ތުއްތު ދަރިފުޅުގެ އުފެދުމަކީ އެކަމުގައި ވަރަށް އާދަޔާޚިލާފު، އަޖާއިބުކުރުވަނިވި ކަންތައްތަކެއް ހިމެނިގެންވާކަމެކެވެ. ހަމައެހެންމެ އެވަގުތަކީﷲ ތަޢާލާގެ ޚާލިޤުވަންތަކަމާއި އެކަލާނގެ ކަށަކުޅަދުންވަންތަކަމުގެ މައްޗަށް އަޖާއިބުވާންޖެހޭ ވަގުތެކެވެ.
އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
“ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވީމެވެ. (އައްތީން:4) އަދި އެހެން އާޔަތެއްގައި ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެކަލާނގެ އިރާދަކުރައްވާފަދައަކުން ރަޙިމްތަކުގައި ތިޔަބައިމީހުން ސޫރަ ކުރައްވަނީ އެކަލާނގެއެވެ.” (އާލު ޢިމްރާން:6)
އެހެން ސޫރަތެއްގައި ވަޙީކުރައްވާފައިވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
” އެކަލާނގެއީ ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެއެވެ. ދެންމަނި ތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި މައިމީހާގެ ބަނޑުން ނެރުއްވައެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމައަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިވުމަށްޓަކައެވެ.” (ޢާފިރު:67)
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އަނެކާއާއި ތަފާތުކޮށެވެ. އެހެނީ އެއްމާބަނޑު ކުދިން ގައިގައިވެސް ކޮންމެވެސް ކަހަލަ ކުޑަނަމަވެސް ތަފާތުކަމެއް ލައްވަވާފައިވެއެވެ. އަޖާއިބު ކުރުވަނިވި އިޙްސާސްތަކެއް އަހަރެމެންގެ މައްޗަށް ވެރިވެގެންދަނީ، ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވާއިރު، ޚާލިޤުވަންތަ ރަސްކަލާނގެ އެތުއްތު ކުއްޖާ އުފައްދަވާފައިވާ ގޮތުގެ ފުރިހަމަކަމުގެ މައްޗަށް ފުންނަޒަރަކުން ބަލައިލުމުންނެވެ. މައިންބަފައިންނަށް ހާސްކަމާއި ނުތަނަވަސް ކަމާއި އަވަދިނެތި އުޅުން މެދުވެރިކުރަނީ އޭގެތެރެއިން ކޮންމެ ކުއްޖެއްގެ ގައިގައި ހުންނަ ޚާއްޞަ ކަންތައްތަކާއި ސިފަތަކަކާއި އަދި އެކުއްޖެއްގެ މައްޗަށް ޖެހިފައިވާ ކުލުނާއި ލޯތްބެއްގެ ސަބަބުންނެވެ. ތުއްތު ދަރިފުޅުގެ މޫނުމަތީގައި ލައްވާފައި އެވާ ޚާއްޞަކަމެއްގެ ސަބަބުން އަހަރެމެންގެ ހިތުގެ ނާރުތަކާ ކުޅެލައެވެ.
ހިނިތުންވުމުން އެކުދީންގެ މޫނުމަތި ވިދާބަބުޅާ ހިނދު އެތަން ދެކޭ އެންމެން އުފަލުން ފުރިގެންދެއެވެ. އެކުދީންނަށް ކުރިމަތިވާ ބިރުވެރިކަމުން ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން އެކުދީން ކެކުޅުމާއި އަދި މޮޅިވެރިކަމާއި ކުރިމަތިލާ ހިނދު ހިލަހިތެއްގެ ވެރިއަކަށް މެނުވީ އެކުދީންނަށް އޯގާތެރިވެ އެހީތެރިކަމުގެ އަތެއް ފޯރުވާނުލައި ހަމަގައިމުވެސް ހުންނާކަށް ނުކުރޭނެއެވެ.
ﷲ ތަޢާލާ އިންސާނިއްޔަތާއި އިންސާނުން އުފެއްދެވުމާއިބެހޭ ގޮތުން ކީރިތި ޤުރުއާނުގެ ފަޞާޙަތްތެރިކަމާއި ބަލާޣާތްތެރިކަމުން ފުރިގެންވާ އަސަރުކުރުވަނިވި އާޔަތްތަކުގެ މާނައިގައި ބަޔާންކުރައްވާފައި ވަނީ މިފަދައިންނެވެ.
“ހަމަކަށަވަރުން ތިމަން ރަސްކަލާނގެ މަށީގެ ޚުލާޞާއިން އިންސާނާ ހެއްދެވީމެވެ. (އެބަހީ އާދަމުގެ ފާނު) ހެއްދެވީމެވެ. ދެން ތިމަންރަސްކަލާނގެ އެއިންސާނާ ރައްކާތެރިތަނެއްގައި މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެމަނިތިކި ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެގަނޑުލޭކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. ދެންއެމަސްކޮޅު ކައްޓަށް ހެއްދެވީމެވެ. ދެން އެކަށީގައި މަސް ލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެއިންސާނާ އުފެއްދެވީމެވެ.” (އަލްމުއުމިނޫން 12-14)
“އެކަލާނގެއީ، ނުފެންނަ ކަންތައްތަކާއި ފެންނަ ކަންތައްދެނެވޮޑިގެންވާ ގަދަފަދަވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ހުރިހައި އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓުވީ މަށީންނެވެ.
ދެން އެކަލާނގެ އެއިންސާނާ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ ޚުލާޞާއަކުން ހެއްދެވިއެވެ. ދެން އޭނާއަށް ފުރިހަމަ ސިފަ ދެއްވައި އެކަލާނގެ ރޫޙުފުޅުން އޭނާއަށް ފުމެލެއްވިއެވެ. (އެބަހީ ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން ޝުކުރުކުރަނީ ވަރަށްވެސް މަދުންނެވެ.” (އައްސަޖިދާ 6-9)އަދި އެހެން އާޔަތެއްގައިވެއެވެ.
“އަދި މަރުގަންނަވަނީވެސް އަދި ދިރުއްވަނީވެސް އެކަލާނގެއެވެ. އަދި ރަޙިމުގެ ތެރެއަށް މަނިފޮދެއް އެޅޭހިނދު އެއިން، ފިރިހެން އަންހެން ދެބާވަތް ހެއްދެވީވެސް އެކަލާނގެއެވެ. ” (އައްނަޖްމު:44-46)
“ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނޭކަމުގައި އިންސާނާ ހީކުރަނީ ހެއްޔެވެ. އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާނުވޭހެއްޔެވެ. ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާވިއެވެ. ފަހެ އެކަލާނގެ އެއިންސާނާ ހައްދަވައި ފުރިހަމަ ކުރެއްވިއެވެ. ފަހެ އޭނާގެ ކިބައިން ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ. އެކަން އެގޮތައްކުރެއްވި ރަސްކަލާނގެ މަރުވެފައިވާމީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެންނުވޭހެއްޔެވެ.” (އަލްޤިޔާމާ 36-40)
“ފަހެ އިންސާނާ އުފައްދަވާފައިވަނީ ކޮންއެއްޗަކުންކަން ބަލައިފާ ހުށިކަމެވެ. އޭނާ ހައްދަވާފައިވަނީ މައިކައްޓާއި މޭމަތީގެ ކަށިތަކާއިދެމެދުން ނިކުންނަ ގަދައަށް އޮހޮރިގެންދާ ފެނަކުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ އެއިންސާނާ އަލުން ދިރުމަކަށް ފޮނުއްވުމުގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަން ކަށަވަރެވެ.” (އައްޠާރިޤް5-8)
“ވެލިން ދެން މަނި ތިއްކަކުން ތިޔަބައިމީހުން ހެއްދެވީ ﷲއެވެ. ދެން ދެޖިންސުގެ މީހުން ކަމުގައި އެކަނލާގެ ތިޔަބައިމީހުން ލެއްވެވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާއި އެކުގައި މެނުވީ އަންހެނަކު މާބަނޑެއް ނުވެއެވެ. އަދި ނުވެސް ވިހާމެއެވެ.” (ފާޠިރު :11)
“ދެރަވެގެންވާ ފެނަކުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟ ފަހެ ރައްކާތެރިވެގެންވާ ތަނެއްގައި ތިމަން ރަސްކަލާނގެ އެފެންލެއްވީމެވެ. އެނގިގެންވާ މުއްދަތަކަށެވެ. ފަހެ ތިމަން ރަސްކަލާނގެ (އެހުރިހައި ކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ މިންވަރު ކުރައްވާ ކަލާނގެ މޮޅުކަމާއެވެ!” (އަލްމުރްސަލާތު :20-23)
އަހަރެމެން އެންމެންގެ ޢަޞްލަކީ މިއީއެވެ. އާދަމުގެފާނު ދަރިކޮޅުން އައިސްފައިވާ އެންމެންގެ އަޞްލެވެ. ވަރަށް އާދައިގެ އެއްޗަކުން އުފައްދަވާފައި މިވާ އިންސާނުންގެ ގައިގައިވާ ފުރާނަ ނުވަތަ ރޫޙް ﷲ ތަޢާލާ ލެއްވެވި ފަދައިން އެނެރުއްވާ އެފަރާތަށް ގެންދަވާނެއެވެ.
ދެންފަހެ ތުއްތު ކުއްޖާ ވުޖޫދަށް އަންނަހިނދުން ފެށިގެން އޭނާވެސް އަހަރެމެން އެންމެން މިދަތުރުކުރާ ދުނިޔަވީ ނައުގެ ބައިވެރިޔަކަށް ވެދެއެވެ. އަލަށް މިބައިވެރިވި މެމްބަރުވެސް މިއައީ އޭނާގެ އަމިއްލަ ވަންތަ ޝަޚުޞިއްޔަތެއް ހިފައިގެންނެވެ. އޭނާގެ ޒާތުގައި އަމިއްލަ އިންފިރާދީ ގޮތްތަކާއި އޭނާއަށް ޚާއްޞަ ނާދިރު ސިފަތަކެއް ހިފައިގެންނެވެ. ފިރިހެން ނުވަތަ އަންހެން ކުއްޖެއް ކަމުގައިވިޔަސް ދުނިޔޭގެ ވުޖޫދަށް އެއައީ އަހަރެމެންނަށް ޝުކުރާއި އުފާވެރި ކަމުގެ ސަބަބަކަށްވެގެންނެވެ.
އެދަރިފުޅު ފުރިހަމަ ޞިއްޙަތެއްގައި ދުނިޔޭގެ ވުޖޫދަށް އަތުވެއްޖެނަމަ އަހަރެމެން ހިތުގެ އަޑީން އުފާކޮށް ފުރިހަމަ ޞިއްޙަތުގައި ދަރިފުޅު ލެހެއްޓެވުމަށް އެދި ދުޢާ ކުރަމުއެވެ. މިންވަރު ކުރެއްވި ގޮތުން އެދަރިފުޅު ދުނިޔޭގެ އަލިކަމަށްއައީ އެފަދަ ދުޅަހެޔޮކަމެއްގައި ނޫން ކަމުގައިވާނަމަ އަހަރެމެން ކެތްތެރިކަމަށާއި އެކަލާނގެ ކުރިމަތިކުރެއްވި އިމްތިޙާނުގައި މަދަދުވެރިކަމަށް އެދި ހެޔޮދުޢާ ކުރާޙާލު އެދަރިފުޅާއިގެން ކުރިއަށްދަމުއެވެ.
ޙަޤީޤަތުގައި ކޮންމެ މުސްލިމެއްގެ ދިރިއުޅުމުގެ މެދުތެރެއާއި ނިމުމުގައި އިސްލާމީކުލަވަރުޖެހި ޒީނަތްތެރިވެގެންވާފަދައިން އޭނާ ވުޖޫދަށް އައިސް ދިރިއުޅުން ފެށެނީވެސް އެފަދައަކުން އިސްލާމީ ކުލަވަރުތަކުން ޒީނަތްތެރިވަމުންނެވެ. މިގޮތުން އަލަށް ދުނިޔޭގެ އަލިކަމުގެތެރެއަށްއައިސް އަހަރެމެންނާ ގުޅޭދަރިފުޅުގެ އުފާފާޅުކުރާއިރު އޭނާއަކީ އަހަރެމެން އެދީނަކަށާއި އެރަސޫލަކަށް ތަބާވާ ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ އުންމަތުގެ ނުވަތަ އިސްލާމީ އުންމަތުގެ ބައިވެރިއަކަށް ހެދުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުމަށް އެދަރިފުޅަށް ދަސްކޮށްދިނުމަކީ އަހަރެމެން އެކަމަކަށް ފަޚުރުވެރިވާ އަދި އަހަރެމެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކެންވާނެއެވެ.
ދުނިޔެއަށް އުފަންވާ ދަރިފުޅާގުޅިގެން ކުރުމަށް ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ކަންތައް:
ދުނިޔެއަށް އަލަށްއުފަންވާ ކުއްޖާއާ މެދު ފަސްކަމެއް ކުރުމަށް ކީރިތިރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މައިންބަފައިންނަށް އިރުޝާދު ދެއްވައި އޭގެ މައްޗަށް ޢަމަލުކުރައްވާފައެވެ. މިކަންތައްތަކަކީ ފަރުޟެއް ނުވަތަ ވާޖިބެއް ކަމުގައި ނުވިނަމަވެސް އެކަމަށް ޚާއްޞަގޮތެއްގައި އިރުޝާދުދެއްވައި ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާ ކަންކަމެވެ.
މިކަންކަމަކީ އެކަމެއް ނުކޮށް ދޫކޮށްލުމަކުން ފާފަވެރި ނުވާ އަދި ޢަޛާބެއް ލިބުމެއް ނުވާ، އެކަން ކުރުމުގައި ވަރަށް ލުއިފަސޭހަކޮށް އެކަންކުރެވޭން އޮތް، މައިންބަފައިންގެ މައްޗަށް ދޫކޮށްލައްވާފައިވާ ކަންތައްތަކެކެވެ. އެކަންތައްތަކަކީ އަލަށް އުފަންވާ ކުއްޖާގެ ކަންފަތްދޮށުގައި ބަންގިގޮވުމާއި ތަޙްނީކްކުރުމާއި، (އަނގަ ފޮނިކުރުމާއި) ނަންކިޔުމާއި، ޢަޤީޤާ ކަތިލުމާއި، އަދި ޚިޠާނުކުރުމެވެ.
ތަޙްނީކްކުރުން:
ސުންނަތުގައި ތަޙްނީކްކުރުމަކީ ކަދުރުކޮޅެއް މަޑުކޮށްލާފައި ނުވަތަ ޗަސްކޮށްލާފައި އެއިން ކުޑަ އެތިކޮޅެއް ކުއްޖާގެ އަނގައިގައި ޖެއްސުން ނުވަތަ އަނގައިގައި އުނގުޅާލުމެވެ. މިކަންމިގޮތަށް ކޮންމެމީހަކަށްވެސް ކުއްޖާއަށްޓަކައި ހެޔޮދުޢާ ކުރަމުން ކުރެވިދާނެއެވެ. ކުއްޖާއަށް ދިނުމުގެ ކުރިން ކީރިތިމާތް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނގަފުޅުން ކަދުރު ކުދިކުދިކުރެއްވިއެވެ.
އަބޫމޫސާ ވިދާޅުވެފައިވެއެވެ. “ތިމަންނާއަށް ފިރިހެންދަރިއަކު ލިބުނު ހިނދު އޭނާ ގޮވައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައީމެވެ. ދެންފަހެ އެކަލޭގެފާނު އޭނާއަށް އިބްރާހިމްގެ ނަމުން ނަންދެއްވިއެވެ. އަދި ކަދުރު ކޮޅަކުން ތަޙްނީކް ކުރެއްވިއެވެ. އަދި އޭނާއަށް ބަރަކާތްލެއްވުން އެދި ދުޢާ ކުރައްވައި، އޭނާ ތިމަންނާއަށް އަނބުރާ ދެއްވިއެވެ.” (ބުޚާރީ)
ތަޙްނީކް ކުރުމުގެ ފައިދާއާއި ސިއްރު ނޭނގޭ، އެކަމާ ވަރަށް ބީރައްޓެހިމީހަކަށް އެކަން މާކަމުދާ ކަމަކަށް ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް ކަދުރަކީ އޭގެ ޒާތުގައި ވަރަށް ބޭނުންތެރިފައިދާތަކެއް އޭގައިވާ އަދި ކާނާއަކަށް ބޭނުންވާ މާއްދާތައް އެކުލެވިގެންވާ ފޮނިމީރުއެއްޗެކެވެ.
ތަޙްނީކްގެ ޒާތަށް ވިސްނާއިރު މިހާރު ހޮސްޕިޓަލުތަކުގައި ކުއްޖާ ވިހެއުމުން ކުއްޖާއަށް މައިމީހާގެ ގާތުން ކިރުދިނުމުގެ ކުރިން އެޖައްސާ ހަކުރުގެ ކުޑަފެންފޮދަކީ ތަޙްނީކާއި ވަރަށް އެއްބޭނުމަކު ކުރެވޭ ކަމެކެވެ. ކޮންމެއަކަސް އެކަމުގައިވާ ރޫޙާނީ މަޤުޞަދާއި ބޭނުން ހަމައެކަނި ދެނެވޮޑިގެންވާނީ ﷲއާއި މިކަން މިއުއްމަތަށް ދައްކަވައި ފައްޓަވާދެއްވި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.
ނަންކިޔުން:
މަތީގައި ބަޔާންވެދިޔަ ޙަދީޘްފުޅުގައި ވާފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަލަށް އުފަންވާ ކުދިންނަށް ނަންދެއްވާ ތަޙްނީކް ކުރެއްވިއެވެ. އެތަކެއް ޙަދީޘްފުޅެއްގައި ކުޑަކުދީންނަށް ނަންކިޔުމާމެދު އައިސްފައިވެއެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވޭހުށީ، ތިޔަބައިމީހުންގެ ނަމުންނާއި އަދި ތިޔަބައިމީހުންގެ ބަފައިންގެ ނަމުންނެވެ. ވީއިރު ތިޔަބައިމީހުންނަށް ރަގަޅުނަމެއް ދޭށެވެ.” (އަބޫދާވޫދު)
ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެންމެ މަޤްބޫލުނަންފުޅުތަކަކީ އެނަމަކުން ﷲ ތަޢާލާއަށް އަޅުވެތިކަންވީހާބޮޑަށް ދޭހަވާ ނަންނަމެވެ. މިސާލަކަށް ޢަބްދުﷲ ޢަބްދުއްރަޙްމާން ފަދަ ނަންނަމެވެ. އަދި ފިރިހެނުންނަށް ނަބީބޭކަލުންގެ ނަމުން ނަންދިނުމަށް އިރުޝާދު ދެއްވިއެވެ (އަބޫދާވޫދު)
ނަންކިޔުމުގައި ޢާއްމުގޮތެއްގައި ވިސްނުން ބަހައްޓަންޖެހޭ ބައެއްކަންތައްތައް މިތަނުގައި ޚުލާޞާކޮށްލަމެވެ.
1. މުސްލިމުން ނަންކިޔުމުއި ތިމާގެ ޢަޡުމަތާއި މަޖްދު ހިސާބަށްވުރެ މައްޗަށް (ޚާއްޞަކޮށް ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ދަރަޖައަށް) ނެގުން ހިމެނޭފަދަ ގޮތްގޮތަށް ނަން ކިޔައިގެން ނުވާނެއެވެ. މިސާލަކަށް މާލިކުލްމުލްކި (ރަސްރަސްކަލުންގެ ރަސްގެފާނު) ފަދަ ނަންނަމެވެ. ވަރަށް ގިނަ ޙަދީޘްފުޅުތަކުގައި އައިސްފައިވާ ގޮތުގައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެނަންނަމުން ނަންކިޔުން އެކަށީގެންނުވާތީ ވަރަށްގިނަ ޞަޙާބީ ބޭކަލުންގެ ނަންވަނީ ބަދަލުކުރައްވާފައެވެ. (މުސްލިމް، އަބޫދާވޫދު)
2. ފާދިރީން އަޅާ ޒާތްޒާތުގެ ހެދުން އެޅުމާއި، ޣައިރު އިސްލާމީ އާދަކާދަތަކަށް ތަބަޢަވުމާއި އަދި ޣައިރު އިސްލާމީ ޝިޢާރުތަކުގައި ހުށަހެޅިފައިވާ ކާބޯތަކެތި ބޭނުންކުރުން މަނާކުރައްވާފައިވާ ފަދައިން އެހެން ދީންތަކުގެ ޣުރުފުގައިވާ ނަންނަން ކިޔުންވެސްވަނީ މަނާކުރައްވާފައެވެ.
މިސާލަކަށް މާރޓިން ލޫތަރ (ޕްރޮޓެސްޓަންޓްގެ މުޖައްދިދު) ނުވަތަ ސިވާ (ހިންދޫންގެ ކަލާނގެ އެއް) ފަދަ ނަންނަން މުސްލިމުންނަށް ކިޔައިގެން ނުވާނެއެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ، ނަންނަމުން ނަންކިޔުމަށް ހުއްދަކުރެއްވުމުގެ އިތުރުން އެއީ އެކަލޭގެފާނުންގެ އަރިހުގައި ވަރަށް މަޤްބޫލު ކަމެކެވެ. އެކަމަކަށް ވަރަށް ހިތްޕުޅާވެ ވަޑައިގަންނަވާ ކަމެކެވެ. މިހެންވެ އެކަލޭގެފާނުގެ ތިންވަން ދަރިކަލުންނަށް އިބްރާހިމްގެފާނުންގެ ނަމުން ނަންދެއްވިއެވެ.
3. ޢާއްމުކޮށް ވިސްނާއިރު އެއްވެސް މުޖްތަމަޢެއްގައި ކުއްޖާގެ ނަމުގެ ސަބަބުން އޭނާ ސަމާސާއަކަށްވެ މަޖަލަކަށް ވެދާނޭފަދަ ނަމުން ނަންކިޔުމުން ނުވަތަ ކުއްޖާ އޭނާގެ ނަމުން ގޮވޭހިނދު ލަދުގަންނަންޖެހޭ ޒާތުގެ ވަނަމަކުން ނަންކިޔުމުން އެއްކިބާވެގަތުމަކީ ބުއްދިވެރި ކަމެކެވެ. މޮޅު އިތުރުވެގެންވާ ކަމެކެވެ. މިސާލަކަށް ‘ބަނީ’ ނުވަތަ ‘މުސަޅު’ ފަދަ ނަންނަން ކުޑަކުއްޖަކަށް ކިޔަން ރީތިހެން ހީވިކަމުގައިވިއަސް ތަންކޮޅެއް ބޮޑު ކުއްޖަކު އެއަޑު އިވޭހިނދު ބިރުން ސިއްސައިގެން ދިއުން އެކަށީގެންވެއެވެ.
ޤަދަރާއި ޢިއްޒަތަށް ބޮޑެތިމީހުން ޙައްސާސްވާފަދައިން ކުޑަކުދީންވެސް އެކަމަށް ޙައްސާސް ވާނެއެވެ. ވީއިރު އެކަމަށް ތަރުޙީބުދިނުމަކީ ވަރަށް ރަގަޅުކަމެކެވެ. ޤަދަރާއި، ޢިއްޒަތުގެ ވިސްނުމާއި އިޙްސާސް އުފެއްދުމަކީ ކުޑަކުދިންގެ ގައިގައި ޢިއްޒަތުއްނަފްސު އަށަގަތުމާއި އަދި ޤަދަރު ދެނެގަންނާނެ ކަމެކެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް އަމިއްލަވަންތަކަން އުފެދި ތިމާދާންވީ ހެޔޮމިސްރާބު ދެނެގަންނާނެކަމެކެވެ.
އިމާމް އިބްނުލް ޤައްޔިމް(ރަޙިމަހުﷲ) އެނާގެ ފޮތް ތުޙުފުތުލް މައުދޫދު (އަލަށް އުފަން ދަރިފުޅުގެ ހަދިޔާ) ގައި ކުއްޖާއަށް ނަންކިޔުމުގައި ބައްޕައަށް ޙައްޤު ލިބިގެންވާ ކަމަށް ވާހަކަދައްކަވައި އެކަމާއެއްކޮޅަށް ޙުއްޖަތް ބަޔާންކުރައްވާފައިވެއެވެ. ހުރިހާ އިޚްތިލާފަކުން އެއްކިބާ ވުމަށްޓަކައި ކުއްޖާގެ ނަންކިޔުމުގައި ކުއްޖާގެ ބައްޕައަށް އެންމެ ފަހުބަސް ކިޔުމުގެ އިޚްތިޔާރު ލިބިފައިވާ ފަދައިން ކުއްޖާގެ މަންމައާއި މާމަކާފައިންގެ ކިބައިން މަޝްވަރާހޯދުމަކީ ބޭނުންތެރިކަމެކެވެ.
ޢަޤީޤާ ކަތިލުން:
ދަރިފުޅު އުފަންވުމުގެ މުނާސަބާ ފާހަގަ ކުރުމުގައި ޢާއިލާގެ ފަރާތުން ކަންބަޅި، ނުވަތަ އެނޫންވެސް އެހެން ގެރިބަކަރީގެ އެއްޗެއްކަތިލައި ރައްޓެހިންނާއި ގާތްތިމާގެ އެންމެނަށް ދަޢްވަތު ދެއެވެ. ޢާއްމުގޮތެއްގައި ކުއްޖާއަށް ނަންކިޔުން އޮންނަނީވެސް މިޕާރޓީގެ ތެރޭގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ކޮންމެ ކުއްޖަކުވެސް އެކުއްޖާ ވިހާތާ 7 ވަނައަށްވާ ދުވަހު ޢަޤީގާ ކަތިލައި އެއިން ރަހުނު ކުރެވެއެވެ. (ތިރްމިޛީ، ނަސާއީ އަދި އިބްނު މާޖާ)
ރަހުނު ކުރުމުގެ މަފްހޫމް މިތަނުގައި ކުރެވެނީ ކުއްޖާގެ މައިންބަފައިން އެމީހުންގެ ދަރިފުޅު މުއުމިނެއްނޫންގޮތުގައި ބޮޑުވުމުން ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަލޭގެފާނުގެ ކާފަދަރިކަލުން، ޙަސަނުގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްތާ 7 ވަނައަށްވީދުވަހު ކަންބަޅިއެއް ކަތިލައްވާ ޤުރްބާނީ ދެއްވައި އަދި ކާފަދަރިކަލުންގެ މައިކަމަނާފާނު، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ދަރިކަލުންގެ އިސްތަށިފުޅުބާލުއްވައި އެއިސްތަށިފުޅުގެ ބަރުދަނަށް ރިހި ކިރުއްވައި ޞަދަޤާތްކުރުމަށް އެންގެވި ކަމުގައި ރިވާކުރައްވައެވެ. (މިޝްކާތު، މުވައްޠާ، އަބޫދާވޫދު)
ކުއްޖާގެ ރަހުނު އޭނާގެ ޢަޤީގާއިންދެވެއެވެ. ހަތްވަނައަށްވާދުވަހު ޤުރްބާނީ ކަތިލައި އޭނާގެ ބޯބާލައި އަދި އޭނާއަށް ނަމެއްދެވެއެވެ. (އަބޫދާވޫދު)
އަދިވެސް އައިސްފައިވެއެވެ. “ކޮންމެ މީހަކުވެސް ކުއްޖަކުލިބިގެން ޤުރުބާނިއެއްދޭންބޭނުންވާހިނދު ފިރިހެން ކުއްޖަކުނަމަ ދެކަންބަޅި އަދި އަންހެން ކުއްޖަކުނަމަ އެއްކަންބަޅީގެ ޤުރުބާނިއެއް ދެވިދާނެއެވެ. (އަބޫދާވޫދު)
މިހާރަކަށް އައިސް މީހުންކުރާ ސުވާލެކެވެ. ފިރިހެން ކުއްޖަކަށް ވެއްޖިއްޔާ ދެކަންބަޅީގެ ޤުރުބާނީ ދޭންޖެހިފައި އަންހެންކުއްޖަކަށް އެއްކަންބަޅިން ދޭންޖެހެނީ ކީއްވެގެންތޯއެވެ؟ ޙަޤީގަތުގައި މިހެންވާންޖެހެނީ ގިނަފަހަރަށް މިކަމާ ގުޅިގެން މިރިވާކުރެވުނު ޙަދީޘް ގެނެވޭތީއެވެ. މިކަމާބެހޭގޮތުން ޞަޙާބީބޭކަލުން ދެޖިންސުގެ ކުދީންނަށްވެސް އެއްގޮތަކަށް ޢަމަލުކުރައްވާފައިވާކަމުގެ ރިވާޔަތްތައްވެސް އައިސްފައި އެބަހުއްޓެވެ. (މިސާލަކަށް މުވައްޠާ ބައްލަވާށެވެ.)
މިކަން އޮތް ގޮތަށްބަލާއިރު މި ސުންނަތް ޢަމަލާއި ގުޅިގެން އައިސްފައިވާ ޙަދީޘްފުޅުތަކުގައި ކުޑަ ތަފާތުތަކެއް އައިސްފައިވެއެވެ. ކުޑަ ކުއްޖާގެ ބޯބާލައި ބޮލުގެ އިސްތަށީގެ އަގުމަގުކޮށް ޞަދަޤާތްދިނުމަކީ މިމުނާސަބާ އާއި ގުޅިގެން ޕާރޓީގެތެރޭގައި ހިނގާދިޔަ ކަމެއް ނޫނެވެ. އެހެންނަމަވެސް މުނާސަބާއާއި ގުޅުންނެތި ނަމަވެސް އެކަމުގެ ތެރޭގައި އެއްދުވަސްވަރެއްގައި ހިނގާދިޔަ ކަމަކަށްވާތީ ބަޔާން ކުރެވިފައިވަނީއެވެ. ކުއްޖާގެ ބޮލުގައި ވިހާއިރު ހުންނަ އިސްތަށި ފައިބައިގެން ގޮސް އިސްތަށިގަނޑު އަލުންފަޅައި ބޯވެދެއެވެ.
މިދުވަސްވަރު ބޮލުގެ އިސްތަށިގަނޑުފޭބުމާއި ގުޅިގެން ސާފުކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުވެދެއެވެ. ޢާއްމުކޮށް ބޯބޭލުމަށް ބޭނުންކުރާ ގޮތެއްގެ މަތީން ކޮންމެމީހަކަށްވެސް ކުއްޖާގެ ބޯބޭލިދާނެއެވެ. އެހެންނަމަވެސް ކުއްޖާގެ ބޮލުން ބައެއް ބާލައި އަނެއްބައި ދޫކޮށްލުމީ ރަނގަޅުގޮތެއްނޫނެވެ. މިކަން މިބަޔާންކުރުވަނިވި ޙަދީޘްފުޅުގެ މާނައިން ސާފުކޮށް އެގެއެވެ. “ބޮލުގެ އެއްބައިބާލައި އަނެއްބައިދޫކޮށްލާފައި ހުރި ކުއްޖެއްފެނިވަޑައިގަތުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަން މަނާކުރައްވައި ޙަދީޘްފުޅުކުރެއްވިއެވެ. “ބޯ ބާލަނީވިއްޔާ އެކުގައި ބާލާށެވެ. ނޫންނަމަ އެކުގައި ދޫކޮށްލާށެވެ.” (އަބޫދާވޫދު)
(މިޙަދީޘް އައިސްފައިވަނީ ކުޑަކުދިންނަށް ޚާއްޞަކޮށެއް ނޫނެވެ. އެކަމަކު މިއީ ކޮންމެ ޢުމުރުފުރައެއްގެ މުސްލިމަކަށްވެސް ނުރަނގަޅު ކަމެއްކަން މިޙަދީޘުން ދޭހަވެއެވެ.)
ތަޙްނީކްކުރުމާއި ނަންކިޔުން އެއްވަގުތެއްގައި ނުވަތަ ޢަޤީޤާއާއި ގުޅުވައިގެންވެސް ކުރެވިދާނެއެވެ.
ޚިތާނުކުރުން:
ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. “އިންސާނުންގެ ސާފު ފިޠުރަތާއި ގުޅިގެން ކުރެވޭ ފަސްކަމެއްވެއެވެ. އެއީ ޚިތާނުކުރުމާއި، ފޫޅުންތިރީގެ އިސްތަށިބޭލުމާއި، މަތިމަސްކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތްދޮށުން އިސްތަށި އުފުރުމެވެ. (ބުޚާރީ، މުވައްޠާ)
އަލްބައިހަޤީގައި ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރު ފިރިހެންކުދީން ޚިތާނުކުރެވެނީ އެކުދީންގެ ޢަޤީޤާ ކަތިލެވޭ ވަގުތުއެވެ. އެހެން ޙަދީޘްފުޅު ތަކުގައި އެއަށްވުރެފަހުން އެކަން ކުރެވުނު ކަމުގައި ވާރިދުވެގެންވެއެވެ. ކޮންމެހެން ތަފްޞީލަކަށް ފާޑު ކިޔުމެއް ނެތެވެ. ޚިތާންކުރުން ފަސޭހައީ ކުއްޖާގެ ދޮށީ ޢުމުރަށްވުރެ ތުއްތު ޢުމުރުގައޭ ބުނުމެއް ނެތި ބުނެވެން އޮތީ އެތަނެއްގައި ކަންހިނގާބިނގާވެ އުޅޭގޮތަށް ޚިތާންކުރުން ލަސް ކޮށްލެވިދާނެއެވެ. އެހެން ނަމަވެސް ކުއްޖާ ޤަވާޢިދުން ނަމާދުކުރަންފަށާޢުމުރަށް އެޅެންވާއިރަށް ޠަހާރަތުގެ ބޭނުމަށްޓަކައިވެސް ހުންނަންޖެހޭނީ ޚިތާނުކުރެވިފައެވެ.
އިސްލާމްދީނުގައި ޚިތާނުކުރުމަކީ ޔަޙޫދީން ދެކޭ ގޮތަށް ﷲ ތަޢާލާ އާއި ކުރެވިފައިވާ ޢަހްދެއް ނުވަތަ ޤަރާރެއް ނޫނެވެ. ކަން އޮތްގޮތަށް ބަލާއިރު ޤުރްއާނުގައި މިކަން އައިސްފައެއް ނެތެވެ. މިކަން އައިސްފައިވަނީ ޙަދީޘްފުޅުތަކުގައެވެ. ޚިތާނު އެންމެ ފުރަތަމަ ކުރައްވާފައިވަނީ މުސްލިމުންގެ ރޫޙާނީ ބައްޕަކަމުގައިވާ އިބްރާހީމްގެ ފާނެވެ.
އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައި އެކަމަކަށް ބާރު އަޅުއްވާފައިވާ ޠަހާރަތްތެރިކަމަށް ނުވަތަ ސާފު ޠާހިރުކަމަށް ބަލާއިރު ޚިތާނުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ޚިތާނުނުކޮށް ހުންނަޙާލުގައްޔާއި ނުވަތަ ބައެއްފަހަރު ޣައިރު މުސްލިމަކުލައްވާ ޚިތާނުކުރުމުން ޚިތާނުކުރަންވީ މިންވަރަށް ވުރެ ކުޑަކޮށް ޚިތާނުކުރެވިފައިހުންނަހުރުމުން ކުޑަކަމުދާ އެއްޗިއްސާއި ނުތާހިރު މާއްދާތައް ނުކެނޑި ހުންނަ ހަންގަނޑުތެރޭގައި ހަރުލާގޮތް މެދުވެރިވެއެވެ. އިސްލާމްދީނުގައި ޠާހިރުކަމަށް ނުވަތަ ސާފުޠާހިރު ކަމަށްބަލާއިރު ކޮންމެ މުސްލިމަކުވެސް ޤަޟާޙާޖަތަށްދާ ކޮންމެފަހަރަކު ފެނުންދޮވެ ނަޖިހުން ޠާހިރުވާންޖެހެއެވެ. އެހެންނޫންނަމަ ވުޟޫއެއް ޤަބޫލެއް ނުކުރެވޭނެއެވެ. ނުވަތަ ޞައްޙައެއްނުވާނެއެވެ. މިފަދަ ތަންތަނުގައި ނަޖިސްތައް ހަރުލައި ހުރުމުން ޖަރާސީމުގެ އަސަރުކޮށް ވަރަށް ގަދައަށް ވޭންއަޅަންޖެހޭފަހަރުއާދެއެވެ. ވީއިރު ޚިތާނުކުރުން ތަމްސީލުކުރަނީ ފިރިހެނުންނަށާއި ކުޑަކުދިންނަށް ސާފުޠާހިރުކަމުގެ އަސާސެއްގެ ގޮތުގައެވެ.
0 comments:
Post a Comment