Thursday, June 5, 2014

ޣައިރު އިސްލާމީ ތަހްޒީބުގެ ގެއްލުން


ޣައިރު އިސްލާމީ ތަހްޛީބުގެ ގެއްލުން އެއްވެސް އިސްލާމީ ޤައުމެއްގައި އިސްލާމް ދީނާއި ޚިލާފު ތަހްޛީބެއް ފެތުރިއްޖެނަމަ އެކަމުގެ ނުރައްކާތެރިކަމާއި ގެއްލުންތައް ޣަައިރު އިސްލާމީ ޤައުމެއްގައި އެފަދަ ތަހްޛީބެއް ފެތުރުމަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނޭކަން ޔަޤީނެވެ.



 އެހެނީ ޣައިރު މުސްލިމެއްގެ މައްޗަށް އެފަދަ ތަހްޛީބެއްގެ ނުބައި އަސަރު ކުރާނީ ކޮންމެ ނުބައި ކަމެއްގެ އަސަރު އިންސާނަކަށް ނުވަތަ ޤައުމަކަށް ކުރާވަރަށެވެ. އެކަމަކު އިސްލާމީ ޤައުމެއް އެއްވެސް ކަހަލަ ނުބައި ތަހްޛީބެއްގައި ހިފައިފިނަމަ އެތަހްޛީބެއްގެ ސަބަބުން އެޤައުމެއްގެ އަފްރާދުންގެ އީމާނަށްވެސް ގެއްލުން ނުލިބިއެއް ނުހުންނާނެއެވެ.

 އޭގެ ސަބަބުން އީމާންކަމުގެ މޫތައް ބަލިވެ ނިކަމެތިވާން ފަށާފާނެއެވެ. އެންމެ ފަހުންގޮސް މާތްﷲއާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅުތަކަށް ކިޔަމަންވުމުގެ ބަދަލުގައި އެކަލާނގެއާއި އެކަލާނގެ ރަސޫލާއަށް ބަޣާވާތް ކުރަން ޖެހިދާނެއެވެ. އަދި މިދެންނެވި ބަޣާވާތަށްފަހު، ދުނިޔޭގެ އެއްވެސް ވަފާތެރިއަކަށް އަދި އެއްވެސް ނިޒާމަށް އެމީހަކަށް ކިޔަމަނެއް ނުވެވޭނެއެވެ. އެއީ ކީއްވެތޯއެވެ؟ އެންމެ ފުރަތަމަ އެފަރާތަކަށް ކިޔަމަންތެރިވެ ވަފާތެރިވުން ލާޒިމުވާ ފަރާތަށް ކުރީއްސުރެވެސް އޮތީ ބަޣާވާތް ކުރެވިފައެވެ. 


އާދެ، އެއްވެސް މުސްލިމަކު އެއްފަހަރަކު އިސްލާމީ ޙުކްމަކަށް ނުކިޔަމަންތެރިވިނަމަވެސް، ދެން އޭނާ ދާނީ މަޑުމަޑުން އެހުރިހާ ޙުކުމްތަކަށްވެސް ފަރުވާ ކުޑަކޮށްލައި ނުކިޔަމަންތެރި ވަމުންނެވެ. އެންމެފަހުން ގޮސް ދީނުގެ އެއްވެސް ފަރުޟެއް އޭނާ އަށް އިޙްސާސްވެސް ނުކުރެވޭ ހިސާބަށް ހިނގައިދާނެއެވެ. އަދި އެއްވެސް ޤާނޫނަކަށް އޭނާއަކަށް އިޙްތިރާމެއް ނުކުރެވޭނެއެވެ. އަޚްލާޤުގެ ހުރިހާ ޙުދޫދުތަކުން އޭނާ ބޭރުވަމުންދާނެއެވެ.

ތިޔަބޭފުޅުން ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. އެއްވެސް މީހަކު މާތްﷲއާއި އެކަލާނގެ ރަސޫލާއާއި ކީރިތި ޤުރުއާނަށް އީމާންވުމަށްފަހު، އެކަމަކީ މާތްﷲ މަނާކުރައްވާފައިވާ ކަމެއްކަން ރަނގަޅަށް ދެނެހުރެ އަދި ކީރިތި ރަސޫލާ އެކަމަކުން ދުރުހެލިވުމަށް އަންގަވާފައިވާކަން ދެނެހުރެ އެކަމަށް އަރައިގެންފިނަމަ އާޚިރަތުގައި އަޛާބުލިބޭނޭކަން އަންގަވާފައިވާ ކަމެއްކަން ރަނގަޅަށް ދެނެހުރުމާއެކު އެފަދަ ޢަމަލެއް ހުއްޓުންއަރުވާލެވި ދާނެބާވައެވެ؟ އަދި އޭނާއަށް ދުނިޔޭގެ އެހެން އެއްވެސް ޤާނޫނަކަށް ކިޔަމަންވެވިދާނެބާވައެވެ. ޝައްކެއް ނެތެވެ. އެއަކީ ވާނޭކަމެއްނޫނެވެ.

އެންމެމަތީ ދަރަޖައިގެ މުޤައްދަސް ފަރާތްތަކަށްވެސް އިޙްތިރާމު ނުކުރުމުގެ ޖަޒުބާތު އޭނާގެ ހަށިގަނޑުގެ ތެރޭގައި ވަނީ އުފެދިފައެވެ. އޭނައަށްވަނީ ޤާނޫނަށް ނުކިޔަމަންތެރިވުމުގެ ބަލި ޖެހިފައެވެ. އެހެނީ އޭނާ އެންމެ މަތީ ދަރަޖައިގެ ޤާނޫނަށް ވަނީ ނުކިޔަމަންތެރި ވެފައެވެ. އެހެންކަމުން އޭނާ ޤާނޫނަށް ނުކިޔަމަންތެރިވުން ހުއްޓޭނޭތަނެއް ނާންނާނެއެވެ.

 އެންމެ ފަހުން ގޮސް އޭނާއަކީ ޤާނޫނަށް ބޭވަފާތެރި ވުމުގެ ބަލި ޖެހިފައިވާ މީހަކަށް ވެދާނެއެވެ. މިހިސާބަށް އެބަލި ތަރައްޤީވުމަށްފަހު، އޭނާއަކީ އެއްވެސް ކަހަލަ ޤާނޫނަކަށް ކިޔަމަންތެރިވާނޭ މީހެއްނޫނެވެ. މިފަދަ މީހެއްގެ ގައިގާ އެއްވެސް ތަހްޛީބު ސޮސައިޓީއެއްގައި ބައިވެރިވުމުގެ ޤާބިލިއްޔަތެއް ނުހުންނާނެއެވެ. ނަމަވެސް މިއަދު އޭނާ ވަނީ އިސްލާމީ ސޮސައިޓީގެ މެމްބަރެއްގެ ގޮތުގައެވެ.

ލިޔުނީ: އައްސައްޔިދު އަބުލް އަޢްލާ މަވްދޫނީ -ރަހިމަހުﷲ

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons