Sunday, March 1, 2015

ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ.

51b0cfc833d8154056ހައްގުގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށްވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ.

 އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާއަކީ އޭނާއާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ކޮޕީކުރާ މީހެކެވެ.


ވީމާ، މީހެއްގެ ގޮތް ބަލަންވެއްޖެނަމަ ފުރަތަމަވެސް ޖެހެނީ އޭނާގެ އެންމެ އެކުވެރިންނަކީ ކޮންކަހަލަ ބަޔެއްތޯ ބަލާށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (الْمَرْءُ عَلَى دِينِ خَلِيلِهِ ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلْ) މާނައަކީ: “މީހާ ވާކަން ކަށަވަރީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ވީމާ، އެމީހަކާ އެންމެ އެކު އުޅޭ މީހެއްގެ ގޮތް ބަލާށެވެ.” ރަވާހުލް އިމާމުއް ތިރްމިޛީ-ރަޙިމަހުﷲ.

އިސްލާމްދީން އެދީނުގެ އަހުލުވެރިންނަށް އޯގާތެރިވުމުގެ ގޮތުން، އަދި އެބައިމީހުންގެ ޙާލަތު ރަގަޅު ކުރުމަށްޓަކައި އެބައިމީހުންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނޭގޮތް ވަނީ ދަސްކޮށް ދެއްވާފައެވެ. އެގޮތުން ދެއްވާފައިވާ އެންމެ މަތިވެރި އެއް އިރުޝާދަކީ އީމާންކަމުގެ އަހުލުވެރިން ދެކެ ލޯބިވެ، އަދި އީމާންކަމުގެ އަހުލުވެރިންނާއި އެކު އުޅެ، ރަގަޅު ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރުމުންނެވެ.

 ރަސޫލާ صلى الله عليه وسلم އަކީ އެންމެ ތަޤުވާވެރި އެންމެ ޞާލިޙް އިންސާނާ އެވެ. އެކަލޭގެފާނާއި މުޚާޠަބު ކުރައްވާ ސޫރަތުލް ކަހްފުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاصْبِرْ‌ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَ‌بَّهُم بِالْغَدَاةِ وَالْعَشِيِّ يُرِ‌يدُونَ وَجْهَهُ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِ‌يدُ زِينَةَ الْحَيَاةِ الدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِ‌نَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُ‌هُ فُرُ‌طًا ﴿٢٨﴾)

މާނައަކީ: “އަދި އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އެދިގެން، އެކަލާނގެއަށް ހެނދުނާއި، ހަވީރު دعاء ކޮށް އަޅުކަންކޮށް އުޅޭ މީހުންނާއެކު، ކަލޭގެފާނުގެ نفس ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނައަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”

މި އާޔަތުގައި މިވަނީ ހުރިހާ ވަގުތެއްގައިވެސް ޞާލިޙް މީހުންނާއިއެކު އުޅުމަށް އަމުރު ކުރައްވާފައެވެ. އަދިކިއެއްތަ، މިއަމުރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ގޮތުން އަންގަވާފައިވެއެވެ. (وَلَا تَعْدُ عَيْنَاكَ عَنْهُمْ) މާނައަކީ: “ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނައަޅައި ދިޔަނުދެއްވާށެވެ!” މިއިން ދޭހަވަނީ ޞާލިޙް މީހުންނާއިއެކު ނުއުޅެވޭނެ އެއްވެސް ވަގުތުކޮޅެއް އައިސްގެން ނުވާނެކަމެވެ.

މި އާޔަތް ބާވައިލެއްވުމުން އެކަލޭގެފާނަށް އެބަޔަކާ އެކީ އުޅުމަށް އަމުރުވެވިފައިވާ މީހުން ހޯއްދެވުމަށް ރޭގަނޑުގެ ވަގުތެއްގައި ނިކުމެވަޑައިގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ ފަގީރުކަމުންގޮސް ލާނެ ހެދުމަކަށް އެންމެ ހެދުމެއް އޮންނަ، ހަންގަނޑު ހިކިފައިވާ، އިސްތަށިގަނޑު ހާވާލެވިފައިވާ، ބަޔަކު ﷲ އަށް ޛިކްރު ކުރުމުގައި މަޝްޣޫލުވެ ތިބި ތަނެވެ. މިބައިމީހުން ފެނިވަޑައިގަތް އެމީހުންނާއި އެކު އިށީނދެ ވަޑައިގަތް ޙަދީޘް ކުރެއްވިއެވެ. (الْحَمْدُ للَّهِ الَّذِي جَعَلَ فِي أُمَّتِي مَنْ أُمِرْتُ أَنْ أَصْبِرَ نَفْسِي مَعَهُمْ ) މާނައަކީ: “ތިމަންކަލޭގެފާނުގެ ނަފްސު އެބަޔަކާއެކު ކެތްތެރިވެ ހުރުމަށް އަމުރުވެވިގެންވާ ފަދަ ބަޔަކު މިއުއްމަތުގައި ލެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ.”

قال النبي صلى الله عليه وسلم : ( مَثَلُ الْجَلِيسِ الصَّالِحِ وَالسَّوْءِ كَحَامِلِ الْمِسْكِ وَنَافِخِ الْكِيرِ فَحَامِلُ الْمِسْكِ إِمَّا أَنْ يُحْذِيَكَ وَإِمَّا أَنْ تَبْتَاعَ مِنْهُ وَإِمَّا أَنْ تَجِدَ مِنْهُ رِيحًا طَيِّبَةً وَنَافِخُ الْكِيرِ إِمَّا أَنْ يُحْرِقَ ثِيَابَكَ وَإِمَّا أَنْ تَجِدَ رِيحًا خَبِيثَةً ) أخرجه البخاري (5534) ومسلم ( 2628 ) عن أبي موسى الأشعري رضي الله عنه .

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ޞާލިޙު ރަގަޅު އެކުވެރިޔަކާއި ނުބައި އެކުވެރިޔެއްގެ މިޘާލަކީ ބޮމަކަސްތޫރި އުފުއްލާ މީހަކާ އަލިފާން އެންދުމަށް އެއަށް ފުމޭ މީހެއްގެ މިޘާލެވެ. ބޮމަކަސްތޫރި އުފުލާ މީހާގެ ކިބައިން ތިބާއަށް އެތިކޮޅެއް ލިބިދާނެއެވެ.

 ނުވަތަ އޭނާގެ އަތުން އެ ގަނެވިދަނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަހެއް ދުވާފާނެއެވެ. އަލިފާން އެންދުމަށް ފުމޭ މީހާގެ ފަރާތުން ތިބާގެ ހެދުން ރޯވެދާނެއެވެ. ނުވަތަ އޭނާގެ ކިބައިން ދުވާނީ ނުބައިވަހެވެ.” މިއީ އިމާމް ބުޚާރީ އާއި މުސްލިމް އަބޫމޫސަލް އަޝްޢަރީ- ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެކެވެ.
وقال النبي صلى الله عليه وسلم : ( لَا تُصَاحِبْ إِلَّا مُؤْمِنًا وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ ) أخرجه أبو داود ( 4832)

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “މުއިމިނަކު މެނުވީ ތިބާގެ ޞާޙިބާ ކަމުގައި ނުހަދާށެވެ. އަދި ތަޤުވާވެރިޔަކު މެނުވީ ތިބާގެ ކާނާއިން ނުކާ ހުށިކަމެވެ.” ރަވާހު އަލްއިމާމް އަބޫދާވޫދް- ރަޙިމަހުﷲ.

ޞާލިޙް ރަގަޅު ރަޙްމަތްތެރިން އިޚްތިޔާރު ކުރުމުން ލިބޭ ބައެއް ފައިދާތައް ތިރީގައި މިވަނީއެވެ.

1. ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުން. ސޫރަތުއް ޒުޚްރުފްގެ 67 އިން 68 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْأَخِلَّاءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ ﴿٦٧﴾ يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ ﴿٦٨﴾) މާނައަކީ: “އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަކަށް މިއަދު އެއްވެސް ބިރެއް ނެތެވެ. އަދި ހިތާމަކުރާނެ ބަޔަކުކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.”

2. ޞާލިޙު ރަޙްމަތްތެރިން ގެންގުޅޭނަމަ އެމީހުންގެ ހެޔޮ ދުޢާ ތިމާއަށް ލިބޭނެކަން ކަށަވަރެވެ.

3. އެކަކު އަނެކަކު ދެކެ ﷲ އަށް ޓަކައި ލޯބިވެއްޖެނަމަ، ﷲ އެބައިމީހުން ދެކެ ލޯބިވެ ވޮޑިގަންނަވައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ﷲ ތަޢާލާ ގިޔާމަތްދުވަހުން ބަސްވަޙީ ކުރައްވާނެއެވެ. (أَيْنَ الْمُتَحَابُّوْنَ بِجَلَالِيْ، اَلْيَوْمَ أُظِلُّهُمْ فِيْ ظِلِّيْ يَوْمَ لَا ظِلَّ إِلَّا ظِلِّيْ) މާނައަކީ: “ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ ޖަލާލުވަންތަކަމަށްޓަކައި ލޯބިވީމީހުންކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެންހިޔާވަހިކަމެއް ނުވާ މިއަދުގައި އެބައިމީހުންނަށް ހިޔާވަހިކަން ދެއްވާނަމެވެ”.

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (سَبْعَةٌ يُظِلُّهُمُ اللهُ فِيْ ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ”. مِنْهُمْ “… وَرَجُلَانِ تَحَابَّا فِيْ اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ) މާނައަކީ: “ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްމީހަކަށް ހިޔާވަހިކަން ދެއްވާނަމެވެ. އޭގެ ތެރޭގައި ﷲ އަށްޓަކައި ލޯބިވެ ގުޅުންބަދަހިކޮށް، އަދި ﷲ އަށްޓަކައި ވަކިވާ މީހުންވެއެވެ”.

4. ޞާލިޙު ރަޙްމަތްތެރިން އަބަދުވެސް ތިމާއަށް މަގުދައްކާނީ ހެޔޮކަންތަކަށެވެ.

5. ހިތާމަތަކާއި ވޭން އުފުލަން ޖެހޭ ވަގުތުގައި ތިމާއަށް ހެޔޮ މަގު ދައްކައިދޭނެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons