Monday, June 24, 2013

އަހަރެންނަށް ޙަޔާތް ދަސްކޮށްދިނީ މިފަދައިންނެވެ..


ޝަޤީޤް އަލްބަލްޚީ، ޙާތިމް އަލްއަޞައްމު އަށް ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. "ތިބާ އަހަރެންނާއެކު މުއްދަތަކަށް އުޅެފީމުއެވެ.... ދެން ފަހެ، ތިބާއަށް ދަސްވީ ކޮންކަމެއްހެއްޔެވެ؟" ޙާތިމް ވިދާޅުވިއެވެ. "އަށްކަމެކެވެ"


1) ފުރަތަމަ ކަމަކީ:" އަހަރެންގެ ޚަލްޤުތަކުންނަށް ބަލައިލީމުއެވެ.... ފަހެކޮންމެ މީހަކަށްމެ ލޯބިކުރާ މީހެއް ލިބިގެންވެއެވެ.  ދެން ގަބުރާއި ހަމައަށް ވާސިލުވާ ހިނދު އޭނާގެ ލޯބިވެރިޔާ ވަކިވެގެންދެއެވެ.... އެހެންކަމުން، އަހަރެންގެ ލޯބިވެރިޔާއަކަށް     ނެގީ އަހަރެންގެ ހެޔޮކަންތަކެވެ. އެއީ ގަބުރުގައި އަހަރެންނާއެކު ވުމަށެވެ."

 2) ދެވަނަ ކަމަކީ:"އަހަރެން ﷲގެ ބަސްފުޅަށް ބަލާ ވިސްނާލީމެވެ.  ((وَنَهــى النفْس عَنِ الهــوَى))  މާނައީ: "އަދި އޭނާގެ ނަފްސު އެދުންތަކުން މަނާކޮށްފި މީހާއެވެ." ދެންފަހެ އަހަރެން ނަފްސު އެދުންތަކުން ދިފާޢުކުރުމަށް ގަދައަޅާ މަސައްކަތް ކުރީމެވެ. އެއީ، ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން މައްޗަށް ނަފްސު ޤަރާރު ވެއްޖެއުމަށް ދާންދެނެވެ."

 3) ތިންވަނަ ކަމަކީ:" އަހަރެންނަށް ފެނުނީ އެއްވެސް އެއްޗެއް މީހަކަށް ލިބިގެންވާނަމަ އެއެއްޗަކީ އޭނާގެ ގާތުގައި އަގުހުރި އެއްޗެއްކަމުގައި ވެއެވެ.... އެއެއްޗެއް ރައްކާތެރި ކުރެއެވެ. ދެން އަހަރެން ﷲ ތަޢާލާގެ ބަސްފުޅަށް ބަލާލީމުއެވެ.

(( مَا عِندَكُــمْ يَنْفَد وَمـا عِندَ الله بَـاق)) މާނައީ: "ތިޔަބައިމީހުންގެ އަތުގައިވާ އެއްޗިއްސަކީ ފަނާވެ ނެތިދާނެ އެއްޗިއްސެވެ. އަދި ﷲގެ ޙަޟްރަތުގައި ވާތަކެއްޗަކީ ފަނާވުމެއްނުވާ އަބަދަށް ދެމިގެންވާ ތަކެއްޗެވެ..." ދެންފަހެ، އަހަރެންނަށް އަގެއްހުރި އެއްޗެއް ލިބޭއިރަށް ﷲއަށްޓަކައި އެކުރިމަތިކުރުވަމެވެ. އެއީ އަހަރެންނަށްޓަކައި އެކަލާނގެ ޙަޟްތަރުގައި ފަނާވުމެއްނުވާ އެއްޗެއް ކަމުގައި ހެދުމަށެވެ."

4) ހަތަރުވަނަ ކަމަކީ:" ހަމަކަށަވަރުން އަހަރެންނަށް ފެނުނީ މީސްތަކުންގެ މުދަލާއި ޙަސަބާއި ޝަރަފުގެ ފަހަތުން އުޅޭތަނެވެ..... އަދި އެއީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ.... ދެން ﷲ ތަޢާލާގެ ބަސްފުޅަށް ބަލާލީމުއެވެ. ((إِن أَكـــرَمـكُـم عِـنـدَ الله أَتْــقَـاكُـم)) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެމާތް މީހަކީ އެންމެ ތަޤުވާވެރި މީހާއެވެ..." ދެނަފަހެ، އަހަރެން ތަޤްވާއަށް ޢަމަލު ކުރީމެވެ. އެއީ އެކަލާނގެ ޙަޟްރަތުގައި މާތްކަން ހޯދުމަށެވެ."

5) ފަސްވަނަ ކަމަކީ:" އަހަރެންނަށް ފެނުނީ މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިވާތަނެވެ. ދެން ﷲ ތަޢާލާގެ ބަސްފުޅަށް އަހަރެން ނަޒަރު ހިންގާލީމުއެވެ. ((نَحْــنُ قَســمنَا بيْـنَهُمْ معيشَتُهـمْ في الحـيَاة الدنْيـا)) މާނައީ: "ދުނިޔަވީ ޙަޔާތުގައި ތިމަން އިލާހުވަނީ އެމީހުންގެ މެދު ދިރިއުޅުން ބައްސަވާފައެވެެ..." ދެން އަހަރެން ޙަސަދަވެރިވުން ދޫކޮށްލީމުއެވެ."

6) ހަވަނަ ކަމަކީ:" އެމީހުން އެކަކު އަނެކަކަށް ޢަދާވަތްތެރިވާ ތަން އަހަރެންނަށް ފެނުނެވެ. ދެން އަހަރެން ﷲ ތަޢާލާގެ ބަސްފުޅަށް ނަޒަރު ހިންގާލީމުއެވެ. (( إن الشَيْطَـان لَكــمْ فَاتَخِــــذُوه عَدُواً)) މާނައީ: "ހަމަކަށަވަރުން ޝައިޠާނަކީ ތިޔަބައިމީހުންގެ މައްޗަށްވާ ޢަދުއްވެކެވެ. އޭނާ ޢަދުއްވެއްގެ ގޮތުގައި ހިފާށެވެ..."

ދެންފަހެ، އަހުރެން އެމީހުންނާއި މެދު ޢަދާވަތްތެރިކަން ދޫކޮށްލާ، ޝައިޠާނާ އެކަނި އެއީ ޢަދުއްވެއް ކަމުގައި ނެގީމެވެ."

7) ހަތްވަނަ ކަމަކީ:" އަހަރެންނަށް ފެނުނީ އެމީހުން ރިޒުޤު ހޯދުމުގައި ވަރުބަލިވެ ނިކަމެތިވެ ގަންނަ ތަނެވެ. ދެން ﷲ ތަޢާލާގެ ބަސްފުޅަށް ބަލާލީމުއެވެ. ((وَمَا مِن دَابَةٍ في الأَرْض إلاَّ علـى الله رِزْقـهـا)) މާނައީ: " ބިމުގައިވާ ކޮންމެ ދާއްބައެއްމެ، އޭގެ ރިޒުޤުގެ ކަންތައް ﷲއަށް މެނުވީ ނުވެއެވެ..." ދެންފަހެ، އެކަލާނގެ ޙަޟްރަތުން އަހަރެންގެ މައްޗަށްވާ ކަންތައްތަކުގައި މަޝްޣޫލުވީމެވެ. އަދި އަހަރެންނަށްޓަކައި އެކަލާނގެ ޙަޟްރަތުގައިވާ ކަންތައް ދޫކޮށްލީމުއެވެ."

8) އަދި އަށްވަނަ ކަމަކީ:" އަހަރެންނަށް އެމީހުން ފެނުނީ އެމީހުންގެ ވިޔަފާރިތަކާއި އެމީހުންގެ މަސައްކަތްތަކާއި އެމީހުންގެ ހަށިގަނޑުގެ ޞިއްޙަތުގެ މައްޗަށް ބަރޯސާވެގެންވާ ތަނެވެ.... ދެންފަހެ، އަހަރެން ﷲއަށް ބަރޯސާވެ އެކަލާނގެއަށް ވަކީލުކުރީމެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons