Tuesday, February 17, 2015

ރޯދައިގެ އަންހެނުންގެ ސުވާލުތައ

1- ރޯދަ ޤަޟާކުރުން ޖެހިގެން އަންނަ ރަމަޟާންމަހަށް ވުރެ ފަސްކުރުމުގެ ޙުކުމަކީ ކޮބައި ؟

Question_Mark - Copy
ޖަވާބު: އައްޝައިޚް އިބްނު ބާޒް

ދަތުރުގެ ސަބަބުން ނުވަތަ ބަލިވުން އަދި އެނުންވެސް ޝަރުޢީ ސަބަބަކާއި ހެދި ރޯދައެއް ދޫކޮށްލާ މީހާ، ޖެހިގެން އަންނަ ރަމަޟާން މަސް އައުމުގެ ކުރިން އެ ރޯދަ ހިފައި ހަމަ ކުރަންޖެހޭނެއެވެ. ޖެހިގެން އަންނަ ރަމަޟާން މަސް އަންނަ އިރުވެސް އުޒުރަކާއި ނުލައި ރޯދަ ޤަޟާ ނުކުރުން އެއީ ފާފަވެރިވާނެ ކަމެކެވެ. އަދި އެމީހަކު އެ ރޯދަ ޤަޟާ ކުރުމާއެކު ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދޭން ޖެހޭނެއެވެ.


މިއީ ޞަޙާބީންތަކެއް ފަތުވާ ދެއްވާފައިވާ ގޮތެވެ. (ކާން ދޭން ޖެހޭކަން) . ރަމަޟާން މަސް އައުމުގެ ކުރިން ޤަޟާކޮށްފި ނަމަ، ކާން ދޭކަށް ނުޖެހޭނެއެވެ.

ނޯޓް: މި މައްސަލާގައި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި އޮންނަނީ އުޒުރަކާއި ނުލައި ލަސް ކުރިއަސް ޖެހޭނީ ހަމައެކަނި ޤަޟާ ކުރަން ކަމަށެވެ. ކާން ދޭން ނުޖެހޭނެ ކަމަށެވެ.

2- އަންހެނުން ޖުނުބު، ނުވަތަ ޙައިޟު ނިފާސްކަމުގެ ހިނައިގަތުން، ފަޖުރު ލުމުގެ ފަހަށް ލަސް ކުރެވިދާނެހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ފަޖުރުލުމުގެ ކުރިން އަންހެނާ ޠުހުރުވެއްޖެކަން އެނގިއްޖެނަމަ، ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި ހިނައިގަތުން ފަޖުރުގެ ފަހަށް ލަސްކުރުމުގައި މައްސަލައެއް ނެތެވެ. އެކަމަކު އިރު އެރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެއެވެ. އެއީ ފަތިސް ނަމާދު ފާއިތުވެދިޔަ ނުދިނުމަށްޓަކައެވެ.

3- މާބަނޑު މީހާއާއި ކިރުމައި މީހާ، ރޯދަ ދޫކޮށްފިނަމަ
ހަދަން ޖެހޭނީ ކިހިނެއްހެއްޔެވެ؟ އަދި ހަނޑުލުން ދޭން ޖެހޭނީ ކިހާ މިންވަރެއް ހެއްޔެވެ؟

ޖަވާބު: އިބްނު ޢުޘައިމީން

މާބަނޑު މީހާއާއި ކިރުމައި މީހާ، އުޒުރަކާއި ނުލައި، ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދައެއް ނޫނެވެ. އުޒުރަކާއި ހެދި ރޯދަ ދޫކޮށްފިއްޔާ އެ ދެ މީހުން ޖެހޭނީ ރޯދަ ޤަޟާ ކުރާށެވެ. ބަލި މީހާއާއި ބެހޭ ގޮތުން ބަޤަރާ ސޫރަތުގެ 184 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ

މާނައަކީ ”ފަހެ ތިޔަބައި މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ ތެރޭގައި ވާ މީހާ، އެހެން ދުވަސްތަކަކުން އެ ޢަދަދު ފުރިހަމަ ކުރުން ހުއްޓެވެ.”

