މިއަޖައިބުކުރަނިވި ވާހަކަ ފަހުމުވުމަށްޓަކައި އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭފުޅެއްކަން އެނގުން މުހިންމެވެ. އެކަލޭގެފާނަކީ އިމާމު ދާރިލް ޙިޖްރާގެ(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވި ރަށުގެ އިމާމު)ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޙަދީޘް އިލްމާއި ފިޤުހު ޢިލްމުގައި އިމާމު ދަރަޖައިގެ ބޭކަލެކެވެ.
އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ މާލިކު ބިން އަނަސް ބިން މާލިކު ބިން އަބޫ ޢާމިރެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 93 ވަނަ އަހަރު މަދީނާގައެވެ. އަދި ޢިލްމު ޙާޞިލުކުރެއްވީ މަދީނާއިންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ތާބިޢީބޭކަލުން ހިމެނިވަޑައިގަނެއެވެ. އެގޮތުން އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި އުޅުއްވި އެކަލޭގެފާނު މިނިވަންކުރެއްވި ނާފިޢު ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.
އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި އިމާމު ޝާފިޢީ ހިމެނިވަޑައިގަނެއެވެ.އެކަލޭގެފާނަކީ އިލްމުގައި ކަނޑެއްފަދަ އިޚުލާސްތެރި ވަރަޢަވެރި ބޭކަލެކެވެ. ޙައްޤުގެ ބަސްބުނަންޖެހުނު ވަޤުތު ހައްޤުބަސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އޭރުގެ ވެރިން އެކަލޭގެފާނަށް ވަރަށް އަނިޔާކުރިއެވެ.
އެކަލޭގެފާނުގެ ޙަދީޘްފޮތް މުވައްތާއަކީ ޙަދީޘްފަންނުގައި އެންމެކުރިން ލިޔެވިފައިވާ ފޮތްތަކުގެ ތެރޭގައި ހިމެނޭ ފޮތެކެވެ. މަޝްހޫރު މާލިކީ މަޒުހަބު ނިސްބަތްވަނީ އެކަލޭގެފާނަށެވެ. އެކަލޭގެފާނު ޙަދީޘްފޮތް ލިޔުއްވަނިކޮށް މީހަކު ސުވާލުކުރިއެވެ. ތިޔަށްވުރެ މާ ބޮޑު ފޮތެއް މުޥައްތާގެ ނަމުގައި އެހެން ބޭކަލަކު އެބަލިޔުއްވައެވެ. ތިފޮތް ތިޔަލިޔުއްވަނީ ކީއްކުރަންހެއްޔެވެ؟ އެކަލެގެފާނު ދެއްވި ޖަވާބަކީ ދެމިހުރުން ވަނީ ﷲއަށްޓަކައި ލިޔާއެއްޗެއްކަމަށެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގަތީ ހިޖުރީ ސަނަތުން 179 ވަނަ އަހަރުގައެވެ.
އެކަލޭގެފާނު ދެއްވި ޢިބުރަތްތެރިޖަވާބު
އެކަލޭގެފާނާއި ދީނުގެ މައްސަލައަކާއި ބެހޭގޮތުން މީހަކު ސުވާލުކުރިއެވެ. އެކަލޭގެފާނު ޖަވާބުދެއްވިއެވެ. “ތިމަންނައަކަށް ނޭންގެއެވެ.” އެމީހާ ބުންޏެވެ. އެއީ ވަރަށްލުއި ކުޑަކުޑަ މައްސަލައެކެވެ. ދެން އިމާމު މާލިކު ރަޙިމަހުﷲ ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ. ” ޢިލްމުގައި ލުއިއެއްޗެއް ނުހުރެއެވެ. ޢިލްމުގައި ކޮންމެއެއްޗަކީވެސް ބަރު (ބޮޑު) އެއްޗެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިބަސްފުޅު އަޑުނާހަމުހެއްޔެވެ؟ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ މާނައިގެ ތަރުޖަމާއީ: “ހަމަކަށަވަރުން ތިމަންއިލާހު ބުރަވެގެންވާ ބަސްފުޅު ކަލޭގެފާނުގެ މައްޗަށް ބާވައިލައްވަމެވެ.”
ދެން ޝެއިޚު ޞާލިޙު އާލުއްޝައިޚު ލިޔުއްވާފައިވެއެވެ. ފަހެ ޢިލްމު އެ ޙާޞިލުކުރާ މީޙާއަށް އެއީ ބުރަވެގެންވާ ބަރުދަން ހުރިއެއްޗެއްކަން ދަންނާނެއެވެ. ނަމަވެސް ބައެއް (ޢިލްމީ)މައްސަލަތައް ހަމައެކަނި ކިޔަވާމީހުންނަށް އެވަނީ ފަސޭހަކަމަކަށެވެ. އެ ދެނެގަނެވޭނެއެވެ. އަދި ވާނުވާއޮޅުން ފިލާނެއެވެ. ނަމަވެސް އެބައިމީހުން އެމައްސަލަތައް ބަލައިލާނީ އަވަސްއަވަހަށް މަތިމަތިންނެވެ. ފަހެ އެބައިމީހުންނަށް އެކަމުގެ ސަބަބުން އެތައްކަމެއް (ޢިލްމުން) ރޯނުފިލައިނުވަތަ ގެއްލިފައި އޮވެއެވެ.
ޝެއިޚުގެ ބަސްކޮޅު ނިމުނީ.
0 comments:
Post a Comment