“އަމިއްލަގެދޮރާއި، މުދާލާއި ވަޒަން ދޫކޮށް ދަރީންނަށް ކިޔަވައިދިނުގެ މަތިވެރި މަޤްޞަދުގައި މާލެއައިސް ލިބޭ އާމްދަނީ އެކުގައި ނުވަތަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭ ހާލުގައި “ބޮޑު އަގުގައި” މާލެއިން ތަންތަން ހިފައިގެން އަމިއްލަ ރަށާއި، އުޅެން ހަދާފައިވާ ބޮޑެތި ގެދޮރު ދޫކޮށް ދަރިންނަށް ހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި ޤުރުބާން ވަމުންދާ އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! ތިޔަބޭފުޅުންގެ ބެލުމުގެ ދަށުގައިވާ ދަރިން އުޅޭނޫޅޭގޮތް ކިހާވަރަކަށް ބެއްލެވޭތޯއެވެ؟“
ދަރިން ބަލައި ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ މައްޗަށް ވާޖިބު ވެގެންވާ، އެބައިމީހުންގެ އުމުރުން ކިތަންމެ ދުވަހެއްވިޔަސް މިކަމުން އިސްތިސްނާ ނުވެވޭނެ ބޮޑު ޒިންމާއެކެވެ. މިހެންކަމުން ކޮންމެ ބެލެނިވެރިއަކުވެސް އޭނާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ދަރީން ހެޔޮގޮތުގައި މުޖްތަމަޢަށް ނެރެންޖެހެއެވެ.
ދަރީން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމަކީ ވާދަވެރި ވަޒީފާއެކެވެ. އެއީ ތިމާގެ އުމުރުގެ އެންމެ ފަހުވަގުތާ ޖެހެންދެންވެސް އަދާކުރަންޖެހޭ ވާޖިބެކެވެ. އެއީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި މަތިވެރި އަޚްލާޤް ޝަރުތުކުރާ ކަމެކެވެ. އަހަރެންގެ ދަރިފުޅާ އެކު އުޅެނީ ކޮންކަހަލަ ކުދިންނެއްބާވައެވެ؟ އެކުދިންނާ ގުޅިގެން އޭނާ ގޯސްމަގަކުން ހިނގައިދާނެބާވައެވެ؟ ރަހުމަތްތެރިންގެ ގޮތުގައި ތިބީ ހެޔޮލަފާ މީހުންތޯއެވެ؟ އިސްލާމީ ރިވެތި އަޚްލާޤް ދަރިފުޅުގެ ކިބައިގައި އަށަގަންނަމުންދޭތޯއެވެ؟ އަހަރެންގެ ދަރިއަކީ އަނެކާއަށް އަޅާލާ، އޯގާތެރި، ތެދުވެރި ދަރިއެއްތޯއެވެ؟
ދީނުގައި މަނާކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި ދުރުހެލިވެގެންއުޅޭ ދަރިއެއްތޯއެވެ؟ މިއީ ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ މަސައްކަތްކުރާ ހަމަ ކޮންމެ މަންމައަކާއި ބައްޕައަކު ނުވަތަ ކޮންމެ ބެލެނިވެރިއަކުވެސް ކުރަމުން އަންނަ ސުވާލެކެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިއާ ޙިލާފަށް މިއަދު މިސުވާލުތައް ކުރެވެނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްކަންމަތީ ތިބެގެންނެވެ؟ ސަބަބަކީ މީގެ އަހަރުތަކެއް ކުރިއާ މިހާރާ އަޅާކިޔާލާއިރު މިހާރު ޒުވާން ޖީލު އަރައިގަންނަމުން ދަނީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކަށާއި ބޮޑެތި ފާފަތަކަށެވެ.
މިއަދު މުޖުތަމަޢުން ފެންނަމުންދާ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބީރު ކަންފަތެއް ދޭންބޭނުންވިއަސް އެހެން ހެދޭކަށް ނެތެވެ. އަހަރެންގެ ދަރިފުޅު ނުވަތަ ބެލެނިވެރިކަމުގެ ދަށުގައިވާ ދަރިފުޅު ގޯސްމަގަކުން ނުދާނެޔޭ ބުނެ އަޅާނުލާ ތިބެއްޖެނަމަ އެކަމުގެ ހިތި ނަތީޖާ ފެނުން އޮންނާނީ ދާދި ގާތުގައެއެވެ. މިއަދުގެ ޒުވާން ޖީލަށް ދިމާވެފައިވާ ދެރަގޮތްތައް މިއޮތީ ފެންނާށެވެ.
މަސްތުވުމާއި، ތަޅާފޮޅުވާއި މީހުންގެ މުދަލަށް ގެއްލުން ދިނުމާއި، ނަހަލާލު ޖިންސީ ޢަމަލު ތަކެވެ. ދުނިޔޭގައިވާހާ ނުރަނގަޅު ކަންތައްތަކެއްގައި މިއަދުގެ ޒުވާންނުން، ކިޔަވާކުދިން ދަނީ ޖެހެމުންނެވެ. މިކަންތައްތަކުގެ ސަބަބުން އެތައް ކުދިންނެއްގެ ޙަޔާތް ބަރުބާދުވެ، އަދި މިފަދަ ކުދިންގެ ޢާއިލާތައް ވަނީ މާޔޫސްވެ، ހިތްދަތިކަމެއްގެ ތެރޭގައެވެ.
ޚާއްޞަކޮށް އަމިއްލަ ގެދޮރާއި، މުދާލާއި ވަޒަން ދޫކޮށް ދަރީންނަށް ކިޔަވައިދިނުގެ މަތިވެރި މަޤްޞަދުގައި މާލެއައިސް ލިބޭ އާމްދަނީ އެކުގައި ނުވަތަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭ ހާލުގައި “ބޮޑު އަގުގައި” މާލެއިން ތަންތަން ހިފައިގެން އަމިއްލަ ރަށާއި، އުޅެން ހަދާފައިވާ ބޮޑެތި ގެދޮރު ދޫކޮށް ދަރިންނަށް ހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި ޤުރުބާން ވަމުންދާ އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! ތިޔަބޭފުޅުންގެ ބެލުމުގެ ދަށުގައިވާ ދަރިން އުޅޭނޫޅޭގޮތް ކިހާވަރަކަށް ބެއްލެވޭތޯއެވެ؟
ދަރިފުޅު ބަރާބަރަށް ސްކޫލަށް ދޭތޯއެވެ؟ ދަރިފުޅަށް ސްކޫލުން ދޭ ހޯމް ވާރކް ނިންމާތޯއެވެ؟ ދީނުގެ ކަންކަމަށް ފަރުވާތެރިވޭތޯއެވެ؟ ގޭތެރޭގެ މަސައްކަތުގައި ޢަމަލީ ގޮތުން ޙަރަކާތްތެރި ވޭތޯއެވެ؟ ތިޔަބޭފުޅާއަށް ބީރައްޓެހި މީހުންނާއެކު ތަންތަނަށް ދޭތޯއެވެ؟ ޚަރަދު ކުރަނީ ރަނގަޅަށް ތޯއެވެ؟ އަޚްލާޤީ މާތްސިފަ އަށަގަންނަމުންދޭތޯއެވެ؟
ވާހަކަ ދެއްކުމާއި ހެދުން އެޅުމުގައި އިސްލާމީ އުޞޫލްގައި ހިފަހައްޓާތޯއެވެ؟ މަގުމަތީގެ އަދަބުތައް ޒަމާނަށް އައިސްފައިވާ ބަދަލުތަކާ އެކު ކިއައިދޭށެވެ. ހިނގާފައި ދާއިރުގަޔާއި، އިންޖީނުލީ އުޅަނދު ފަހަރު ދުއްވާއިރުގަޔާއި، ބަލާބެލުންތަކުގައެއެވެ. ތިމާއާއި ނުބެހޭ ކަންތައްތަކަށް މިސްރާބް ނުޖެހުމަށް ބުނެދޭށެވެ. ކުއްޖާގެ މިޒާޖަށް އަންނަ ބަދަލުތައް އަމިއްލައަށް ދެނެގަތުމަށް ފަހު ފިޔަވަޅު އަޅުއްވާށެވެ. އަބަދުވެސް ދަރިން ކުރާ ރަނގަޅު ކަންތައްތައް ފާހަގަ ކުރަންވާނެއެވެ. ރަނގަޅު ކަންކަމަށް ހިތްވަރު ދޭންވާނެއެވެ. ގޯސް ކަންތައްތަކާއި ނުރަނގަޅު އެކުވެރިންގެ ކިބައިން ދަރިން ސަލާމަތް ކުރަން ވާނެއެވެ. ތިމާއަކީ އަބަދުވެސް ކުއްޖާގެ އެންމެ ކައިރި މީހާކަން ކުއްޖާއަށް އިހްސާސް ކުރެވެން ވާނެއެވެ.
ކުއްޖާ ބޮޑުވަމުން އަންނައިރު، އެކި އުމުރުގައި ބެލެނިވެރިޔާގެ ޒިންމާ ފުޅާވެގެން ދާންވާނެއެވެ. މި މަރުޙަލާތަކުގައި ދިމާވާ އެންމެހާ ކަމެއްގައި ކެތްތެރިކަމާއެކު ކުރިމަތި ލައްވަވާށެވެ. އަހަރުގެ އިމްތިޙާނުގައި އޭ ރިޕޯރޓަކަށް އުއްމީދު ކުރާ ފަދައިން އެދަރިން ތަރުބިއްޔަތު ކުރައްވާށެވެ.
އަޅުގަނޑުމެން ދަންނަ ޙަޤީޤަތަކީ “ކިތައްމެ މޮޅަށް ކިޔެވިއަސް ރަނގަޅު ތަރުބިއްޔަތެއް ނެތްނަމައީ އެއްވެސް ބޭނުމެއްނެއް ތަޢުލީމެކެވެ”. މޮޅަށް ކިޔަވައިގެން މިސްރާބެއްނެތި މިއަދު މުޖުތަމަޢުގައި އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ދަރިންތޯއެވެ؟ އެދަރިންނާމެދު ފިކުރު ބޮޑުވެ މުސްކުޅިވި ދުވަހު ހާސްކަންމަތީގައި ތިބީ ކިތައް ޢާއިލާތޯއެވެ.
މިސުވާލު އަމިއްލަ ނަފްސަށް ކޮށްލައި އެޅެން އޮތް ފިޔަވަޅެއް އަވަހަށް އަޅުއްވާށެވެ. އެހެންނޫނީ އުމުރު ދުވަހު ކުރި ބުރަމަސައްކަތް އޮންނާނީ “ފޫނެއް ފަޔަށް ފެންފުރުން” ކަމަށް ވެފައެވެ.
0 comments:
Post a Comment