Monday, April 6, 2015

ފޭރާންލުމުގެ އަދަބުތައް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

55941399oc8ރަން އަނގޮޓިއެއް އަޅުއްވައިގެން ހުންނެވި ޞަޙާބީއަކު ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم އެ ޞަޙާބީގެ އަތުގައި ހިއްޕެވިއެވެ. އަދި އިނގިލީގައިވާ އަނގޮޓި ނަންގަވާފައި އެއްލަވާ ލެއްވިއެވެ.




 އަދި ހަދީޘް ކުރެއްވިއެވެ. “ނަރަކައިގެ އަނދަ އަނދާ ހުންނަ ދަރުގަނޑެއް އަތުގައި ބާއްވައިގެން އުޅެން ތިޔަބައިމީހުން އެދޭނަން ހެއްޔެވެ؟” އެއަށްފަހު ކީރިތި ރަސޫލާ صلى الله عليه وسلم އެމަޖިލިހުން ނިކުމެވަޑައިގަތުމުން ބައެއް ޞަޙާބީން އަނގޮޓީގެ ވެރިޔާއަށް ދެންނެވިއެވެ. އަނގޮޓި ނަގައިގެން އޭގެ ބޭނުން ހިފާށެވެ. އަނގޮޓީގެ ވެރިޔާ ދެންނެވިއެވެ. “ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ދުވަހަކުވެސް އެޔެއް ނުނަގާނަމެވެ. އެއަނގޮޓި އެއްލަވާލެއްވީ ކީރިތި ރަސޫލާ صلى الله عليه وسلم އެވެ.”

ޢަރަބިން ޖާހިލިއްޔަ ޒަމާނުގައި ކަޢުބާގައި ޠަވާފުކޮށް އުޅުނީ ހެދުމެއް ނުލާ އޮރިޔާމުންނެވެ. އެމީހުންގެ ޙުއްޖަތަކީ ﷲ އަށް އުރެދުނުއިރު ލައިގެން އުޅުނު އެއްވެސް ހެދުމެއް ލައިގެން ޠަވާފު ނުކުރުމެވެ. އިސްލާމްދީން އައުމާއި އެކު އެބައިމީހުންނަށް އަންގަވައިދެއްވާފައިވަނީ ޒީނަތްތެރި ކަމަކީ އިސްލާމްދީން މަރްޙަބާ ކިޔާ ކަމެއް ކަމެވެ. އަދި ބޭނުންވަނީ އެތެރެ ޠާހިރުވެފައި އޮތުން ކަމެވެ. ސޫރަތުލް އަޢްރާފްގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا وَاشْرَ‌بُوا وَلَا تُسْرِ‌فُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِ‌فِينَ) މާނައަކީ: ” އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުންގެ ޞަޙާބީންނާއި އެކުގައި މަޖިލިހެއްގައި ހުންނަވަމުން ޙަދީޘް ކުރެއްވިއެވެ. (لا يَدْخُلُ الْجَنَّةَ عَبْدٌ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنَ الْكِبْرِ) ރަވާހުލް ޙާކިމް، “އެމީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރަށްވެސް ކިބުރުވެރިކަން ހުރެއްޖެ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.” އެހިނދު ޞަޙާބި އަކު ދެންނެވިއެވެ. “އަހަރުމެންގެ ތެރެއިން މީހަކު އޭނާގެ ހެދުން ޒީނަތްތެރިކޮށް ހުރުމަށް ލޯބި ކުރެއެވެ. އަދި ފައިވާން ރީތިކޮށް ހުރުމަށް ލޯބި ކުރެއެވެ. ހެނދުން ރީތިކޮށް ހުރުމާއި މީހާގެ މަޡްހަރު ރީތި ވުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫންކަން ބަޔާން ކުރައްވާ ކީރިތި ރަސޫލ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (إن الله جميل يحب الجمال. الكِبْرُ بطر الحق (إي إنكاره) وغمط الناس (أي احتقارهم ) ރަވާހު މުސްލިމް. މާނައަކީ: “ހަމަކަށަވަރުން ﷲ އަށް ރިވެތި ކަމުގެ ޞިފަ ލިބިވޮޑިގެން ވެއެވެ. އެކަލާންގެ ރިވެތި ކަމަށް ލޯބި ކުރައްވައެވެ. ބޮޑާކަމަކީ ޙައްގަށް އިންކާރު ކުރުމެވެ. އަދި މީސްތަކުން ދަށްކޮށްލުމެވެ.”

އެހެންކަމުން، ހެދުމަކީ ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރި ނިޢްމަތެއްކަން ދަންނަންވާނެއެވެ. އެހެދުމުގެ ޛަރީޢާ އިން ޢައުރަ ނިވާ ކުރެއެވެ. އަދި ހޫނާއި ފިނިން މީހާ ސަލާމަތްވެއެވެ. ސޫރަތުއްނަޙްލުގެ 81 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَجَعَلَ لَكُمْ سَرَ‌ابِيلَ تَقِيكُمُ الْحَرَّ‌ وَسَرَ‌ابِيلَ تَقِيكُم بَأْسَكُمْ ) މާނައަކީ: ” އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ.”

ސޫރަތުލް އަޢްރާފްގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِ‌ي سَوْآتِكُمْ وَرِ‌يشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ‌ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ لَعَلَّهُمْ يَذَّكَّرُ‌ونَ) މާނައަކީ: ” އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ” ހެދުމުގެ މުހިންމުކަން ބަޔާން ކުރައްވަނީ މިފަދައިންނެވެ.

 އިންސާނާގެ ޢައުރަ އެންމެ ބޮޑަށް ރައްކާތެރިކޮށްދޭ އެއްޗަކީ ތަގްވާވެރި ކަމެވެ. ތަގްވާގެ ސަބަބުން އިންސާނާ ﷲ ގެ ކޯފާ އާއި ޢަޛާބުން ރައްކާތެރިކޮށްދެއެވެ. ހެދުމުގެ ޛަރީޢާއިން އިންސާނާ ހޫނާއި ފިނިކަމުން ރައްކާތެރިކޮށްދޭ ފަދައިންނެވެ.
ހެދުން އެޅުމުގައި އަދަބުތަކެއް ކަނޑަ އަޅުއްވާފައިވެއެވެ. އެގޮތުން:

1. ބޮޑާ ކަމާއި ދެއްކުންތެރިކަމުގެ ގޮތުން ހެދުން އަޅާ ނޫޅުން.

2. އަގުގެ ގޮތުން މާ އަގުބޮޑުވެސް ނޫން އަދި މާ އަގުހެޔޮވެސް ނޫން ހެދުމެއް ލުން. ކޮންމެ ކަމެއްގައިވެސް މެދު މިންވަރު އިޚްތިޔާރު ކުރުމަކީ އެންމެ ރަގަޅު ގޮތެވެ.

3. އެމީހަކާ ގުޅޭ ފަދަ ހެދުމެއް ލުން. އެގޮތުން އަންހެނުން ފިރިހެނުންގެ ހެދުން ލައިގެން ނުވާނެއެވެ. އަދި ފިރިހެނުން އަންހެނުންގެ ހެދުން ލައިގެންވެސް ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ.

(لَعَنَ الرَّجُلَ يَلْبَسُ لُبْسَةَ الْمَرْأَةِ ، وَالْمَرْأَةَ تَلْبَسُ لُبْسَةَ الرَّجُلِ) ރަވާހު އަބޫދާވޫދް. މާނައަކީ: “ފިރިހެނުންގެ ތެރެއިން އަންހެން ހެދުން ލާ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންގެ ހެދުން ލާ މީހުންނަށް ކީރިތި ރަސުލާ صلى الله عليه وسلم ލަޢްނަތް ލެއްވިއެވެ.”

4. ފިރިހެނުން ރަނާއި ފަށުވި ފޭރާން ނުލުން. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. (حُرِّمَ لِبَاسُ الْحَرِيرِ وَالذَّهَبِ عَلَى ذُكُورِ أُمَّتِي ، وَأُحِلَّ لِإِنَاثِهِمْ) ރަވާހު އަޙްމަދު ވައްތިރްމިޛީ. މާނައަކީ: “ރަނާއި ފަށުވި ފޭރާން ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންގެ މައްޗަށް ޙަރާމް ކުރެއްވިއެވެ. އަދި އަންހެނުންނަށް ހުއްދަ ކުރެއްވިއެވެ.”

5. ހަށިގަނޑުގެ ވަނާތައް ނޭނގޭ ގޮތަށް ގަޔަށް ދޫކޮށް ހެދުން ލާފައި ހުރުން.

6. ހުދު ހެދުން ލުން. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (الْبَسُوا مِنْ ثِيَابِكُمْ الْبَيَاضَ ، فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ ، وَكَفِّنُوا فِيهَا مَوْتَاكُمْ) މާނައަކީ: “ތިޔަބައިމީހުން ހުދު ކުލައިގެ ހެދުން ލައި އުޅޭށެވެ. ހަމަކަށަވަރުން އެންމެ ހެޔޮކަން ބޮޑު ހެދުމަކީ ހުދު ކުލައިގެ ހެދުމެވެ. ތިޔަބައިމީހުންގެ މައްޔިތުން ކަފުން ކުރުމަށް ހުދުކުލަ ބޭނުން ކުރާށެވެ.”

7. އާ ހެދުމެއް ލާ ހިނދުގައި އެހެދުން ދެއްވި ކަމަށް ޓަކައި ﷲ އަށް ޝުކުރުވެރި ވުން. ރަސޫލާ صلى الله عليه وسلم އާ ހެދުމެއް ތުރުކުރައްވާ ހިނދުގައި އަންނަނިވި ގޮތަށް ދުޢާ ކުރައްވާ ކަމަށް ވާރިދުވެފައިވެއެވެ. (الَّلهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيْهِ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَّرِّ مَا صُنِعَ لَهُ) ރަވާހު އަބޫދާވޫދަ ވައްތިރްމިޛީ. މާނައަކީ: ” އޭ ހައްދަވައިބޮޑުކުރެއް ﷲ އެވެ. އެއްމެހާ ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ އިބަ ﷲ އަށެވެ. މިއަޅާއަށް މިހެދުން ލެއްވީ އިބައިކަލާނގެއެވެ. މީގެ ހެޔޮކަމާއި، މިފެހިފައިވާ ހެޔޮ ބޭނުމަށް އެދި އިބަރަސްކަލާނގެ ހަޟުރަތަށް ދަންނަމެވެ. އަދި މީގެ ނުބައިކަމުންނާއި، މިހެދިފައިވާ ނުބައި ބޭނުމުން އިބަ އިލާހުގެ ރައްކާތެރި ކަމަށް މިއަޅާ އެދެވެ.”

ޢުމަރު ބިން އަލްޚައްޠާބު އާ ހެދުމެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ފެނިވަޑައިގެން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (اِلْبَسْ جَدِيْدًا, وَعِشْ حَمِيْداً, وَمُتْ شَهِيْدًا) ރަވާހު އިބްނު މާޖާ. މާނައަކީ: “އާ ހެދުމެއް ލައިގެން ތަޢުރީފް ލިބިގެންވާ ހެއު ދިރިއުޅުމެއް އުޅެ ޝަހީދެއްގެ ގޮތުގައި މަރުވާށެވެ.”

8. ހެދުން ލުމުގައި ކަނާ އަތް އިސްކުރުން އަދި ހެދުން ބޭލުމުގައި ވާއަތް އިސްކުރުން. މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ “يُحِبُّ التَّيَمُّنَ فِي شَأْنِهِ كُلِّهِ) މުއްތަފަގުން ޢަލައިހި. މާނައަކީ: “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ކަމެއް ކުރެއްވުމުގައިވެސް ކަނާއަތް އިސްކުރެއްވުމަށް ލޯބި ކުރައްވައެވެ.”

9. ހެދުމުގެ ޞާފުޠާހިރު ކަމަށް ސަމާލުކަން ދިނުން. ހަމަކަށަވަރުން މީހާގެ ހެދުން ސާފުޠާހިރު ކޮށް ރިވެތި ކޮށް ހުރުމަކީ މީސްތަކުންގެ ލޯތްބާއި އިޙްތިރާމް ލިބޭނޭ ކަމެކެވެ.

10. ހެދުން ބާލާއިރު “ބިސްމިﷲ” ކިޔާފައި ބޭލުން. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (سِتْرُ مَا بَيْنَ أَعْيُنِ الْجِنِّ ، وَعَوْرَاتِ بَنِي آدَمَ إِذَا وَضَعَ الرَّجُلُ ثَوْبَهُ ، أَنْ يَقُولَ : بِسْمِ اللهِ) ރަވާހުއްޠަބަރާނީ. މާނައަކީ: “ޖިންނީންގެ ލޯތަކާއި އާދަމުގެ ދަރިޔާ ހެދުން ބޭލުމުން އޭނާގެ ޢައުރަ އާއި ދެމެދުގައިވާ ހުރަހަކީ ހެދުން ބާލަމުން “ބިސްމިﷲ” ކިޔުމެވެ.”

11. ހެދުމުގައި ހުވަނދުލުން. މީހަކު ޢަޠަރު ކޮޅެއް ދިއްކޮށްފިނަމަ ނޫނެކޭ ބުނެގެން ނުވާނެއެވެ. މީރުވަހަށް ކީރިތި ރަސޫލާ صلى الله عليه وسلم ލޯބި ކުރެއްވިއެވެ. ޙަދީޡް ކުރެއްވިއެވެ. (حُبِّبَ إِلَيَّ مِنْ دُنْيَاكُمُ الطِّيبُ وَالنِّسَاءُ) ރަވާހުއްނަސާއީ. މާނައަކީ: “ތިޔަބައިމީހުންގެ ދުނިޔެއިން ހުވަނދާއި އަންހެނުން ތިމަންކަލޭގެފާނަށް ލޯބި ކުރެއްވުނެވެ.”

12. ހުކުރު ދުވަހާއި ދެޢީދު ދެދުވަހުގައި އެންމެ ރިވެތި ހެދުމެއް ލުން. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. (مَنِ اغْتَسَلَ يَوْمَ الْجُمُعَةِ فَأَحْسَنَ غُسْلَهُ أَوْ تَطَهَّرَ ، فَأَحْسَنَ طَهُورَهُ ومَسَّ مَا كَتَبَ اللَّهُ لَهُ مِنْ طِيبِ أَهْلِهِ ، أَوْ مِنْ دُهْنِ أَهْلِهِ ولَبِسَ مِنْ أَحْسَنِ ثِيَابِهِ ، ثُمَّ أَتَى الْمَسْجِدَ فَلَمْ يَلْغُ ولَمْ يُفَرِّقْ بَيْنَ اثْنَيْنِ غُفِرَ لَهُ مَا بَيْنَهُ وبَيْنَ الْجُمُعَةِ الأُخْرَى)

ރަވާހު އަބޫދާވޫދަ ވައިބްނު މާޖާ. މާނައަކީ: “ހުކުރު ދުވަހު ވުޟޫކޮށް، ހިނައިގަނެގެން، ﷲ އެމީހަކަށް ދެއްވި ހުވަނދެއްލައިގެން، ނުވަތަ ލޮލުގައި އަނދުން އަޅައިގެން، ރިވެތި ފޭރާމެއް ލައިގެން މިސްކިތަށް ދިޔަ މަގުމަތީގައި ބޭކާރުވާހަކަ އެއް ނުދައްކާ އަދި ދެމީހެއްގެ ދޭތެރޭ ނުޖައްސާ ގޮސްފިނަމަ، އަނެއް ހުކުރާއި ދެމެދުގައި ކުރެވޭ ހުރިހާ ފާފަތަކެއް މާތް ﷲ ފުއްސަވާ ދެއްވާނެއެވެ.”

މާތް ﷲ ރުއްސުންލެއްވި ޢަލީބިން އަބީޠާލިބްގެ ކިބައިން ރިވާވެގެން ވެއެވެ. (أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآَلِهِ وَسَلَّمَ فِي الْعِيدَيْنِ أَنْ نَلْبَسَ أَجْوَدَ مَا نَجِدُ ، وَأَنْ نَتَطَيَّبَ بِأَجْوَدَ مَا نَجِدُ ، وَأَنْ نُضَحِّيَ بِأَثمَنِ مَا نَجِدُ) ރަވާހުލް ޙާކިމް. މާނައަކީ: “ދެޢީދު ދެދުވަހުގައި އެންމެ ރަގަޅު ހެދުމެއް ލުމަށާއި، އެންމެ މީރުވަސް ދުވާ ހުވަނދެއް ލުމަށާއި، އެމީހެއްގެ ފެންވަރުން އެންމެ އަގުބޮޑު އުޟްޙިޔާ އެއް ކަތިލުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވިއެވެ. والله أعلم

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons