وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ( އަންޢާމް 151)
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه .
ބާލިޣުވެ ބުއްދި ސަލާމަތުންހުރި ކޮންމެ އިންސާނަކުވެސް މާތް ﷲ ލައްވާފައިވަނީ އޭނާކުރާ ހުރިހާ ކަމަކަމަކަށް ޒިންމާ ނަގަންޖެހޭ އިންސާނެއްގެ ގޮތުގައެވެ. މި ޝަރުޠު ހަމަވާ އެއްވެސްމީހަކަށް މާތް ﷲ ގެ ދަރުބާރުގައި އޭނާކޮށްފައިވާ އެއްވެސްކަމެއްގެ ފާފައިގެ ޢުޤޫބާތުން މާތް ﷲ މަޢާފު ކުރައްވައިފި މީހަކު މެނުވީ ސަލާމަތެއް ނުވެވޭނެއެވެ.
އެއްވެސް މީހަކަށް ސަމާސައަކަށް އަދި ތަމްސީލަކަށް ނުވަތަ ޖޯކަކަށް ހަދައިގެން ނަމަވެސް މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ދިޔުމުގެ ހުއްދައެއް ނެތެވެ.
އެބަޔަކު ދައްކާ ވާހަކައަކުން ކުށްވެރިނުވާ ތަޅުންތަކާއި ކުރާ ކަންކަމުގައި ކުށްވެރިނުވާ މީހުންނާއި ދައްކާވާހަކައިގައި ޒިންމާ ނަގަން ނުޖެހޭ ބަޔަކު ވާކަމަށް އަމިއްލައަށް ހަދައިގެން އުޅޭ ވަޟުޢީ ނިޒާމްތަކަކީ އެއްވެސް ޙާލެއްގައި އިސްލާމް ދީން ޤަބޫލުކުރާ ނިޒާމެއް ނޫނެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ." وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا ( الإسراء :36) މާނައީ " އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤالކުރައްވާނެ ކަމެއްކަމުގައިވިއެވެ."
ކޮންމެ ތަޅުމެއްގައި ދެއްކިޔަސް ކޮންމެ ހައިސިއްޔަކުން މަސައްކަތް ކުރިޔަސް އޭނާ ކުރާ ކޮންމެކަމަކީ ލިޔެވޭނެ އެއްޗެކެވެ. މާތް ވަޙީކުރެއްވިއެވެ.( مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ) (ق :18) " (ކުރާ عملތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضرވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."
އަދިވެސް ވަޙީކުރައްވާފައި ވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ (10) " އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكةންވެއެވެ. (كِرَامًا كَاتِبِينَ ) (11) (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكةންނެވެ.( يَعْلَمُونَ مَا تَفْعَلُونَ ) (12) ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكةން ދެނެވަޑައިގެންވެތެވެ." ( الإنفطار10- 12)
އިސްލާމް ދީން ޤަބޫލުކުރާ ގޮތުގައި އަނެކުން ކުރާ އެއްވެސް ފާފައެއްގެ ސަބަބުން އަނެކާއަށް ޢަޛާބު ނުދެވޭނެއެވެ. އަދި މީސްތަކުން ކުރާ ފާފައެއް ނުވަތަ ނުބައިކަމެއް ބެލުމަށް ނުވަތަބައެއްގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކާނަމަ ވިޔަސް އެފަދަ މީހުން ކުރާ ފާފަތަކަށް އަރައިގަތުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.
އަދި ކިއެއްތަ އެފަދަ ގޮތަކަށް ޢަމަލުކުރުމަށް ކުރެވޭ ކޮންމެ އަމުރަކީ މާތް ﷲ ކަނޑައެޅިގެން ޙަރާމްކުރައްވާފައިކަމެއް ކުރުމަށް ކުރެވޭ އަމުރެކެވެ. އެފަދަ އަމުރެއް ކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެންނުވެއެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންތެރިވެއްޖެމީހާ އެކުރަނީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ.
އަދި ކިއެއްތަ ފާފަ ކުރުމަށް ފަހު އެކަން ފާޅުކޮށް އެއީ މާމޮޅުކަމެއްކަމަށް ދެކިގެން ދެއްކުމަކީ ފާފަ ކުޅައުމަށް ވުރެ ބޮޑު ފާފައެކެވެ.
ތަފާތު ކަންކަން ދިރާސާކުރުމުގެ ނަމުގައި މީހުން ފާޙިޝްކަންކަން ކުރާ ތަންތަނަށް ގޮސް އެ ފާޙިޝް ކަންކަން ހިންގާފައި އެވާހަ މާމޮޅުކަމެއްގެ ގޮތުގައި ދައްކައި މާތް ﷲ ގެ މިއުޑުދަށުގައި ފަތުރާ ބައެއްގެ ލަދުޙަޔާތް ކޮބައިބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
ޝައްކެއް ނެތެވެ. އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ފާޙިޝް ކަމެއް ކުރުމަކީ އެކަން މަނާކުރެވެން ޖެހޭނެކަމެކެވެ. ނަމަވެސް އެކަން މަނާކުރާށޭ ކިޔައިގެން އެހެން ބަޔަކު އެމީހުންގެ އެނުބައި އަމަލުހިންގުމަކީ އެއްވެސް ޙާލެއްގައި ހުއްދަކަމެއް ނޫނެވެ. އެފަދަ ޢަމަލަކަށް ތާއިދުކުރުމަކީ ވެސް ހުއްދަވެގެންވާނެކަމެއް ނޫނެވެ.
މިފަދައިން ކަންކަންކުރާ މީހުންގެ ވާހަތަކަށް ބަލައިލުމުން އެބައިމީހުންނަށް ހީވެފައި އޮންނަނީ ފާފައަކީ ހަމައެކަނި އެމީހެއްގެ މައްޗަށް ޙައްދެއް ވާޖިބުވާފަދަކަމެއް ކުރުންކަން ދޭހަވެއެވެ. ދެން އޭގެ ބޭރުން އެކުޅަކަންތައްތަކަކީ މާބޮޑު ކަމެއް ކަމުގައި އަދި ކިއެއްތަ އެއީ ނުބައިކަމެއްމަކަމުގައި އެބައިމީހުން ނުދެކޭކަން ޔަޤީންވެއެވެ. އަނެއްކޮޅުން ބަލާއިރު މިފަދަ ތަފްސީލީ ގޮތަކަށް އެކަންކަން ހިނގާ ގޮތް ކިޔައިދެވުން ވެގެން ދާނީ އެފަދަ ކަންކަމަކަމަށް ދަޢުވަތުދީ އެކަންކަން އިޝްތިހާރުކުރުން ކަމުގައެވެ.
އެފަދަ ކަންކަން މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަން ޖެހޭނެއެވެ. ނަމަވެސް އެއީ ޝަރުޢީ އިމުން ބޭރު ނުވެއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ( އަންޢާމް : 151) މާނައީ " އަދި ތިޔަބައިމީހުން ފާޙިޝް ކަންކަމާއި ގާތް ނުވާށެވެ! އެއީ އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ވަންހަނާވެފައިވާ ކަންތައްކާއެވެ."
އެފަދަ ތަންތަނަށް ދިޔުން އެއީ ފާޙިޝް ކަންކަމާއި ގާތްވުން ކަމުގައި ނުވެ ނުދާނެކަން ކަށަވަރެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ." كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلَانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ (البخاري)
މާނައީ " ތިމަންކަލޭގެފާނުންގެ އުންމަތުގެ އެންމެނަކީވެސް ޤިޔާމަތް ދުވަހު މާތް ﷲ މަޢާފުކުރެއްވުމުގެ ފުރުޞަތު އޮތް މީހެކެވެ. ނަމަވެސް އެއީ ފާފާކޮށް ފާފައިގެ ވާހަކަ ފާޅުކުރާ މީހުން ފިޔަވައެވެ. މިގޮތުން ރޭގަނޑު ފާފައެއް ކޮށް ހެނދުނުވާއިރު މާތް ﷲ އެކަން ވަންހަނާކޮށް ދެއްވާފައި ވަނިކޮށް އޭނާ ބުނެއެވެ. އޭ މިވެނި މީހާއެވެ! އަހަރެން ރޭގައި މިވެނި އެވެނި ފާފައެއް ކުރީމުއެވެ. މިގޮތަށް ބުނާ މީހުންނަކީ ފާފަ ފާޅުކުރާ މީހުންނެވެ. އެއިރު މާތް ﷲ ވަނީ އޭނާ ނިވާކޮށް ދެއްވާފައެވެ. ނަމަވެސް އޭނާ އެނިވާއިން ނިކުމެއެވެ."
ވީމާ މިފަދަ ކަންކަން ކޮށްފައިވާ މީހުންނާއި އެކަންކަމަށް އަމުރުކުޅަ މީހުން މާތް ﷲ ގެ ޙަޟުރަތުގައި ފާފާ ފުއްސެވުން އެދި ތައުބާ ވުމަށް ވަޞިއްޔަތް ކުރަމެވެ. ދުނިޔޭގައި ތައުބާ ވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވައެވެ. އަދި އެފަދަ ކަންކަން އިޞްލާޙުކުރުމުގައި ވެސް ޝަރުޢީ އިމުގެ ތެރޭގައި ތިބުމަށް ހުރިހާ ފަރާތްތަކަށް ނަޞޭޙަތްތެރި ވަމެވެ.
މުޖުތަމަޢުގައި ފަސާދައާއި ފާޙިޝް ކަންކަން ފަތުރާ ތަންތަން ހަދާފައިވާ މީހުން ދަންނައެވެ. އޭ ﷲ ގެ އަޅުތަކުންނޭވެ! މާތް ﷲ ގެ ޙަޟުރަތަށް ތިޔަބައިމީހުން އެނބުރިދާން ނުޖެހޭނެކަމަށް ހީކުރާނަމަ އެއީ ކުށް ހީއެކެވެ. އަދި އެފަދަ ތަންތަނުގައި މީހުން ކުރާ ފާފަތަކަށް އެތަންތަނުގެ ވެރިންނާއި އެކަންކަމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން ޒިންމާވާން ނުޖެހޭނެކަމަށް ނުވަތަ އޭގެފާފަ އުފުލަން ނުޖެހޭނެކަމަށް ހީކުރާނަމަ އެވެސް ކުށް ހީއެކެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ. ( وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا وَإِنْ كَانَ مِثْقَالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ (الأنبياء 47) މާނައީ " ތިމަންރަސްކަލާނގެ قيامةދުވަހުން عدلވެރިކަމުގެތިލަފަތްތައް قائمކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفسއަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި މީހާކޮސްފައިވާ ޢަމަލު އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް އެ ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ."
އަދިވެސް ވަޙީކުރެއްވިއެވެ. ( وَعُرِضُوا عَلَى رَبِّكَ صَفًّا لَقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّةٍ بَلْ زَعَمْتُمْ أَلَّنْ نَجْعَلَ لَكُمْ مَوْعِدًا) (48)" އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި اللَّه وحىކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرةއަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ހީކުޅައީ (محشرއަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ."
( وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا ( الكهف : 49- 48) " އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عملތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިއީ ކޮންފަދަ ފަތެއް ހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެފަތުގައި ނުހިމަނައި ދޫކޮށްލާފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عملތައް އެފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިއެއް ނުގަންނަވަތެވެ."
މުސްލިމު އަޅުތަކުންނޭވެ! މިއަދު މިއިން ކޮންމެ ވާހަކައަކަށް މަލާމާތްކޮށް ޖޯކުޖަހާ އުޅޭމީހުން މިތަނުގައި އުޅޭކަން ވެސް އަހުރެމެން ދެނަހުރީމެވެ. އެބައިމީހުން ހީކުރަނީ އެބައިމީހުން ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން ދުނިޔެމަތީގައި އެއްވެސް ކަމެއް ނުފެންނާތީ ޤިޔާމަތް ދުވަހުންވެސް އެއްވެސް ކަމެއް ނުވާނެކަމަށް ހެއްޔެވެ؟
މާތް ﷲ އެފަދަ މީހުން ދޫކުރައްވާފައިވަނީ ދުނިޔެއަކީ އިމްތިޙާނަކަށް ވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّ الَّذِينَ اشْتَرَوُا الْكُفْرَ بِالْإِيمَانِ لَنْ يَضُرُّوا اللَّهَ شَيْئًا وَلَهُمْ عَذَابٌ أَلِيمٌ (177) ހަމަކަށަވަރުން، إيمانކަމުގެ ބަދަލުގައި كافرކަން ގަތްމީހުންނަކަށް އެއްވެސްކަމަކުން اللَّهއަށް ގެއްލުމެއް ނުދެވޭނެތެވެ.
އަދި، އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ." ( وَلَا يَحْسَبَنَّ الَّذِينَ كَفَرُوا أَنَّمَا نُمْلِي لَهُمْ خَيْرٌ لِأَنْفُسِهِمْ إِنَّمَا نُمْلِي لَهُمْ لِيَزْدَادُوا إِثْمًا وَلَهُمْ عَذَابٌ مُهِينٌ ( آل عمران : 177-178 ) " ތިމަންރަސްކަލާނގެ އެއުރެންނަށް (ޖަޒާ ދެއްވުމުގައި) ލަސްކުރެއްވުން އެއީ، އެއުރެންގެ އަމިއްލަ نفسތަކަށް ހެޔޮގޮތެއްކަމަށް كافرވި މީހުން ހީނުކުރާހުށިކަމެވެ! ތިމަންރަސްކަލާނގެ އެއުރެންނަށް އެކަން ލަސްކުރައްވާކަން ކަށަވަރީ، އެއުރެންގެ ފާފަ އިތުރުވުމަށެވެ. އަދި، އެއުރެންނަށް އިހާނަތްތެރިކަން ދެނިވި عذابހުށްޓެވެ."
އިސްވެދިޔަ އާޔަތުން ބަޔާންވަނީ މާތް ﷲ ޢަޛާބުން ހަމައެއްވެސް މީހަކަށް ސަލާމަތް ނުވެވޭބެކަމެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ( لا تزول قدما عبد يوم القيامة حتى يسأل عن أربع عن عمره فيما أفناه وعن علمه ما عمل به وعن ماله من أين اكتسبه وفيما أنفقه وعن جسمه فيما أبلاه ) رواه الترمذي وقال حديث حسن صحيح މާނައީ " ޤިޔާމަތް ދުވަހު ހަތަރުކަމަކާމެދު ސުވާލުވެއްޖައުމަށް ދާންދެން މީހާއަށް އޭނާގެ ދެފައި ހުރިތަނުން ކަހައިނުލެވޭނެއެވެ. އޭނާގެ ޢުމުރު ފަނާކޮށްފައިވާ ގޮތާކައި މެދުގައްޔާއި ، އޭނާ ހޯދާފައިވާ ޢިލްމަކަށް އޭނާ ކުޅައީ ކޮން ޢަމަލެއްތޯއާއި، އޭނާގެ މުދާ ހޯދި ގޮތާއި އެމުދާ ޚަރަދުކުރި ގޮތަކާއި ބެހޭގޮތުންނާއި، އަދި އޭނާގެ ހަށިގަނޑު ބޭނުންކޮށްފައިވާ ގޮތަކާއި މެދުގައެވެ. " ބައެއް ރިވާޔަތް ތަކުގައި އޭނާ ޒުވާން ދައުރު ހޭދަކޮށްފައިވާ ގޮތަކާއިމެދުގައި ސުވާލުކުރެވޭނެކަމަށް ވެސް އައިސްފައި ވެއެވެ.
ކަން މިހެން ހުރި އިރު ހަމައެއް ލަމައެއް ނުބަލާ ހިތުހުރިހާ ގޮތަކުން ފައިސާ ހޯދައި ޙަރާންކަންކަމަށް ފައިސާ ޚަރަދުކޮށް ތިމާމެންގެ ހަށިތައް މާތް ﷲ ނުރުއްސަވާ ކަންކަމުގައި އިސްތިޢުމާލުކޮށްފައި މާތް ﷲ ގެ ޙަޟުރަތަށް އަހަރުމެން ގޮސް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ އަދި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަދި އެދުވަހުން ސަލާމަތްކަން ހޯދުމަށް ދާނީ ކޮން ތާކަށް ހެއްޔެވެ؟
އޭ މާތްﷲ ގެ ބިމުގައި ފާޙީޝް ކަންކަން ފަތުރަން މަސައްކަތް ކުރާ މީހުންނޭވެ! މާތް ﷲ ވަނީ ދުނިޔެއާއި އާޚީރަތުގައި އެފަދަމީހުންނަށް ބޮޑުވެގެންވާ ޢަޛާބުހުރިކަމުގެ އިންޒާރު ދެއްވާފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.( إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ (النور: 19) ހަމަކަށަވަރުން، إيمانވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."
ލޮބުވެތި މުސްލިމު އަޚުންނޭވެ! ވަގުތު ފާއިތު ނުވަނީސް އަވަހަށް ތައުބާގެ މަގު އިޚްތިޔަރުކުރާށެވެ! ފިލާދަނިވި ދުނިޔަވީ ހިޔައްޏަކަށްޓަކާ ހަދާފައިވާ ފާޙިޝް ކަންކަން ކުރާތަންތައް ބަންދުކޮށް މާތް ﷲ ޙަލާލުކުރެއްވި މަގު އިޚްތިޔާރުކުރާށެވެ! ޤައުމުގެ އެންމެހާ ކަންކަން ބަލަހައްޓަން މާތް ﷲ ޙަވަލުކުރައްވާފައިވާ ވެރީންނޭވެ! ތިޔަބައިމީހުންނަށް މާތް ﷲ ޙަވާލުކުރައްވާފައިވާ އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ! މުޖުތަމަޢުގައި ހުރި ފަސާދައިގެ އެންމެހާ ދޮރުތައް މިހާރުން މިހާރަށް ބަންދުކޮށް މިލޮބުވެތި މުސްލިމް ޤައުމުގެ ކަރާމަތް ރައްކާތެރިކޮށް ދެއްވާށެވެ! މާތް ﷲ އަޅަމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށި ! އާމީން
وَمَا عَلَيْنَا إِلَّا الْبَلَاغُ الْمُبِينُ
އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން
وآخر دعوانا أن الحمد لله رب العالمين
0 comments:
Post a Comment