ތިބާގެ އަޚާއާއި ގުޅުން ކަނޑާލުން ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ދީނަށްޓަކައިގުޅުން ކަނޑާލުމާއި ދުނިޔެއަށްޓަކައި ގުޅުން ކަނޑާލުމެވެ. ތިބާ ތިބާގެ އަޚާއަށް ނަޞޭޙަތްދީ، ﷲގެ މަތިން ހަނދުމަކޮށްދީ ހެދުމުންވެސް އޭނާ ނަމާދު ނުކުރާނަމަ، އަދި ނުބައި ބަސްބުނެ، އަދި ފާޙިޝް އަމަލުތައް ނޫނީ ފާފަތަކަށް އަރައިގަނެ އަދި ތިބާގެ ނަޞޭޙަތް ޤަބޫލުނުކުރުމުން ތިބާ ﷲއަށްޓަކައި އޭނާ އާއި ގުޅުން ކަނޑާލައިފިނަމަ އޭގެ ސަބަބުން ތިބާއަށް ޡަވާބު ލިބޭނެއެވެ.
މީގެ ޝަރުޠަކީ ތިބާ އޭނާއާއި ގުޅުން ކަނޑާލަނީ ﷲ އަށްޓަކައި ކަމުގައިވުމެވެ. އަދި ދުނިޔަވީ ކަމަކަށްޓަކައި ނޫނީ ތިބާގެ އަމިއްލަ ކަމަކަށް ކަމުގައި ވެގެންނުވާނެއެވެ.
ހަމައެއާއެކު ތިބާ އޭނާ އާއި ގުޅުން ކަނޑާލަނީ ދުނިޔަވީ އެދުމަކަށް ކަމުގައިވާނަމަ، މި ބާވަތުގެ ގުޅުން ކަނޑާލުން ޙަރާމެވެ. މިއާއި ބެހޭ ގޮތުން ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡް ކުރައްވާފައިވެއެވެ.
“لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثٍ، يَلْتَقِيَانِ فَيُعْرِضُ هَذَا وَيُعْرِضُ هَذَا وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلاَمِ” (رواه البخاري ومسلم)
މާނައީ : “އެއް މުސްލިމަކު އަނެއް މުސްލިމަކާއި 3 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ގުޅުން ކަނޑާލުން ހުއްދައެއް ނޫނެވެ. އަދި އެދެމީހުން ބައްދަލުވެއްޖެނަމަ އެކަކު އަނެކަކަށް މޫނު އަބުރާލައެވެ. އޭގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ އެންމެ ފުރަތަމަ ސަލާމް ގޮވާ މީހާއެވެ.”
މިގޮތަށް ގުޅުން ކަނޑާލުން (ދުނިޔަވީ ބޭނުމަކަށްޓަކައި)، މިއީ ޙަރާމް ކުރެވިގެންވާ ގޮތުގައި ގުޅުންކަނޑާލުމެވެ. ހަމައެއާއެކު ދީނަށްޓަކައި ގުޅުންކަނޑާލުން (ޝަރުޠުތަކާއި އެކު، އެއީ ނަޞޭޙަތްދީ އެތައްފަހަރެއްގެ މަތީން ހަނދުމަކޮށްދިނުމުންވެސް ތިބާގެ ނަޞޭޙަތް ޤަބޫލު ނުކުރާނަމަ އަދި ނުބައި ކަންތައް ކުރުމުގައި ކުރިއަށްދާނަމަ އަދި ތިބާ އޭނާގެ ސަބަބުން ނުބައި ކަންކަމަށް އަރައިގަނެވޭނެ ކަމުގެ ބިރު ހީވާނަމަ އޭނާ އާއި ގުޅުން ކަނޑާލުމަކުން ތިބާގެ މައްޗަށް ކުށެއް ނޯންނާނެއެވެ.
0 comments:
Post a Comment