މާބަނޑު މީހާއާއި ކިރުމައި މީހާ އަކީ ބަލި މީހާއާއި އެއް މަޤާމެއްގައި ވާ ބައެކެވެ. އެ ދެމީހުން ރޯދަ ދޫކުރުމުގެ އުޒުރަކީ ދަރިފުޅަށް ގެއްލުންވެދާނެ ކަމުގެ ބިރުނަމަ، ޤަޟާ ކުރުމުގެ އިތުރުން ކާން ދޭން ޖެހެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ދޫކުރީ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރުން ކަމަށް ވިޔަސް އަދި މައިމީހާއަށް ބިރުން ކަމަށް ވިޔަސް ޤަޟާ ކުރުން ފިޔަވައި އެހެން ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެހެނީ ކާން ދޭން ޖެހޭ ކަމަށް އަންގާފައިވާ ދަލީލެއް ޤުރުއާނުން އަދި ސުންނަތުންވެސް އެނގެން ނެތެވެ. ޙަނަފީ މަޛްހަބުގައި ބުނަނީ މިފަދައިންނެވެ. އަދި ރާޖިޙް ރައުޔަކީވެސް މިއީއެވެ.

4- ބައެއް އަންހެނުން ރަމަޟާން މަހު، ޙައިޟުވިޔަ ނުދިނުމަށް ބޭސް ބޭނުން ކުރެއެވެ. މިކަމުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ހިފައި ފަހުން ޤަޟާ ކުރަންޖެހޭ ރޯދައެއް ނުބޭއްވުމެވެ. އަދި ތަރާވީސް ކުރުމާއި އަޅުކަން އިތުރު ކުރުމެވެ. ވީމާ މިކަން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު: އިބްނު ޢުޘައިމީން

ތި މައްސަލާގައި އަހަރެންނަށް ފެންނަ ގޮތަކީ، އަންހެނުން ބޭސް ބޭނުން ނުކޮށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އާދަމުގެ އަންހެން ދަރިންނަށް މިންވަރު ކުރެއްވި، މައްސަރު ކަންތައް އޭގެ ޠަބީޢަތަށް ދޫކޮށްލުމެވެ. ބޭސް ބޭނުން ކޮށްގެން ޙައިޟުވުން ހުއްޓުވައިފިނަމަ ހަށިގަނޑަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

ވީމާ އަހަރެން ދެކެނީ ބޭސް ބޭނުން ނުކުރެމެވެ. ޙައިޟު ފެއްޓުނީމާ ނަމާދާއި ރޯދަ ހިފުން ހުއްޓާފައި، ޠުހުރުވީމާ ނަމާދާއި ރޯދަ ހިފަން ފައްޓާނީއެވެ. އަދި ފަހުން ނުހިފި އޮތް ރޯދަ ޤަޟާ ކުރާނީއެވެ. ޙައިޟުގެ ސަބަބުން ދޫކުރާ ނަމާދު ޤަޟާ ކުރާކަށް ނުޖެހެއެވެ.

ނޯޓު:(ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވާ ގޮތުގައި ގެއްލުން ނުވާކަން އެގެންޏާ، ބޭސް ބޭނުން ކުރުން އެއީ ހުއްދަ ކަމެކެވެ. ބޭނުން ކުރަން ފެންނަ މީހަކު ބޭނުން ކުރަންވީއެވެ. ބޭނުން ނޫންނަމަ ނުކުރަންވީއެވެ.)

5- އަހަރެންނަކީ ޢުމުރުން 25 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަދި ރޯދަ ހިފަން މައިންބަފައިން ދިން ނަސޭހަތާއެކުވެސް، ޢުމުރުން 21 އަހަރު ވަންދެން ދުވަހަކުވެސް އަހަރެން ރޯދައެއް ނުހިފަމެވެ. ވީމާ އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަދި ބުނަމެވެ. އަހަރެންނަށް ﷲ ހިދާޔަތް ދެއްވައި، މިހާރު ބަރާބަރަށް ރޯދަ ހިފަމެވެ. އަދި ފާއިތުވެ ދިޔަ ތަނަށް ވަރަށް ހިތާމަވެސް ކުރަމެވެ.

ޖަވާބު : އިބްނު ބާޒް

ކުރަންޖެހޭ ކަމަކީ، ތައުބާވުމެވެ. ތައުބާގެ ޝަރުޠުތަކަކީ ފާފަކުރުން ހުއްޓުން، ކުރެވުނު ފާފައަށް ހިތާމަކޮށް ދެރަވުން، ފާފަ ނުކުރަން ޢަޒުމު ކަނޑައެޅުމާއި އަދި އިޚްލާޞްތެރިކަމެވެ. (އިންސާނެއްގެ ޙައްޤުގައި ކުރެވުނު ކުށެއްނަމަ މީގެ އިތުރުން ޙައްޤު ކަނޑުވާފައި ޙައްޤު ރައްދު ކުރަން ޖެހޭނެއެވެ.)
ތައުބާވުމަށް ފަހު، ގިނަގިނައިން ސުންނަތް ރޯދަ އާއި ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުން ގިނަ ކުރާށެވެ. އަޅުތަކުން ވާ ތައުބާ ﷲ ޤަބޫލު ކުރައްވައެވެ.

6- އަހަރެންގެ ޙައިޟުގެ މުއްދަތަކީ އާދަވެގެން، ހަތް ދުވަހާއި އަށް ދުވަހެވެ. ބައެއްފަހަރު ހަތްވަނަ ދުވަހު އަހަރެންނަށް ލޭ ވެސް އަދި ޠުހުރުގެ ޢަލާމާތެއް ވެސް ނުފެނިދެއެވެ. އެހެންވީމާ ނަމާދު ކުރުމާއި ރޯދަ ހިފުމުގައި އޮތް ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ޤައްޞަތުލް ބައިޟާއު (*) ފެންނަންދެން އަވަސްވެ ނުގަންނާށެވެ. ލޭ ހުއްޓުމަކީ ކޮންމެހެން ޙައިޟު ހުއްޓުމުގެ ޢަލާމާތެއް ނޫނެވެ. ޙައިޟުވުން ހުއްޓުނު ކަމަށް ބެލޭނީ ޤައްޞަތުލް ބައިޟާއު ، އާއްމުކޮށް ފެންނަ މީހަކަށް އެ ފެނުމުންނެވެ. އަދި ވަކި މުއްދަތަކަށް އާދަވެގެން ޙައިޟުވާ މީހަކު އެ މުއްދަތު ނިމުމުންނެވެ.

7- ވިހެއުމަށް ފަހު ނިފާސްވެރިއާގެ ކުރިމަތީފަރާތުން ފައިބާ ރީދޫކުލައަށް ދާ ދިޔައިގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ވިހެއުމަށްފަހު ސާޅީސް ދުވަސް ވުމާއި ދެމެދު ފައިބާފާނެ، ސީދާ ލޭ، ނުވަތަ ޞުފްރާ، ނުވަތަ ކުދްރާގެ ޙުކުމަކީ ހަމަ ނިފާސްގެ ޙުކުމެވެ.

8- ޖުނުބުވެރި ހާލަތުގައި ނުވަތަ ޙައިޟުވެފައި ހުއްޓާ، ތަފްސީރު ފޮތް ފަދަ ދީނީ ފޮތްތައް ކިޔެވުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު : އިބްނު ބާޒް

ދީނީ ފޮތްތައް ކިޔެވުން ހުއްދަވާނެއެވެ. ޙައިޟުވެރިއާ އަށް މަނާ ކަމަކީ ޤުރުއާނުގައި ބީހުމެވެ. ކިޔެވުން ހުއްދައެވެ. ޖުނުބުވެރިއާ ޤުރުއާންނުގައި ބީހުމާއި ކިޔެވުންވެސް މަނައެވެ.

9- ޙައިޟުގެ ދުވަސްވަރު ނޫން ދުވަސްވަރު ފައިބާ ލޭގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަހަރެން އާދަވެގެން ޙައިޟުވަނީ ހަތް ދުވަހެވެ. ނަމަވެސް ބައެއްފަހަރު އެއަށްވުރެ ގިނަ ދުވަސްވަންދެން ލޭ ފައިބައެވެ.

10- ވިހެއުމުގެ (ނިފާސް ލޭ ފޭބުމުގެ) ފަސް ދުވަސް ކުރިން، މާބަނޑު މީހެއްގެ ކުރިމަތި ފަރާތުން، ލޭ އަންނަނިކޮށް ފެނިއްޖެއެވެ. ވީމާ އެ ވާނީ ޙައިޟުގެ ލެޔަށް ހެއްޔެވެ؟ ނުވަތަ ނިފާސްކަމުގެ ލެޔަށް ހެއްޔެވެ؟ މިހެން ދިމާވީ ރަމަޟާން މަހެއްގައެވެ.

ޖަވާބު: ސަޢޫދީ ދާއިމާ ފަތުވާ ކޮމިޓީ

ތި ބުނެވުނު ގޮތަށް ވިހެއުމުގެ ފަސް ދުވަސް ކުރިން، ލޭ ފައިބައިފައި އޭނާއަށް ވިހެއުމުގެ އަލާމަތްތައް ކަމުގައިވާ ތަދުގަނޑާއި ކޮއްޕުން ނުފެންނަ ކަމަށް ވަންޏާ އެއީ، ޙައިޟުގެ ލެޔެއްވެސް ނޫނެވެ. އަދި ނިފާސްގެ ލެޔެއްވެސް ނޫނެވެ. އެއަށް ކިޔާނީ ”ދައްމު ފަސާދް” އެވެ. މި ފޭބުމަކުން އަޅުކަންތައް ދޫކުރާކަށް ނުޖެހެއެވެ.

ތި ބުނި ލޭ ފޭބުމާއެކު، ވިހެއުމުގެ ޢަލާމާތްތައް ފެންނަ ކަމަށްވަންޏާ އެ ވާނީ ނިފާސްގެ ލެޔަށެވެ. އެހެން ކަމަށް ވަނީނަމަ ނަމާދު ކުރުމާއި ރޯދަ ހިފުން ހުއްޓާލަން ޖެހޭނެއެވެ. އަދި ފަހުން ރޯދަ ޤަޟާކުރާށެވެ.

11- ޙައިޟުވެރިއާ ރޯދަ ހިފުން ހުއްދަވާނެހެއްޔެވެ؟

ޖަވާބު: ޙައިޟުވެރިއާ ރޯދަ ހިފަން ނުޖެހެއެވެ. އަދި ހިފުމަކީ ޙަރާމް ކަމެކެވެ.

12- ރޯދައަށް ހުއްޓާ އެ ދުވަހު މެންދުރު ނުވަތަ ޢަޞުރު ވަގުތު ޙައިޟުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ރޯދަ ފުރިހަމަ ކުރާނީ ހެއްޔެވެ؟ އަދި ރޯދަ ކަމު ދާނެހެއްޔެވެ؟

ޖަވާބު :ރޯދަ ހިފައިގެން ހުއްޓާ ޙައިޟުވެއްޖެނަމަ، އޭނާ ރޯދަ ދޫކޮށްލަން ޖެހޭނެއެވެ. އަދި އެ ރޯދަ ފާސިދުވުމުން އަލުން ޤަޟާކުރަން ޖެހޭނެއެވެ.

13- ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ހިނައިނުގަނެ ރޯދަ ހިފުން ހުއްދަހެއްޔެވެ؟ އަދި ހިނައި ގަންނަން ޖެހޭ އެންމެ ފަހު ވަގުތަކީ ކޮބައިހެއްޔެވެ؟

ޖަވާބު: ޖުނުބުވެރިކަމުން ނުވަތަ ޙައިޟުން ހިނައިނުގަނެ ރޯދަ ހިފުމަކީ މަނާކަމެއް ނޫނެވެ. ހިނައި ގަތުމާއި ޙައިޟުން ޠުހުރުވުން އެއީ މުޅިން ދެ ކަމެކެވެ. ލޭ ފޭބުން ހުއްޓުމުން، ޙައިޟުވެރިއާ ރޯދަ ހިފަން ވާޖިބުވާނެއެވެ. އިރު އެރުމުގެ ކުރިން ނަމާދު ކުރެވޭނެހާ ވަގުތު އޮތްވާ ހިނައިގަންނަން ޖެހޭނެއެވެ.

14- އަހަރެން ނަމާދުކުރަން ވެގެން، ވުޟޫކޮށްގެން ހުއްޓާ ދަރިފުޅު ގަޔަށް ހީސް ލައިފިއްޔާ ވުޟޫ ގެއްލޭނެހެއްޔެވެ؟

ޖަވާބު :ގައިގައި ނަޖިހެއް ޖެހުމަކީ ވުޟޫ ގެއްލޭކަމެއް ނޫނެވެ. ހީހުން ވުޟޫ ގެއްލެނީ ހީސް ލުމުންނެވެ. ކުޑަ ދަރިފުޅު ތި ގޮތަށް ހީސް ލައިފިއްޔާ ޖެހޭނީ އެ ޖެހުނު ތަނެއް ދޮވެލާށެވެ.

15- ވުޟޫ ކޮށްގެން ހުއްޓާ އަހަރެންގެ ފިރިމީހާ އަހަރެންނަށް ދޮން ދީފިއްޔާ ވުޟޫ ގެއްލޭނެ ހެއްޔެވެ؟
ޖަވާބު : ވޫޟޫކޮށްގެން ހުރެ ދެމަފިރިން ދޮން ދިނުމުން ވުޟޫ ގެއްލޭތޯ ނޫންތޯ އެއީ ޢިލްމުވެރިން ޚިލާފު ވެފައިވާ މައްސަލައެކެވެ.

 އެއްބަޔަކު ބުނީ ދޮން ދިނުމުން އެއްގޮތަކަށްވެސް ވުޟޫ ނުގެއްލޭނެކަމަށެވެ. އަނެއް ބަޔަކު ބުނީ ވުޟޫ ގެއްލޭނެ ކަމަށެވެ. އިޚްތިލާފު ވާންޖެހުނީ أَوْ لاَمَسْتُمُ النِّسَاء
މި އާޔަތުގެ މާނަ ކުރާ ގޮތުންނެވެ. އާޔަތުގެ މާނަ އޭގެ ބޭރުފުށު މާނައިން މާނަ ކުރެއްވި ބޭފުޅުން ވިދާޅުވީ، އަންހެނެއްގެ ގައިގައި ޖެހިއްޖެނަމަ (އަނބިމީހާއަސް، ހިލޭމީހަކަސް) ވުޟޫ ގެއްލޭނެ ކަމަށެވެ. އާޔަތުގެ މާނައަކީ ޖިމާޢުވުން ކަމަށް މާނަ ނެންގެވި ބޭފުޅުން ވިދާޅުވީ، ބީހުމުން ވުޟޫ ނުގެއްލޭނެ ކަމަށެވެ. ވުޟޫ ގެއްލެނީ ޖިމާޢުވުމުން ކަމަށެވެ.

ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ރައުޔަކީ، އަންހެނުން ގައިގައި ޖެހުނަސް ވުޟޫ ނު ގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ތިރްމިޛީ، އިބްނު މާޖާ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައިވަނީ: رُويَ عَنْ عَائشَة رَضيَ الله عَنهَا قَالَتْ إنَّ النَبي صَلَّى الله عَليْه وَسَلَّم قَبَّل بَعْضَ نسَائه ثُم صَلَّى وَلَمْ يَتَوَضَأ
މާނައަކީ: ”ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންނަށް ބޮސް ދެއްވިއެވެ. އަދި އެއަށްފަހު ވުޟޫ ނުކުރައްވާ ނަމާދަށް ވަޑައިގަތެވެ.”

މަޛްހަބުތަކަށް ބަލާއިރު، ޙަނަފީ މަޛްހަބު ބުނަނީ ވުޟު ނުގެއްލޭނެކަމަށެވެ. ޝާފިޢީންނާއި ޙަންބަލީންގެ އެއް ރައުޔުގައި ބުނަނީ ވުޟޫ ގެއްލޭނެކަމަށެވެ. އަދި އޭގައި އަތްލާ މީހާއާއި އަތް ލެވޭ މީހާގެ ތަފާތެއްވެސް ނެތް ކަމަށެވެ. ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔަކީ، ޝަހުވަތާއި އެކު ދޮން ދިފިނަމަ ވުޟޫ ގެއްލޭނެ، ޝަހުވެތެއް ނެތިނަމަ ވުޟޫ ނުގެއްލޭނެ ކަމަށެވެ.

ކުރިންވެސް ބުނިފަދައިން ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ރާޖިޙް ރައުޔަކީ، އަންހެނުން ގައިގައި ޖެހުނަސް ވުޟޫ ނު ގެއްލޭނެ ކަމަށް ބުނާ ރައުޔެވެ. ވީމާ ދޮން ދިނަސް ވުޟޫ ނުގެއްލޭނެއެވެ. އެއީ ކޮންމެ ނިޔަތެއްގައިވިޔަސް ވަރިހަމައެވެ. ނަމަވެސް މަނި ، މަޛްޔު ފައިބައިފިނަމަ ވުޟޫ ގެއްލޭނެއެވެ.
މަތީގައިވަނީ ފިރިހެނުންނަށް ނިސްބަތް ކުރެވިފައިވާ ވާހަކައެކެވެ. ނަމަވެސް އަންހެނުންނަށް އޮތީ ހަމަ މިޙުކުމެވެ.

16- ޙައިޟުވެރިއާ ލައިލަތުލް ޤަދްރި ވިލޭރޭގެ އަޅުކަންތައް ކޮށް އެ ރޭގެ ފައިދާ ލިބިގަންނާނީ ކިހިނެއް ހެއްޔެވެ؟

ޖަވާބު :ޙައިޟުވެރިއާ އަށް މަނައީ އެ ރޭގައި ނަމާދު ކުރުމެވެ. ވީމާ ޒިކްރު ކުރުމާއި ދުޢާކުރުން ތައުބާވުމާއި ޙަމްދު ކުރުން، ޤުރުއާން އަޑު އެހުން ނުވަތަ، އަތް ނުލައި ޤުރުއާން ކިޔެވުން އެއީ އޭނާއަށް ކުރެވިދާނެ ކަންތަކެވެ. ގިނަ ޢިލްމުވެރިން ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދަކުރެއެވެ.

 އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ، ޤުރުއާނާއި ސުންނަތުން ޞައްޙަ ގޮތެއްގައި، ޙައިޟުވެރިއާ ޤުރުއާން ކިޔެވުން މަނާކުރާ ނައްޞެއް އައިސްފައި ނުވާކަމަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި މިފަދަ މުހިއްމު މައްސަލައެއްގައި، އެއީ ޙަރާމް ކަމެއްނަމަ އެކަން ބަޔާން ކޮށްދެއްވީސް ކަމަށެވެ. (ފަހުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ބާޒް ވެސް ހުއްދަ ކުރައްވާ) ނަމަވެސް ޤުރުއާނުގައި ބީހުން ޙައިޟުވެރިއާއަށް ހުއްދައެއް ނުވާނެއެވެ. އެއީ ޙައިޟުވެރިއާ އަކީ ޠަހާރަތުގެ މަތީގައި ހުންނަ މީހަކަށް ނުވާތީއެވެ.

17- ރަމަޟާން މަހު ރޯދަ ނުހިފާ، ނަމާދު ނުކުރާ ފިރިމީހާއާމެދު އަނބިމީހާ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟

ޖަވާބު :ރޯދަ ނުހިފާ ނަމާދު ނުކުރާ މީހާއަކީ ޝައްކެއްވެސް ނެތް ގޮތުގައި ފާފަވެރިއެކެވެ. ﷲ ގެ އަމުރަށް ނުކިޔަމަންތެރިވާ މީހެކެވެ. އެ ފަދަ ފިރިއަކަށް ނަސޭޙަތް ދީ، ތެދުމަގު ދެއްކޭތޯ ވާހަކަ ދެއްކުން އެއީ އަނބިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އޭނާ އަނބި މީހާގެ ބަސް ނާހާނަމަ، އޭނާ ކައިރީ ބަސް ވިކޭ މީހެއް ލައްވާވެސް އެކަން ކުރެވިދާނެއެވެ.

އެއް ގޮތަކަށްވެސް ނަމާދު ނުކުރާ ރޯދަ ނުހިފާ ފިރިއެއްގެ ދަށުގައި ހުރުމާއި ނުހުރުން އެއީ އަނބިމީހާގެ އިޚްތިޔާރުގައި އޮންނާނެ ކަމެކެވެ. އެފަދަ މީހެއްގެ ދަށުގައި ހުރުމުން ޢާއިލާގެ ބަރަކާތް ކެނޑި ދަރިންނަށް ނުބައި އަސަރު ކޮށްފާނެނަމަ، ވަރިވެގެން އެހެން ދިރިއުޅުމެއް ފެއްޓުންވެސް ބައެއް ފަހަރު ރަނގަޅު ވެދާނެއެވެ.

18- ބައެއް މީހުން ދެކެނީ ރަމަޟާން މަހަކީ ހުސް އަޅުކަމުގެ މައްސަރު ކަމަށެވެ. ވީމާ މި މަހުގައި ދެމަފިރިކަމުގެ ގުޅުން ހިންގުން ހުއްދައެއް ނުވާނެއެވެ. މިއީ ރަނގަޅު ވާހަކައެއްހެއްޔެވެ؟

ޖަވާބު :ޝައްކެއްވެސް ނެތް ގޮތުގައި ރަމަޟާން މަހަކީ އަޅުކަން އިތުރުކޮށް އިޞްލާޙުވާންޖެހޭ މައްސަރެކެވެ. ނަމަވެސް ދެމަފިރިކަމުގެ ގުޅުން ހިންގުމަކީ ރަމަޟަން މަހުގައި މަނާކަމެއް ނޫނެވެ. ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވަނީ، ރަމަޟާންމަހުގެ ރޭނގަޑުގެ ވަގުތުގައި އަނބިންގެ ކިބައިން އަރާމު ލިބިގަތުން ހުއްދަކަމަށެވެ. ވީމާ އެ ކަމަކީ ރޯދަ މަހުގެ އަދަބާއި ޚިލާފު ކަމެއް ނޫނެވެ.

19- އަންހެނުން ތަރާވީޙް ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު :އަންހެނުންނާއި ފިރިހެނުންވެސް ތަރާވީޙް ނަމާދު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

20 – ސާޅީސް ދުވަސްވުމުގެ ކުރިން ނިފާސްކަމުގެ ލޭ ކެނޑިއްޖެއްޔާ، ރަމަޟާން މަހުގެ ރޯދަ ހިފުން ވާޖިބުވާނެތަ ؟

ޖަވާބު : އިބްނު ޢުޘައިމީން
އާއެކެވެ. ސާޅީސް ދުވަސް ހަމަވުމުގެ ކުރިންވިޔަސް، އޭނާގެ މައްޗަށް ރޯދަ ހިފުމާއި ނަމާދު ކުރުން ވާޖުބުވާނެއެވެ. އަދި ޖިމާޢުވުންވެސް ހުއްދަވާނެއެވެ.

21- ޙައިޟުވެރިއާ ޠުހުރުވުމަށްފަހު، އޭނާ ޙައިޟުވި އިރު ލައިގެން ހުރި ހެދުން ބަދަލު ކުރަން ޖެހޭނެތަ؟ ހެދުމުގައި އެއްވެސް ލެޔެއް ހޭކިފައި ނެތްކަން މިތާ ފާހަނގަކުރަމެވެ.

ޖަވާބު: އިބްނު ޢުޘައިމީން
ހެދުން ބަދަލު ކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ ޙައިޟުގެ ސަބަބުން މުޅި ހަށިގަނޑު ނަޖިހެއް ނުވެއެވެ. ވީމާ ހަށިގަނޑުގައި ވާ ހެދުމެއްވެސް ނަޖިސް ނުވާނެއެވެ. ނަމަވެސް ހެދުމުގައި ލޭ ހޭކިއްޖެނަމަ، އެ ހޭކުނު ތަނެއް ދޮވެލުމުން ފުދޭނެއެވެ. މިކަމުގެ ދަލީލަކީ ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ-، އެކަލޭގެފާނުގެ އަނބިކަނބަލުން ޙައިޟުވެވަޑައިގަނެފައި ހެނދުން ކޮޅުތަކުގައި ލޭ ހޭކިއްޖެނަމަ ދޮވެފައި އެ ހެދުންކޮޅުތަކުގައި ނަމާދު ކުރައްވަން އަމުރު ކުރެއްވިއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons