Thursday, June 19, 2014

އިސްލާމީ ޢަޤީދާގެފުރިހަމަކަން


ދުނިޔޭގައި ތަފާތު ދީންތަކާއި، ތަފާތު މަޛުހަބުތައް ހުރިއިރު އެކިމީސްމީހުންގެ ޢަޤީދާއާއި، ޤަބޫލުކުރާ ގޮތްތައް ތަފާތެވެ. ބައެއްމީހުންނަށް ރަނގަޅުގޮތް ނޭނގިގެންވެސް ތަފާތު ގޮތްގޮތަށް އުޅެމުންދެއެވެ. އަނެއްބަޔަކަށް ރަނގަޅުގޮތް އެނގިތިބެ އެހެންނަމަވެސް އުޅެންފަސޭހަގޮތެއް އިޚްތިޔާރު ކުރުމުގެ ގޮތުން ފާސިދު ޢަޤިދާއާއި ގޯަސްގޮތްތައް އިޚްތިޔާރު ކުރެއެވެ.

 ކޮންމެއަކަސް ކޮންމެ ޙައިޘިއްޔަތަކުން ބެލިކަމަށްވިޔަސް އެންމެފުރިހަމަ ޢަޤީދާއަކީ އިސްލާމީ ޢަޤީދާއެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. އިންސާނުންނަށް އެންމެ ފުރިހަމަ އަދި އެންމެ ރަނގަޅު ޢަޤީދާއަކީ ކޮބައިކަން ދެނެވޮޑިގެންވާނީ އިންސާނުން ހެއްދެވި ﷲ سبحانه و تعالى‎ އެވެ. އެހެންކަމުން އިންސާނުންގެ ޢަމަލުތައް ބަހައްޓަން ޖެހޭނެގޮތަކީ ކޮބައިކަން، ﷲ سبحانه و تعالى‎ ވަނީ އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނާއި، ނަބީބޭކަލުން މެދުވެރިކުރައްވައި މީސްތަކުންނަށް އަންގަވާދެއްވާފައެވެ.


މުސްލިމުންގެ ނަމުގައި ތިބޭ ބައެއްމީހުން އެމީހުން އުޅެންބޭނުންވާ ގޮތްތައް، އިސްލާމްދީން ހުއްދަނުކުރާތީ އިސްލާމްދީނަކީ މާއުނދަގޫ ދީނެކޭ، އިސްލާމްދީނަކީ މާ އިހުގެ ދީނެކޭ އިސްލާމްދީން ޒަމާނަކަށް ނުފެތެއޭ ކިޔައިގެން ވާހަކަ ދައްކާ އުޅެތެވެ. އަދި ދީނުގެ މެދުމިނުގެ ވާހަކައާއި ދީނުގެފަތުވާތައް ދިނުމުގައިވެސް އެއްވެސް ޖެހިލުމެއްނެތި އެފަދަ ކަންތައްކޮށް އުޅެއެވެ. ހަމައެއާއިއެކު ޢަޖައިބުވާން ޖެހޭ އަނެއްކަމަކީ އެއްގޮތަކަށްވެސް އިސްލާމްދީނަކީ ކީއްކުރާ، ކޮންއެއްޗެއްކަން ނޭނގޭ އަދި ނަމުގައިވެސް މުސްލިމުންގެ ގޮތުގައިވެސް ނުއުޅޭމީހުން އިސްލާމްދީނުގެ މެދުމިނާއި ބައެއް މުސްލިމުންގެ ހަރުކަށިކަމާއި ބެހޭގޮތުން ވާހަކަދައްކާކަމެވެ. މީހަކަށް އެއްޗަކާއި ބެހޭގޮތުން ރަނގަޅު ވާހަކައެއް ނުވަތަ ގޯސްވާހަކައެއް ވެސް ބުނަން އެނގޭނީ އެ އެއްޗަކާއި ބެހޭގޮތުން މަޢުލޫމާތު ކޮންމެވެސް މިންވަރަކަށް ލިބިގެންކަން ބުއްދި ސަލާމަތުން ހުރި ކޮންމެމީހަކުވެސް ޤަބޫލުކުރާނެއެވެ.

މުސްލިމުންނަކީ ﷲ سبحانه و تعالى‎ ގެ އެއްކައުވަންތަކަން ޤަބޫލުކުރާ އަދި މުޙައްމަދުގެފާނަކީ ﷲ سبحانه و تعالى‎ ރަސޫލުކަމާއިގެން ފޮނުއްވި އެހެނިހެން ރަސޫލުބޭކަލުންނެކޭ އެއްފަދަ ބޭކަލެއްކަމާއި އެކަލޭގެފާނަކީ އެންމެފަހުގެ ރަސޫލަ އަދި ނަބިއްޔާކަން ޤަބޫލުކުރާބައެކެވެ. މުސްލިމުންނަކީ ބައެއް ދީންތަކުގައި އޮންނަގޮތަށް ތަފާތު ކަންތައްތަކުގައި ތަފާތު ކަލާނގެތަކެއް ނުވަތަ މާތް ﷲ އަށް ޚާއްޞަވެފައިވާ އެކަލާނގެ މުލްކުގައި އެހެންފަރާތެއްގެ ބައިވެރިވުމެއް ވާކަން ޤަބޫލުކުރާ ބައެއް ނޫނެވެ. މިފަދަ ކަމެއް ޤަބޫލުކުރުމީ އެ މުސްލިމެއްގެ ޢަޤީދާ ފުނޑުފުނޑުވެދާނެ ކަމެކެވެ.

އެއްފަހަރަކު ޔަހޫދީންގެ ޖަމާޢަތެއްގެ ބަޔަކު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ގޮސް ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު އަޅުކަންކުރައްވާ ކަލާނގެ އަހަރެމެންނަށް ނިކަން ސިފަކޮށްދެއްވާ ބައްލަވާށެވެ! އެމީހުން އެސުވާލު އެގޮތަށްކުރީ ކޮންމެހެން އެއްޗެއްް އުނގެނުމުގެ ބޭނުމުގައެއް ނޫނެވެ. އެޔަހޫދީންގެ ބޭނުމަކީ އެކަލޭގެފާނު ދޫފުޅުބަންދުކުރުމުގެ ބޭނުމުގައްޔާއި އެކަލޭގެފާނު ބޭޒާރުކޮށްލުމުގެ ނިޔަތުގައެވެ. ޔަހޫދީންގެ މިސުވާލުކުރުމާއި ގުޅިގެން ﷲ سبحانه و تعالى‎ ސޫރަތުލް އިޚްލާޞް ބާވައިލެއްވިއެވެ. އެ އާޔަތްތަކުގެ މާނައީ " ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ."


 މިސޫރަތުގެ އާޔަތްތަކުގައި ﷲ سبحانه و تعالى އެވަނީ އެކަލާނގެ ޒާތުފުޅު ވަރަށްފުރިހަމަޔަށް ސިފަކުރައްވާފައެވެ. ﷲ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަންކުރާ ފަރާތްތައްވެސް އެމީހުން އެ އަޅުކަންކުރާ ފަރާތްތަކުގައި މިފަދަ ފުރިހަމަ ސިފަތަކެއް ހުރިތޯ ބަލާށވެ. އިލާހެއްކަމަށްވަނީނަމަ އެފަދަ މާތް ސިފަތަކެއް ލިބެންޖެހޭނެއެވެ. އެފަދަ ސިފަތަކެއް އަޅުކަންކުރާފަރާތަކަށް ލިބިގެންނުވާނަމަ އެއީ އަޅުކަންވެވޭ ބާޠިލް ފަރާތެކެވެ. 

ﷲ سبحانه و تعالى ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން އިބްރާހީމް ޢަލައިހިއްސަލާމް އެކަމާއި ބެހޭގޮތުން ވިދާޅުވިބަސްފުޅު ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ އަޅުގަނޑުމެން އެންމެހާ އިންސާނުން އެކަމާމެދު ވިސްނާފިކުރު ކުރުމަށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އެކަލޭގެފާނަށް ތަރިއެއް ފެނިވަޑައިގަތުމުން އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވީ މިއީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެއެވެ. އެހެންނަމަވެސް އެތަރި އޮސްފުހުނުހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އޮއްސި ފުހިދާ ތަކެއްޗަކަށް ތިމަން ކަލޭގެފާނު ލޯތްބެއް ނުކުރައްވަމެވެ.

ލިޔުނީ: ޢަބްދުﷲ ޖަމީލް

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons