Sunday, September 9, 2012

މަރުވަމުންދާ ހިނދު

ﷲ ތަޢާލާގެ ޙަޟުރަތުން ރަޙްމަތަށާއި މަޣްފިރަތަށް އެދުމާއި އެއިލާހުގެ ޙަޟުރަތުންވާ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަކީ މަރުމަތީގައިވާ މީހާ ކުރަންޖެހޭނެ އެންމެ މުހިއްމު އެއްކަންތަކެވެ. އަނަސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މަރުމަތީގައިވީ ޒުވާނެއްގެ އަރިހަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޒިޔާރަތްކުރެއްވިއެވެ.


 އަދި އޭނާއަށް ވިދާޅުވިއެވެ. "ތިބާއަށް އިޙްސާސްކުރެވެނީ ކޮންފަދައަކުންތޯއެވެ؟" އޭނާ ޖަވާބުގައި ދެންނެވިއެވެ. "ﷲ ގަންދީބުނަމެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަހުރެން ﷲ ގެ ޙަޟުރަތުން އުއްމީދުކުރަނީ ހެޔޮގޮތްވުމަށެވެ. އަދި އަހުރެންގެ ފާފަތަކަށް ބިރުވެތިވަމެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "މަރުމަތީގައިވާ މީހެއްގެ ހިތުތެރޭގައި މިދެކަންތައް އެކީގައި ނުމެވާނެތެވެ. އެހެނެއްކަމަކު ﷲ ތަޢާލާ އެމީހަކަށް އެމީހަކު އުއްމީދުކުރާ ގޮތެއް މެދުވެރިކޮށް ދެއްވާނެތެވެ. އަދި އެމީހަކު ބިރުވެތިވާ ކަމަކުން އެމީހަކަށް ސަލާމަތްތެރިކަން ދެއްވާނެތެވެ."

ހަމައެހެންމެ މަރުމަތީގައިވާ މީހަކީ މުއުމިނެއް ކަމުގައި ވާނަމަ އެމީހަކު ﷲ ތަޢާލާއާއި ބައްދަލުވުމަށް ލޯބިކުރާނެއެވެ. އަދި އެކަމަށް އެދޭނެއެވެ. ﷲ ގެ ޙަޟުރަތާއި އެމީހަކު ބައްދަލުވުމަށް އެދުންވެރިވުމުގެ ބޮޑުކަމުގެ ސަބަބުން އެމީހަކު މަރަށްޓަކައި ބިރުވެތިވާ ބިރުވެތިވުން އެއްކިބާކޮށްދެއެވެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީސެއްގައިވެއެވެ.

من أحب لقاء الله أحب الله لقاءه ومن كره لقاء الله كره لله القاءه
"ﷲ ތަޢާލާ އާއި ބައްދަލުވުމަށް އެދޭ މީހަކާއި އެއިލާހު ބައްދަލުވުމަށް އެދޭނެތެވެ. އަދި ﷲ ތަޢާލާ އާއި ބައްދަލުވުމަށް ނުރުހޭ މީހަކާއި އެއިލާހުވެސް ބައްދަލުވުމަށް ނުރުހޭނެތެވެ."

މި ޙަދީސްގެ އަސްލު މަފްހޫމް ރަސޫލުއްﷲ ގެފާނު ވަނީ ޢާއިޝާގެފާނަށް ވިދާޅުވެދެއްވާފައެވެ. ކުރީގައި ބަޔާންކުރެވުނު ޙަދީސް އަޑުއިވުމުން ޢާއިޝާގެފާނު ދެންނެވިއެވެ. "ކަލޭގެފާނު ތިޔަ ވިދާޅުވަނީ މަރަށް ބިރުގަންނަ ވާހަކަތޯއެވެ؟ ހުރިހާ އެންމެންވެސް މަރަށް ބިރުގަނެއެވެ." ރަސޫލުﷲ ގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "އެހެނަކުން ނޫނެވެ. މުއުމިނެއްގެ ކައިރިއަށް މަރު އަންނަ ހިނދު އެމީހަކަށް ﷲގެ ޙަޟުރަތުންވާ ރަޙުމަތުގެ ޚަބަރު ދެއްވޭނެތެވެ. އެއީ ސުވަރުގެ އެވެ. 

އެމީހަކަށް އޭނާގެ ކުރިމަތީގައިވާ ކަންތަކަށްވުރެ ބޮޑުކަމެއް ލިބިގެނެއްނުވެއެވެ. އެމީހަކު ﷲ އާއި ބައްދަލުވުމަށް އެދޭނެއެވެ. އަދި ﷲ ވެސް އެމީހަކާއި ބައްދަލުވުމަށް އެދޭނެއެވެ. އެހެންނަމަވެސް އުރެދޭ އަޅަކަށް މަރުއަންނަ ހިނދު އެމީހަކަށް ﷲގެ ނުރުހުމާއި ވޭންދެނިވި ޢަޛާބުން ޚަބަރުކުރެވޭނެއެވެ. އެމީހަކަށް ކުރިމަތީގައި އެވާ ކަންތަކަށްވުރެ ބޮޑަށް އެނާ ނުރުހޭ ކަމެއްނުވާނެއެވެ. އެމީހަކު ﷲ އާއި ބައްދަލުވުމަށް ނުރުހޭނެއެވެ. އަދި ﷲ ވެސް އެމީހަކާއި ބައްދަލުވުމަށް ނުމެރުހޭނެތެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons