Saturday, January 19, 2013

ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް (ގިނައިން އަޅުކަންކުރުން)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢިލްމުގެ މޭވާއަކީ ޢަމަލުކުރުމެވެ. އަދި ދުނިޔޭގެ ލައްޛަތު ލިބޭނީ ހެޔޮޢަމަލުތައް އިތުރުކުރުމުންނެވެ. އަދި އިޚްލާޞްތެރިކަމުގެ ޢަލާމާތަކީ ﷲއަށް ކިޔަމަންގަތުން އިތުރުކުރުމެވެ. އަދި ސުވަރުގޭގައި މަންޒިލު އިތުރުވަނީ މާތްކަން އިތުރުކުރިވަރަކަށެވެ. މީސްތަކުންގެ ތެރެއިން އެންމެ ފަޟީލަތްތެރިމީހުންނީ ކިޔަމަންގަތުމުގެ ޢަމަލުތައް އިތުރުކުރުމުގެ ނަމޫނާއެވެ.
 
ފަހެ އިބްރާހީމް عليه السلامގެ ކިޔަމަންގަތުމުގެ ޢަމަލު ގިނަކަމުން ﷲތަޢާލާ އެކަލޭގެފާނާ ބެހޭގޮތުން ޘަނާގެ ބަސް ވަޙީކުރެއްވިއެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ…﴾ ( سورة النحل ١٢٠)
މާނައީ: “ހަމަކަށަވަރުން އިބްރާހީމްގެފާނީ ﷲއަށް ކިޔަމަންތެރިވެވަޑައިގެން ޝިރުކުން އެއްކިބާވެ ތައުޙީދުގެމަތީ ހުންނެވި އުންމަތެއްކަމުގައިވިއެވެ.”

ފަހެ އެކަލޭގެފާނަށް “ޤުނޫތު”ގެ ޞިފަލިބިފައިވާކަމަށް އެކަލާނގެ ޞިފަކުރެއްވިއެވެ. އެއީ ކިޔަމަންގަތުމުގައި ދާއިމުވުމެވެ.
ދާވޫދު عليه السلام އެއްދުވަހު ރޯދަހިއްޕަވާ އަނެއްދުވަހު ރޯދަ ނުހިއްޕަވާދޫކުރައްވައެވެ. އަދި ރޭގަނޑުގެ ދެބައިކޮޅު އެއްބައިގައި ނިދިކުރައްވައެވެ. އަދި ތިންބައިކުޅަ އެއްބައިގައި ނަމާދުކުރައްވައެވެ. އަދި (ދެން) ރޭގަނޑުގެ ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ.

ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ޔަޙްޔާ عليهم السلام އަށް ﷲތަޢާލާ އަންނަނިވި އާޔަތުގައި ޘަނާވަޙީކުރެއްވިއެވެ. ﴿فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴾ (سورة الأنبياء ٩٠)

މާނައީ: “ފަހެ ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް ޚުޝޫޢަތްތެރިވާ ބަޔަކުކަމުގައި އެބޭކަލުންވިއެވެ.”

މިއުންމަތުގެ އިސްވެދިޔަ ބޭކަލުން ﷲއަށް އަޅުކަންކުރުން އިތުރުކުރެއްވިއެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: “ޝައިޚަލް އިސްލާމް އިބްނު ތައިމިއްޔާގެ އަރިހަށް ތިމަން ޙާޟިރުވީމެވެ. އެއްފަހަރަކު ފަތިސްނަމާދުކުރެއްވުމަށްފަހު ﷲތަޢާލާގެ ޛިކުރުކުމަށް އިށީނދެވަޑައިގަތެވެ. ދުވާލުދެބައިވުމަށް ގާތްވަންދެނެވެ. ދެން އެއަށްފަހު ބައްލަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ: މިއީ ތިމަންގެ ހެނދުނުގެ ނާސްތާއެވެ. މިނާސްތާޙާޞިލްނުވެއްޖެއްޔާ ތިމަންގެ ބާރު ފިލައިދެއެވެ.” أهـ [الوابل الصيب / ص: ٩٣]

އަދި ޝައިޚަލް އިސްލާމްގެ އަމިއްލަ ނަފްސާ ބެހޭގޮތުން ވިދާޅުވިއެވެ: “ތިމަންގެ ވިސްނުން މަސްއަލައަކާ ބެހޭގޮތުން އަދި އެއްޗަކާ ބެހޭގޮތުން ހުއްޓެއެވެ. ނުވަތަ ބައެއް ޙާލަތްތަކާ ބެހޭގޮތުން އޮޅުން އަރައެވެ. ފަހެ ﷲ ތަޢާލާގެ ޙަޟްރަތުން އެއްހާސްފަހަރަށް ނުވަތަ އެއަށްވުރެއްވެސް ގިނަފަހަރު ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ. އެއީ ތިމަންގެ މޭ ތަނަވަސްވެއްޖެއުމަށް ދާންދެވެ. އަދި އެރި އޮޅުން ފިލަންދެނެވެ.” [العقود الدرية لإبن عبدالهادي / ص: ٧]

އަދި ވިދާޅުވިއެވެ.“އަދި އޭރު ތިމަން ބާޒާރުގައި ނުވަތަ މިސްކިތުގައި ނުވަތަ ތަމްރީނުގައި ނުވަތަ މަދްރަސާގައިވަމެވެ. ނަމަވެސް ޛިކުރުކުރުމުންނާއި އިސްތިޣްފާރުކުރުމުން އެކަން ތިމަންނައަކަށް މަނައެއްނުކުރެއެވެ. އެއީ ތިމަން ބޭނުންވާ ކަމެއް ޙާޞިލްވަންދެނެވެ.”

އަދި އިބްނުލް ޤައްޔިމް رحمه الله އާ ބެހޭގޮތުން އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ: “އަޅުގަނޑުމެންގެ ޒަމާނުގެ ޢިލްމުގެ އަހުލުވެރިންތެރޭގައި އެކަލޭގެފާނަށްވުރެ ގިނައިން އަޅުކަންކުރާ ބޭކަލެއް އަޅުގަނޑުނުދަންނަމެވެ. އަދި ނަމާދުކުރާއިރު ދިގު ކުރެއްވުމުގެ ގޮތެއް ގެންގުޅުއްވިއެވެ. އަދި ރުކޫޢާއި ސުޖޫދުވެސް ދިގުކުރައްވައެވެ. އަދި އެކަލޭގެފާނާއި އެކީ އުޅުއްވާ ބައެއްބޭކަލުން އެކަމާ ބަސްބުނެހަދައެވެ. ފަހެ އެކަލޭގެފާނު އެކަމުން ރުޖޫޢަވެވަޑައިނުގަންނަވައެވެ. އަދި އެކަންކުރުމުން ދުރުހެލިވެވަޑައިވެސް ނުގަންނަވައެވެ.” [البداية والنهاية / ١٨، ٥٢٣]

(ﷲއަށް)ކިޔަމަންތެރިކަން އަދާކުރުމަކީ ހިތަށް ދެއްވާ ނޫރެކެވެ. ފަހެ ﷲއަށް ގިނައިން އަޅުކަންކުރުމާއި މަޑުމޮޅިވުން އިތުރުކުރާށެވެ. އެއީ ޙާޞިލުކުރަން އެދޭކަން ޙާޞިލުކުރުމުގައި ވަރަށްވެސް ބޮޑުވާގިއެކެވެ. ﷲ ހަނދުމަކުރުމާއި އެއިލާހުގެ ފޮތް ކިޔެވުން އިތުރުކުރާށެވެ. އަދި ރޭގަނޑުގެ އަނދިރީގައި ރޭއަޅުކަންކުރާށެވެ. ފަހެ ހިތް ސާފުވެއްޖެނަމަ އަޘަރުކުރާނެއެވެ. އަދި ކިލަނބުވެއްޖެނަމަ ގެއްލުންދޭނެއެވެ.

_____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިފޮތުގެ އެހެން ލިޔުންތައް ބައްލަވާ

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons