Sunday, March 18, 2012

ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.


ކޮންމެ ދުވަހެއްގެ އިރު، އަރައި އޮއްސެނީ އިންސާނާއަށް މެސެޖްތަކެއްދެމުންނެވެ. ކޮންމެ އެއްޗަކަށް ވެސް އަޖަލެއް ކަނޑައެޅިފައިވާކަމުގެ މެސެޖެވެ. އެ އަޖަލު ޖެހުމާއެކީ އިންސާނާގެ އިރުވެސް އޮއްސޭނޭ ކަމުގެ މެސެޖެވެ. ނަމަވެސް މި މެސެޖްތަކުން ޢިބްރަތް ލިބިގަންނަނީ ފަހެ ކޮންބައެއްބާވައެވެ!
އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެއަށް އަޅުގަނޑުމެން ފޮނުއްވެވީ ވަކި މުއްދަތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ހެޔޮޢަމަލުކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ. الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا " އެއިލާހަކީ މަރާއި ދިރުން ލެއްވެވި އިލާހެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން ހެޔޮޢަމަލު ކުރަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ." 
 
އެ މުއްދަތު ހަމަވުމާއެކީ އަޅުގަނޑުމެން މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. އެއީ ކިތަންމެ ޢުމުރުން ހަގު މީހެއް ކަމުގައި ވިއަސްމެއެވެ. إِذَا جَاء أَجَلُهُمْ فَلاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ " އެބައިމީހުންގެ އަޖަލުޖެހޭހިނދު، ފަހެ ހިނދުކޮޅެއްވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އަވަހެއްވެސް ނުމެކުރެވޭނޭމެއެވެ." ނަމަވެސް މިކަމާ މެދު ވިސްނާ ފިކުރުކުރަނީ ފަހެ ކޮންބައެއްތޯއެވެ؟

މީސްތަކުން މިވަނީ ޣާފިލުކަމުގެ ނިދިން ނިދާފައެވެ. ދުނިޔޭގެ ކެހިވެރި މަޅީގައިޖެހިފައެވެ. މަރު މަތިން ހަނދާންނައްތާލާފައެވެ. އެހެން ޙަޔާތެއް ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. އެބައިމީހުން މިދުނިޔޭގައި ވޭތުކުރާ ކޮންމެ ސިކުންތަކީ އެއާ ބެހޭގޮތުން ސުވާލުވެވޭނޭ ސިކުންތެއްކަން އެބައިމީހުންނަށް ނޭނގޭކަހަލައެވެ. ކިޔަމަންތެރި އަޅުންނަށް ސުވަރުގެ، އަދި ނުކިޔަމަންތެރި އަޅުންނަށް ނަރަކަ ވާކަން އެބައިމީހުން ނުދަންނަކަހަލައެވެ. މިއީ އަޅުގަނޑުމެން ނިހާޔަތަށް ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔޭގެ ޙަޔާތަކީ ދާއިމީ ޙަޔާތެއް ނޫނެވެ. މިއީ އިމްތިޙާން ހޯލެކެވެ. މިއީ ދާއިމީ ޙަޔާތް (އުޚްރަވީ ޙަޔާތް) ބާއްޖަވެރި ކުރުމަށްޓަކައި މަސައްކަތްކުރުމަށް އޮތް ޢަމަލުގެ ގޮވައްޗެވެ. އެހެންވީމާ ދާއިމީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މަަސައްކަތްކުރައްވަވާށެވެ. އެޙަޔާތަށްޓަކާ އަޅުގަނޑުމެން ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯ ބައްލަވާށެވެ. 
 
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ބިރުވެތިވާށެވެ. އަދި މާދަމާއަށްޓަކާ ކޮންމެނަފްސެއްވެސް ތައްޔާރުކޮށްފައިވަނީ ކޮން އެއްޗެއްތޯބަލާށެވެ. އަދި ﷲ އަށް ބިރުވެތިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތައް ﷲ މޮޅަށްދެނެވޮޑިގެންވެއެވެ." މިއަދު (ދުނިޔޭގައި) އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. މާދަމާ (ޤިޔާމަތްދުވަހު) އޮތީ ޙިސާބެވެ. ޢަމަލެއްނެތެވެ.
 
 އެހެންކަމުން ބުއްދިވެރިންނަކީ (މުއުމިނުންނަކީ)، ދާއިމީ ޙަޔާތަށްޓަކާ މިފަނާވަނިވި ދުނިޔޭގައި ގަދައަޅާ މަސައްކަތް ކުރާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. ليس للمؤمن راحة دون لقاء الله " ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުން(މަރު) ފިޔަވައި މުއުމިން އަޅާއަށް އަރާމެއްނުވެއެވެ." އަދި ރަސޫލުﷲ ޞައްލަﷲ ޢަލއިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. العبد المؤمن يستريح من تعب الدنيا وأذاها إلى رحمة الله " މުއުމިނުއަޅާއަށް، ދުނިޔޭގެ ވަރުބަލިކަމާއި ދަތިއުނދަގުލުން ސަލާމަތްވެ، އަރާމުލިބެނީ ﷲ ގެ ރަޙްމަތަށް އެނބުރިދިއުމުންނެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިދުނިޔޭގައި ދަތުރުވެރިއެއްގެ ގޮތުގައި ނުވަތަ މަގެއް ހުރަސްކުރާ މީހެއްގެ ގޮތުގައި އުޅުއްވަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ( كن في الدنيا كأنك غريب أو عابر سبيل ) " ދަތުރުވެރިޔެއް ފަދައިން ނުވަތަ މަގެއް ހުރަސްކުރާ މީހެއްފަދައިން ދުނިޔޭގައި އުޅޭށެވެ." ކޮންމެ ވަގުތެއްގައިވެސް މިދުނިޔެ ދޫކޮށް ދާއިމީ ޙަޔާތަށް ދާންޖެހިދާނެކަމަށް ވިސްނަވައި ތައްޔާރުވެލައްވަވައިގެން ހުންނަވާށެވެ. 
 
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅެއްގައި ވެއެވެ. إذا أمسيت فلا تنتظر الصباح، وإذا أصبحت فلا تنتظر المساء. " ހަވީރުވެއްޖެއްޔާ (ހެނދުނުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހެދުނަށް އިންތިޒާރު ނުކުރާށެވެ. އަދި ހެދުނުވެއްޖެއްޔާ (ހަވީރުވަންދެން ހުންނާނޭކަމަށް އުއްމީދުކޮށް) ހަވީރަށް އިންތިޒާރު ނުކުރާށެވެ." އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މި ޙަޔާތުގައި ލިބޭ ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އުއްމަތަށް ނަޞީޙަތް ދެއްވަވާފައެވެ. 
 
އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. اغتنم خمسا قبل خمس " ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. " އޭގެ ތެރެއިން އެއް ކަމަކަށް އެކަލޭގެފާނު ޙަދީޘްފުޅުކުރައްވަވާފައިވަނީ حياتك قبل موتك " މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަނާވަނިވި ދުނިޔޭގެ ކުޑަކުޑަ އުފަލަކަށްޓަކާ، ފަނާވުމެއްނެތް ދާއިމީޙަޔާތް ގެއްލެނި ނުކުރައްވަވާށެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއްގައި ވެއެވެ.فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ " ފަހެ ދުނިޔަވީޙަޔާތް، ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. އަދި ކެހިވެރީން(ޝައިޠާނުން)، ތިޔަބައިމީހުން ﷲ އާއިމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ." އަދި ޝައިޠާނާއަކީ އަޅުގަނޑުމެންގެ ޢަދުއްވެއްކަން ހަނދުމަފުޅު ބަހައްޓަވާށެވެ. 
 
އަޅުގަނޑުމެން ނާކާމިޔާބު އަޅުންތަކެއްކަމުގައި ހެދުމަކީ އެސޮރުގެ މަޤްޞަދެވެ. قَالَ فَبِمَا أَغْوَيْتَنِي لأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ * ثُمَّ لآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَآئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ " އޭނާ (އިބްލީސް) ބުންޏެވެ. އިބައިލާހު އަހަރެން ތެދުމަގުން އެއްކިބާކުރެއްވިފަދައިން ، އެބައިމީހުން (އިންސާނުން) އިބައިލާހުގެ ސީދާވެގެންވާމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. އެއަށްފަހު (ވަސްވާސްދިނުމަށް) އެބައިމީހުންގެ ކުރިމަތިންނާއި ފުރަގަހުންނާއި ކަނާތްފަރާތުންނާއި ވާތްފަރާތުން އަންނަހުށީމެވެ. އަދި އޭގެތެރެއިން ގިނަމީހުންނަކީ ޝުކުރުނުކުރާ އަޅުންތަކެއްކަމުގައި އިބައިލާހަށް ފެންނާނެތެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ގިނަގިނައިން މަރުމަތީން ހަނދުމަކުރައްވަވާށެވެ. އެހެނީ ގިނަގިނައިން މަރުހަދާންކުރުމަކީ މި ދުނިޔޭގެ ކެހިވެރިމަޅިތަކުން ސަލާމަތްވުމަށްޓަކައި ވާ މަގެކެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތަށް ވަދެވަޑައިގެންނެވިއިރު ދުނިޔަވީ (ބޭކާރު) ވާހަކަތަކެއްގެ ތެރެއަށް ގެއްލިފައިތިބި ބަޔަކު އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްފުޅުކުރެއްވިއެވެ. 
 
أما أنكم لو أكثرتم من ذكر هادم اللذات لشغلكم عما أرى فأكثروا ذكر هادم اللذات. " ދުނިޔޭގެ ލައްޒަތު ކަނޑުވާލާ (މަރު) މަތިން ހަނދާންކުރުން ތިޔަބައިމީހުން ގިނަކުރާނަމަ، ތިމަންކަލޭގެފާނަށް މި ފެނިވަޑައިގަންނަވާ ކަންތަކުން ތިޔަބައިމީހުން ދުރުކޮށް، އެހެންކަމެއްގައި ތިޔަބައިމީހުން މަޝްޣޫލުކުރުވީހެވެ. ފަހެ ދުނިޔޭގެ ލައްޒަތާއި މަލައްޒާތު ކަނޑުވާލާ (މަރު) މަތިން ގިނަގިނައިން ހަނދާންކުރާށެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ އަޅުގަނޑުމެން ކޮންމެ މީހަކާވެސް ބައްދަލުކުރާނޭ އެއްޗެކެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ " ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ." މިއަދު ޖަނާޒާ އުފުލަންތިބަ މީހުންގެ ޖަނާޒާ މާދަން އުފުލޭނެއެވެ. މިއަދު މައްޔިތާ ވަޅުލުމަށްފަހު އެނބުރި ގެއަށް އައިމީހުން މާދަމާ ވަޅުލެވޭނެއެވެ. އަދި ތިމަންނައަށްވީ އެންމެ ވިހިއަހަރޭ ނުވަތަ ތިރީސްއަހަރޭ ބުނެ އުޒުރެއް ނުދެއްކޭނެއެވެ. އެމީހެއްގެ އަޖަލު ހަމަވުމާއެކީ އޭނާގެ ފުރާނަ ގެންދެވޭނެއެވެ. ކިތަންމެވަރަކަށް ފިލަން މަސައްކަތް ކުރިކަމުގައިވިޔަސްމެއެވެ.
 
 قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ " ކަލޭގެފާނުވިދާޅުވާށެވެ. ހަމަކަށަވަރުން އެކަމަކުން ފިލަން ތިޔަބައިމީހުން މަސައްކަތްކުރާ މަރު، ތިޔަބައިމީހުންގެ ތެރެއިން ކޮންމެމީހަކާއިވެސް ބައްދަލުކުރާނެތެވެ." ކިތަންމެވަރަކަށް ގާޑުންނާއި ދޮރުފާރަވެރިން ބޭތިއްބި ކަމުގައި ވިޔަސް ސަލާމަތް ނުވެވޭނެއެވެ. أَيْنَمَا تَكُونُواْ يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ " ކޮންމެތަނެއްގައި ތިބި ކަމުގައިވިއަސް ތިޔަބައިމީހުންނާއި މަރު ބައްދަލުކުރާނެއެވެ. އެއީ އުސް ވަރުގަދަ ކިއްލާތަކެއްގައި ތިޔަބައިމީހުން ތިބި ކަމުގައިވީނަމަވެސް މެއެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެއްވެސް މަޚްލޫޤަކަށް މަރުން މިންޖުނުވެވޭނެއެވެ. އެއީ ﷲގެ ޙަޟްރަތުގައި ކިތަންމެ މާތް މަޚްލޫޤެއްކަމުގައި ވީނަމަވެސްމެއެވެ. އެއްވެސް މަޚުލޫގަކަށް މިންޖުވެވޭނޭނަމަ، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިންޖުވެވުނީހެވެ. އެކަލޭގެފާނަށްވެސް މަރާއި ބައްދަލުކުރައްވަވައި މި ދުނިޔެއަށް އަލްވަދާޢުކިޔުއްވަން ޖެހިވަޑައިގެންނެވީއެވެ. މަރުގެ ސަކަރާތާއި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވީއެވެ. 
 
މަރަށް ޙާޟިރުވެވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ ޠާހިރު ހަށިކޮޅުގައި ފެންލައްވަވަމުން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. لا إله إلا الله إن للموت لسكرات " ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް ފަރާތެއްނުވެއެވެ. ހަމަކަށަވަރުން މަރަކީ ވޭންދެނިވި އެއްޗެކެވެ. " މީއީ ﷲ ގެ ޙަބީބް މަރަށް ޙާޟިރުވެވަޑައިގެންނެވި އިރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެވެ. އެބޭކަލެއްގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާ ކަލޭގެފާނު ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވި ކަންތަކެވެ. އެހެންވިމާ އަޅުގަނޑުމެންފަދަ، ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް އޮތްނަމަ އެކަމެއް ކުރަމުންދާ، ނިކަމެތިއަޅުންގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މަރަކީ ވޭންދެނިވި އެއްޗެކެވެ. މުއުމިންއަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާ ދިއުމުގެ ފަސޭހަކަމާ އެކުވެސް އޭނާ މަރުގެ ސަކަރާތާއި ވޭން ތަޙައްމަލުކުރަންޖެހޭނެއެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވި ވަގުތު "މަރަކީ ވޭންދެނިވި އެއްޗެކެވެ" މިހެން ޙަދީޘްފުޅުކުރެއްވުމުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. ދެން އެހެންވީމާ ނުކިޔަމަންތެރި އަޅުން ކުރިމަތިލާން ޖޭހޭނޭ ވޭނާ މެދު ފިކުރުކުރައްވަވާށެވެ.

އާދެ! މުއުމިނު އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.( إِنَّ الْعَبْدَ الْمُؤْمِنَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مَلائِكَةٌ مِنَ السَّمَاءِ ، بِيضُ الْوُجُوهِ كَأَنَّ وُجُوهَهُمُ الشَّمْسُ ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ عَلَيْهِ السَّلام حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الطَّيِّبَةُ ، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ ، قَالَ : فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ) 
 
" ހަމަކަށަވަރުން މުއުމިނުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނު އިރުފަދައިން އަލިވެގެންވާ މަލާއިކަތް ބޭކަލުންތަކެއް،ސުވަރުގޭގެކަފުނާއި ހުވަދު ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ. އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. 
 
      އަދި ވިދާޅުވާނެއެވެ. އޭ ރަނގަޅު ( ހެޔޮލަފާ ) ފުރާނައާއެވެ. ﷲ ގެ މަޣުފިރަތާއި ރުހިވޮޑިގަތުމަށް ނިކުމެގެން އަންނާށެވެ. ދެން އެހިނދު އޭނާގެ ފުރާނަ، އެއްޗަކުން ފެން އޮހޮރިގެން އަންނަފަދައިން، އޭނާގެ ނަފްސާއި ވަކިވެގެންދާނެއެވެ." އަދި ނުކިޔަމަންތެރި އަޅާގެ ފުރާނަ އޭނާގެ ޖިސްމާ ވަކިވެގެންދާނޭގޮތް ބަޔާންކޮށް ދެއްވަވައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. 
 
( وَإِنَّ الْعَبْدَ الْكَافِرَ ، إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا ، وَإِقْبَالٍ مِنَ الاخِرَةِ ، نَزَلَ إِلَيْهِ مِنَ السَّمَاءِ مَلائِكَةٌ سُودُ الْوُجُوهِ ، مَعَهُمُ الْمُسُوحُ ، فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ ، ثُمَّ يَجِيءُ مَلَكُ الْمَوْتِ ، حَتَّى يَجْلِسَ عِنْدَ رَأْسِهِ ، فَيَقُولُ : أَيَّتُهَا النَّفْسُ الْخَبِيثَةُ اخْرُجِي إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ ، قَالَ : فَتُفَرَّقُ فِي جَسَدِهِ ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ مِنَ الصُّوفِ الْمَبْلُولِ )
 
އަދި ހަމަކަށަވަރުން (ނުކިޔަމަންތެރި) ކާފިރުއަޅާ މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަަށް ކުރިމަތިލާންޖެހޭ ވަގުތު ޖެހުމުން، އެބޭކަލުންގެ މޫނުތައް އަނދިރިވެގެންވާ މަލާއިކަތްބޭކަލުންތަކެއް، ނަރަކައިގެ ކަފުން ހިއްޕަވައިގެން އުޑުން ފައިބައިވަޑައިގެން އެ އިންސާނާގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި އޭނާގެ ލޮލުގެ ކޮޅަށް ކިރިޔާ ފެންނަ ހިސާބަށް އެބޭކަލުންގެ ސަފުދެމިގެންދާނެއެވެ.
 
 އެއަށްފަހު މަލަކުލްމައުތު ޢަލައިހިއްސަލާމް ވަޑައިގެން އޭނާގެ ބޮލުގެ ކައިރީ އިށީނދެވަޑައިގަންނަވާނެއެވެ. އަދި ވިދާޅުވާނެއެވެ. އޭ ނުބައި ( ކާފިރު) ފުރާނައާއެވެ. ﷲ ގެ ޢަޒާބާއި ކޯފާއަށް ނިކުމެގެން އަންނާށެވެ. އެ ހިނދު އޭނާގެ ޖިސްމުގެ އެކިތަންތަނަށް އެ ފުރާނަ ފެތުރިގަންނާނެއެވެ. ދެން ތެތްކަފަގަނޑެއްގެތެރެއިން ކަށިއުލެއް ދަމާ ނެރޭ ފަދައިން އޭނާގެ ހަށިގަނޑުން (ގަދަކަމުން) އޭނާގެ ފުރާނަ ދަމާ ނެރެވޭ ހުއްޓެވެ. "

ﷲ ތަޢާލާ ، އަޅުގަނޑުމެންނީ މަރު މަތިން ގިނަގިނައިން ހަނދުމަކުރާ މުއުމިނު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އަދި ފުރާނަ ފަސޭހަކަމާއެކު ހަށިގަނޑުން ވަކިވެގެންދާ ޞާލިޙު އަޅުންތަކެއްކަމުގައި ލައްވާށިއެވެ. އާމީން...

و صلى الله وسلم على نبينا وحبيبنا محمد وعلى آله وصحبه أجمعين. و الحمد لله رب العالمين.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons