“ހަ ކިބައިން ހުސް” ތަ؟
10 ނޮވެމްބަރ 2013
“ކަޅު ފޮއެ އަނދިރި ރޭރޭ، ކަޅު ހިލަ މަތީ، ކަޅު ހިނި ހިރޭ ހިރުންވެސް ދެނެވޮޑިގެންވާ، ހަކިބައިންހުސް، ކަށަ ކުޅަދުންވަންތަ” މި އިބާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ވާހަކަ ދެއްކުމުގެ މުބާރާތް ތަކުންނާއި އެކިއެކި ޖަލްސާ ތަކުންނެވެ. އެކިއެކި މުނާސަބަތު ތަކުގައި ދައްކާ ވާހަކަ ތަކުންނެވެ. މި އިބާރާތުގައި ވާ ‘ހަ ކިބައިން ހުސް’ މި ބަހުގެ މާނައަކީ ހަ ފަރާތުންކުރެ ފަރާތެއްގައި އިންވެގެން އެއްވެސް އެއްޗެއް ނެތުމެވެ.
މިބަހަކީ ﷲ ތަޢާލާގެ ޛާތު ފުޅަށް ނިސްބަތްކޮށް ބުނެވޭ ބަހެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކޮންތާކުތޯ ސުވާލު ކޮށްފިނަމަ ބައެއް ކުދިން ޖަވާބުދެނީ ﷲ ހުރިހާ ތަނެއްގައި ވޮޑިގެން ވާ ކަމަށެވެ. މި ކަންކަމަކީ މުސްލިމުންގެ އަޤީދާއާ ގުޅިފައިވާ ކަންކަމެވެ. ވީމާ މިކަންކަމާމެދު ޤުރުޢާނާއި ސުންނަތާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ދިރާސާއެއް ކޮށްލުމަކީ މުޙިއްމުކަމެއްކަމުގައި ދެކެމެވެ.
ޣައިބުގައިވާ ކަންކަމާމެދު މުސްލިމުންގެ އަޤީދާ
ﷲ ތަޢާލާގެ ޛާތު ފުޅާއި އެ އިލާހާ ގުޅޭ ކަންކަމަކީ ޣައިބުގައިވާ ކަންކަމެވެ. ޣައިބުގައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އިންސާނުންނަށް އަދި އެހެނިހެން މަޙްލޫޤުންނަށް، ﷲ ތަޢާލާ އަންގަވައި ދެއްވި ޢިލްމެއް ފިޔަވައި އިތުރު ޢިލްމެއް ލިބިފައެއް ނުވެއެވެ. މަލާއިކަތް ބޭކަލުން ވިދާޅުވެފައިވާ ފަދައިންނެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ.
قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿ سورة البقرة ٣٢﴾
މާނައީ “އެ ملائكة ން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.”
ވީމާ ޣައިބުގައިވާ ކަމެއް ޘާބިތު ކުރެވޭނީވެސް ނުވަތަ ނަފީ ކުރެވޭނީވެސް ޤުރުޢާނުން ނުވަތަ ޞައްޙަ ހަދީޘަކުންނެވެ. މި ދެ މަސްދަރުން ޘާބިތު ނުވާ ކަމެއްގައި ތިމާ އަމިއްލައަށް ބަސްކިޔާ ހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ވާނީ ބޮޑު މަގުފުރެދުމަކަށެވެ.
ޤުރުޢާނުންނާއި ޞައްޙަ ޙަދީޘުން ޘާބިތުވާގޮތް
ކީރިތި ޤުރުޢާނުގެ އެތައް ތަނެއްގައި، ﷲ ތަޢާލާ ޢަރުޝިމަތީ އިސްތަވާވެ ވޮޑިގެން ވާކަން ބަޔާން ކުރައްވާފައި ވެއެވެ.
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الأعراف ٥٤﴾
މާނައީ “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ عرش ގެ މައްޗަށް އިސްތަވާވެ ވޮޑިގެންވިއެވެ.”
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة يونس ٣﴾
މާނައީ “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އުޑުތަކާއި ބިން ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެވޮޑިގެންވިއެވެ.”
اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الرعد ٢﴾
މާނައީ “اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެވޮޑިގަތެވެ.”
الرَّحْمَـٰنُ عَلَى الْعَرْشِ اسْتَوَىٰ ﴿سورة طه ٥﴾
މާނައީ “رحمن ވަންތަ ރަސްކަލާނގެ، عرش ގެ މައްޗަށް އިސްތަވާވެ ވޮޑިގެންވިއެވެ.”
الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الفرقان ٥٩﴾
މާނައީ “އެކަލާނގެއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެ ވޮޑިގަތެވެ”
اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة السجدة ٤﴾
މާނައީ “اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ އިސްތަވާވެ ވޮޑިގެންނެވިއެވެ.”
هُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴿سورة الحديد ٤﴾
މާނައީ “އެކަލާނގެއީ، އުޑުތަކާއި، ބިން، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ عرش ގެ މައްޗަށް އިސްތަވާވެވޮޑިގަތެވެ.”
ﷲ ތަޢާލާ ޢަރުޝިމަތީ އިސްތަވާވެ ވޮޑިގެންވާކަން އިސްވެދިޔަ ހަތް އާޔަތުން ވަރަށް ސަރީޙަކޮށް ޘާބިތު ވެއެވެ.
ﷲ ތަޢާލާ ވޮޑިގެންވަނީ ހަތްއުޑު މަތީކަން ބަޔާން ކުރައްވާ ވަހީކުރައްވާފައި ވެއެވެ.
أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ ﴿سورة الملك ١٦﴾ أَمْ أَمِنتُم مَّن فِي السَّمَاءِ أَن يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ ﴿سورة الملك ١٧﴾
މާނައީ “އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.(16). ނުވަތަ އުޑުގައިވާ ކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ إنذار ކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.(17)”
ރަސޫލާ صلى الله عليه وسلم ގެ ސައްޙަ އެތައް ހަދީޘެއްގައި ﷲ ތަޢާލާ ވޮޑިގެންވަނީ ހަތްއުޑުމަތީގައި ކަން ބަޔާންކުރައްވާފައި ވެއެވެ. އެކަލޭގެފާނު ޖާރިޔާއަކަށް ޙަދީޘް ކުރެއްވިއެވެ.
((أَيْنَ اللهُ؟)) قَالَتْ: فِي السَّمَاءِ، قَالَ: ((مَنْ أَنَا؟)) قَالَتْ: أَنْتَ رَسُولُ اللهِ، قَالَ: ((أَعْتِقْهَا، فَإِنَّهَا مُؤْمِنَةٌ)) (مسلم وأحمد)
މާނައީ : “ﷲ (ވޮޑިގެންވަނީ) ކޮންތާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. އުޑުގައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކާކު ހެއްޔެވެ؟” އެކުއްޖާ ދެންނެވިއެވެ. “ކަލޭގެފާނަކީ ﷲގެ ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެކުއްޖާ މިނިވަންކުރާށެވެ. ފަހެ، އެކުއްޖާއަކީ މުއުމިނާއެކެވެ.” (މުސްލިމް: 537، އަޙްމަދު: 17945، 19455.)
އަދި ޔަހޫދީ ޤަބީލާއެއްކަމުގައިވާ ޤުރައިޟާގެ މީހުންނާމެދު ޙުކުމް ކުރެއްވި ޙާދިސާގައި ސަޢުދު ބުން މުޢާޛަށް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((لَقَدْ حَكَمْتَ فِيهِمْ بِحُكْمِ الْمَلِكِ مِنْ فَوْقِ سَبْعَةٍ أَرْقِعَةٍ)) (البخاري)
މާނައީ : “ހަމަށަވަރުން، ތިބާ އެބައިމީހުންނާމެދު ޙުކުމްކޮށްފައިވަނީ، ހަތްއުޑުގެ މަތީ ވޮޑިގެންވާ ރަސްކަލާނގެ ޙުކުމްފުޅެވެ. (އެބަހީ އެއިލާހުގެ ޙުކުމްފުޅާ އެއްގޮތަށެވެ.). (ޞަޙީޙުލް ބުޚާރީ: 3043.)
ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިމަތީ އިސްތަވާވޮޑިގެންކަމުގައި މިއުއްމަތުގެ ސަލަފުން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އުޑުތަކުގެ މަތީ، އެއިލާހުގެ ޚަލްޤުތަކުންނާ ވަކިވެވަޑައިގެން، ޢަރުޝިމަތީ އިސްތަވާވޮޑިގެންކަމުގައި މިއުއްމަތުގެ ސަލަފުން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ.
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲއަށް އީމާންވުމުގެ ތެރޭގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ ޚަލްޤުތަކުންނަށްވުރެ މަތިވެރިވެވަޑައިގެން އުޑުތަކުގެ މަތީ، އެއިލާހުގެ ޢަރުޝި މަތީކަމަށް އީމާންވުންވެއެވެ. އެއީ ﷲ އެއިލާހުގެ ފޮތުގައި ޚަބަރުދެއްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ތަވާތުރުކޮށް އައިސްފައިވާ، އަދި އުއްމަތުގެ ސަލަފުން އިޖުމާޢުވަޑައިގެންފައިވާކަމެކެވެ.” (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/66.)
އިބްނު ތައިމިއްޔާގެ މިބަސްފުޅުގެ ޝަރަޙާގައި މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މިކަމަށް ވެވިފައިވާ) އިޖުމާޢު ދަންނައެވެ. ފަހެ، ސަލަފުން ވަނީ މިކަމަށް އިޖުމާޢުވެވަޑައިގެންފައެވެ. އެބޭކަލުން އިޖުމާޢުވެލެއްވިކަން އެނގޭގޮތަކީ، ޤުރުއާނާއި ސުންނަތުގައިވާގޮތާ އިދިކޮޅަށް (އެބަހީ ބޭރުފުށުގެ މާނައާ އިދިކޮޅަށް) އެބޭކަލުންގެ ކިބައިން ބަސްފުޅެއް ނަޤުލުވެފައިނެތުމެވެ. ފަހެ، ހަމަކަށަވަރުން އެބޭކަލުންނަކީ ޤުރުއާން ކިޔަވައި، (ރަސޫލާގެ ފަރާތްޕުޅުން) ޚަބަރުތައް ނަޤުލުކުރައްވައި، އޭގެ މާނަތައް ދެނެވަޑައިގެން ތިއްބެވި ބޭކަލުންނެވެ.
އެބޭކަލުންގެ ކިބައިން (ޤުރުއާނާއި ސުންނަތުގެ) ބޭރުފުށުގެ މާނައާ ޚިލާފަށް ބަސްފުޅެއް ނަޤުލުވެފައިނުވުމުން އަންގައިދެނީ، އެބޭކަލުން (ޤުރުއާނާއި ސުންނަތުން އެދޭހަކޮށްދޭ) ބޭރުފުށުގެ މާނަނޫން އެހެންގޮތަކަށް އިޢުތިޤާދުނުކުރައްވާކަމެވެ. އަދި އެއެންމެހާ ބޭކަލުން އެކަމަށް އެއްބަސްވެވަޑައިގެން ތިއްބެވިކަމެވެ. (ޝަރަޙް އަލްޢަޤީދަތުލް ވާސިޠިއްޔާ: 2/67.)
އިމާމް މާލިކާއި އެހެންވެސް ބައެއް ބޭކަލުންގެ ކިބައިން އައިސްފައިވާ ބަސްފުޅަކީ، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްތަވާވޮޑިގަތުމާއި، އަދި އެހެންވެސް އެއިލާހާމެދު އައިސްފައިވާ ނައްޞުތަކާމެދު އީމާންވާންޖެހޭނެގޮތެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ.
((الاسْتِواءُ غيْرُ مَجْهُولٍ، والكيْفُ غيْرُ معْقُولٍ، والإيمانُ بِهِ وَاجِبٌ، والسُّؤالُ عَنْهُ بِدْعَةٌ))
“އިސްތަވާވެވޮޑިގަތުން ފޮރުވިގެންނުވެއެވެ. އަދި އޭގެ ކައިފިއްޔަތު ބުއްދިނުކުރެވޭނެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”
ﷲ ތަޢާލާ އަރުޝިމަތީ އިސްތަވާވެ ވޮޑިގެންވާކަން އެއީ ޘާބިތުވާ ކަމެކެވެ. ފޮރުވިފައިވާ ކަމެއް ނޫނެވެ. އަދި އެކަމަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ. ﷲ ތަޢާލާ އަރުޝިމަތީ ވޮޑިގެންވަނީ ކޮންގޮތަކަށް ކިހިނެތް ކަމާމެދު، އިންސާނާގެ ވިސްނުން ބޭނުންކޮށްގެން ހޯދައެއް ނުގަނެވޭނެއެވެ. އަދި މިފަދަ (ﷲ ތަޢާލާ އަރުޝިމަތީ ވޮޑިގެންވަނީ ކޮންގޮތަކަށް ކިހިނެތް ކަމާމެދު) ސުވާލު ކުރުމަކީ ބިދުޢައެކެވެ.
ﷲ ތަޢާލާ ގެ ޛާތުފުޅުގެ ވަށައިގެން އެއްވެސް މަޙްލޫޤެއް ނުވާ ކަމަށް (ހަކިބައިން ހުސް ކަމަށް) ބުނާ ވާހަކައާއި އެ އިލާހު ހުރިހާ ތަނެއްގައި ވޮޑިގެންވާކަމަށް ބުނާ ވާހަކައަކީ އެއްވެސް ދަލީލަކުން ޘާބިތުވާ ކަންކަމެއް ނޫނެވެ.
އަދި މި ވާހަކަތަކަކީ އަހުލުއް ސުންނަތު ވަލް ޖަމާޢަތުގެ ސާފު އަޤީދާއާ ފުށުއަރާ ވާހަކަ ތަކެކެވެ. ވީމާ މިފަދަ ވާހަކަތައް ނުދެއްކުމަށް ނަސޭހަތްތެރި ވަމެވެ. އަދި ޤުރުޢާނާއި ސުންނަތުގެ އަލީގައި ޢިލްމުވެރިން އެކި ކަންކަމާމެދު ދެއްވާފައިވާ ފަތުވާ ތަކާއި ވިދާޅުވެފައިވާ ބަސްފުޅުތައް ހޯދައި ބަލައި އިސްލާމް ދީނުގެ ޞައްޙަ އަޤީދާގެ މަތީ ޘާބިތުވެ ތިބުމައް ނަސޭހަތްތެރިވަމެވެ. ﷲ ތަޢާލާ އަޅަމެނަށާއި ތިޔަ އެންމެ ތަކުންނަށް ހިދާޔަތް ދެއްވާ އިސްލާމް ދީނުގެ މަތީ ޘާބިތުވެ ތިބުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ ﴿سورة آل عمران ٨﴾
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ.
آمین
0 comments:
Post a Comment