އިދްރީސް
ޢަލައިހިއްސަލާމަކީ ޞިއްދީޤެއް ، ނަބިއްޔެއް ، އަދި ކެތްތެރިންގެ ތެރެއިން
ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އާދަމު ޢަލައިހިއްސަލާމަށްފަހު
މިބިންމަތީގައި ފުރަތަމަ ލެއްވި ނަބިއްޔާ ، އަދި މިއީ ނޫޙު
ޢަލައިހިއްސަލާމްގެ ކާފާުފުޅުގެ ބައްޕާފުޅެވެ. މިކަލޭގެފާނުގެ މައްޗަށް
މާތްﷲ 30 ޞުޙުފު ބާވާލެއްވިއެވެ. އެކަލޭގެފާނު ގޮވާލެއްވީ މާތﷲގެ އެއްކައުވަންތަ ކަމަށެވެ. އެކަލޭގެފާނަށް 1000 އިންސާނުން ތަބާވިއެވެ. އަދި އެންމެ ފުރަތަމަ ޤަލަމުން އެއްޗެއް ލިޔުއްވީވެސް އެކަލޭގެފާނެވެ. އަދި އެންމެ ފުރަތަމަ ހެދުމެއް ފެއްސެވީވެސް މިކަލޭގެފާނެވެ. އަދި ފަހާފައިވާ ހެދުމެއް އެންމެ ފުރަތަމަ ތުރުކުރެއްވެވީވެސް މިކަލޭގެފާނެވެ. އަދި ތަރިތަކަށް ބައްލަވާ ދަތުރުފަތުރު ކުރައްވާ ހެއްދެވީ ވެސް މިކަލޭގެފާނެވެ. ސީރަތު އިދްރީސްގެފާނަކީ ﷲ ތަޢާލާ އެކަލާނގެ ފޮތުގައި އެރަސޫލަކާމެދު ޚަބަރު ކުރެއްވި އެއްރަސޫލެކެވެ. ކީރިތިޤުރްއާނުގައި އެތައްފަހަރެއްގައި މިވާހަކަތައް ބަޔާން ކުރައްވާފައި ވެއެވެ. އެބޭކަލެއްގެ ރަސޫލުކަމަށް ތަފްޞީލީ ގޮތެއްގައި އީމާންވާން ޖެހެއެވެ. އެކަލޭގެފާނުގެ ނަބީކަމާއިރަސޫލުކަމަށް އެއްވެސް ޝައްކަކާއި ނުލައި އީމާންވާން ޖެހެއެވެ. ސަބަބަކީ ކުރިންވެސް އަޅުގަނޑު އިޝާރާތް ކުރިފަދައިން ކީރިތިޤުރްއާނުގެ ސޫރަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރައްވާފައި ވެއެވެ. އަދި އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ސިފަކުރައްވާފައިވަނީ ނަބީބޭކަލެއްކަމުގައްޔާއި ތެދުވެރި އާދެ! ޞިއްދީޤެއް ކަމުގައެވެ. ނަސަބުފުޅު: އިދްރީސް ބުނު ޔާރިދު ބުނު މަހްލާއީލު ،މިކަލޭގެފާނުގެ ނަސަބުފުޅު މިހެންގޮސް ގުޅެނީ އާދަމް ޢަލައިހިއްސަލާމުގެ ދަރިކަލުން ޝީޘް ޢަލައިހިއްސަލާމާ ހަމައަށެވެ.. ޢިބްރާނީންގެ ގާތުގައި އެކަލޭގެފާނުގެ ނަންފުޅަކީ ޚަނޫޚްއެވެ. އަދި މިބަސް ޢަރަބިބަހަށް ތަރުޖަމާ ކުރުމުން ކިޔެނީ އަޚްނޫޚް އެވެ. މިއީ ނޫޙް ޢަލައިހިއްސަލާމްގެ ކާފާފުޅުންގެ ތެރެއިން ހިމެނެއިން ވަޑައިގަތް ބޭކަލެކެވެ. އަދި އާދަމް ޢަލައިހިއްސަލާމާ ޝީޘް ޢަލައިހިއްސަލާމަށްފަހުގައި ދެން މިބިންމަތީގައި ލެއްވި ނަބީކަލޭގެފާނެވެ. އިބްނު އިސްޙާޤް ރިވާކުރައްވަނީ އިދްރީސްގެފާނަކީ އެންމެފުރަތަމަ ގަލަމަކުން އެއްޗެއް ލިޔުއްވި ފަރާތް ކަމުގައެވެ. އިދްރީސްގެފާނު އާދަމުގެފާނުގެ ޙަޔާތްޕުޅުން 308 އަހަރު ދެކެވަޑައިގަތެވެ. ސަބަބަކީ އާދަމުގެފާނު 1000 އަހަރުވަންދެން ދިރިއުޅުއްވުމެވެ. ޙަޔާތްޕުޅު ޢިލްމުވެރިން އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތް އަހަރަކާއި ހެދި ބޮޑުވި ތަނަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި ވަނީ އިދްރީސްގެފާނު އުފަންވެ ވަޑައިގަތީ ބާބިލްގައި ކަމުގައެވެ. އެހެންނަމަވެސް އެހެން ގިނަ ބޭކަލުން ވިދާޅުވަނީ އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގައި ކަމުގައެވެ. މީގެ ތެރެއިން ޞައްޙައީ ފުރަތަމަ ގޮތެވެ. ޝީޝް ބުނު އާދަމްގެ އަރިހުން ޢުމުރުގެެ ކުރީކޮޅުގައި ޢިލްމު ހޯއްދެވިއެވެ. އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތުމުން ﷲ ތަޢާލާ އެކަލޭގެފާނަށް ނަބީކަން ދެެއްވިއެވެ. އެހެންނަމަވެސް ފަސާދަ ކުރާމީހުން އާދަމުގެ ފާނުގެ ޝަރީޢަތާއިވެސް ޚިލާފުވެގެން ދިޔަ ފަދައިން އަދި ޝީޘްގެފާނާ ޚިލާފުވެފައިވާ ފަދައިން އެކަލޭގެފާނާ ދެކޮޅު ހެއްދެވިއެވެ. އެކަލޭގެފާނަށް ގިނަ ބަޔަކު ޚިލާފުވީއިރު އެކަލޭގެފާނަށް ތަބާވީ ވަރަށް މަދު ބަޔެކެވެ. އެހެންކަމުން އިދްރީސްގެފާނު ބޭނުންފުޅުވެ ވަޑައިގަތީ ނުކިޔަމަންތެރިވި ބޭކަލުން ދޫކޮށް ކިޔަމަންތެރިންނާއެކު އެހެން ތާކަށް ހިޖްރަ ކުރެއްވުމަށެވެ. އެހެންކަމުން އީމާންވި ބޭކަލުންނަށް މިކަން ކުރެެއްވުމަަށް އަމުރު ކުރެއްވިއެވެ. އެހެންނަމަވެސް އެބޭކަލުންނަށް އެކަން ބުރަކަމަަކަށް ވިއެވެ. އެބައިމީހުން ދެންނެވި ތިމަންމެން މިބާބިލް ދޫކޮށް ދެން ދާނީ ފަހެ ކޮންތާކަށްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ހިޖްރަ ކުރި ނަމަވެސް އެހެން ފަރާތްތަކަށް ދެއްވާ ފަދައިން ﷲ ތަޢާލާ ރިޒްޤު ދެއްވާނެއެވެ. ދެން މިބައިމީހުންނާއި އެކު އިދްރީސްގެފާނު މިތަނުން ނުކުންނަވާ މިޞްރަށް ވަޑައިގަތެވެ. ދެން މިބައިމީހުންނަށް ނީލަކޯރު ފެނުމުން ކޯރަށް އެރި ފެންވެރުއްވިއެވެ. އަދި އެއަށްފަހު އެބައިމީހުން ﷲއަށް ތަސްބީޙަ ކިޔެވެ. ދެން މިބައިމީހުންނާއެކު އިދްރީސްގެފާނު މިޞްރުގައި އުޅުއްވަން ފެއްޓެވިއެވެ. އަދި އެތާގައި މީސްތަކުންނަށް ދީނަށް ގޮވާލައްވާ ރިވެތި އަޚްލާޤުގެ މަތީގައި އުޅުއްވުމަށްވެސް ގޮވާލެއްވިއެވެ. އެކަލޭގެފާނު މީސްތަކުންނަށް ވަޢުޘު ދެއްވިއެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް އަދަބު ދަސްކޮށް ދެއްވުމަށް އުޅުއްވިއެވެ. އަދި އެކަލޭގެފާނު ގޮވާލެއްވީ ﷲގެ ދީނަށެވެ. އަދި މަތިވެރި ﷲ ތަޢާލާގެ ޙަޟްރަތަށް އެކަނި އަޅުކަން ކުރުމަށް ގޮވާލެއްވި އެވެ. އަދި އާޚިރަތުގެ ޢަޒާބުން ނަފްސު ސަލާމަތް ކުރުމަށް ގޮވާލެއްވިއެވެ. އެފަދައިން އާޚިރަތުގެ ޢަޒާބުން ނަފްސު ސަލާމަތް ކުރެވޭނީ ދުނިޔޭގައި ހެއުޢަމަލު ކޮށްގެންނެވެ. އަދި މިފަނާވެދަނިވި ދުނިޔޭގެ ނިކަމެތި ކަމަށް ވިސްނައި މި ނިކަމެތި ދުނިޔެއާއިމެދު ޒާހިދު ވުމަށް ގޮވާލެއްވިއެވެ. އަދި ހަމައެފަދައިން އެކަލޭގެފާނު ގޮވާލެއްވީ ނަމާދު ކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޒަކާތް ދިނުމަށެވެ. އަދި ޖުނުބުން ޠާހިރުވެ އުޅުން އެއީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަން ޖެހޭ ކަމެއްކަމުގައި ބަޔާން ކުރެއްވިއެވެ. އަދި ހުރިހާ ވައްތަރެއްގެ މަސްތުވާތަކެތި ބޭނުންކުރުމަކީ ހަރާމް ކަމެއްކަންވެސް ބަޔާން ކޮށްދެއްވިއެވެ. އަދި އެކަމަކީ ވަރަށް ނުރައްކާ ކަމެއްކަމާއި އެކަމުގެ ބޮޑުކަމުން އެކަން އިތުރަށް ބައްލަވާން ފެއްޓެވިއެވެ. އިދްރީސް ޢަލައިހިއްސަލާމްގެ ޒަމާނުގައި މީސްތަކުން 72 ބަހަކުން ވާހަކަ ދައްކާ އުޅުނުކަންވެސް ޢިލްމުވެރިން ފާހަގަ ކުރައްވާފައި ވެއެެވެ. އަދި ﷲ ސުބްޙާނަހޫވަތަޢާލާ ވަނީ އެއިން ކޮންމެ ޖަމާޢަތެއްގެ މީހުން ވާހަކަދައްކާ ބަސް އިދްރީސްގެފާނަށް ދަސްކޮށް ދެއްވާފައެވެ. އެއީ އެބައިމީހުން އެދައްކާ ވާހަކަ އެކަލޭގެފާނަށް އެގިވަޑައި ގަތުމަށެވެ. އަދި ﷲ ތަޢާލާ އެންމެ ފުރަތަމަ މަދަނީ ސިޔާސަތު އުގަންނަވައިދެއްވި ފަރާތަކީވެސް އެކަލޭގެފާނެވެ. އަދި ރަށްތައް ތަރައްޤީ ކުރާނެ ގޮތްތައްވެސް ވަނީ ބަޔާން ވެފައެވެ. އެޒަމާނުގައި ދުނިޔޭގައި 188 ރަށް އޮތްކަމަށްވެސް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ. އިދްރީސްގެފާނު މަޝްހޫރުވެފައިވަނީ ޙިކްމަތްތެރިއެއްގެ ގޮތުގައެވެ. އޭގެ އެއްބަހަކީ " ދުނިޔޭގެ އެންމެ ހެއުކަމަމީ ކުރެވޭ ކުށްތަކާމެދު ނިކަމެތިވުމެވެ. އަދި އެންމެ ނުބައިކަމަކީ ހިތާމަ ކުރުމެެވެ. ބާއްޖަވެރިޔަކީ އެމީހެއްގެ ނަފްސަކާމެދު ބަލައި ޞާލިޙް ޢަމަލުތަކާމެދު އެއިން ޝަފާޢަތް ލިބިގަންނަ މީހެކެވެ. އަދި " އީމާންކަމާއެކު ކެތްތެރިވާ ފަރާތްތަކަށް މުއްސަދިކަމެއް ވާރުތަވާނެއެވެ." އިބްރާހީމް އަޙްމަދު |
0 comments:
Post a Comment