ތާބިޢީންގެ ތެރެއިންވި ތަޤްވާވެރި ބޭކަލެއްކަމުގައިވި އިބްރާހީމް އައްނަޚައީ އަކީ އެއްލޯ ފަން ބޭކަލެކެވެ. އެކަލޭގެފާނުގެ ދަރިވަރެއްކަމުގައި ސުލައިމާން ބިން މަހްރާން ނަމަކަށް ކިޔުނު ބޭކަލަކު ވިއެވެ. މިކަލޭގެފާނަކީ ވެސް ރޭގަނޑުގަޑީގައި ލޮލުގެ ފެނުން ބަލިކަށި ބޭކަލެކެވެ.
އެއްދުވަހެއްގައި މި ދެބޭކަލުން އެކީގައި މިސްކިތާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު އައްނަޚައީ އެކަލޭގެފާނުގެ ދަރިވަރަށް ވިދާޅުވިއެވެ. ”އޭ ސުލައިމާނެވެ! ތިބާ މިސްކިތަށް ދިއުމަށްޓަކައި އެހެން މަގެއް ޚިޔާރުކުރާށެވެ. ދެމީހުން ތަފާތު ދެމަގު ޚިޔާރުކުރާނީއެވެ.
މީސްތަކުންގެ ތެރޭގައި ބަލިކަށި ވިސްނުމުގެ އަހުލުވެރިންތަކެއްވެއެވެ. އަދި އެފަދަ މީހުންނަށް ތިމަންމެން ދެމީހުން އެއް މަގަކުންދާ މަންޒަރު ފެނިއްޖެ ނަމަ އެހެރަ ދަނީ އެއްލޯ ފަން މީހަކު ލޮލުގެ ފެނުން ބަލިކަށި މީހަކާއި އެކު އޭ މިފަދައިން އަހުރެމެންނާ ދިމާލަށް ބުނެފާނެތީ އަހުރެން ބިރުގަންނަމެވެ. އަދި އަހަރުމެންނާއި ދިމާލަށް ޢީބަ ބުނެ އެމީހުން ފާފައެއް ހޯދައިގަނެފާނެކަމަށްޓަކައެވެ.“
އެހިނދު އެކަލޭގެފާނުގެ ދަރިވަރު ވިދާޅުވިއެވެ: ”އެކަމުގެ ސަބަބުން އަހަރުމެންނަށް ހެޔޮކަމެއް އިތުރުވެ އަދި އެބައިމީހުނަށް ފާފައެއް އިތުރުވާނެ ފަދަ ކަމަކާއިމެދު ތިބާ ކަންބޮޑު ވަނީ ފަހެ ކީއްވެ ހެއްޔެވެ؟“
އައްނަޚައީ ޖަވާބުގައި ވިދާޅުވި އެވެ. ސުބްޙާނަ ﷲ އެވެ.
އަހަރުމެނަށް ހެޔޮކަމެއް އިތުރުވުމަށް ވުރެ އަދި އެމީހުންގެ މައްޗަށް ފާފައެއް އިތުރުވުމަށް ވުރެން، އެފަދަކަމަކުން ރައްކާތެރިވެ ދުރުވެ ތިބުން އަހަރުމެންނަށް އަދި އެމީހުންނަށް ވެސް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.
0 comments:
Post a Comment