ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ކުރެއްވި ދަތުރުފުޅެއްގައި
ޘަމޫދު ބާގައިގެ އަހުލުވެރިންގެ ގެތަކާއި އަރާހަމަވެވަޑައިގަތެވެ. ޘަމޫދު
ބާގައިގެ އަހުލުވެރިންނަކީ ޖަމަލު މަރާލިމީހުންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ޖަމަލު ފެންބޮއެ
އުޅުނު ފެންގަނޑު ކައިރީގައި މަޑުކުރެއްވިއެވެ. އެތަނުގައި
މުޅިޢާލަމްތަކަށް ޢިބްރަތްތެރި ފިލާވަޅުތަކެއް ހިނގައިދިޔަ ތަނެއް ކަމުގައި
އެތަން ވެގެންދިޔައެވެ.
އެތާނގައި ވާ މަގަކުން ޖަމަލު އައިސް
އެފެންގަނޑުން ފެންބޯކަމުގައި ވިއެވެ. އަދި އެތާއޮތް އެހެން މަގަކުން އޭތި
ފެންބޮއެގެން އެނބުރިދެއެވެ. އެތާނގައި މަޑުކުރެއްވި ހިނދުކޮޅު
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް
އެކަލޭގެފާނުގެ އަޞްޢާބުބޭކަލުންނަށް ޞާލިޙްގެ ޢަލައިހިއްސަލާމްގެ ޤައުމުގެ
މީހުން ޢަމަލުކުރިގޮތަށް ޢަމަލުނުކުރުމަށް އިންޒާރުދެއްވިއެވެ.
އެބައިމީހުން ޞާލިޙް ޢަލައިހިއްސަލާމްގެ ނަބީކަން ޤަބޫލުކުރުމަށްޓަކައި
ހެއްކަކަށް އެދުނެވެ. ދެން ﷲ ތަޢާލާ އެކަމުގެ ބޮޑުވެގެންވާ
ހެއްކެއްގެގޮތުގައި ޖަމަލެއް ފޮނުއްވިއެވެ. ނަމަވެސް ޘަމޫދު ބާގައިގެ
އަހުލުވެރިން އެހެކި ދޮގުކޮށް އޭތި މަރާލިއެވެ. ދެން ﷲ ތަޢާލާ އެބައިމީހުން
ހަލާކުކުރެއްވިއެވެ. އަދި އެބައިމީހުންގެ މައްޗަށް އެކަލާނގެ
ވަރުގަދަވެގެންވާ ކޯފާއެއްފޮނުއްވިއެވެ.ޙަދީޘް:
روى الإمام أحمد في مسنده عَنْ جَابِرٍ، قَالَ:
لَمَّا مَرَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْحِجْرِ ،
قَالَ: ” لَا تَسْأَلُوا الْآيَاتِ ، وَقَدْ سَأَلَهَا قَوْمُ صَالِحٍ،
فَكَانَتْ تَرِدُ مِنْ هَذَا الْفَجِّ ، وَتَصْدُرُ مِنْ هَذَا الْفَجِّ،
فَعَتَوْا عَنْ أَمْرِ رَبِّهِمْ، فَعَقَرُوهَا ، وَكَانَتْ تَشْرَبُ
مَاءَهُمْ يَوْمًا، وَيَشْرَبُونَ لَبَنَهَا يَوْمًا، فَعَقَرُوهَا،
فَأَخَذَتْهُمْ صَيْحَةٌ أَهْمَدَ اللهُ مَنْ تَحْتَ أَدِيمِ السَّمَاءِ
مِنْهُمْ، إِلَّا رَجُلًا وَاحِدًا كَانَ فِي حَرَمِ اللهِ “، قِيلَ: مَنْ
هُوَ يَا رَسُولَ اللهِ ؟ قَالَ: ” هُوَ أَبُو رِغَالٍ، فَلَمَّا خَرَجَ
مِنَ الْحَرَمِ أَصَابَهُ مَا أَصَابَ قَوْمَهُ”
މާނައީ: އިމާމް
އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ޖާބިރު ރަޟިޔަﷲޢަންހުގެ އަރިހުން
ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙިޖްރު އާއި
އަރާހަމަވެވަޑައިގެންނެވި ހިނދު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން
ހެކިތަކާއި ބެހޭގޮތުން ސުވާލުނުކުރާހުށިކަމެވެ. ހަމަކަށަވަރުން ޞާލިޙް
ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން ހެއްކާއިމެދު ސުވާލު ކުރިއެވެ. ފަހެ
އޭތި(އެޖަމަލު) ފެންބޯން މިމަގުން އާދެއެވެ. އަދި (ފެނބޮއެގެން) މިމަގުން
ދެއެވެ.
ދެންފަހެ ޘަމޫދު ބާގައިގެ އަހުލުވެރިން ﷲ ތަޢާލާގެ އަމުރާއި
ދެކޮޅުވެރިވެ އޭތި(ޖަމަލު) ކަތިލިއެވެ. އެޖަމަލު އެބައިމީހުންގެ ފެނުން
އެއްދުވަހު ބޯކަމުގައި ވިއެވެ. އަދި އެޖަމަލުގެ ކިރު އެބައިމީހުން
އެއްދުވަހު ބޮއެވެ. ފަހެ އެބައިމީހުން އެޖަމަލު ކަތިލުމުން ގަދަފަދަ އަޑެއް
އައިސް އެބައިމީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އުޑު ދަށުގައިވާ
އެންމެ ހަލާކުވެގެންދިޔައެވެ. ހަލާކުން ސަލާމަތްވި މީހާ ވީ ﷲ ތަޢާލާ
(ޙުރުމަތްތެރިކުރެއްވި) އެކަލާންގެ ޙަރަމްފުޅުގައެވެ. އެކަލޭގެފާނަށް
ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ އެކަލޭގެފާނު
ވިދާޅުވިއެވެ. އެއީ އަބޫ ރިޣާލް އެވެ. އޭނާ ޙަރަމްފުޅުން ނުކުތުމާއެކު
އޭނާގެ ޤައުމަށް ޖެހުނުކަންތައް އޭނާއަށްވެސް ޖެހުނެވެ.”
ތަޚްރީޖް:
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ޢަޙްމަދު އެކަލޭގެފާނުގެ
މުސްނަދުގައެވެ: (296/3). މި ޙަދިޘް އިމާމް އަޙްމަދުގެ ސަނަދުން
ގެންނެވުމަށްފަހު އަލްޢައްލާމާ އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. “މި
ހަދީޘަކީ އިމާމް މުސްލިމްގެ ޝަރުޠުތަކަށް ފެތޭ ޙަދީޘެކެވެ. އަދި މި ޙަދީޘް
ކުތުބުއްސިއްތާގެ އެއްވެސް ފޮތެއްގައި އައިސްފައިނުވެއެވެ.” އަލްބިދާޔާ
ވައްނިހާޔާ ( 137/1). އަދި ޝައިޚް ހައިޘަމީ މިޙަދީޘާއި ބެހޭގޮތުން
ވިދާޅުވެފައިވެއެވެ. ” އަލްބައްޒާރާއި އައްޠަބަރާނީ މިޙަދީޘް
އަލްއަވްސަޠުގައި ރިވާކުރައްވާފައިވެއެވެ. އަދި މި ޙަދީޘްގެ ލަފްޡު ހޫދު
ސޫރަތުގައި އައިސްފައިވެއެވެ. އަދި އަޙްމަދުވެސް ހަމަމިގޮތަށް
ރިވާކުރައްވާފައިވެއެވެ. އަދި އަޙްމަދުގެ ގެންނަވާފައިވާ ރިޖާލުންނަކީ
ޞައްޙަ ރިޖާލުންތަކެކެވެ.” މުޖްމަޢުއްޒަވާއިދު (194/6). އައްޝައިޚް
އަލްބާނީ ވިދާޅުވެފައި ވަނީ މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމުގައެވެ.
އައްޝައިޚް ޝުޢައިބް އަރްނައޫޠު، މުސްނަދު އަޙްމަދުގެ ތަޙްޤީޤުގައި
ވިދާޅުވެފައިވަނީ މިޙަދީޘަކީ ޤަވިއްޔު ޙަދީޘެއް ކަމުގައެވެ.
ހަދީޘްގެ ޝަރަޙަ:
އަޅުގަނޑުމެންގެ ރައްބު
–ތަބާރަކަ ވަތަޢާލާ- ވަނީ އަޅުގަނޑުމެންނަށް ޞާލިޙް ޢަލައިހިއްސަލާމް އާއި
އެކަލޭގެފާނުގެ ޤައުމު ޘަމޫދު ބާގައިގެ މީހުންގެ ވާހަކަ އަންގަވާފައެވެ.
މިބައިމީހުންގެ ވާހަކައަކީ ވަރަށް ތަފްޞީލްކޮށް އެނގެންއޮތް އަދި އެ
ކަންތައް ހިނގިތަން އަދާއި ހަމަޔަށްވެސް އެނގެންއޮތް ވާހަކައެކެވެ. ޞާލިޙް
ޢަލައިހިއްސަލާމްއާއި އެކަލޭގެފާނުގެ ޤައުމުގެ އަހުލުވެރިންގެ ވާހަކަ
ތައުރާތުގައި އައިސްފައި ނުވެއެވެ. އެހެންކަމުން އަހުލުކިތާބީންނަށް
އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ވާހަކަ ނޭނގެއެވެ. އަދި
ހޫދު ޢަލައިހިއްސަލާމްގެ ޤައުމުގެ އަހުލުވެރިން ޢާދު ބާގައިގެ މީހުންގެ
ވާހަކަވެސް އަހުލުކިތާބީންނަކަށް ނޭނގެއެވެ. އެހެނެއްކަމަކު މުސާ
ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް މި ދެ ޤައުމުގެ
އަހުލުވެރިންގެ ވާހަކަ ކިޔައިދެއްވިކަމުގައި ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ
އަޅުގަނޑުމެންނަށް ޚަބަރުދެއްވާފައިވެއެވެ.
ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. (وَقَالَ مُوسَىٰ إِن تَكْفُرُوا أَنتُمْ وَمَن فِي الْأَرْضِ جَمِيعًا فَإِنَّ اللَّـهَ لَغَنِيٌّ حَمِيدٌ ﴿٨﴾ أَلَمْ
يَأْتِكُمْ نَبَأُ الَّذِينَ مِن قَبْلِكُمْ قَوْمِ نُوحٍ وَعَادٍ
وَثَمُودَ ۛ وَالَّذِينَ مِن بَعْدِهِمْ ۛ لَا يَعْلَمُهُمْ إِلَّا
اللَّـهُ) (سورة ابراهيم 8-9)
މާނައީ: ”
އަދި މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި، ބިމުގައި ވާހާ
އެންމެން (ޝުކުރުނުކޮށް) ކާފަރުވިޔަސް، ފަހެ، ހަމަކަށަވަރުން، ﷲ އީ،
ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. (8) ތިޔަބައިމީހުންގެ
ކުރިން އުޅުނު މީހުންގެ ޚަބަރު ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
(އެއީ) ނޫޙްގެފާނުގެ ޤައުމުގެމީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު
ބާގައިމީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. ﷲ އަށް މެނުވީ،
އެއުރެންނެއް ނޭނގެތެވެ. “ އަދި ފިރުޢައުނުގެ ތިމާގެ
މީހުންގެތެރެއިން ﷲ އަށް އީމާންވީ މީހަކު އޭނާގެ ޤައުމާއި މުޚާޠަބުކޮށް
ވިދާޅުވިކަމުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
( إِنِّي أَخَافُ عَلَيْكُم مِّثْلَ يَوْمِ الْأَحْزَابِ ﴿٣٠﴾ مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَالَّذِينَ مِن بَعْدِهِمْ ) (سورة غافر 30-31) މާނައީ: ”
އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ކާފަރު ޖަމާޢަތްތަކަށް ޢަޒާބު އައި
ދުވަސްފަދަ ދުވަހެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް އަހުރެން
ބިރުގަންނަމެވެ. (30)ނޫޙްގެފާނުގެ
ޤައުމުގެމީހުންނާއި، ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުންނާއި،
އެއުރެންގެ ފަހުން އުޅުނު މީހުންގެ އާދަފަދައިންނެވެ. “
އަޅުގަނޑުމެންނަށް ސުންނަތުގެ
ފޮތްތައް ޚަބަރުދޭގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަބޫކު
ހަނގުރާމަޔަށް ވަޑައިގެންނެވި މަގުމަތީގައި ޘަމޫދުބާގައިގެ މީހުންގެ ގެތައް
ހުރި ހިސާބާއި އަރާހަމަވެވަޑައިގަތެވެ. އެ ތަނަށް ކިޔަނީ ޙިޖްރު އެވެ.
ފަހެ އެކަލޭގެފާނު މީސްތަކުންނާއިގެން އެ ގެތައް ހުންނަ ސަރަހައްދަށް
ފައިބައި ވަޑައިގެންނެވިއެވެ. އަދި ޘަމޫދު ބާގައިގެ އަހުލުވެރިން
ފެންބޮއިއުޅުނު ފެންގަނޑުން ފެންބުއިމަށް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން
އެދުނެވެ. އަދި އެފެންގަނޑުގެ ފެނުން މަޑުތަކެއް މޮޑެ އެއިން ރުނބާތަކެއް
ހެދިއެވެ.
ދެން ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
އަމުރުކުރައްވައިގެން އެތަކެތި އަންދާލިއެވެ. އަދި އޭގެ މަޑު ޖަމަލުތަކަށް
ކާންދެއްވިއެވެ. އެއަށްފަހު އެ ޖަމަލުތަކާއިގެން ދަތުރުކުރެއްވިއެވެ. އަދި
އެބޭކަލުންނާއި، ﷲ ތަޢާލާ ހެއްކެއްގެ ގޮތުގައި ޘަމޫދު ބާގައިގެ
އަހުލުވެރިންގެ ގާތަށް ފޮނުއްވި ޖަމަލު ފެންބޯ ފެންގަނޑާއި
އަރާހަމަވެވަޑައިގެންނެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
އެކަލޭގެފާނުގެ އަޞްޙާބުންނަށް ޘަމޫދު ބާގައިގެ އަހުލުވެރިން އުޅުނު
ސަރަހައްދަށް ރޯޙާލުގައިމެނުވީ ނުވަނުމަށް އިރްޝާދުދެއްވިއެވެ. އޭގެ ސަބަބު
އެކަލޭގެފާނުގެ މި ޙަދީޘްފުޅުން އެނގިގެންދެއެވެ. އެކަލޭގެފާނު
ޙަދީޘްކުރައްވާފައިވެއެވެ.
(إني أخشى أن يصيبكم ما أصابهم) މާނައީ: “ހަމަކަށަވަރުން
އެބައިމީހުންނަށް ޖެހުނުފަދަ ކަމެއް(ޢަޒާބެއް) ތިޔަބައިމީހުންނަށް
ޖެހިދާނެތީ ތިމަންކަލޭގެފާނު ބިރުފުޅުގަނެވަޑައިގަންނަވައެވެ.”
މީސްތަކުން އެބައިމީހުންގެ
ޒަމާނުގައި ނުވަތަ އެބައިމީހުންގެ ކުރީގެ ޒަމާނެއްގައި ބޮޑުވެގެންވާ
ޙާދިޘާއެއް ހިނގާފައިވާ ތަނެއްގައި ތިބޭހިނދު އެބައިމީހުން
އެޙަދިޘާއަކާއިމެދު ވަރަށްބޮޑަށް ވިސްނާނެއެވެ. އެބައިމީހުންގެ
ވިސްނުމުގައި ހުންނާނީ މުޅިންވެސް އެކަންތައް ހިނގައިދޔަގޮތުގެ
ޙިޔާލުތަކެވެ. މިފަދަ ހިނދުކޮޅަކީ ﷲ ގެ މަގުގައި ދަޢުވަތުދޭ ދާޢީއަކަށް
ވަރަށް މުހިއްމު ފުރުޞަތެކެވެ.
މިފުރުޞަތުގައި މީސްތަކުންނަށް
ފާއިތުވެގޮސްފައިވާ ޒަމާނުގައި އުޅެފައިވާ މީހުންނާއި ބޭހޭގޮތުން
ބުނެދިނުން ވަރަށް މުހިއްމެވެ. އަދި އެބައިމީހުންނަށް ދިމާވި ކަންތަކުން
އަޅުގަނޑުމެން ޙަޞިލްކުރަންވީ ޢިބްރަތްތަކަކީ ކޮބައިތޯ މީސްތަކުންނަށް
ބުނެދިނުން ހުއްޓެވެ. އަދި އެބައިމީހުން ޢަމަލުކުރިގޮތަށް ޢަޅުގަނޑުމެން
ޢަމަލުނުކުރުމަށް ނަޞޭޙަތްތެރިވެ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙު
ކުރުމަށް ނަޞޭޙަތްތެރިވާން ވާނެއެވެ.
އާދެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމްވެސް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި މުޚާޠަބުކުރައްވާއި
ދެއްވި ނަޞޭޙަތަކީ މިއީއެވެ. އަދި ﷲ ތަޢާލާ އެކަލޭގެފާނަށް އެންގެވި
ކަންތަކެއް އެކަލޭގެފާނުގެ އަޞްހާބުބޭކަލުންނަށް ބުނެދެއްވިއެވެ، މިގޮތުން
ޞާލިޙް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ ގާތަށް ހެއްކެއްގެ ގޮތުގައި
ފޮނުއްވުނު ޖަމަލު ފެންބޯން އަންނަ މަގު އެކަލޭގެފާނުގެ
އަޞްޙާބުބޭކަލުންނަށް ބުނެދެއްވިއެވެ. އަދި އެ ޖަމަލު ފެންބޮއެގެން ދާ
މަގުވެސް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ކިޔައިދެއްވިއެވެ. އަދި އެ
ޖަމަލާއި ޞާލިޙް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ މެދުގައި ފެން
ބައިކުރެވިފައިވާކަން އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް އެންގެވިއެވެ.
އެހެންކަމުން އެ ޖަމަލު ފެންބޯދުވަހަކު އެ ފެންގަނޑުގެ ފެން އެޖަމަލު
ބޮއެވެ. އަދި ޖެހިގެން އަންނަދުވަހު އެ ޖަމަލު އެފެންގަނޑުން އެއްވެސް
މިންވަރަކަށް ފެންބޯކަމުގައި ނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ ) سورة الشعراء 155 މާނައީ:
” އެ އެއްޗަށް ބޯފެނުގެ ވަގުތެއްވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް
ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ ވަގުތެއް ވެއެވެ. “ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ) سورة القمر 28 މާނައީ: ”
އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ
އެއުރެންގެ މެދުގައި (އެބަހީ: އެއުރެންނާއި އެ ޖަމަލާ ދެމެދު)
ބައްސަވައިފައެވެ. ކޮންމެ ބަޔަކަށްމެ، އެބަޔެއްގެ ބުއިން (އެބަޔެއްގެ
ދުވަހު) ޙާޟިރު ކުރައްވާފައިވެއެވެ. “
ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް ކިޔައިދެއްވާފައިވާގޮތުން މިޖަމަލުގެ ޢަޖައިބުކުރަނިވި ކަމަކީ،
ޘަމޫދު ބާގައިގެ އަހުލުވެރިން ދިޔައީ އެބައިމީހުން ބޭނުން މިންވަރަކަށް
މިޖަމަލުން ކިރުފެލަމުންނެވެ. އެހެންކަމުން އެއްވެސް ކަހަލަ މަސައްކަތަކާއި
ވަރުބަލިކަމެއް އިޙްސާސް ކުރުމެއްނެތި ޖަމަލު އޭގެ ފެންބޯދުވަހުގައި ބޯ
ހުރިހާ ފެނެއްގެ ބަދަލެއްގެ ގޮތުން ޘަމޫދު ބާގައިގެ އަހުލުވެރިންނަށް
ދިޔައީ އޭގެ ކިރުލިބެމުންނެވެ.
އެމީހުންނަށް ލިބެމުން ދިޔަ
މިބޮޑުވެގެންވާ ފައިދާ ލިބުމާއެކުވެސް އެމީހުން އެޖަމަލަށް ނުކުޅަދާނަ
މިނަވަރަށް އެއިން ކުރިފެލަން ދިމާކުރިއެވެ. އަދި އެމީހުންގެ ތެރޭގައި
އެޖަމަލު ވާތީ އެކަމާއި ނަފްރަތުކުރިއެވެ. އެންމެފަހުން އެޖަމަލު
ކަތިލިއެވެ.
ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ
އަޅުގަނޑުމެންނަށް ޚަބަރުދެއްވާފައިވާ ގޮތުގައި ޖަމަލު ކަތިލީ ޘަމޫދު
ބާގައިގެ މީހުންގެ ތެރެއިން އެންމެ އަބާއްޖެވެރި މީހާއެވެ. ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. ( إِذِ انبَعَثَ أَشْقَاهَا﴿١٢﴾ فَقَالَ لَهُمْ رَسُولُ اللَّـهِ نَاقَةَ اللَّـهِ وَسُقْيَاهَا ) سورة الشمس 12-13 މާނައީ: ” އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހާ (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ. (12) ފަހެ، އެއުރެންނަށް ﷲ ގެ ރަސޫލާ (އެބަހީ: صالح ގެފާނު) ވިދާޅުވިއެވެ. ﷲގެ ޖަމަލަށާއި، އޭގެ ބުއިމަށް ރައްކާތެރިވާށެވެ! “
ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް
އަޅުގަނޑުމެންނަށް އެކަލޭގެފާނުގެ ޙަދީޘފުޅެއްގައި އަންގަވާފައިވާގޮތުން އެ
ޖަމަލު ކަތިލިމީހާއަކީ ރަތްދޮންކުލައިގެ މީހެކެވެ. ފަހެ ޢަލީ ބުން އަބީ
ޠާލިބް އަށާއި ޢައްމާރު ރަޟިޔަﷲޢަންހުމާ އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (ألا أحدثكم بأشقى رجلين؟)މާނައީ:
” އެންމެ އަބާއްޖެވެރިކަން ބޮޑު ދެމީހުންނަކީ ކޮބައިކަން ތިމަން
ކަލޭގެފާނު ތިޔަބައިމީހުންނަށް ބުނެދެއްވަންހެއްޔެވެ؟ ” ތިމަންބޭކަލުން
ވިދާޅުވީމެވެ. ﷲގެ ރަސޫލާއެވެ.އާދޭހެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ( أحيمر ثمود الذي عقر الناقة ، والذي يضربك يا علي على هذه – يعني قرنه – حتى يبل منه هذه – يعني لحيته ) رواه أحمد މާނައީ: ”
ޖަމަލު ކަތިލީ މަޑު ރަތްދޮންކުލައިގެ ޘަމޫދު ބާގައިގެ މީހާއާއި، އޭ
ޢަލީގެފާނެވެ! ކަލޭގެފާނުގެ ކަނދުރާގައި ކަނޑިންޖަހާ އެއިން އަންނަލެއިން
ކަލޭގެފާނުގެ ތުނބުޅިފުޅު ތެއްމާލާ މީހާއެވެ “ އަދި ސަޙީޙްބުޚާރީ
އަދި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި އެ ޖަމަލު ކަތިލީ މީހާއަކީ
ޘަމޫދުބާގައިގެ ބޮޑެއްކަންވެސް އެނގިގެންދެއެވެ. އަދި އޭނާއަކީ ނުބައި
ފާސިދުވެފައިވާ މީހެއްކަންވެސް ޙަދީޘުންއެނގެއެވެ.
ޘަމޫދު ބާގައިގެ އަހުލުވެރިން
އެބައިމީހުންނަށް ހެއްކެއްގެ ގޮތުގައި ފޮނުއްވުނު ޖަމަލު ކަތިލުމުން
އެބައިމީހުންނަށް ތިންދުވަހުގެ ތެރޭގައި ގަދަފަދަވެގެންވާ ކޯފާއެއް
އަންނާނެކަން ޞާލިޙް ޢަލައިހިއްސަލާމް އެންގެވިއެވެ. މިޚަބަރު ދެއްވައި ﷲ
ތަޢާލާ ކީރިތިޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. (فَعَقَرُوهَا فَقَالَ تَمَتَّعُوا فِي دَارِكُمْ ثَلَاثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ) سورة هود 65 މާނައީ: “ނަމަވެސް،
އެއުރެން އެ ޖަމަލު މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ.
ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް
އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ ވަޢްދެކެވެ. “
އަދި ތިން ވަނަ
ދުވަހުގައި އެބައިމީހުންނަށް ﷲ ތަޢާލާގެ ޢަޒާބު އައިސް ޖެހުނެވެ. ވަރުގަދަ
އަޑެއްއައިސް އެބައިމީހުން އެންމެ ހަލާކުރިއެވެ. ﷲ ތަޢާލާ މިކަން
ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި ވަޙީކުރެއްވާފައިވެއެވެ. (فَإِنْ أَعْرَضُوا فَقُلْ أَنذَرْتُكُمْ صَاعِقَةً مِّثْلَ صَاعِقَةِ عَادٍ وَثَمُودَ) سورة فصلت 13 މާނައީ: ”
ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު
(އެއުރެންނަށް) ވިދާޅުވާށެވެ! عاد ބާގައިމީހުންނާއި ثمود ބާގައިމީހުންނަށް
އައި ހޮނުގުގުރީގެ ޢަޛާބުފަދަ ޢަޛާބެއް، ތިޔަބައިމީހުންނަށް
އަތުވެދާނެކަމަށް އިންޒާރުކުރައްވަމެވެ. “
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَأَمَّا
ثَمُودُ فَهَدَيْنَاهُمْ فَاسْتَحَبُّوا الْعَمَىٰ عَلَى الْهُدَىٰ
فَأَخَذَتْهُمْ صَاعِقَةُ الْعَذَابِ الْهُونِ بِمَا كَانُوا يَكْسِبُونَ) سورة فصلت17 މާނައީ: ”
އަދި ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް
ތެދުމަގު ދެއްކެވީމެވެ. ފަހެ، އެއުރެން ތެދުމަގު ލިބުމުގެ ބަދަލުގައި،
ކަނުކަން (އެބަހީ: މަގު ފުރެދުން) އިޚްތިޔާރުކުރޫއެވެ. އެއުރެން
ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން، އިހާނަތްތެރި ޢަޛާބުގެ ހޮނުގުގުރި
އެއުރެންގައި ހިފިއެވެ. “
ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް އަޅުގަނޑުމެންނަށް ޚަބަރުދެއްވާފައިވާ ގޮތުގައި ޘަމޫދު ބާގައިގެ
އަހުލުވެރިންނަށް ޢަޛާބެއްގެ ގޮތުގައި ފޮނުއްވެވި ވަރުގަދަ
އަޑުފަތްގަނޑުގެ ސަބަބުން އެ ޤަބީލާގެ އެންމެން މި ބިންމަތިން ހަލާކުވެ
ނެތިގެން ދިޔައެވެ. މީގައި އެރަށުގައި ތިބި މީހުންނާއި އެރަށުން ބޭރުގައި
ތިބިމީހުން ފަރަގެއް ނުކުރައްވައެވެ. އަދި އެމިހުންގެ ތެރެއިން ﷲ ތަޢާލާ
ޙުރުމަތްތެރި ކުރެއްވި ޙަރަމްފުޅު ސަރަހައްދުގައި ހުރިމީހަކު ފިޔަވައި
އެންމެން ހަލާކުވިއެވެ. އޭނާ އާއި ހަމަޔަށް ޢަޒާބު ފޯރުން ޙަރަމްފުޅުގެ
ސަބަބުން މަނާވިއެވެ. ދެން އޭނާ ޙަރަމްފުޅުން ނުކުތުމާއެކު އޭނާގެ
ޤައުމުގެމީހުނަށް ޖެހުނު ޢަޛާބު އޭނާއަށްވެސް ޖެހުނެވެ.
ފަހެ ހަމަކަށަވަރުން
ހެކިތަކަށްއެދި ސުވާލު ނުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް
އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އިންޒާރުކުރެއްވިއެވެ. އެބޭކަލުން އެ
ހެކިތައް ދޮގުކޮށްފާނެތީ އެކަލޭގެފާނު ބިރުފުޅުގެންވަޑައިގަތީއެވެ. އަދި
އޭގެ ސަބަބުން އެބޭކަލުންނަށް ޞާލިޙް ޢަލައިހިއްސަލާމްގެ ޤައުމުގެ
މީހުންނަށް ފޮނުއްވިފަދަ ޢަޒާބެއް ފޮނުއްވަފާނެތީއެވެ.
މި ޙަދީޘުން ލިބޭ ފިލާވަޅުތަކާއި ފާއިދާތައް:
1- މިޙަދީޘުގައި ރަސޫލުބޭލުންގެ
އަރިހުން އެބޭކަލުންގެ ރިސާލަތުގެ ތެދުކަމުގެ ހެކިތަކަށް އެދި
ސުވާލުކުރުމާއި މެދު ރައްކާތެރިވުމަށް އިންޒާރުކުރައްވާފައިވެއެވެ. ފަހެ
ހަމަކަށަވަރުން ކުރީގެ އުއްމަތްތަކުގައި އުޅެފައިވާ މީހުން ހެކިތަކަށްއެދި
އެބޭކަލުންނަށް ދެންނެވިއެވެ. ދެންފަހެ ﷲ ތަޢާލާ އެބޭކަލުންނަށް ހެކިތައް
ދެއްވިއެވެ. އެއަށްފަހު އެބޭކަލުންގެ ޤައުމުތަކުގެ މީސްތަކުން އެހެކިތަށް
ދޮގުކުޅައެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުން ހަލާކުކުރެއްވިއެވެ.
2- ﷲ ތަޢާލާގެ ޢަޛާބަށް
ބިރުވެތިވެ ރައްކާތެރިވުމަށް މިޙަދީޘުން އިންޒާރުކުރެއެވެ. ފަހެ
އެއިލާހުގެ ރަސޫލުންނައި އެއިލާހު ބާވައިލެއްވި ފޮތްތައް ދޮގުކުރުމަކީ
އެއިލާހުގެ ޢަޒާބާއި ކޯފާއަށް ހުށައެޅިގެންދާ ކަންތަކެވެ.
3- ﷲ ތަޢާލާ ޞާލިޙް
ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވި ޖަމަލަކީ
ބޮޑުވެގެންވާ ހެއްކެކެވެ. އަދި އޭގެ ޒާތުގައިވެސް އެއީ ބޮޑުވެގެންވާ
ހެއްކެކެވެ. އެ ޖަމަލަކީ ހަށިގަނޑުގެ ގޮތުން ބޮޑު ޖަމަލަކެވެ. އަދި އެއީ
ބުރުސޫރައިގެ ގޮތުން ރީތި ޖަމަލެކެވެ. އަދި އެހެން ޖަމަލުތަކަށް
ލިބިފައިނުވާ ޚާއްޞަ ޞިފަތަކެއް މި ޖަމަލަށް ލިބިފައިވެއެވެ.
4- ބޮޑެތި ޙާދިޘާތައް
ހިނގާފައިވާ ތަންތަނުގައި މަޑުކުރުމުގެ މަޝްރޫޢިޔަތުކަން މިޙަދީޘުން
ސާބިތުވެގެންވެއެވެ. މީގެ ބޭނުމަކީ މުސްލިމް މީހާ އެ ޙާދިޘާތަކުން
ޢިބްރަތްތަކާއި މަތިވެރިވެގެންވާ ފިލާވަޅުތައް ލިބިގަތުމެވެ. މިގޮތުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި
އެކީ ޘަމޫދު ބާގައިގެ މީހުން އުޅުނު ސަރަހައްދުގައިވާ ފެންގަނޑެއްގެ
ކައިރީގައި މަޑުކުރެއްވިއެވެ. އަދި ކީރިތި ޤުރްއާނުގައި ބިންމަތީގައި
ދަތުރުފަތުރުކޮށް، ފިކުރުކޮށް، ކުރީގައި އުޅެފައިވާމީހުންނަށް ދިމާވެފައިވާ
ކަންތައްތައް ހޯދާބަލައި އެކަންތަކުން ޢިބުރަތާއި ފިލާވަޅުތައް
ޙާޞިލްކުރުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ.
ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. (قُلْ سِيرُوا فِي الْأَرْضِ ثُمَّ انظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ) سورة الأنعام 11 މާނައީ: ”
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް
އުޅޭށެވެ! ދެން އެއަށްފަހު ދޮގުކުޅަ މީހުންގެ ނަތީޖާ އޮތީ ކިހިނަކުންކަން
ތިޔަބައިމީހުން ދެކޭށެވެ! “ އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
(قَدْ خَلَتْ مِن قَبْلِكُمْ سُنَنٌ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ) سورة آل عمران 137 މާނައީ: ”
(އެކިއެކި އުއްމަތްތަކާމެދު) ހިނގައިދިޔަ ކަންތައްތަކެއް ތިޔަބައިމީހުންގެ
ކުރިން އިސްވެ ހިނގައްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި
ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން، ދޮގުކުޅަ މީހުންގެ ނަތީޖާއޮތީ
ކޮންފަދަޔަކުންތޯ ނިކަން ބަލައިބަލާށެވެ! “
5- މިޙަދީޘުން ރަސޫލުﷲ ޞައްލަﷲ
ޢަލައިހިވަސައްލަމްގެ ޢިލްމުފުޅުގެ ފުރިހަކަން އެނގިގެންދެއެވެ. ފަހެ
ޖަމަލު ފެންބޯން އަންނަ މަގާއި އޭތި ފެންބޮއެގެން ދާ މަގުވެސް
އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނަށް ވިދާޅުވެދެއްވިއެވެ. ފަހެ
އެކަލޭގެފާނަށް ޢިލްމުދެއްވި ފާރާތުގެ ޢިލްމުގައި އެއްވެސް އުނިކަމެއް
ނުވެއެވެ. އެކަލޭގެފާނަށް ޢިލްމުދެއްވީ ހުރިހާ ކަމެއް އެންމެ މޮޅަށް
ދެނެވޮޑިގެންވާ، އެންމެ މޮޅަށް ޚަބަރުދެއްވާ ﷲ ތަޢާލާއެވެ.
6- ޙަރަމްފުޅަކީ އެއިން
ޙިމާޔަތްހޯދާ މީހަކަށް ޙިމާޔަތެއްކަން މި ޙަދީޘުން އެނގިގެންދެއެވެ. ފަހެ ﷲ
ތަޢާލާގެ ޙަރަމްފުޅުން ޘަމޫދު ބާގައިގެ މީހެއްކަމުގައި އަބޫ ރިޣާލް އަށް
ޢަޒާބުން ރައްކާތެރިކަން ލިބުނެވެ. އަދި އޭނަ ޙަރަމްފުޅުން ނިކުތުމާއިއެކު
އޭނާގެ މައްޗަށްވެސް ޢަޛާބު ފޮނުއްވިއެވެ.
7- މިހަދީޘްގައި އަބޫރިޢާލް
އަށް ޙަރަމްފުޅުގެ ރައްކާތެރިކަން ލިބުނުވާހަކަ އޮތުމުން އެނގިގެން ދަނީ މި
ޙަރަމްފުޅަކީ އިބްރަހީމް ޢަލައިހިއްސަލާމްގެ ޒަމާނަށްވުރެވެސް ކުރީން
ރައްކާތެރިކަން ލިބިގެންވާ ތަނެއްކަމެވެ. ސަބަބަކީ ޞާލިޙް ޢަލައިހިއްސަލާމް
އާއި އެކަލޭގެފާނުގެ ޤައުމު ޘަމޫދު ބާގައިގެ މީހުން ދުނިޔޭގައި
އުޅެފައިވަނީ އިބްރާހީމް ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުމުގެ
ކުރިންނެވެ. ޞާލިޙް ޢަލައިހިއްސަލާމް އަކީ ނޫޙު ޢަލައިހިއްސަލާމްގެ
ދަރިކޮޅުގެ ޢަރައްބެކެވެ. އަދި އިބްރާހީމް ޢަލައހިއްސަލާމްގެ ކުރިންވެސް
މައްކާއަކީ ޙަރަމްފުޅެއްކަން ޤުރްއާނުން ދަލީލްކުރެއެވެ.
ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. (رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ) سورة ابراهيم 37 މާނައީ:
” އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު،
ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ
އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. “
މަޞްދަރު: صحيح قصص النبوي للدكتور عمر سليمان عبدالله الأشقر
0 comments:
Post a Comment