ޝައްކެއްނެތްގޮތުގައި ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންވާ މުއުމިނަކަށް ޙަޤީޤީ ހިތްހަމަޖެހުމެއް ލިއްބައިދޭނީ އެމީހަކު ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ﷲ އެންގެވިގޮތަށް ޢަމަލުތަށް ބިނާކުރުމުންނެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބިކުރުމުންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މާތްފޮތް އާދެ! ކީރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވާ ވެއެވެ.
“أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ”
މިއާޔަތުގެ މާނައީ “ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟” (13:28)
އެހެންގޮތަކަށް ދަންނަވަނީނަމަ ﷲ ތަޢާލާގެ މިމާތް ފޮތާ ދުރުހެލިވެ އެއާމެދު ޣާފިލްވެފައިވާ މީހަކަށް ﷲތަޢާލާ މިދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް މުސީބާތްތައް ޖައްސަވާނެއެވެ. ދުނިޔަވީޙަޔާތުގައި އެފަދަމީހާގެ ހިތްހަމަޖެހުމާ ހަމަހިމޭންކަން ގެއްލި އޭނާގެ ދިރިއުޅުން ދަތި އުނދަގޫ ވެގެން ހިނގައިދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
“وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى”
މާނައީ “އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.” (20:124)
އެހެންކަމުން ޙަޤީޤީ ހިތްހަމަޖެހުމާ އުފާވެރިކަމަކީ ދުނިޔަވީ މުއްސަނދިކަމަކުން ނުވަތަ މަޝްހޫރު ކަމަކުން ލިބޭނޭ ކަމެއް ނޫންކަން ވަރަށް ރަނގަޅަށް ދޭހަވެގެން ދެއެވެ. އެހެންނޫންނަމަ ދުނިޔޭގައި މުއްސަނދިކަމުގެ ނިޢުމަތުގައި ދިރިއުޅޭ އެންމެން އުޅޭނީ އަބަދުވެސް އުފަލާއި ހިތްހަމަޖެހުމުގައެވެ. އަދި ކުރިމަތިވާ އިމްތިޙާންތަކަށް ކެތްނުކުރެވިގެން އެފަދަ އެކަކުވެސް އަމިއްލައަށް މަރުވުމުގެ ބޮޑުފާފައަށް އަރައިނުގަތީހެވެ.
އެއާ ޚިލާފަށް ﷲއަށް ޙައްޤުގޮތުގައި އީމާންވެގެންހުރި ފުރިހަމަ މުވައްޙިދަކަށް މިފަދަމުސީބާތްތައް ވެގެންދާނީ އެމީހެއްގެ އީމާންތެރިކަން އިތުރުވެ ﷲ ތަޢާލާއަށް އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަންކަމަށެވެ. އެހެނީ ﷲ ކޮންމެކަމެއްވެސް މެދުވެރިކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ރަނގަޅަށްކަމަށް އޭނާ ޤަބޫލުކުރާނެއެވެ. އަދި އޭނާއަށްޓަކައި އާޚިރަތުގައި ﷲ ތަޢާލާގެ ފަރާތުންވާ ނިޢުމަތްތަކެއް ވާކަން ހަނދުމަކުރާނެއެވެ. އެހިނދު ﷲތަޢާލާ އޭނާގެ ހިތް އުފާވެރިކަމުން ފުރާލައްވާނެއެވެ.
އާޚިރަތަށްޓަކައި މިދުނިޔަވީ ޙަޔާތުގެ ހެއްލުންތެރިކަމުން ދުރުހެލިވެފައިވާ މީހާއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. ކެހިވެރިކަމުގެ ވަޤުތީ އުފަލެއްދޭ އެއްޗެއްކަމުގައިމެނުވީ ދުނިޔޭގެދިރިއުޅުން ނުވެއެވެ.
0 comments:
Post a Comment