އެކަލޭގެފާނަކީ އަބޫ މުހައްމަދު ޢަޠާއު ބިން ޔަސާރު އަލްމަދަނީ އަލްހިލާލީއެވެ. އެކަލޭގެފާނަކީ ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން މުއުމިނުތަކުންގެ މައިކަނބަލުން ކަމަށްވާ މައިމޫނާ ރަޟިޔަﷲ ޢަންހާ މިނިވަންކުރައްވާފައިވާ އަޅެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 19 ވަނަ އަހަރު ހިސާބުގައެވެ.
އެކަލޭގެފާނުގެ އަޚުންގެ ތެރޭގައި ސުލައިމާން ބިން ޔަސާރު އަދި ޢަބްދުﷲ ބިން ޔަސާރު ހިމެނިވަޑައިގަނެއެވެ.
އެކަލޭގެފާނަކީ ބޮޑެތި ތާބިއީ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ވަރަށް ގިނަ ޞަޙާބީންގެ އަރިހުން ވަރަށް ގިނަ ޙަދީޘް ރިވާކުރެއްވިއެވެ.
އެގޮތުން އެކަލޭގެފާނު ޙަދީޘް ރިވާކުރައްވާފައިވާ ޞަހާބީ ބޭކަލުންގެ ތެރޭގައި ޒައިދު ބިން ޘާބިތު ޒައިދު ބިން ޙާލިދު، އިބުނު އައްބާސް، އަބޫ ހުރައިރާ، އަބޫ ޤަތާދާ އަލް އަންޞާރީ، އިބުނު ޢަމްރު، މުޢާވިޔަތު ބިނިލް ޙަކަމް، އުސާމާ ބިން ޒައިދު ، އަބީ ސަޢީދުލް ޙުދްރީ، އުއްމުލް މުއިމިނީން ޢާއިޝާ އަދި އުއްމުލް މުއުމީނިން މައިމޫނާ – ރަޟިޔަﷲ ޢަންހުމް ޖަމީޢަން – އަދިވެސް އެހެންބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އަދި އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވި ބޭބޭކަލުންގެ ތެރޭގައި ޒައިދު ބިން އަސްލަމް އަދި އަމްރު ބިން ދީނާރު އަދި ސަފްވާން ބިން ސުލައިމް ހިމެނިވަޑައިގަނެއެވެ.
އެކަލޭގެފާނާއި ބެހޭގޮތުން އައިސްފައިވާ ޘަނާގެ ބަސްފުޅުތައް
އަބޫ ޙާޒިމް ވިދާޅުވެފައިވާކަމަށް ރިވާކުރެވިގެން ވެއެވެ.(ޢަޠާއު ބިން ޔަސާރަށްވުރެ ގިނައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅުގައި ވަޤުތު ހޭދަކުރާ މީހަކު ތިމަންނާ ނުދެކެމެވެ.)
އިބުނު އުޔައިނާ ވިދާޅުވެފައިވެއެވެ. އަތާއުއަކީ އަބޫ ހުރައިރާގެ ދަރިވަރުންގެ ތެރެއިން މަޢުރޫފު ބޭކަލެކެވެ.
އިބުނު ސަޢުދު ވިދާޅުވެފައިވެއެވެ. ޘިޤާއެކެވެ. ޤިނަ ޙަދީޘްރިވާކުރައްވާފައިވެއެވެ.
ހަޔާތްޕުޅުގެ ފަހުކޮޅު
އެކަލޭގެފާނު މަދީނާއިން ނުކުމެވަޑައިގެން މައްކާއަށް ފިއްލެވީ ޙައްޖާޖު ބިން ޔޫސުފުގެ “ވޯންޓެޑް” ލިސްޓުގައި ހިމެނިވަޑައިގަތުމާއެކުގައެވެ.
ފަހުން އެކަލޭގެފާނު ދިރިއުޅުއްވީ މިޞްރުގައެވެ.
އިމާމު އިބުނު ޙައްބާން ލިޔުއްވާފައިވެއެވެ. “އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 103 ވަނަ އަހަރު މިސްރުގެ އަސްކަންދަރިއްޔާގައެވެ. “
ނަމަވެސް އެކަލޭގެފާނު އަވަހާރަވީ ނުވަތަ އަވަހާރަކޮށްލެވުނީ(ޙައްޖާޖު ބިން ޔޫސުފް) ހިޖުރީ ސަނަތުން 100 ވަނަ އަހަރުގެ ކުރިން ކަމަށްވެސް ބުނެވެއެވެ.
0 comments:
Post a Comment