Saturday, April 18, 2015

އިސްލާމްދީނުގައި ހިތްހަމަޖެހުމާއި އުފާފާޅުކުރުން

Islam_TVއިސްލާމީ މަތިވެރި ހިދާޔަތް މިޤައުމަށް މެދުވެރިކުރެއްވި މާތް ﷲ އަށް ޙަމްދު ކުރާހާލު އަޅުގަނޑު މިލިޔުން ފަށަމެވެ. ގަރުނަކަށްފަހު ގަރުނެއް ލައްވައި، ދުނިޔެ ނިމެންދެން އަޅުގަނޑުމެންގެ ހަޔާތަށް އަލިކުރުމަށްޓަކައި ދަންމަރެއްގޮތުގައި ލެއްވި އެކަލާނގެ ވަހީ ބަސްފުޅުތަކަށް ތަބާވާ ހާލު އަޅުގަނޑު މިލިޔުން ފަށަމެވެ. ދެފުއްދެގޮތް ޔަހޫދީންނަށާއި، މުސްލިމުންނަށް އަނިޔާކުރުމުގައި ދެމިތިބި ކާފަރުންނަށް އިސްލާމީ ވަހުދަތު، އެބައިމީހުންގެ ހިތުގެ އެންމެ ފުންމިނަށް ވާސިލްކުރުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވި، މިއުންމަތުގެ މާތް ސާހިބާއަށް ޞަލަވާތް ދަންނަވަމުން މިލިޔުމުގެ މައިގަނޑަށް އަޅުގަނޑުގެ ގަލަން ދީލާލާނަމެވެ.

އިސްލާމްދީނުގައި އައިސްފައިވާ ހުކުމްތަކަކީ، އިންސާނުން އެންމެ ފުރިހަމަ ބަޔަކަށް ހެދުމަށްޓަކައި އައިސްފައިވާ އަގު މާތްވި އިލާހީ ޤާނޫނެވެ. ދުނިޔެމަތީގައި ދިމާވާ ދަތިތަކުން މިންޖުވުމަށްޓަކައި ލައްވާފައިވާ ހުކުމްތަކެވެ. ދިރިއުޅުމުގެ ވައްޓަފާޅި އެއް މިސްރާބަކަށް ބެހެއްޓުމަށްޓަކައި މިހުކުމްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހެއެވެ. ވަތަނީ އެއްބައިވަންތަކަމަށާއި، ދީބުގެ ސުލްހައަށްޓަކައި މިހުކުމްތައް ތަންފީޒުކުރުމަށް އިސްލާމްދީން ލާޒިމްކުރެއެވެ.

 ނަމަވެސް އިންސާނީ ތަބީއަތަށްބަލާއިރު އެންމެން އެއްދަރަޖައަކަށް ނުދެވޭނެއެވެ. ސަބަބަކި އިންސާނުންނަކީ މަލާއިކަތް ބޭކަލުންނަށް ނުވާތީއެވެ. އިންސާނާއަކީ ތަފާތު އެދުންތަކެއް އެމީހުން ހަށިގަނޑުގައި ލައްވާފައިވާ، ތަފާތު އެދުންތަކަށް ބޯލަނބައި، އެއެދުންތަކުގެ ބޭނުންހިފުމަށް ބޭނުންވާ މަޚްލޫގެކެވެ. ނަމަވެސް އިސްލާމްދީނުގެ ހުރިހާ އަމުރުތަކަށް ތަބާނުވެވުނަސް، މާތްﷲ ގެ ރަޙުމަތުން އެމީހަކު އެއްކިބާވެ ނުދެއެވެ. މީގެ އިތުރުން އިންސާނާ މާތްﷲ އަށް ތައުބާވެއްޖެނަމަ، އެކަލާންގެ އިރާދަކުރެއްވި މީހަކަށް ފާފަފުއްސަވައެވެ. ސުވަރުގޭގެ ނިޢުމަތް ތަފާތު ދަރަޖަތަކަށް ލައްވާފައިވަނީވެސް، އިންސާނާ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ހުންނަ ތަފާތުތަކަށް ރިޢާޔަތްކޮށެވެ.

ކަންމިހެންހުރުމާއެކު، ދީނުގެ ހުރިހާ ހުކުމްތަކަށް ތަބާވާން މަސައްކަތްކުރާމީހާ، ލިބޭ ކޮންމެ ހުސްވަގުތެއްގައި މިސްކިތުގައި އިނުމަށް، ކިޔާ ކޮންމެ ބަހެއް ޒިކުރަކަށް ވުމަށް އަންގަވާފައެއްނުވެއެވެ. އަދި އަޑުއަހާ ކޮންމެ އެއްޗަކީ ކީރިތި ޤުރުއާންކަމުގައި ވުމަށްވެސް މަޖުބޫރުކުރައްވާފައެއް ނުވެއެވެ. އެހެނީ އިސްލާމްދީނަކީ އަބަދުވެސް މެދުމިނަށް ލޯބިކުރާ ދީނެކެވެ. ހިތްހަމަޖެހުމާއި އުފާފާޅުކުރުން އެކުލެވިގެންވާ ދީނެއްވެސް މެއެވެ. ސަބަބަކީ އިންސާނީ ތަބީއަތް ބައްޓަންވެފައިވަނީ އުފަލާއި، މަޖަލާއި، ކެއުމާއި އަދި ނިދުންވެސް ހިމެނޭގޮތަށެވެ. އެހެންވެ ދުނިޔެވީ ހަޔާތަކީ ލަހުވާއި، ކުޅިވަރު ކަމުގައި ކީރިތި ޤުރުއާނުގައި ސިފަކުރެއެވެ. އަދި މިކަން ކީރިތި ނަބިއްޔާވަނީ ބަޔާންކޮށްދެއްވާފައެވެ.

ނަމަވެސް ދީނުގައި ހައްދުފަހަނައަޅާ ގޮސްފައިވާ މީސްތަކުންނަށް ހީވާހީވުން މުޅިންތަފާތެވެ. އެބައިމީހުން ހީކުރާގޮތުގައި ދިރިއުޅުމުގެ ހުރިހާ ވަގުތެއް ހެދަކުރަންޖެހެނީ ޢިބާދާތު ގެ ތެރޭގައެވެ. އުފާތަކާއި ހިތްހަމަޖެހުން މިއީ އެބައިމީހުންނަށް ނެތް އެއްޗެކެވެ. ދެއަތްތިލަ އުފުލައި، މޫނުތައް އުޑަށްކުރިމަތިކުރުވައި، ލޯތަކުން އަބަދު ކަރުނަފައިބައި، ހިތްތައް އަބަދު މަޑުމޮޅިވާންޖެހޭނެކަމަށް އެބައިމީހުން ހީކުރެއެވެ. އަދި ދިރިއުޅުމުގައި އުފަލާއި ހިތްހަމަޖެހުން ހޯދުން އެއީ “މުނާފިގުވުން ނުވަތަ ޣާފިލުވުން” ކަމުގައި އެބައިމީހުން ގަބޫލުކުރެއެވެ.

 ނަމަވެސް މިއީ ކުށްހީއެކެވެ. ސިކުނޑިއަކީވެސް އުފެދުމުގައި އެއަށްވެސް ހުސްވަގުތު ބޭނުންވާ ގުނަވަނެކެވެ. ކުރާ ކޮންމެ މަސައްކަތެއްގެ މައިގަނޑު އާރުކާޓީއަށް ސިކުނޑިވާއިރު، އެސިކުނޑީގެ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، އެސިނކުޑި އަރާމުކުރަން ބޭނުންވެއެވެ. އިންޖީނެއް އަބަދު ހިންގާފައި ބެހެއްޓުމުން އެއަށްކުރާ ބާރު ވިސްނާލުން މިފުރުޞަތުގައި ބުއްދިވެރިއެވެ. ބުނެދޭން މިއުޅެނީ އެބައިމީހުން ކުރާ ހީތަކަކީ ކުށްހީތަކެއްކަމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

‏(‏‏(وَالَّذِي نَفْسِي بِيَدِهِ لَوْ تَدُومُونَ عَلَى مَا تَكُونُونَ عِنْدِيْ وَفِي الذِّكْرِ لَصَافَحَتْكُمُ المَلَائِكَةُ عَلَى فُرُشِكُمْ وَفِي طُرُقِكُمْ، وَلَكِنْ يَا حَنْظَلَةُ سَاعَةٌ وَسَاعَةٌ)‏‏)‏‏‏ ‏ ثَلاَثَ مَرَّاتٍ[رواه مسلم‏.]‏ މާނައީ: “އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސު ވާފަރާތްގަންދެއްވަމެވެ. ތިބޭކަލުން، ތިމަންކަލޭގެފާނުގެ އަރިހުގައި ތިއްބަވާއިރު، ތިއްބަވާހާލުގައި އަބަދު ތިއްބަވާނަމަ، (ޛިކްރުކުރުމުގައި އަބަދު ތިއްބަވާނަމަ) މަލާއިކަތްބޭކަލުން ތިޔަބޭކަލުން އެނދުދާންމަތީ ތިއްބަވާއިރުގައްޔާއި މަގުމަތީ ހިންގަވާއިރު ސަލާމްކުރައްވާނެއެވެ. އޭ ޙަންޡަލާއެވެ! ސާޢަތެކެވެ. ސާޢަތެކެވެ.”
ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިބަސް “ސާޢަތެކޭ. ސާޢަތެކޭ” 3 ފަހަރު ތަކުރާރުކުރެއްވިއެވެ. މިބަހުގެ މުރާދަކީ ކޮންމެކަމަކަށްވެސް ވަގުތު ދޭންޖެހޭކަމެވެ. މާތްﷲ އަށް ޒިކުރުކުރުމާއި ޢިބާދާތަށް ވަގުތު ދޭފަދައިން، ދިރިއުޅުމުގެ ކަންކަމާއި އަރާމުކުރަން، އަދި އުފާކުރަންވެސް ވަގުތުކޮޅެއް ހުސްކުރަންޖެހޭނެއެވެ.

ކަންމިހެންހުރުމާއިއެކު ދީނުގެ އަބުރަށް ނުވަތަ އެބަހަށް ކިލަނބުނުވާ ގޮތަށް އުފާފާޅުކުރުމަކީ ހުއްދަކަމެކެވެ. ދީނުގެ މަންހަޖުގައިވާ ދީނީ ރުކުންތައް ބަރާބަރަށް އަދާކުރުމަށްފަހު ނަފްސަށް އަރާމުހޯދާ ދިނުމުގެ ގޮތުން ހުއްދަ މިންގަނޑުގެ ތެރޭގައި އުފާކޮށްލުމަކީ ޣާފިލުވުމެއްނޫނެވެ. އަދި ދީނީ ފަލްސަފާ ފުނޑު ފުނޑުކޮށް އުކާލުމެއްވެސް ނޫނެވެ. އަދި ދީނީ ބިންގަލުގައި ރެދުނލާ ހަލާކުވުމެއްވެސް ނުމެނޫންމެއެވެ. ދީނުންބަރިއްޔާނުވާ ގޮތަށް ތިމާގެ އަމިއްލަ ހުނަރުތަށް އިތުރުކުރުމަކީ ދީނުގައި ހުއްދަކުރާކަމެކެވެ.

ނަމަވެސް ދެރަކަމަކީ މިހިތްހަމަޖެހުން ނާޖާއިޒުގޮތުގައި ބައެއްމީހުން ނަގަމުންދާކަމެވެ. ހުޅަނގުގެ ދިރިއުޅުމަށް ބިނާކޮށް އުފަށްދާފައިވާ ލާދީނީ “ސީރީޒް” ތައް ބެލުމުގައި މީހުން ޙައްދުފަހަނަ އަޅާދަނީއެވެ. އެފަދަ ފިލްމުތަށް ބެލުމުގައި ވަގުތުނަގާލަމުންދާއިރު ދީނުގައި އެފަދަ ފިލްމުތަކާއިމެދު ކަންއޮތްގޮތެއް ބަލާލުން މުހިއްމެވެ. އެފަދަ ފިލްމުތަކަކީ ، އެބައިމީހުންގެ ސަގާފަތާއި، އެބައިމީހުންގެ ދީނީކުލަ ޖެހިފައިވާ އިސްލާމީ މުޖުތަމަޢުއަށް ބޭނުންނުހިފޭ، ދީނީއަޤީދާ އާއި ތައާރުޒުވާ ލާދީނީ ފިލްމުތަކެވެ.

 ބުދަށް ނުވަތަ ޞަލީބަށް އަޅުކަންކުރަމުންދާ ގޮތުން ފެށިގެން، އިންސާނާގެ އައުރަނިވާނުވާ ހެދުންތަކާއި ހަމައަށް މިފަދަ ފިލްމުތަކުގައި ދައްކުވައިދެއެވެ. މިފަދަ ފިލްމްތަކަށް ނުވަތަ ސީރީޒްތަކަށް ހުސްވެގެންދިއުމަކީ ސިކުނޑީގެ އަރާމުތޯއެވެ؟ ނުވަތަ އިސްލާމީ ގިއުގަނޑުގެތެރޭގައި މިތަފްސީލްކުރާ އުފާފާޅުކުރުމާއި ހިތްހަމަޖެހުންތޯއެވެ؟

ވީމާ، އަޅުގަނޑު އެދެނީ މިފަދަލާދީނީ ހިތްހަމަޖެހުންތަކުން އެންމެހާ މުސްލިމުން ދުރުވެ ގަތުމެވެ. އަދި މިފަދަ ސީރީޒްތަކުންދުރުވެ، އިސްލާމްދީނާއި ހިލާފުނުވާ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ފައިދާ ހުރި ކަސްރަތުލިބޭ ފަދަ ހިތްހަމަޖެހުން ލިބިގަތުމަށްވެސް އެދެމެވެ. އިސްލާމްދީނުން ބަރީއަވާން ނޭދޭނަމަ، އަދި މިމާތް ދީނުގެ ހައްޤުގައި މިފަދަ ލާދީނީ ސީރީޒްތަކާއި، ލާދީނީ ޢަމަލުތަކުން ރައްކާތެރިވެތިބުމަށް ގޮވާލަމެވެ. މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެއެވެ. ތަޢުބާގެ ދޮރު އަދި ބަންދެއްނުވެއެވެ. ﷲ އަޅަމެންގެ ތަޢުބާ ޤަބޫލުކުރައްވާންދޭވެ! އާމީން.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons