ބައެއް އަންހެނުންނަށް ނުވަތަ ބައެއް އަންހެންކުދިންނަށް ހީވެފައި އޮންނަނީ އިސްތަށިގަނޑު ކޮންމެވެސް ގޮތަކުން ނިވާކުރީމަ ދެން ހުރިހާކަމެއްނިމުނީ ކަމުގައެވެ. ބުރުގާއާ އެކުލާ ހެދުން ކޮންމެ ގޮތަކަށް ހުއްޓަސް ހެޔޮކަމަށް ބަލައެވެ. މިއީ ރަނގަޅުގޮތެއްނޫނެވެ.
ގަޔަށް ބާރު ހެދުމާއި ފިނދު މަސްގަނޑު ކަނޑާ ނަގާފައި ހުންނަ ޖިންސު ނުވަތަ ހަރުވާޅުފަދަ އެއްޗިއްސަކީ ބުރުގާއާ އެކަށީގެންވާ އެއްޗެއްނޫނެވެ.
ގިނަ ކުދިން މިބާވަތުގެ ހެދުން އަޅަނީ ދީނުގައި މިކަން އޮންނަ ގޮތް އެކުދީންނަށް ނެގޭތީކަން ޔަޤީނެވެ. ނުބައި ނިޔަތަކުނޫނެވެ.
އަދި ވަކިން ޚާއްޞަކޮށް ފިރިހެނުން ލާ ފާޑުގެ ހެދުން އަންހެނުން އެޅުމަކީ ނުވަތަ ފިރިހެނުން އަންހެނުން ލާ ފާޑުގެ ހެދުން އެޅުމަކީ ދީނުގައި މަނާކުރައްވާފައިވާކަމެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެފަދައިން ޢަމަލުކުރާ މީހުންނާ މެދު ލަޢުނަތުގެ ދުޢާ އައިސްފައިވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (عَنْ أَبِيْ هُرَيْرَةَ رَضِيَ الله عنهُ قَالَ : لَعَنَ رَسُوْلُ اللهِ صَلَّى اللهُ عليهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ ، وَ الْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ) – رواه أبو داود بإسناد صحيح- މާނައީ: [ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަންހެނުންގެ ހެދުން އަޅައިގެން އުޅޭ ފިރިހެނުންނަށާއި، ފިރިހެނުންގެ ހެދުން އަޅައިގެން އުޅޭ އަންހެނުންނަށް ސަލާމާއި ޞަލަވާތްލެއްވި ﷲ ގެ ރަސޫލާ ލަޢުނަތް ލައްވާފައިވެއެވެ.] މިފަދަ އެތައް ޙަދީޘެއް މިބާބުގައި އައިސްފައިވެއެވެ.
ޝައްކެއްނެތް ގޮތުގައި ބައެއް ކުދީން މިފަދަ ހެދުންލަނީ އެދުވަސްވަރުގައި އޮންނަ އޮއިވަރަށް ބަލާފައެވެ. ވިސްނާލިޔަސް މިފަދަ ހެދުންތަކުން އިސްލާމީ ބުރުގާގެ މަޤްޞަދު ޙާޞިލް ނުވާނެކަން ދޭހަވެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަންހެނުން ކުދީންނަކީ އިސްލާމްދީނުގެ އަސާސުތަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކުދީންނެވެ. މިހެންކަމުން އެކުދިންގެ ރީތިކަމާއި އަބުރުވެރިކަން ފާސިޤުންގެ ލޯތަކުން ޙިމާޔަތްކުރުމަކީ އެކުދިންގެ އެންމެ އިސްވާޖިބުކަމުގައި ދެކެންވާނެއެވެ.
ގަޔަށް ބާރުހެދުން ލައިގެންއުޅޭނަމަ، މުޖުތަމަޢުތެރެއަށް ނިކުންނަ އިރު މަތިން ފަރުދާއެއް ވައްޓާލުމަކީ ޖިލްބާބު ލުމެވެ. ތުނި ފަރުދާއެއް މަތިން އެފަދައިން ލައިގެން މުޖުތަމަޢަށް ނުކުތުން ރަނގަޅުވާނެއެވެ. އަދި އަވިންވެސް ސަލާމަތް ވާނެއެވެ. މިއީ އިސްލާމީ ޤައުމުތަކުގެ އަންހެނުން ކަންކުރާގޮތެވެ.
ބައެއް އަންހެންކަނބަލުން ތިމަންމެން ވަކި ޢުމުރަކަށް ދިޔާމަ ބުރުގާ އަޅާނަމޭ ނުވަތަ، ޙައްޖައްގޮސްފައި އައިސް ބުރުގާ އަޅާނަމޭ ބުނެހަދައެވެ. މިއީ ޙައިރާން ވާފަދަ ވާހަކައެކެވެ. އެފަދަވާހަކަތައް އެބުނަނީ ތިމާމެން އެދުވަހާ ހަމައަށް ދިރިތިވެވޭނޭ ކަމުގެ ޔަޤީންކަން އޮވެގެންބާވައެވެ؟ ނުވަތަ އެކަން އެނގިގަންނަންބާވައެވެ؟ ނުވަތަ ﷲ ގެ ޙަޟްރަތުގައި މަކަރާއި ޙީލަތް ހަދަނީ ބާވައެވެ؟ މުއުމިމުންގެ ސިފައަކީ މިފަދައިން ޙީލަތެއް ހެދުމެއްނެތި، އަވަހަށް ﷲ އާއި، ރަސޫލާގެ އަމުރަށް ބޯލަނބައި ކިޔަމަންގަތުމެވެ.
0 comments:
Post a Comment