Monday, June 30, 2014

ތަރާވީޙް ނަމާދާއި، ދަމުނަމާދު ކުރާބޭފުޅުންނަށް ލުއިފަސޭހަ މައުލޫމާތުތަކެއް

ރަމަޟާންމަހުގެ ރޭއަޅުކަމުގައި ވަރަށްގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދެއެވެ. އެއްބަޔަކު ތަރާވީޙް ނަމާދުގައި ބައިވެރިވާއިރުގައި އަނެއްބަޔަކު ދަމުނަމާދުގަޑީގައި ނަމާދުކުރަމުންދެއެވެ. ހާއްސަކޮށް ތަރާވީޙް ނަމާދުގައި ގިނައަދަދެއްގެ ޖަމާއަތެއް ފެންނަނީ އެނަމާދަކީ ގިނަބަޔަކަށް ބައިވެރިވެވޭ ވަގުތެއް ކަމުގައި ވާތީއެވެ. ނަމަވެސް ދަމު ނަމާދުގައިވެސް ފެންނަ ޖަމާޢަތަކީ މަދުބައެކޭ ދެންނެވޭކަށް ނެތެވެ. ރޭގަނޑުގެ ދަންވަރު ގަޑީގައި ކުރާމިނަމާދުގައިވެސް ގިނައަދަދެއްގެ ބަޔަކު ބައިވެރިވަމުންދާ މަންޒަރަކީ އުފާވެރިކަން ހިތަށްގެނުވައިދޭ މަންޒަރެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭއަޅުކަންކޮށްފައިވާ ގޮތަށްބަލާއިރުގައި އެއްރަކުއަތުގައި ބަޤަރާ ސޫރަތާއި އެކުގައި އެހެން އިތުރު ސޫރަތްތަށްވެސް ކިޔަވާ ވިދާޅުވެދެއްވާކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. އަދި މީގެ އިތުރުން ރުކޫޢުގައި އެހާދިގުކޮށް، އިޢުތިދާލްގައި އެހާގިނައިރު ހުންނަވައި އަދި ސަޖިދައަށްވަޑައިގެން އެހާގިނައިރު ކުރައްވާކަމުގައި ވެއެވެ. އެފަދައިން ކަންތައްކުރުމަކީ އަޅުގަނޑުމެންނަށް ކުޅަދާނަކަމަށް ނުވެދާނެއެވެ. ނަމަވެސް އެއާއި ގާތްކުރާ ވަރަކަށް އަޅުގަނޑުމެން ނަށް އަޅުކަން ކުރެވޭތޯ މަސައްކަތް ކުރެވިދާނެއެވެ. އާންމުކޮށް ޖަމާޢަތުގައި ކުރެވޭ ނަމާދު ތަކުގައި ތަރާވީޙް ނަމާދަށްވުރެ ތަޙައްޖުދު ނަމާދުގައި ދިގުކޮށް ހުރިހާ ރަކްޢަތްތަކެއްވެސް ގެންދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މައްސަލައަކީ ކުޑަވަގުތުކޮޅަކަށް ނަމާދު ކުރުން ދިގުކޮށްފިކަމުގައިވާނަމަވެސް އެކަމަށް އަޅުގަނޑުމެންގެ ހިތްތަކުގައި މާޔޫސްކަން އިތުރުވެގެން ދާދިއުމެވެ.

ގިނަފަހަރަށް ރޭއަޅުކަމަކީ ރަމަޟާންމަހުގައި އެކަނި ކުރާކަމެއްކަމަށް އަޅުގަނޑުމެންގެ އާދަކާދައިގެ ތެރޭގައި ވެގެންގޮސްފައިވާތީވެ، އެގާރަ މަސްދުވަހު ރޭއަޅުކަން ނުކޮށް ރަމަޟާންމަހުގައި ކުއްލިއަކަށް ތަފާތުގޮތަކަށް ނަމާދުކުރަންޖެހުމުން ގިނަބަޔަކަށް އެކަމުން ދަތިތަކެއްކުރިމަތިވަނީއެވެ. ހާއްސަގޮތެއްގައި ރޭގަނޑުގެ ދަމުނަމާދު ކުރާބައެއްމީހުން ބުނާގޮތުގައި ނަމާދުގައި ދިގުކޮށް ރަކްޢަތްތަށް ކުރަންޖެހުމުގެ ސަބަބުން ނިދީގެ އުނދަގޫ ކުރިމަތިވެ ތަފާތުދަތިތަކާއި ކުރިމަތިވާކަމަށެވެ. އަދި ބައެއްފަރާތްތަކުން ނިދީގެ ސަބަބުން ތަޙައްޖުދު ނަމާދު ކުރުމަށް އުނދަގޫވެ ނަމާދު ދޫކޮށް އެނބުރި ގެއަށް އައިސްފައި އެބަހުރިއެވެ. މީގެ އިތުރުން ތަރާވީޙް ނަމާދުގައި ގިނަބަޔަކަށް ދިމާވާ މައްސަލައަކަށްވެސް ވެފައިވަނީ އިމާމާ ދިގުކޮށްކިޔަވާތީވެ ގިނަވަޤުތު ކޮޅަށް ހުންނަންޖެހުމުގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަމާއި ފޫހިކަން މެދުވެރިވުންކަމަށް ގިނަމީހުން ބުނެފައިވެއެވެ. ވީމާ މިކަމަށް ކުޑަވަރެއްގެ އެހީތެރިކަމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް ތަފާތުބޭބޭފުޅުންނާއި ބައްދަލުކޮށް މިލިޔުމުގައި ހިއްސާކޮށްލާނަމެވެ.

ރޭގަނޑުގައި ތަރާވީޙް ނަމާދު ކުރައްވާބޭފުޅުންގެ އެންމެބޮޑު ޝަކުވާއަކަށްވެފައިވަނީ ގިނަވަޤުތު ކޮޅަށްހުރުމުގެ ސަބަބުން ހަށިގަނޑަށާއި ދެފަޔަށް ތަދު އިހްސާސްވުމެވެ. ހާއްސަގޮތެއްގައި މިމައްސަލަ ދިމާވާ އަންހެންކަބަލުން ގިނައެވެ. މިކަމާއިބެހޭގޮތުން ތަފާތު ރޮނގުތަކުން ޢިލްމު ލިބިވަޑައިގެންތިއްބެވި ބޭބޭފުޅުންނާއި އަދި އިންޓަރނެޓްގެ ޛަރިއްޔާއިން ލިބިފައިވާ މައުލޫމާތުގެ މައްޗަށްބުރަވެ ދަންނަވަންޖެހޭނީ މިފަދަ ކަންތައްތައް މެދުވެރިވަނީ މުޅި ދުވާލުގައި މަސައްކަތުގައި އުޅުމަށްފަހު ރޯދަ ވީއްލުމާއިއެކު ކުޑަވަގުތުކޮޅަކަށްފަހު ނަމާދު ކުރަންޖެހުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ބުރަކަން އެވަގުތުގައި އިޙްސާސްވެގެން ދިއުމެވެ. ތަރާވީޙް ނަމާދުގައި އާންމުކޮށް ހޭދަމިވަނީ 1ގަޑިއިރުގެ ވަގުތުކޮޅެކެވެ.


 އަދި ގިނަވަގުތަކީ ކޮޅަށް ހުންނަ ވަގުތެއްކަމުގައި ވުމުން ކުރިންދެންނެވި ވަރުބަލިކަން ހަށިގަނޑަށް ކުރިމަތިވަނީއެވެ. މިކަމަށް އޮތް ރަނގަޅު ހައްލަކީ ތަރާވީޙް ނަމާދަށް ދިއުމަށްކުރިން ތައްޔާރުވުމެވެ. މިސާލަކަށްބުނާކަމުގައިވާނަމަ ރޯދަވީއްލުމަށްފަހުގައި އިޝާނަމާދާއި ޖެހެންދެން އަރާމުކޮށްލުމުން ހަށިގަނޑުން އެބުރަކަން ކޮންމެސް ވަރަކަށް ފިލައިގެންދާނެއެވެ. ނަމަވެސް މިސްކިތްތަކަށް ބާރުބޮޑުކަމުން ގިނަ އަންހެންބޭކަލުން މަޣްރިބްނަމާދު ނިމިގެން ވަޑައިގަންނަވަނީ އިޝާނަމާދާއިއެކު ތަރާވީޙް ނަމާދު ކުރުމަށެވެ. އެހެންކަމުން ހަށިގަނޑަށް ފުރިހަމަ އަރާމުކޮށްލަން އެކަށީގެންވާ ވަގުތުކޮޅެއް ގިނަފަހަރަށް ލިބޭގޮތެއް ނުވެއެވެ.

ބައެއް ސިއްޙީމާހިރުން ލަފާދޭގޮތުގައި ރޯދަ ވީއްލުމަށްފަހުގައި ތަންކޮޅެއް އާދައިގެ ގޮތަކަށް ފަރިއްކުޅުއްވުމަށްފަހު ތަރާވީޙް ނަމާދަށްވަޑައިގަތުމަކީ ހަށިގަނޑަށް ކޮންމެސްވަރެއްގެ ފަސޭހަތަކެއް ލިބޭނެކަމެއްކަމަށެވެ. މިކަމުގައިވެސް އެންމެ ރަނގަޅު ހައްލެއްކަމަށް ސިއްޙީ ތަޖުރިބާހުރި ބޭފުޅަކު ވިދާޅުވީ ފެންތައްޓަކަށް މާމުއި ސަނބުސަލެއް އަޅުއްވާފައި ފެންތަށި ހިއްޕެވުމުން ހަށިގަނޑުގައި ބުންވަރުޖެހި ހަށިގަނޑަށް ބާރުލިބުމަށް މެދުވެރިވަން އަވަސް ވަގުތެއް ނަގާކަމަށެވެ.

 އަދި މިއީ ތަޖްރިބާކުރެވި ގިނަބަޔަކަށް ވަރަށް ގިނަގޮތްގޮތުން ފައިދާކުރި ކަމަކަށް ވެފައިވާކަމަށްވެސް އެބޭފުޅާ މައުލޫމާތުދިނެވެ. ވީމާ ތަރާވީޙް ނަމާދު ކުރުމަށް އުނދަގޫތަށް ކުރިމަތިވާ ބޭފުޅުން މިފަދަ ގޮތަކަށް ކަންތައްތައް ކުރެއްވުމަކީ އަޅުކަމުގައި ގިނަވަގުތު ހޭދަކުރުމަށް ލެވޭބާރެއްކަމުގައި ވާނެއެވެ.

ދެންއޮތީ ތަޙައްޖުދު ނަމާދު ނުވަތަ ރޭގަނޑުގެ ދަންގަޑީގައި ކުރާ ނަމާދެވެ. މިނަމާދުވެސް ގިނަބަޔަކު ކުރަމުންގެންދަނީ ރަމަޟާންމަހުގައެވެ. ހާއްސަކޮށް ފަހު ދިހައިގާ ތަޙައްޖުދު ނަމާދު ކުރާމީހުންގެ އަދަދު އިތުރުވެގެންދެއެވެ. ނަމަވެސް ރަމަޟާންމަސް ނޫނަސް އެހެން މައްސަރުތަކުގައިވެސް ތަޙައްޖުދު ނަމާދު ކުރުމަކީ މިމަހުގައި އެފަދަ ނަމާދު ކުރުމަށް މީހާ ހޭނިގެންދާނޭކަމެކެވެ.

 ދަމުނަމާދު ނުނިދާވެސް ކުރެވިދާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އަރާމުކޮށްލުމަށްފަހުގައި ނަމާދު ކުރުމަކީ އެމީހެއްގެ ހަށިގަނޑަށްވެސް ލިބޭނެ ވަރަށްބޮޑު ފަސޭހައެއްކަމަށާއި "ޞަލަވާތު ޠަޙައްޖަދު"ގެ މާނައީ ވުޖޫދު އަކަށްފަހުގައި، (އޮށޯވެލުމަށްފަހުގައި، އަރާމުކޮށް ނިދާލުމަށްފަހުގައި) ކުރެވޭނަމާދެއްކަމަށެވެ.

ދަމުނަމާދު ކުރާއިރުގައި އެންމެ ގިނަބަޔަކަށް ކުރިމަތިވެފައިވާ މައްސަލައަކީ ނިދީގެ މައްސަލަކަމުގައި ފާހަގަ ކުރެވިފައިވެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ރޭގަނޑު 10އެއްގެ ކުރިން އަރާމުކޮށް ނިދާލުމަށްފަހު ދަންވަރުހޭލައިގެން ނަމާދުކުރުމެވެ. ނަމަވެސް ނުނިދާ 10އެއްގެ ފަސް ކޮށްފިކަމުގައިވާނަމަ މީހާއަށް ނިދީގެ އުނދަގޫ ކުރިމަތިވެ ނަމާދުގައި ތާއްޔާޖެހޭގޮތް މެދުވެރިވާނެއެވެ.

ދަމުނަމާދުގެ އާންމު ވަޤުތަކީ އާންމުކޮށް 1ގަޑިއިރާއި 30 މިނެޓްގެ ވަގުތެކެވެ. މިވަގުތުގައި ހަމަޖެހިލައިގެން ނަމާދު ކުރެވޭނީ އެކަމަށް މީހާ ރަނގަޅަށް ތައްޔާރުވުމުންނެވެ. އެހެންނޫންނަމަ ނަމާދުގެ ވަގުތު ދިގުވެ، ނުވަތަ ނަމާދު ކުރުމަށް އުނދަގޫވާނެއެވެ.

 ދަމުނަމާދު ކުރާގިނަމީހުންގެ މައުލޫމާތަށްބުރަވެ ބުނެވެވޭނީ ދަމުނަމާދު ކުރުމުގެ ކުރިން ހޭލައި ހޫނުފެނުން ފެންވަރައިލުމަކީ ހަށިގަނޑަށް ވަރަށްބޮޑަށް އަރާމުލިބޭކަމެކެވެ. އަދި މީހާގެ ނިދި ފިލައިގެންގޮސް ތާޒާކަންމަތީގައި ހަށިގަނޑު ބެހެއްޓުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ދަންވަރުގެ ވަގުތަކީ އާންމުކޮށް ފިނި ވަގުތެއްކަމުން އެވަގުތުގައި ފިނިފެނުން ފެންވެރުމަކީ މީހާގެ ހަށިގަނޑަށް ކަންނެތްކަން ކުރިމަތިކުރުވާކަމެކެވެ.

ރޭގަނޑުގެ ބުރަ މަސައްކަތެއްގެ ތެރޭގައި އުޅެންޖެހުމުގެ ސަބަބުން 12:30 ހާއިރު ނިދާލެވޭ މީހަކަށްވެސް އަރާމުގައި ހަމަޖެހިލައިގެން ނިދީގެ އިޙްސާސް ކުރިމަތިނުވާނޭގޮތަކަށް ދަމުނަމާދުކުރުމަށް މުހިއްމު އިރުޝާދެއް މިކަމުގެ ތަޖްރިބާކުރި ބޭފުޅެއްގެ ފަރާތުންވަނީ ލިބިފައެވެ. އެބޭފުޅަކު ބުނިގޮތުގައި 12:30 ހާއިރު ނިދާފައި 1:30 ގައި ހޭލައިގެން (ގާތްގަނޑަކަށް ގަޑިއިރެއްގެ ނިދި ނިދާލުމަށްފަހު) ރަނގަޅަށް ފެންވަރައިގެން އެނާރޖީ ޑްރިންކް އެއް ބޯލުމަކީ ނިދީގެ އުނދަގުލުން ސަލާމަތްވެ ދަމުނަމާދުކުރުމަށް ވަރަށްވެސް ފަސޭހަ ގޮތެއްކަމަށެވެ.

 އެގޮތުން ތަފާތު ވައްތަރުގެ އެނާރޖީ ޑްރިންކްސްގެ ތަޖްރިބާކުރިއިރުގައި ހުރިހާ ވައްތަރަކުންވެސް ރަނގަޅު ނަތީޖާއެއް ފެނިފައިވާކަމަށް އެފަރާތުން ބުނިއެވެ. ހާއްސަކޮށް ކަޅުދިރިން ތައްޔާރުކޮށްފައިވާ އެނާރޖީ ޑްރިންކް އެއް ކަމުގައިވާ "އެކްސް 35 ބޮޑީ ފިއުލް" އަކީ ވަރަށްވެސް ރަނގަޅު ބުއިމެއްކަމަށް އެފަރާތުން މައުލޫމާތު ދިނެވެ. އަދި އަގުހެޔޮ ޑްރިންކެއް ކަމުގައިވާ "ޕަވަރގޯލްޑް" އަކީވެސް މީހާ 2ގަޑިއިރެއްހާއިރު ވަރުބަލިކަން އިހްސާސްނުވެ ހިފަހައްޓާ ބުއިމެއްކަމުގައި ވެއެވެ.

ކޮންމެއަކަސް މިއީ ރޭގަނޑުގެ އަޅުކަމުގައި ހޭދަކުރާ ވަގުތުތައް އިތުރު ކުރުމަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމެވެ. ނަމަވެސް އެންމެ މޮޅު އިތުރު ގޮތަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތަށް ނަމާދު ކުރުމަށް އަޒުމް ކަނޑައެޅުމެވެ. އަދި ދަމުނަމާދު ކުރާމީހާވެސް ރޭގަނޑުގެ ބޮޑުބައި މަޖަލާއި މުނިފޫހިފިލުވުމުގައި ހޭދަނުކޮށް ދަމުނަމާދަށް ހޭލުމުގެ ގޮތުން ކުރިން ނިދާލާ ހެދުމެވެ. އަދި ތަރާވީޙް ނަމާދު ކުރާ މީހަކުވެސް ރޭއަޅުކަމަށް ފުރިހަމައަށް ތައްޔާރުވުމެވެ.

އަޅުގަނޑުމެން ކުރާކޮންމެ ނަމާދަކީވެސް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ ނަމާދެއް ކަމުގައި ހަދާށެވެ. ޤާފިލުކަންމަތީގައިތިބެ ނަމާދު ކުރާމީހުންނަށް ހަލާކު ހުރިމަކުގައި ﷲ ވަޙީކުރައްވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންނަކީވެސް ޤާފިލްކަމުގައި ތިބެ ނަމާދު ކުރުމުން އެއްކިބާވެފައިވާ ބަޔަކު ކަމުގައި ވުމަށް އަޒުމް ކަނޑައަޅާށެވެ. ."الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾" މާނައީ: "ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ." [سورة الماعون]

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons