔެވ.".އަދި ﷲގެ ރަސޫލާ އެކަލޭގެފާނުގެ ދަރިކަނބަލުން ވަައްކަން ކުރެއްވިއަސް އަތްކަނޑަން ވިދާޅުވެފައިވަނީވެސް އެހެންވެގެންނެވެ.



ވައްކަމުގެ ރުކުންތައް
ވައްކަމުގައި ހިމެނެނީ ތިންރުކުނެވެ. އެއީ:-
1- ވަގަށްނެގުނުއެތި: އެއީ ގަނެވިއްކޭފަދަ މިލްކުކުރެވޭ މުދަލެކެވެ.
2- ވަގު: އެއީ ވައްކަންކުރިމީހާއެވެ.
3- ވައްކަން: އެއީ މުދަލެއް ވަގަށްނެގުމެވެ.
މިތިން ރުކުނުންކުރެ ރުކުނެއް މަދުވެއްޖެނަމަ ވައްކަމަކަށް ނުވާނެއެވެ. އަދި ވައްކަންކުރާ މީހާގެ އަތްކެނޑޭނީ މިއިން ކޮންމެ ރުކުނެއްގައި ހިމެނެންޖެހޭ ޝަރުޠުތައް ފުރިހަވުމުންނެވެ.

ފުރަތަމަރުކުން: ވަގަށްނެގޭއެތި:
މީގައި ވަކި ޝަރުޠުތަކެއް ހުންނަންޖެހެއެވެ. އެއީ:
1- ނިޞާބުހަމަވުންެ.
ރަނުންނަމަ ނިޞާބު ހަމަވާނީ ދީނާރުގެ ¼ އިންކަމަށެވެ. ރިހިންނަމަ 3 ދިރުހަމެވެ. އެހެނީ ﷲގެ ރަސޫލާ ރިހިން ހަދާފައިވާ މިޖަން ނެގި މީހާގެ އަތް ކެނޑުއްވިކަން ސާބިތުވެއެވެ. އޭގެ އަގުގައިވަނީ 3 ދިރުހަމެވެ. ޚާލިޞް ރަނުގެ ބަރުދަނަކީ 1ދީނާރެވެ. އެއީ 4.25 ގްރާމެވެ. އަގުކުރުމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ މިގޮތަށް ބެލުމަށެވެ.

2- ގަނެވިއްކުން ހުއްދަ އަގެއްހުރި މުދަލެއްކަމުގައިވުން.
ގަނެވިއްކުން ހުއްދަ ނޫން އެއްޗެއް ވަގަށް ނެގިކަމުގައިވިއަސް އަތެއް ނުކެނޑޭނެއެވެ. މީގެ މިސާލަކީ ރަލާއި އޫރުމަހެވެ. މިފަދަ ތަކެތި ވަގަށް ނެގިއަސް އަތް ކަނޑާކަށް ނުޖެހޭނެކަމަށް ވަރަށް ގިނަ ދަންނަބެއިކަލުން ވިދާޅުވެއެވެ.


3- ވައްކަންކުރިމީހާގެ މިލްކަކަށްނުވުން ނުވަތަ ހިއްސާއެއް ނެތުން. ވަގަށް ނެގި އިރު އެމުދާގަނޑަކީ ވަގުގެ މިލްކިއްޔާތުގައިވާ މުދަލެއްނަމަ އަތެއް ނުކެނޑޭނެއެވެ. އެހެނަސް ވަގަށް ނެގިފަހުން އޭނާގެ މިލްކަަކަށް ވިއަސް އަތް ކެނޑޭނެއެވެ. ހަމަ އެފަދައިން ތިމާގެ ޙިއްސާވާތަނަކުން އެއްޗެއް ވަގަށް ނެގިަކަމުގައިވިއަސް އަތެއް ނުކެނޑޭނެއެވެ. އެއީ އޭގައި ތިމާގެ ކޮންމެވެސް މިންވަރެއް އެކުލެވިފައިވާތީއެވެ. އެހެންނަމަވެސް ތިމާގެ ޙިއްސާ ކަނޑާލުމަށްފަހު ބާކީ ހުރި ވަގު މުދަލުގައި ނިޞާބު ހަމަވާނަމަ އަތްކެނޑޭނެއެވެ.


4- މުދަލާއިމެދު ޝައްކާއި ޝުބުހާ ނެތުން. އަނބިމީހާ ފިރިމީހާގެ މުދަލުން ވައްކަން ކުރުން މީގެ މިސާލަކަށް ވާނެއެވެ. އެއީ ފިރިމީހާގެ މުދަލުގައި އަނބިމީހާގެ ޙާއްޤުވާތީއެވެ. ﷲ ރުއްސުންލެއްވި ހިންދު ﷲ ރުއްސުންލެއްވި އަބޫ ސުފިޔާންގެ މުދަލުން ﷲގެ ރަސޫލާގެ ހުއްދަޔާއިއެކު އެކަމަނާއަށާއި އެކަމަނާގެ ދަރީންނަށް ވާވަރަށް އަބޫސުފިޔާނަށް އެންގުމަކާއި ނުލައި ނެންގެވިއެވެ. ހަމައެފަދައިން ﷲ ރުއްސުންލެއްވި ޢުމަރު ބިން ޚައްޠާބުގެ ދުވަސްވަރު ވައްކަން ކުރި މީހުންގެ އަތެއްވެސް ނުކަނޑުއްވައެވެ.


5- ރައްކާ ކޮށްފައިހުރި މުދަލެއްކަމުގައިވުން. ރައްކާ ކޮށްފައި ހުންނަތަނަކީ އެކަށީގެންވާ ތަނަކަށް ވާން ޖެހޭނެއެވެ. ރައްކާ ކުރާ ތަން އޭގެ ޒާތުގައި ރައްކާކުރުމަށް ބޭނުންކުރެވޭ ގޮތަށް ހުރެއެވެ. މިސާލަކަށް އަލަމާރި ތިޖޫރިފަދަ ތަންތަނެވެ. އަދި ބައެއް ތަންތަން އޭގެ ޒާތުގައި އެއީ ރައްކާ ކުރާ ތަންތަން ކަމުގައި ނުވެއެވެ. މިސާލަކަށް މަގު މައްޗަކީ ރައްކާކޮށް އެއްޗިހި ބަހައްޓާ ތަނަކަށް ވެގެން ނުދާނެއެވެ. އެތަނުގައި ހުއްޓާ ވަގަށް ނެގި ކަމުގައިވިއަަސް ވަގުގެ އަތް ނުކެނޑޭނެއެވެ. 


މިޝަރުޠުތައް ހަމަވާކަމުގައިވާނަމަ ވަގަށްނެގޭއެތީގެ ޝަރުޠުހަމަވެ ވަގަށް ނެގިމީހާ އެކުރީ ވައްކަމެއްކަމަށް ނިންމޭނެއެވެ.




1- ނިޞާބު ހަމަވުން.
ރަނުންނަމަ ނިޞާބު ހަމަވާނީ ދީނާރުގެ ¼ އިންކަމަށެވެ. ރިހިންނަމަ 3 ދިރުހަމެވެ. އެހެނީ ﷲގެ ރަސޫލާ ރިހިން ހަދާފައިވާ މިޖަން ނެގި މީހާގެ އަތް ކެނޑުއްވިކަން ސާބިތުވެއެވެ. އޭގެ އަގުގައިވަނީ 3 ދިރުހަމެވެ. عن ابن عمر قال:(قطع رسول الله صلى الله عليه وسلم في مجن قيمته ثلاثة دراهم) ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ:"ތިން ދިރުހަމުގެ އަގުހުރި މިޖަން ނެގިމީހާގެ އަތް ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާ ކެނޑުއްވިއެވެ". ޚާލިޞް ރަނުގެ ބަރުދަނަކީ 1ދީނާރެވެ. އެއީ 4.25 ގްރާމެވެ. އަގުކުރުމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ މިގޮތަށް ބެލުމަށެވެ.


ކަން މިހެން އޮތަސް ނިޞާބުގެ މިންވަރާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެބަހުއްޓެވެ. އަބޫހަނީފާ ވިދާޅުވިއެވެ. ނިޞާބަކީ އެއް ދީނާރެވެ. ނުވަތަ 10 ދިރުހަމެވެ. ނުވަތަ އެދޭތީގެ އަގުގެ މިންވަރެވެ. ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ( لا قطع فيما دون عشرة دراهم ) މާނައީ:"ދިހަ ދިރުހަމަށްވުރެ މަދުވެއްޖެނަމަ އަތް ކެނޑުމެއްނެތެވެ". މިއީ ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން އަޙްމަދު ރިވާކުރެއްވި ޙަދީޘެކެވެ.


އަދިވެސް ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އުއްމު އައިމަން ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ( لا يقطع السارق إلا فى ثمن المجن وكان يقوم يومئذ بعشر دراهم ) މާނައީ:" ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ވައްކަންކުރާމީހާ ( ثمن المجن ___) ނެގުމުންމެނުވީ ވަގުންގެ އަތްނުކަނޑުއްވައެވެ. އެދުވަސްވަރު (ثمن المجن) އެއީ 10 ދިރުހަމެވެ. އެހެން ރިވާޔަތެއްގައިވަނީ ޘުމުނުލް މިޖަން އަކީ ދީނާރެކެވެ.


މިތަނުގައި ޢިލްމުވެރިންގެމެދުގައި ޚިޔާލުތަފާތުވެފައިވަނީ (ثمن المجن) މިންވަރާމެދުގައެވެ. ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދުވަސްވަރު (ثمن المجن) އަކީ އަތްކަނޑާމިންވަރެވެ. ހަނަފީން ވިދާޅުވަނީ އެއީ ދީނާރެއްކަމަށެވެ. އެހެން ޢިލްމުވެރިން ވިދާޅުވަނީ ދީނާރުގެ ¼ ކަމަށެވެ. އެންމެ ރަނގަޅުކަމަށް ރާޖިޙްކުރެވެނީ ޖުމްހޫރުންގެ ރައުޔެވެ. 10 ދިރުހަމަކީ ހަތް މިޘްޤާލެވެ. ޖާހިލިއްޔަ ޒަމާނުގައި އިސްލާމްދީނުގައިވެސް މިޘްޤާލަކަށް ބަދަލެއްނާދެއެވެ.


ވަގަށްނެގި މުދަލުގެ މިންވަރުބެލުމާއިމެދު ޝާފިޢީ ޢިލްމުވެރީންގެ މެދުގައި އިޚްތިލާފް އެބައޮތެވެ. ޝާފިޢީ މަޛްހަބުގައި ވަގަށްނެގުނު މުދަލުގެ މިންވަރާއިމެދު ދެ ރައުޔެއްވެއެވެ.

ފުރަތަމަރައުޔު:
ވަގަށްނެގުނު މުދަލުގައި ނިޞާބުހަމަވާންޖެހޭނެއެވެ. ނިޞާބަކީ ދީނާރެއްގެ 4/1 އެވެ. ދަލީލަކީ: މުސްލިމް ރިވާކުރެއްވި ޙަދީޘެވެ. لا تقطع يد السارق إلا في ربع دينار فصاعدا މާނައީ: ދީނާރުގެ 4/1 އަށްވުރެ ގިނަވުމުންމެނުވީވައްކަންކުރި މީހާގެ އަތްނުކަނޑާށެވެ." މިމާނަ ދޭހަވާ ވަރަށް ގިނަމީހުން ރިވާކުރެއްވި ޙަދީޘްތައްވެއެވެ. اقطعوا في ربع دينار ولا تقطعوا في ما هو أدنى من ذلك މާނައީ: ދިނާރެއްގެ 4/1 އިން އަތްކަނޑާށެވެ. އެއަށްވުރެ މަދުންނަމަ ނުކަނޑާށެވެ." 


ދީނާރުގެ 4/1 އަކީ އަތްކަނޑަންޖެހޭ މުދަލުގެ ނިޞާބެވެ. ވީމާދީނާރުވާންޖެހޭނީ ހަމަ ޚާލިޞްރަނަށެވެ. އެއީ ރަނާއި އެހެން ބާވަތްތަކާއި އެކުވެފައިހުރި ދީނާރުގެ އަގަށްވެގެންނުވާނެއެވެ. ދީނާރަކީ ރަނުގެ ފައިސާފޮއްޗެވެ. އެއީ ޚާލިޞްރަނެވެ. ދީނާރަކީ 4.25 ގްރާމްރަނެވެ. ޖުމްހޫރުންދެކިލައްވަނީ ދީނާރަކީ 12 ދިރުހަމްކަމަށެވެ. ދިރުހަމަކީ 2.975 ގްރާމެވެ. ހަނަފީން ދެކިލައްވަނީ ދީނާރަކީ 10ގްރާމެވެ. ދީނާރަކީ 4.45 ދިރުހަމް ރަނެވެ.

ދެވަނަރައުޔު:
އަަތްކެނޑުމަށް ވަކި ނިޞާބެއްނެތެވެ. ކިތައްމެ މަދަސް ގިނަޔަސް ވައްކަމެއްނަމަ އަތްކަނޑަންޖެހޭނެއެވެ. ދަލީލަކީ: މާތްﷲ ވަޙީކުރައްވާފައިވަނީ: ( وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِنَ اللَّهِ وَاللَّهُ عَزِيزٌ حَكِيمٌ ) المائدة: ٣٨ މާނައީ: "ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ ތިޔަބައިމީހުން އެދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެދެމީހުން ކުޅަ ކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ ގަދަފަދަވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ." 


ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ޙަދީޘެއްގައިވެއެވެ. ( لعن الله السارق يسرق البيضة فتقطع يده ويسرق الحبل فتقطع يده ) މާނައީ: "ބިސްވަގަށްނަގާމިހާގެ ފަހެ އަތްކަނޑާށެވެ. އޭނާއަށް މާތްﷲ ލަޢްނަތް ހުއްޓެވެ. އަދި ވާގަނޑު ވަގަށްނަގާމީހާގެ އަތްކަނޑާށެވެ."

ދެވަނަ ރައުޔަށް ފުރަތަމަ ރައުޔުގެ ރައްދު

އަލްމާއިދާ ސޫރަތުގެ 38 ވަނަ އާޔަތުގެ ޙުކުމަކީ ޢާއްމު ޙުކުމުގެ އާޔަތެވެ. ޚާއްޞަޙުކުމް އެގެނީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުންނެވެ.
 ބިސް އެއީ ޢާއްމުކޮށް ކާންގެންގުޅޭ ބިހެއްނޫނެވެ. އެއީ ދަގަނޑު ބިހެކެވެ. އޭގެ އަގު ދީނާރުގެ ¼ އާއި އެއްވަރެވެ. އަދި ވާފަށަކީވެސް އޭގެ އަގު ދީނާރެއްގެ ¼ އާއި އެއްވަރެވެ.
 ޙަދީޘްގައި ބިހާއި ވައުފަށުގެ ވާހަކަ އައިސްފައިވާއިރު އެއީ އޭގެ ޖިންސް ހިމެނޭ ގޮތަށެވެ. އެންމެ ބިހެއްނޫނެވެ. އަދި ވާފަށްވެސް ހަމައެފަދައެވެ. އޭގެ އަގު ދީނާރުގެ ¼ އާއި އެއްވަރު މިންވަރެކެވެ.


ދީނާރުގެ 4/1 ވަގަށް ނުނެގިނަމަވެސް އެމިންވަރުގެ މުދާ ވަގަށްނެގުން.

ދީނާރުގެ 4/1 އަށްނުވިޔަސް އެމިންވަރުގެ މުދާ ވަގަސްނަގައިފިނަމަ އަތްކަނޑަންޖެހޭނެއެވެ. ދީނާރު އަގުކުރާނީ ޚާލިޞްރަނުގެ އަގުންނެވެ. ޝާފިޢީގެފާނު ވިދާޅުވިއެވެ. "އެއްޗެހީގެ ޙަޤީޤީ އަގަކީ ރަނެވެ. އެހެނީ މިބިމުގެ ހުރިހާ ޖަވާހިރެއްގެ އަޞްލަކީ ރަނެވެ."
ދީނާރުގެ 4/1 ގެ ނިޞާބު ބަލާނީ މުދާވަގަށްނެގި ވަގުތުގެ އަގަށެވެ. ވައްކަންކުރިއިރު އެއްޗެއްގެ އަގު ދީނާރުގެ 4/1 އަށްވުރެ ބޮޑުވެފައި ވަގަށްނެގި ފަހުން އެގެ އަގު ދެއްކިއަސް މިދަށްވުމަކަށް ނުބަލާނެއެވެ. އަދި އަތްކަނޑާނެއެވެ. އަދި ވައްކަންކުރި އިރު ދީނާރުގެ 4/1 ގެ އަގަށް ނާރާ އޭގެފަހުން އެ ނިޞާބު ހަމަވިޔަސް ވަގުމީހާގެ އަތެއްނުކަނޑާނެއެވެ.

ދެވަނަ ރުކުން: ވަގު.
ވަގަށް އެއްޗެއް ގެންގޮސްފިނަމަ ވަގަށް ނެގި އެއްޗާއިމެދު ވަގު ޖާމިންވާން ޖެހޭނެއެވެ. ހަލާކުވިއަސް ނުވިއަސް މެއެވެ. މިއީ އިމާމް ޝާފިޢީއާއި އދި އިމާމް އަޙްމަދާއި އިސްޙާޤް ބިން ރާހޯޔާގެ މަޒުހަބެވެ. މީގެއިން ދޭހަވަނީ ހަލާކުވެއްޖެނަމަ އޭގެ އަގު ދޭން ޖެހޭނެކަމެވެ. ޙާކިމާއާއި ހަމައަށް ގެންދެވުމުގެ ކުރީގައި ތަވްބާވެ ވަގަށް ނެގުނު އެތި އޭގެ ޙައްޤުވެރިޔާއަށް ޙަވާލުކޮށްފިނަމަ ނޫންނަމަ މަޢާފަށް އެދި މަޢާފް ކޮށްފިނަމަ އެހައި ހިސާބުން މައްސަލަ ނިމުނީއެވެ. އެހެނީ ﷲގެ ޙައްޤުތައް އެއިލާހު ތަވްބާއިން ފުއްސަވާދެއްވާނެއެވެ. ޙައްދު ޤާއިމް ކުރުމަށްޓަކައި ވަގަށްނެގިމީހާގެ ވަކި ޝަރުޠުތަކެއް ހަމަވާން ޖެހެއެވެ. އެޝަރުޠުތަކަކީ:
1- މުސްލިމަކަށްވުން.
2- މުކައްލަފަކަށްވުން.
3- ވައްކަންކުރުމަކީ ޙަރާމްކަމެއްކަން ދަތުން.
4- އެއްވެސް މަޖްބޫރަކާއި ނުލައި އަމިއްލަ އިޚްތިޔާރުގައި ވައްކަންކުރުން.
5- ވައްކަންކުރިކަން 2 ހެކީންގެ ހެކިބަހުން ނުވަތަ އަމިއްލަ އިޢްތިރާފުން ސާބިތުވުން.


ގިނަބަޔަކު ރާވައިގެން ވައްކަން ކުރުން
ގިނަބަޔަކު ރާވައިގެން ވައްކަން ކުރުމުން އެވަގަށް ނެގި މުދަލުގައި ނިޞާބު ހަމަވާ ކަމުގައިވާނަމަ އެބައިވެރިވީ އެންމެންގެ އަތް ކެނޑޭނެއެވެ. ނަމަވެސް މަޖްބޫރު ކުރުވައިގެން ވައްކަމުގައި ބައިވެރިކޮށް އެކަން ސާބިތުވެއްޖެނަމަ އެމީހެއްގެ އަތް ނުކެނޑޭނެއެވެ.

ތިންވަނ ރުކުން: ވައްކަން.
އެވައްކަމަކީ ޢުދުވާނުން ނަޙައްޤު ގޮތުގައި ކުރިކަމަކަށްވާން ޖެހޭނެއެވެ. އަދި ސިއްރިޔާތުގައި ކުރިކަމަކަށްވެސް ވާންޖެހޭނެއެވެ. ވުމާއި އެކު މަގުމަތީގައި ހުރި މުދާތަކެއް ގެންދިޔަކަމުގައިވިއަސް އެއީ ވައްކަމެއްކަމަށް ނުބެލެވޭނެއެވެ. އެއީ ވައްކަމުގައ ހުންނަންޖެހޭ ޝަރުޠުތައް ހަމަނުވާތީއެވެ. ހަމައެފަދައިން ވައްކަންކޮށް ނިންމަންވާނެއެވެ. މުދާތަކެއް ވަގަށް ނަގަންވެގެން ސިއްރިޔާތުގައި ނަގައިގެން ދަނިކޮށް މީހަކަށް ފެނުމުން ނުވަތަ ނުފެނުނަސް އަމިއްލައަށް ބިރު ހީވެ، އަމިއްލައަށް އައިސް އެމުދާ ހުރިތަނުގައި ބަހައްޓައިފި ނަމަ ވައްކަން ފުރިހަމަ ނުވެއެވެ. ވައްކަން ކުރަން އުޅުނީއެވެ. 


ހަމަ އެފަދައިން ވަގަށް މީހެއްގެ ރުކުން ކާށި އެޅުމަށްފަހު ބިންމައްޗަށް އުކާލާފައި ހިނގައްޖެނަމަވެސް ވައްކަމަކަށް ނުވާނެއެވެ. އެވާނީ ގެއްލުންދިނުމަކަށެވެ. އަދި މީގެ އިތުރަށް ވަގަށް ނެގުނުއެތި ރައްކާ ކުރެވިފައި އޮތް ތަނަކީ އަމާންކަން ލިބޭފަދަ ތަނަަކަށް ވާންޖެހޭނެއެވެ. އަދި އެމުދާ ރައްކާ ކުރުމަށް އެކަށީގެންވާ ތަނަކަށްވެސް ވާން ޖެހޭނެއެވެ. އެކަށީގެންވާ ތަނެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އާދަކާދައެވެ. އާދަ ކާދައިގައި އެއީ އެކަށީގެންވާ ތަނެއްކަމުގައިވާނަމަ އެތަނުން ވަގަށް ނެގުމުން އަތް ކެނޑޭނެއެވެ. ﷲ ގެ ރަސޫލާ ޞަފްވާން ބިން އުމައްޔާ މިސްކިތުގައި ނިދާފައި އޮއްވާ ރިދާ ވަގަށް ނެގިމީހާގެ އަތް ކެނޑުއްވިއެވެ.


އެމުދާ ރައްކާ ކުރެވިފައިވާން ޖެހޭނެކަމުގެ ދަލީލަކީ لا تقطع اليد في ثمر معلق فإذا ضمه الجرين قطعت في ثمن المجن . [ رواه النسائي ] މާނައަކީ:"އެލުވިފައިވާ މޭވާ ވަގަށް ނެގިކަމުގައިވިއަސް އަތް ނުކެނޑޭނެއެވެ، އެކަމަކު އެއްޗަކަށް އަޅާފައި ރައްކާކޮށްފައިވަނިކޮށް ވަގަށް ނަގައިފިނަމަ 10 ދިރުހަމުގެ އަގު އެކުލެވިފައިވާނަމަ އަތް ކެނޑޭނެއެވެ". މިޙަދީޘުން ރައްކާކުރެވިފައިވާ ތަނުގެ މުހިއްމުކަން ހާމަވެއެވެ. އަދި މީގެ އިތުރަށް ރައްކާކުރުމަށް ބަލަން ޖެހޭ ކަންތައްތަކެއްވެއެވެ. އެއީ:
1- މުދަލުގެ އަގު.
2- ތަނުގެ ބޮޑުމިން.
3- އަމާންވަގުތާއި ނާމާން ވަގުތު.
4- ޙައްޤު ހޯދައިދޭ ތަންތަނާއި އެނޫން ތަންތަން.
5- ރޭގަނޑާއި ދުވާލް.



ޝަރުޠު ހަމަވެފައިވާ ވައްކަމުގައި ހުންނަންޖެހޭ ސިފަތައް:

1- ވައްކަން ކުރާ މީހާއަކީ މުސްލިމަކަށް ނުވަތަ ޒިއްމީއަކަށް ވުން.
2- ވައްކަންކުރާ މީހާ ނެގި މުދަލުގައި ނިޞާބު ހަމަވެފައިިވުން.
3- ވަގަށް ނެގި މުދަލަކީ އެކަށީގެންވާ ތަނެއްގައި ރައްކާކުރެވިފައިވާ އެއްޗެއްކަމުގައިވުން.
4- އެ ނެގި އެއްޗަކީ މުދަލެއްކަމުގައިވުން.
5- ލޭ މަޢުޞޫމް ކުރެވިފައިވާ މީހެއްގެ މުދަލަކަށް ވުން.
6- އެ މުދަލުގައި އެއްވެސް ޝުބުހައެއް ނެތުން.
7- އެ މުދާ ވެރިމީހާގެ ހުއްދަޔަކާއި ނުލައި ސިއްރުން ނެގުން.
8- ވިއްކުން ޙަރާމް ކުރެވިފައިވާ މުދަލަކަށް ނުވުން.
9- އެއްވެސް ކަހަލަ ޝުބުހައެއް ނެތް މުދަލަކަށްވުން.


ވަގަށްނެގޭ އެތި ބަލާނީ އޭގެ އަގުންހޭ ނުވަތަ ބަރުދަނުންހޭ؟
ވަގަށް ނެގި އެތީގައި ދީނާރުގެ ¼ ހަމަވާނަމަ އަތްކެނޑުމާއިމެދު ޚިލާފެއްނެތެވެ. އެހެން ނަމަވެސް ދީނާރު ފިޔަވައި އެހެންމުދަލެއްނަމަ އަތްކެނޑުމާއިމެދު ޝާފިޢީ މަޛްހަބުގައި ޚިލާފު އެބަހުއްޓެވެ.


ފުރަތަމަ ރައުޔު: 


ދީނާރު ވަގަށްނުނެގިނަމަވެސް އަދި ދީނާރުގެ ¼ އަގުހަމަނުވާނަމަވެސް އެހާ ބަރުދަން ހަމަވާރަން ވަގަށްނެގިނަމަ ޙުކުމަކީ އަތްކަނޑާކަށް ނުޖެހޭނެއެވެ. އެއީ ދީނާރުގެ ¼ ގެ އަގުހަމަނުވާތީއެވެ. މިގޮތަށް ދެކޭ މީހުން ވިދާޅުވަނީ ވަގަށް ނެގޭއެތި ބަލާނީ އަގުކޮށްގެންކަމަށެވެ.

ދެވަނަ ރައުޔު:


 މިރައުޔުގެ މީހުންބުނަނީ ބަރުދަނުންކަމަށެވެ. އެމީހުން އަގަކަށް ނުބަލައެވެ. ދީނާރުގެ ¼ ގެ ބަރުދަން ހުންނަ ރަން ވަގަށްނެގިނަމަ އަތްކަނޑާނެއެވެ. އޭގައި ދީނާރުގެ ¼ ހަމަވިޔަސް ނުވިޔަސް ބަރުދަން ހަމަވާންޖެހޭނެއެވެ. މިސާލަކަށް އަނގޮނޓިއެކެވެ. އޭގެބަރުދަނުގައި ދީނާރުގެ ¼ ނުވެއެވެ. ނަމަވެސް ދީނާރުގެ ¼ އަށްވުރެ އަގުބޮޑެވެ. އެހެންކަމަށްވާނަމަ ޙުކުމާއިބެހޭގޮތުން މިހެން ވިދާޅުވާ ބޭފުޅުންގެ މެދުގައި އިޚްތިލާފް އެބަހުއްޓެވެ:
ފުރަތަމަ ރައުޔު: އަގުން ނިޞާބުބަލާތީ އަތްކަނޑާނެއެވެ.
ދެވަނަ ރައުޔު: އަތްނުކަނޑާނެއެވެ. އެއީ ބަރުދަން ހަމަނުވާތީއެވެ.
އެންމެ ރަނގަޅު ރައުޔު: މިދެބައިމީހުންގެ ރައުޔަށް ބަލާއިރު އެންމެ ރަނގަޅީ އަގާއި ބަރުދަނަށް ބެލުމަށް ބުނާ މީހުންގެ ރައުޔެވެ.

ވަގަށްނެގި އެތީގެ އަގު ބަލާނީ ކޮންއިރަކު؟
ވަގަށްނެގި އެތީގެ އަގު ބަލާނީ ވަގަށްނެގިއިރުތޯ ނުވަތަ އަތްކަނޑާއިރުތޯ ޢިލްމުވެރިންގެ މެދުގައި ބަޙުޘްކުރެވެއެވެ. އެއްބަޔަކު ވިދާޅުވަނީ އަގު ބަލާނީ އަތްކަނޑާ ވަގުތުގައިއެވެ. އަނެއްބަޔަކު ވިދާޅުވަނީ އަގު ބަލާނީ މުދާ ވަގަށްނެގި ވަގުތުގައިއެވެ. އޭގެ ފަހުން އަގު ދަށްވިއަސް ނުވިއަސް އަތް ކެނޑޭނެއެވެ.

އަތްކެނޑުން
އަތްކަނޑަންޖެހޭކަމުގެ ދަލީލު ވަނީ ޤުރްއާނާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައެވެ. ޤުރްއާނުގެ ދަލީލަކީ: މާތްﷲ ވަޙީކުރައްވާފައިވަނީ:( وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِنَ اللَّهِ وَاللَّهُ عَزِيزٌ حَكِيمٌ ) المائدة: ٣٨ މާނައީ: "ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّهގެ حضرةން ކަނޑައަޅުއްވާފައިވާ عبرةތެރި عقوباتއެއްގެ ގޮތުންނެވެ. اللَّه އީ، عزيزވަންތަ حكيمވަންތަ ރަސްކަލާނގެއެވެ."


އަތްކެނޑުމުގެ ޙުކުމް ބަދަލުނުކުރެވޭނެކަމަށް ޖުމްހޫރު ފިޤްހުޢިލްމުވެރިން ވިދާޅުވެއެވެ. މުދަލުގެ ވެރިފަރާތުން ވިޔަސް އަދި ޙާކިމުއަށްވިޔަސް ނުކުރެވޭނެއެވެ. ނަމަވެސް މުދަލުގެ ވެރިފަރާތުން ޢަފޫކޮށްފިނަމަ އަތްކެނޑުމުގެ ޙުކުމް ދާނެކަމަށެވެ. ހަމައެފަދައިން ދައުލަތުގެ ފަރާތުން ޢަފޫކުރެވޭނެކަމަށް އެމީހުން ބުނެއެވެ. އިންސާނީ މަޞްލަޙަތު އޭގައިވާނަމައެވެ. އަދި ހަމައެފަދައިން އަތްކެނޑުން ލަސްކުރެވޭނެކަމަށްވެސް އެމީހުން ބުނެއެވެ.

އަތް ކަނޑަންވީ މިންވަރު.
ވަގުގެ އެންމެ ފުރަތަމަ ކަނޑާނީ ކަނައަތެވެ. ދެން ވައަތު ފައެވެ. ދެން ވަ އަތެވެ. ދެން ކަނައަތު ފައެވެ. ދެންވެސް ވައްކަން ނުހުއްޓައިފި ނަމަ ބަންދު ކޮށްފައި ބަހައްޓާނީއެވެ. މިމައްސަލާގައި ޢިލްމުވެރީންގެ މެދުގައި އިޚްތިލާފް އެބައޮތެވެ.


އިމާމް ޢަޠާ ވިދާޅުވަނީ ކަނޑަން ޖެހެނީ ހަމައެކަނި ކަނައަތެވެ. އެއްމެ ފަހަރަކު އެވެ. ދެން ކެނޑުމެއް ނެތެވެ. ޟާހިރީ މަޒްހަބުގެ ބޭފުޅުން ވިދާޅުވަނީ ކަނޑާނީ ދެއަތެެވެ. ދެން އިތުރަށް ވައްކަން ކޮށްފިނަމަ ތަޢުޒީރުކުރާނީއެވެ. އިމާމް އަބޫ ޙަނީފާ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތުގައިވަނީ ފުރަތަމަ ފަހަރު ކަނައަތެވެ. ދެން ވައަތު ފައެވެ. އެހައި ހިސާބުން ދެން ނުކެނޑޭނެއެވެ. ދެންވަނީ 3 އިމާމުންވެސް އެއްބަސްވާ އެންމެ ރަނގަޅު ގޮތެވެ. އެއީ އެންމެ ފުރަތަމަ ކަނައަތެވެ. ދެން ވައަތު ފައެވެ. 


 ދެން ވަ އަތެވެ. ދެން ކަނައަތު ފައެވެ. އަތް ކެނޑުމަށްފަހު ލޭ މަނާކުރުމަށްޓަކައި ހޫނުތެލަށް ލުމަށް އައިސްފައިވާ ރިވާޔަތަކީ ޟަޢީފު ރިވާޔަތަކަށް ވުމުން މިކަން ދޫކޮށް ލެވޭނޭ އެއިރަކު އެކަން ކުރުމަށްވާ އެންމެ ފުރިހަމަ ގޮތަށެވެ. އެންމެ ފުރިހަމަ ވަސީލަތަށެވެ. ވަކި އެއްޗަކަށް ޚާއްޞަ ނުކުރެވޭނެއެވެ.


ވައްކަމުން އިސްތިސްނާވާ ޙާލަތްތައް (ވައްކަމުގެ ތެރޭގައި ނުހިމެނޭ ކަންތައްތައް)
ޚިޔާނާތްތެރިވުން (އަލްޚާއިނު) އޭނާގެ ބާރުފޯރާފަށުގައި އެހެންމީހެއްގެ ނުވަތަ ބައެއްގެ މުދަލެއް އެމުދަލުގެ ވެރިފަރާތުގެ ހުއްދައާއި ނުލައި ނެގުމެވެ. މިއީ ވައްކަމެއް ނޫނެވެ. ހަމައެފަދައިން މަކަރާއި ޙީލަތުން މީހުންގެ އަތުން މުދާ އަތުލުމަށްވެސް ވައްކަމޭ ނުކިޔޭނެއެވެ. އެއަށް ޢަރަބިބަހުން ކިޔާނީ އިޚްތިލާސް އެވެ. އެއީ މުޚްތަލިސުންނެވެ. މުޚްތަލިސުންނަކީ އެއީ ވަގުންނެއް ނޫނެވެ. ހަމައެގޮތަށް މަގުފޭރުމަކީވެސް ވައްކަމަށްވުރެ ތަފާތު އެހެނަސް މާނުރައްކާ ބޮޑު އަދި ޢުޤޫބާތްވެސް ބޮޑު ކަންތައްތަކެވެ. 


އަދި ގަދަ ކަމުން މީހުންގެ މުދާ ފޭރުނަސް ވަގެކޭ ނުބުނެވޭނެއެވެ. އެއީ ގަދަ ކަމުން އެއްޗެއް ފޭރިގަތީތީއެވެ. އެއަށް ޢަރަބި ބަހުން ކިޔާނީ ނަހްބެވެ. އެއީ މުންތަހިބުންނެވެ. ވަގުންނެއް ނޫނެވެ. عن جابر عن النبي صلى الله عليه وسلم قال: ليس على خائن ولا منتهب ولا مختلس قطع ﷲ ރުއްސުންލެއްވި ޖާބިރު ﷲގެ ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘް ކުރެއްވި ކަމަށް ވިދާޅުވެއެވެ:"ޚާއިންމީހާއާއި ނަހްބުކުރާމީހާއާއި މުޚްތަލިސްގެ އަތްކެނޑުމެއް ނެތެވެ".



ޙައްދު ޤާއިމް ކުރަންޖެހޭ ވައްކަމެއްކަމުގައި ނުހިމެނޭ ޙާލަތްތައް:
1- ކުއްޔަށް ދީފައިވާ އެއްޗެއް ވެރިފަރާތުން ވަގަށް ނެގުން.
2- ޢާރިޔާގެ މުދަލެއް ވެރިފަރާތުން ވަގަށް ނެގުން.
3- ފޭރިފައިވާ މުދަލެއް ވަގަށް ނެގުން.
4- ތިމާއަށް ހިބައިން ލިބިފައިވާ އެއްޗެއް ވަގަށް ނެގުން.
5- ތަދު މަޑު ދުވަސްވަރު ކާބޯތަކެތި ވަގަށް ނެގުން.
6- މަގުމަތިން މުދަލެއް ނެގުން.
7- ވާރުތަމުދާގަނޑެއް ވަގަށް ނެގުން.
8- ވިއްކުން ޙަރާމް އެއްޗެއް ވަގަށް ނެގުން.
9- ބައްޕަގެ މުދާ ދަރިއަކު ނެގުން.
10- އަންބަކު ފިރިމީހާގެ މުދަލުން ވައްކަން ކުރުން.
11- ވަޤްފް މުދާ ވަގަށް ނެގުން.


އަތްކެނޑުމަށްފަހު ލޭމަނާކުރަން ކަމެއްކުރުން.
ވައްކަން ކުރިމީހާގެ އަތް ކެނޑުމަށްފަހު ލޭމަނާނުވެ މަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެ ރިވާޔަތްތަކުގައި އައިސްފައިވަނީ އޭނާގެ އަތްކެނޑުމަށްފަހު ހޫނު ތެލަށް ލުމަށެވެ. އޭގެ ޙިކްމަތަކީ ލޭމަނާކުރުމެވެ. އަދި ވައްކަން ކުރިމީހާއަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމެވެ.


 އިބްނުލް ޤައްޠާން ޞައްޙަކުރައްވާފައިވާ ޙާކިމާއި ބައިޙަޤީ ރިވާކުރައްވާފައިވާ ރިވާޔަތުން މިކަން ސާބިތުވެއެވެ. އަދި ހަމައެފަދައިން އަތް ކެނޑުމަށްފަހު އަތް އެލުވުމަށްވެސް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. އޭގެ ތެރެއިން އެއްރިވާޔަތެއްގައި އައިސްފައިވެއެވެ:أتي رسول الله صلى الله عليه وسلم بسارق ؛ فقطعت يده ، ثم أمر بها ، فعلقت في عنقه މާނައީ: " ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާގެ އަރިހަށް ވަގަކު ގެނައުމުން އޭނާގެ އަތްކަނޑުއްވައި އޭނާގެ ކޮނޑުގައި އަތް އެލުވުމަށް އަމުރުކުރެއްވިއެވެ. މިޙަދީޘަކީ އިބްނި ޙަޖަރާއި އިބްނުލް މުލައްޤިނާއި އަދި އަލްބާނީ ޙުއްޖަތެއްކަމަށް ބައްލަވާފައިވާ ޙަދީޘެކެވެ.

ވުމާއިއެކު އަތް ތެލަށް ލުމަށްފަހު ބުރިކުރި އަތް ކޮނޑުގައި އެލުވުމަކީ އޭނާ ބޮޑަށް ލަދު ގަންނަކަމަކަށް ވާނެއެވެ. އަަދި ބޮޑަށް ދެރަވާނެކަމަކަށްވެސް ވާނެއެވެ. އެއިރުން އެފަދަ ބޮޑެތި ޖަރީމާތަކަށް އަރައި ނުގަންނާނެއެވެ. އަދި ވައްކަން ކުރުމަށް ޖެހިލުންވާނެއެވެ. ނަތީޖާއަކަށްވާނީ އިސްލާމީ މުޖުތަމަޢުން ވައްކަން ކުރުން ނެތިވެގޮސް އަމަންއަމާންކަން ފެތުރިގެން ދިއުމެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons