Wednesday, February 4, 2015

ޖިލްބާބް ޖަރީ ކުރުން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

1236894528 (2)އިސްލާމްދީނުގައި މުސްލިމް އަންހެނާ ހިލޭފިރިހެނުން ކުރިމަތީގައި ހެދުން އެޅުމުގައި ވަކި ޝަރުޠުކެއްވެއެވެ. އިސްލާމީ ޝަރުޢުގައި މިގޮތަށް ކަނޑައަޅުއްވާފައިވުމުގެ މަޤްސަދަކީ ފިރިހުންންގެ ބެލުން އަންހެނުންނާއި ދިމާލަށް ނުހުއްޓި އަންހެނާ ރައްކާތެރިކޮށްދީ އަދި މުޖުތަމަޢުގައި ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްނުދިނުމެވެ.



މިގޮތުން އިސްލާމްދީނުގައި އަންހެނުން ހެދުން އެޅުމުގައި ތިރީގައިމިވާ ކަންތައްތައް ޝަރުތުވެވިގެންވެއެވެ.

1. މޫނާއި ދެއަތްތިލާ ފިޔަވައި އަންހެނާގެ މުޅިހަށގަނޑު ފޮރުވޭ ހެދުމެއްކަމުގައިވުން. ޢިލްމުވެރިންގެ ވަނީ އަންހެނާގެ މޫނާއި ދެއަތްތިލާ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމަށް ވިދާޅުވެފައެވެ. މޫނާއި ދެއަތްތިލައާއި މެދު އިޚްތިލާފުވެވަޑައިގެންފައެވެ.

2. އަންހެނާ އަޅާ ހެދުން އޭގެ ޒާތުގައި ޒީނަތްތެރިކަމެއްވާ ހެދުމެއްކަމުގައިނުވުން. އެބަހީ އެހެދުމުކީ އޭގެ ޒީނަތްތެރިކަމުން މީސްތަކުންގެ ނަޒަރު އެއަށް ހުއްޓޭ ހެދުމަކަށްނުވުން. ﷲ ވަޙީކުރައްވާފައިވެއެވެ.

{ وَلَا يُبْدِينَ زِينَتَهُنَّ }{ النور :31}.މާނައީ:”އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ”.

3. އެހެދުމަކީ ތުނިހެދުމެއްކަމުގައި ނުވުމާއި އަދި ގައިގެ ހަމުގެ ކުލަފާޅުނުވާ ހެދުމެއްކަމުގައި ނުވުން. ތުނިހެދުމަކުން ހަށިގަނޑު ނިވާކުރުން ހާސިލެއްކޮށެއް ނުދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.

{ نِسَاءٌ كَاسِيَاتٌ عَارِيَّاتٌ }{ رواه مسلم }.މާނައީ:”ހެދުންލައިހެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ “.

4. ގަޔަށްބާރުވެ ގައިގެވަނާތައް ފާޅުވާ ހެދުމަކަށް ނުވުން. އެއީ ހަށިގަނޑު ނިވާކުރުން ހާޞިލްކޮށްނުދިނުމުގެ އިތުރަށް ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

5. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވަފިވެއެވެ.

{لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ}{ رواه أحمد }.މާނއީ:”އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން(މުސްލިމުން)ގެތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން(މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ.”.

6. ޣައިރު މުސްލިމު އަންހެނުންގެ ހެދުމާއި ވައްތަރު ހެދުމަކަށް ނުވުން. ޣައިރު މުސްލިމުންނާއި ޚިލާފުވެ އެމީހުންނާއި އެއްގޮތްވުމުން ދެރުހެލިވުމަކީ އިސްލާމްދީނުގެ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

{ وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ }{ رواه أحمد وأبو ‏داود}.މާނައީ:”ބަޔާކައި އެއްގޮތްވެއްޖެ މީހާވާހުށި އެބައެއްގެ ތެރެއިންނެވެ”.

7. މީރުވަސްދުވާ ހުވަނދުފަދަ ތަކެތި ލައިގެން ހިލޭފިރިހެނުންގެ ތެރެއަށް ނުނިކުތުން. ސަބަބަކީ މިއީ ފިރިހެނުންގެ ހިއްތައް އަންހެނާއި އާއި ދިމާލަށް ލަނބުވާލާ އަދި ފިތުނަވެރިކުރުވާ ކަމެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.

{ أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ }{ رواه أبو داود الترمذي والنسائي}.މާނައީ:”އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނަގެ އެހުވަނދުވަސްދުވައިފިނަމަ އޭނައަކި ޒިނޭކުރާމީހެކެވެ.( ޒީނޭކުރާމީހެކޭ ބޭނުންކުރވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭކަމެކެވެ)”.

8. ޝުހުރަތުގެ ހެދުމެއްކަމުގައި ނުވުން. އެބަހީ މީސްތަކުންނަށް ތިމާގެ މަޝްހޫރުކަންދައްކާ ހެދުމެއްކަމުގައި ނުވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.

{ مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ }{ رواه أبو داود وحسنه الألباني والأرناؤوط}. މާނައީ:” ދުނިޔެމަތީގައި މަޝްހޫރުކުރުވަނަނިވި(އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮނޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށްހުއްޓި ހެދުންލައިގެންހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަންވަންނަ) ހެދުމެއްލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނައަށް ނިކަމެތިކުރުމުގެ ގޮތުންނެވެ)”.

އަންހެނުން މޭކަޕް ކުރަނީ ފިރިމީހާ އަށް ފަރިދައްކަން ކަމަށްވަނީނަމަ މައްސަލައެއްނެތެވެ. ނަމަވެސް ހިލޭ ފިރިހެނުންނަށް ފަރިދެއްކުމުގެ ގޮތުން މޭކަޕްކޮށް މުނާއި ތުންފަތުގައި ކުލަ ހޭކުމަށްފަހު ފިރިމީހާ ކައިރި އަށް އައިސް ހުރިހާ ކުލަތަކެއް ދޮވެލާ އުޟޫލުން ކުރުމަކީ އިންސާނާގެ ބުއްދިވެސް ގަބޫލު ކުރާ ކަމެއް ނޫނެވެ. އަންހެނާގެ ޒީނަތްތެރިކަން ޚާއްޞަވެގެންވަނީ އެކަނބުލޭގެ ފިރިމީހާ އަށް އެކަންޏެވެ. والله أعلم

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons