އިސްލާމީ ދައުލަތް ނިކަމެތިވާން ދިމާވީ މައިގަނޑު ދެސަބަބަކާއި ހެދި ކަމަށް މުއައްރިޚުންނާއި
ސިޔާސީ ތަޖްރިބާކާރުން ބަޔާން ކުރައްވައެވެ. އެއީ އިސްލާމުންގެ ތެރޭގައި
އުފެދުނު ތަފާތު މައްސަލަތަކުގެ ސަބަބުން އައި ފިތުނަވެރި ޙަރަކާތާއި
އިސްލާމީ އުއްމަތުގެ ތެރެއަށް ވަންނަމުން ދިޔަ ބޭރުގެ ނުފޫޒުތަކުގެ
އަސަރުންނެވެ.
މިގޮތުން ބަލާއިރު އިސްލާމުންގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ
ފެށުން ގުޅިފައިވަނީ މަޒްހަބީ މައްސަލަތަކާއެވެ. ޢުޘްމާނުގެފާނު
ޝަހީދުކޮށްލި ފިތުނަވެރި ޙާދިޘާއާއިއެކު އިސްލާމުންގެ ތެރެއަށް މަޒްހަބީ
މައްސަލަ ތަޢާރަފުވި ކަހަލައެވެ. ޖަމަލުހަނގުރާމައާއި ވިދިގެން ހިޖްރައިން
37 ވަނަ އަހަރު ހިނގާދިޔަ ޞިއްފީނު ހަނގުރާމަ ނިމިގެން ދިޔައިރު އެފެނުނު
ތަޙްކީމުގެ ތެރެއިން ލާފައި މިދެންނެވި މަޒްހަބީ ޚިލާފުތައް ދުނިޔެއަށް
ނޭވާލިއެވެ. އެހެންވީމާ އިސްލާމީ ދުނިޔޭގެ ސިޔާސީ މައިދާނުން ތިނެއް،
ނުވަތަ ހަތަރުޖަމާޢަތެއް ފެންނަންފެށިއެވެ.
މިދެންނެވި
ހަތަރު ޖަމާޢަތުގެ ތެރެއިން ފުރަތަމަ ޖަމާޢަތެއް ކަމުގައި ބެލެވެނީ ބަނީ
އުމައްޔަތަށް ނަޞްރުދޭ މީހުންނެވެ. އުމަވީ ދަރިކޮޅަށް ނަޞްރުދޭ މިދެންނެވި
މީހުން އެކުލެވިގެންވަނީ ގިނަޢަދަދެއްގެ ސުންނީންނާއި އެނޫންވެސް ބައެއް
މަޒްހަބުތަކުގެ މީހުންގެ މައްޗަށެވެ.
ދެވަނަ ބަޔަކީ
ޢަލީގެފާނަށާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ނަޞްރުދޭ ޝީޢީންގެ
މައްޗަށެވެ. އެބައިމީހުންނަކީ ޢަލީގެފާނާ އެކަލޭގެފާނުގެ ދަރިފަސްކޮޅަށް
އިސްލާމީ ޚިލާފަތު އޮންނަންޖެހޭނެ ކަމަށް ބުނަމުންދާ އެހެން ބަޔެއްގެ
ޚިލާފަތު ޤަބޫލު ނުކުރާ ބަޔެކެވެ. އުމަވީންނާއި މިބައިމީހުންނާ ދެމެދުގައި
ހަނގުރާމަ ހިނގާފައި ވެއެވެ. އަދި މިފަދަ ކަންކަމުން މާބޮޑު ކާމިޔާބުތަކެއް
ނުވުމުގެ ނަތީޖާއަކީ މިޙަރަކާތަކީ ޢަޤީދާގެ ޙަރަކާތެއް ކަމުގައިވެ ދީނީ
ޙަރަކާތެއްގެ ގޮތުގައިވެ ޚިލާފަތުގެ މަޤައްރާއި ދުރު ސަރަޙައްދުގައި އޮންނަ
ޙަރަކާތަކަށް ވުމެވެ. މިބައިމީހުންނަކީ މާފާޅުކަން ބޮޑުކޮށް
ޙަރަކާތްތެރިވާ ބަޔަކަށް ނުވިޔަސް ސިޔާސީ މައިދާނުގައި ވެރިކަމުގެ
ދާއިރާއަށް އަންނަ ކޮންމެ ހަމަނުޖެހުމަކާއެކު އިތުރަށް ފާޅުވާ ބަޔަކަށް
ވިއެވެ.
ޝީޢާގެ މާނައަކީ ނަޞްރުދޭމީހާ ،ތަބާވާ މީހާ ،
އެއްބަސްވާ މީހާ ނުވަތަ ޖަމާޢަތް ނުވަތަ ޕާޓީ ނުވަތަ ގްރޫޕެވެ. މިއީ މިވެނި
މީހެއްގެ " ޝީޢާ" އޭ ބުނެވިއްޖެނަމަ އެއިން ފާހަގަކުރެވޭ މާނައެވެ.
މިބަހުގެ ދަލީލަކީ ސޫރަތުއްޞާއްފާތިގެ 83ވަނަ އާޔަތުގައި ﷲ ވަޙީ
ކުރައްވާފައިވާ ބަސްފުޅެވެ. (وَإِنَّ مِنْ شِيْعَتِهِ لَإِبْرَاهِيْم )
މާނައަކީ: " ހަމަކަށަވަރުން އިބްރާހީމްގެފާނުވަނީ ދީނުގެ އަޞްލުތަކުގައި
ނޫޙުގެފާނަށް ތަބާވި މީހުންގެ ތެރެއިންނެވެ." ޢުޘްމާނުގެފާނު
ޝަހީދުކޮށްލުމުން މުސްލިމުން ބެހުނު ބޮޑު ޖަމާޢަތަކީ " ޝީޢަތު ޢަލީ"އެވެ.
މީހުންގެ ޢަދަދު މަދުވެފައިވަނީ "ޝީޢަތުމުޢާވިޔާ" ގައެވެ. ޖުމްހޫރު
ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ " ޝީޢާގެ މާނައަކީ ޚުލަފާއުއްރާޝިދޫންގެ
ތެރެއިން ޢަލީގެފާނަށްވުރެ ކުރިން ޚަލީފާކަން ކުރެއްވި ބޭކަލުންގެ
މައްޗަށް ޚަލީފާ ކަމުގައި ޢަލީގެފާނު އިސްކުރި މީހުންނެވެ.
ތިންވަނަ
ބަޔަކީ ޚަވާރިޖުންނެވެ. މިބައިމީހުންނަކީ ވިރާސީގޮތުން ވެރިކަން
ވާރުތަވާނެ ކަމަށް ޤަބޫލު ނުކުރާ ބަޔެކެވެ. އަދި ކަނޑައެޅިފައިވާ ވަކި
މީހަކަށް ވެރިކަން ލިބޭނެ ކަމަށް މިބައިމީހުން ދެކޮޅު ހަދައެވެ.
މިބައިމީހުން ޤަބޫލުކުރަނީ އުއްމަތުގެ ވެރިކަމަކީ ރައްޔިތުން ވެރިޔަކު
އިޚްތިޔާރު ކުރުމުގެ އަސާސްގެ މަތީގައި އޮންނަންވާނެ ކަމެއް ކަމުގައެވެ.
އަދި އެފަދަ ވެރިއަކީ ވަކި ދަރިފަސްކޮޅަކުން ކޮންމެހެން އަންނަންޖެހޭނެ
ވެރިއެއްވެސް ނޫންކަމުގައެވެ. ކުފޫހަމަވާ ޤާބިލު ކޮންމެ މީހަކަށްވެސް
ވެރިޔަކަށް ވެވިދާނެއެވެ. މިހެންވެ މިބައިމީހުން އުމަވީންނާ ދެކޮޅު
ހަދަމުން ދިޔައެވެ. އަދި މިބައިމީހުންގެ ގިނަ ބަޔަކު ފިތުނަވެރިކަމުގެ
ޙަރަކާތް އުއްމަތުގައި ފަތުރަމުން ގެންދިޔައެވެ.
އަދި މިބައިމީހުންވެސް
އުޅެމުން ދިޔައީ ޚިލާފަތުގެ މަޤައްރު ކަމުގައިވާ ދިމިޝްޤާއި ވަރަށް ދުރު
ސަރަޙައްދު ތަކުގައެވެ. މިބައިމީހުންނަކީ ޢަލީގެފާނަށް ލޯބިކުރާ މީހުންގެ
ތެރޭގައި ތިބުމަށްފަހު ޞިއްފީނު ހަނގުރާމައާއި ގުޅިގެން ހިނގާ ދިޔަ
ތަޙްކީމުގެ (Arbitration) މައްސަލައާއި މެދު ހިތްހަމަ ނުޖެހިގެން
ޢަލީގެފާނުގެ ލަޝްކަރު ދޫކޮށް ދިޔަ މީހުންނެވެ. މިގޮތަށް ޢަލީގެފާނާއި
ވަކިވެ އިސްލާމުންގެ ސުންނަތް ޖަމާޢަތުގެ ސަފުވެސް ދޫކޮށް އަދި
ޝީޢާއިންނާއިވެސް ދެކޮޅުވެރިވުމުން މިބައިމީހުންނަށް ޚަވާރިޖުންނޭ
ކިޔުނީއެވެ. އަދި މިބައިމީހުންނަށް ޙަރޫރީންނޭވެސް ކިޔާ އުޅެއެވެ. އެއީ
ޙަރޫރާއޭ ކިޔޭ ރަށުން ނުކުތްކަމަށްޓަކައެވެ.
ހަތަރުވަނަ
ބަޔަކީ އުމަވީ ދައުލަތުގެ ފަހުކޮޅުގައި ހިޖްރައިން 100 ވަނަ އަހަރުން
ފެށިގެން ސިޔާސީ މައިދާނަށް ވަދެ ޙަރަކާތްތެރިވަމުން ދިޔަ ޢައްބާސީ
ޖަމާޢަތުގެ އަހުލުވެރިންނެވެ. މިބައިމީހުން މިމައިދާނަށް ވަނުމުގެ ފުރަތަމަ
ބޭނުމަކީ އުމަވީދަރިކޮޅާއި ވާދަކުރުމެވެ. މިބައިމީހުންނަކީ ޝީޢީންނަށްވުރެ
ދަޢުވަތު ފެތުރުމުގައި މޮޅު އުކުޅުތަކާއި ހުނަރުތައް ލިބިފައިވި ހަރުދަނާ
ބަޔެކެވެ. މިބައިމީހުންގެ މިޙަރަކާތް ފެށީ ސިއްރު ޙަރަކާތެއްގެ ގޮތުގައެވެ.
މިޙަރަކާތް ފެތުރުން ހަލުވިވެ ޙަރަކާތުން އުމަވީ ދައުލަތަށް ނުރައްކާކޮށް
ހެދީ އެބައިމީހުންގެ ސިއްރު ގްރޫޕްތަކުންނެވެ.
މިދެންނެވި ކަންކަމުން
އުފެދުނު ޚިލާފާތުތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ދާއިމީ ކުރިމަތިލުން
ތަކަކަށް މަގުފަހިވެފައި ވިއެވެ. އުމަވީ ދައުލަތުގެ ޙަރަކާތަށް ހުރަސްއަޅާ
އިސްލާމީ މުޖުތަމަޢު ފުޑުފުޑުކޮށް ރޫޅާލިއެވެ. އެހެންވީމާ ޢައްބާސީ
ދުޢާތުން އެއިޝާރާތް ކުރާ ދީނީ ޢުންޞުރުތަކާއި ހުށައެޅުންތައް އުމަވީންނަށް
ނުރައްކަލަކަށް ވިއެވެ.
ދެން މަޒްހަބީ މައްސަލަތައް
ހަމަޖައްސަން އުމަވީ ދައުލަތުގެ ޚަލީފާ މަރުވާނު ބުނު މުޙައްމަދު
އަހައްމިއްޔަތުކަން ދެއްވި ނަމަވެސް ޢައްބާސީންގެ މައިމަރުކަޒު ކަމުގައިވާ
ޚުރާސާނުގެ މިޙަރަކާތަކީ ފަސޭހައިން ހުއްޓުވޭފަދަ ކަމަކަށް ނުވުމުން
އެސަރަޙައްދުގެ ވަރަށް ބޮޑު ބަޔަކު މިޙަރަކާތާއި ގުޅިގެން ދިޔައެވެ.
އެހިސާބުން ޢައްބާސީ ދަޢުވަތު ފާޅުކުރަން ވެއްޖެ ކަމުގެ ފެހި ސިގްނަލް ލިބި
އެދަޢުވަތު ފާޅުކުރަން ފެށިއެވެ. މިގޮތުން އަލްއިމާމު އިބްރާހީމް ބުނު
މުޙައްމަދަށް ބައިޢަތު ހިފައިފިއެވެ.
ދެން އަބޫ
މުސްލިމުލްޚުރާސާނީ ޚުރާސާނުގެ މައްޗަށް ބާރުފޯރުވުމާއެކު ޢައްބާސީން
ކޫފާވެސް އަތުލައިގަތެވެ. އެއަށްފަހު ކޫފާގައި ޢަބްދުﷲ ބުނު މުޙައްމަދު
ބުނު ޢަލީއަށް ޚަލީފާކަމުގެ ބައިޢަތު ހިފި ޢައްބާސީން ވެރިކަމަށް އައީ
އުމަވީންގެ އެތައް ބަޔަކާއި ހަނގުރާމަކޮށް އެތައް އެތައް ބަޔަކު
ޤަތުލުކޮށްފައެވެ. މިގޮތުން އުމަވީންނާއި ޢައްބާސީންނާއި ދެމެދު 132 ވަނަ
އަހަރު ހިނގި ހަނގުރާމަ މެދު ނުކެޑި 11 ދުވަސް ވަންދެން ހިނގާދިޔައެވެ.
މަރުވާނު ޤަތުލުވެ ޢައްބާސީންގެ ވެރިކަން ފެށުމުން ޢައްބާސީ ޚިލާފަތު
ވުޖޫދަށް އައީއެވެ.
މިފަހަރުގެ މިޤަތުލުން ސަލާމަތްވި
އުމަވީ ޒުވާނަކު ކަމުގައިވާ ޢަބްދުއްރަޙްމާނު ބުނު މުޢާވިޔާ ޝާމްކަރަ
ދޫކުރައްވާ ފިއްލަވައިގެން މިޞްރަށް ވަޑައިގަތުމަށްފަހު މިޞްރުގައިވެސް
މަޑުނުކުރައްވާ ވަޑައިގަތީ އަންދަލުސް (spain) އަށެވެ. ވަޑައިގެން
އެތާގައި ހިޖްރައިން 138 ވަނަ އަހަރު އުމަވީންގެ ވެރިކަމެއް ޤާއިމުކުރައްވާ
ޢައްބާސީންނާ ދެކޮޅަށް ޙަރަކާތްތެރިވެ ވަޑައިގަންނަވަން ފެއްޓެވިއެވެ.
އަންދަލުސްގެ ދިގުތާރީޚް ހެކިދެނީ އެދައުލަތުގެ ހުރިހާ ޒަމާނެއްގައިވެސް
ޢައްބާސީ ދައުލަތާއި އެކަހެރިވެ އޮތްކަމެވެ. އެއީ ޢައްބާސީ ދައުލަތް
އުވިގެން ދަންދެނެވެ. އޭގެފަހުން އަންދަލުސްގެ ވެރިކަމަށް އައި ބަދަލުގައި
އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާއި ހަނގުރާމަކޮށް ތަޅާފޮޅާ ހަދާފައި
ވެއެވެ. އަދި ބައެއް ފަހަރަށް އެކަކަށްވުރެ ގިނަ ވެރިން އަންދަލުސްގައި
ވެރިކަން ކުރަމުން ގެންދިޔައެވެ. އެއްދުވަސްވަރެއްގައި އަންދަލުސްގައި
ތިރީހަކަށްވެރިން ތަފާތު ރަށްރަށުގައި ވެރިކަން ކުރައްވަމުން ގެންދެވިއެވެ.
މިއިން ކޮންމެ މީހަކީ އޭރު ރަސްކަލެއް ނުވަތަ އަމީރެއް ނުވަތަ
ޚަލީފާއެކެވެ. މީގެ ތެރޭގައި ޢުމުރުގެ ގޮތުން ވަރަށް ހަނގު ކުދިންނާ
މުސްކުޅިވުމުގެ ސަބަބުން ޙަރަކާތްތެރިވެ އުޅުން އުދަގޫ މީހުންވެސް
ވެރިކަމުގައި ތިއްބެވެ. މިކަންކަމުގެ ނަތީޖާއަކީ މީލާދީން 1498 ގައި
އިސްލާމުން އަންދަލުސް ދޫކުރަން ޖެހުމެވެ. މުސްލިމެއްކަން އެގޭނަމަ
ދިރިދިރިހުއްޓާ ކީސްއަޅާ ކީހާލާތީއެވެ. ނުވަތަ އަލިފާންރޯކޮށް
އަންދާލާތީއެވެ. ނޫންނަމަ ހަންމުށިންނާ ޗާބޫކުން ތަޅާ މަރާތީއެވެ.
މުސްލިމެއްކަން އެނގިދާނެ ކަމަށްޓަކައި ބިރުން އަޅައިގެން ހުންނަ ބުރުގާ
ނެގި އެތައް އަންހެނުންނެއް ތިއްބެވެ. މަރުން ސަލާމަތް ވުމަށްޓަކައެވެ.
މުސްލިމުންގެ ޢިއްފަތާ އަބުރު ނަގާލާ މިފަދަ އަނިޔާ ދިންއިރު އެކަމަށް
އެއްޗެއް ނުބުނެވުނީ އިސްލާމުންގެ ބާރެއް ނެތުމުންނެވެ.
ޢައްބާސީ
ދައުލަތް އުފެދި އެބައިމީހުންގެ ރަންޒަމާނުގައިވެސް އިސްލާމީ ދައުލަތުގެ
އިރުމަތީ ބިތުގައި 250ވަނަ އަހަރުގައި ދައުލަތުއްޠާހިރިއްޔާ އުފެދުނެވެ.
އެއަށްފަހުޞަފާރިއްޔާ ދައުލަތް 254 ވަނަ އަހަރު އުފެދުނެވެ. އަދި 261ވަނަ
އަހަރު ސާމާނީ ދައުލަތް އުފެދުނެވެ. ރަންޒަމާނަށްފަހު ތަފާތު
ދައުލަތްތަކުން ޢައްބާސީންގެ މައްޗަށް ނުފޫޒު ފޯރުވަމުން ގެންދިޔައެވެ.
އެދުވަސްވަރުގެ ޢައްބާސީޚަލީފާއިންނަކީ ނަމެއްގައި ތިބި ބަޔެކެވެ.
އިސްލާމީ
ދައުލަތުގެ އިރުމަތީ ބިތުގައި 531ވަނަ އަހަރުގައި ޣަޒުނަވީ ދައުލަތް
އިންޑިޔާގައި އުފެދުނެވެ. އަދި މީގެ އިތުރަށް ޢައްބާސީ ޚަލީފާއިންގެ
މައްޗަށް ބަނީ ބުވައިހީން ނުފޫޒު ފޯރުވަމުން ގެންދެވިއެވެ. ދެން އެއަށްފަހު
ޢައްބާސީ ޚިލާފަތުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވީ ތުރުކީ
ސުލްޖޫޤީންނެވެ. 447 ވަނަ އަހަރުން ފެށިގެން މިބައިމީހުން ޢައްބާސީންގެ
ވެރިކަމުގެ ކަންތައް ހިންގަމުން ގެންދިޔައެވެ.
އެހެންވީމާ ޢައްބާސީންގެ
ވެރިކަމުގެ ތެރޭގައި މުސްލިމުން ބައިބައިވެ ބަލިކަށި ނިކަމެތި ބަޔަކަށް
ވުމުގައި ތަފާތު މަޒްހަބުތަކުގެ ދައުރާއި އެހެނިހެން ކަންކަމުގެ ދައުރު
ފެނިފައި ވެއެވެ. މިތާގައި މިފާހަގަވާ ބައެއް ދައުލަތްތަކުގެ ވެރިންގެ
ފިކުރު ގުޅިފައިވަނީ ފިލޯސަފީ އުޞޫލުތަކުގެ މަތީގައެވެ. ކޮންމެއަކަސް 656
ވަނަ އަހަރު ތަތާރުން ޗަންގޭޒުޚާނާއި ހޮލާކޯ ޚާން ބަޣުދާދަށް އަރާ ބަޣުދާދު
ތަޅާ ސުންނާފަތި ކުރީ މުސްލިމުންގެ މިޚިލާފަތުގެ އާރެއް ބާރެއް ނެތި
ބަލިކަށި ކަމީނާ ބަޔެއްގެ ގޮތުގައި އޮއްވައެވެ.
މަޣުރިބުގައި
ފާޠިމީޚިލާފަތު އެންމެ ފުރަތަމަ ޤާއިމުކުރި ޝީޢީންގެ ވެރިކަން ފެށިގެން
އައީވެސް ޢަރަބި ޢަޞަބިއްޔަތާއި ދެކޮޅު ހަދާ ވެރިކަމެއްގެ ގޮތުގައެވެ.
އެގޮތުން އިރުމަތީގެ ރަށްތަކުގައި ޝީޢީންގެ ވެރިކަން ބިނާކުރުމުގައި ބަރޯސާ
ކޮށްފައިވަނީ ފާރިސީ މަވާލީން ނުވަތަ ޚާދިމުންގެ މައްޗަށެވެ. އަދި
މަޣުރިބުގައި މުސްލިމުން އުޅެމުން ގޮސްފައިވަނީ އެތާގައި ދިރިއުޅުނު
މަވާލީން ނުވަތަ ޚާދިމުން ކަމުގައިވާ ބަރުބަރުންގެ ބަރޯސާގެ މައްޗަށެވެ.
އެހެންވީމާ އުތުރު އެފްރިކާ އަކީ ޝީޢީ ދަޢުވަތު ފެތުރުމަށް އެންމެ
އެކަށީގެންވާ ބިން ކަމުގައި ވިއެވެ.
އަދި މީގެ އިތުރަށް މަޣުރިބަކީ އޭރުގެ
އިސްލާމީ ޚިލާފަތުގެ މަރުކަޒު ކަމުގައިވާ ބަޣުދާދާއި ވަރަށް ދުރުގައި އޮތް
ތަނެކެވެ. އެހެންކަމުން މިސަރަޙައްދަށް ބާރު ފޯރުވުމަކީ ޢައްބާސީންނަށް
އެހާ ފަސޭހަ ކަމެއްކަމުގައެއް ނުވިއެވެ. އަދި އެތާގައި އުޅެމުން ދިޔަ
ޢަލަވީންގެ ބާރު ނައްތާލުން އުދަގޫ ކަމަކަށް ވިއެވެ.
މަޣުރިބުގައި
އިސްމާޢީލީންގެ ދަޢުވަތު ފެތުރުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ
މަޣުރިބުގައި ފާޠިމީންގެ ދައުލަތެއް ފުރަތަމަ ބިނާކުރެއްވި ބާނީ އަބޫ
ޢަބްދުﷲ އައްޝީޢީ އެވެ. އިބްނުލްއަޘީރު ރިވާކުރައްވަނީ އަބޫޢަބްދުﷲ
އައްޝިޢީ އެފްރިކާގެ އުތުރު ސަރަޙައްދަށް ފޭބުމާއެކު ފައްޖުލްއަޚްޔާރޭ ކިޔޭ
ފަރުބަދައާއި މެދުގައި ސުވާލު ކުރިކަމަށެވެ. އެއީ ކިތާމާއިންގެ
ސަރަޙައްދުގައިވާ ފަރުބަދައެކެވެ.
މިފަރުބަދައިގެ ވާހަކަ މީގެ ކުރިން
އެއްވެސް މީހަކު އޭނާގެ ގާތުގައި ދައްކާފައެއް ނުވެއެވެ. އެހެންވެ
މީސްތަކުން މިކަމާ ޢަޖާއިބުވެ މި ފަރުބަދަ އޭނާއަށް ދެއްކިއެވެ. ހަމަ
އެފަދައިން މީނާ މިދަޢުވަތު ފެތުރުމުގައި ސިހުރު ހާހޫރައާއި ފަންޑިތަ
ބޭނުންކޮށްފައި ވެއެވެ. އެއީ މީސްތަކުންގެ ސިކުނޑިތަކާ ކުޅެ
ޙައިރާންކޮށްލުމަށެވެ. ފާޠިމީ ޙަރަކާތަށް ދަޢުވަތު ދިނުމުގައި މީނާ
ބޭނުންކޮށްފައިވަނީ ސިހުރު ހެދުމާއި ފާލު ބެލުމާއި ދަޢުވަތު ދިނުމާއި
މިކަންކަމެވެ. ހަމަ އެފަދައިން މަޣުރިބުން މިޞްރަށް ފާޠިމީ ޚިލާފަތު
ނަޤުލުވެގެން އެތާގައި އުޅުނު އިރުވެސް ފިކުރީ ގޮތުން މީސްތަކުންގެ
ސިކުޑިތަކާ ކުޅެމުން ދިޔައެވެ.
މުސްލިމުންކުރެ ސުންނަތް
ޖަމާޢަތުގެ އަހުލުވެރިންވެސް ތިބީ އެއްބަޔަކު އަނެއްބަޔަކުދެކެ ނަފްރަތުވެ
ޙަސަދަ ވެރި ވެފައެވެ. އެކެއްގެ ފަހަތުގައި އަނެކަކު ނަމާދުކުރަން ބޭނުން
ނުވެއެވެ. ޝާފިޢީއަކު ޙަނަފީއެއް ދެކެނީ ކާފިރެއްގެ ގޮތުގައެވެ. ޙަނަފީއަކު
ޙަންބަލީއަކާމެދު ނުވަތަ މާލިކީއަކު ޙަނަފީއަކާމެދު މިއުޞޫލުން ބަލައެވެ.
އެހެންކަމުން މުސްލިމުން ބައިބައިވެ ވަކިވަކިވެ މިސްކިތް މިސްކިތުގެ
ތަޅުންގަނޑު ކަނޑަކަނޑައިގެން ނަގައިގެން ނޫނީ އެއްމަޒްހަބުގެ މީހުންނަށް
މިސްކިތުގައި ނަމާދު ކުރެވެން ނެތްކަމަށް ދެކެންފެށިއެވެ. މިދަރަޖައަށް
މުސްލިމުންގެ ޙާލަތު ދިޔައުމުން މިފެންނަނީ މުސްލިމުން ޢަދަދު
ރާޅުފޮނުފަދައިންވިޔަސް އޭގެ އަގެއް ނެތް ބޭނުން މީހަކު ބޭނުން ގޮތެއް ހަދާ
ޒަމާންކަން ހާމަވިއެވެ.
އިސްލާމީ ދައުލަތުގެ ވެރިކަމަށް
ޚަލީފާއިންގެ ގޮތުގައި ތުއްތުތުއްތު ކުދިން ޢައްޔަން ވަމުން ދިޔައެވެ. ހަމަ
އެއާއެކު ޢުމުރުން ދުވަސްވެފައިވާ މީހުންނާއި ތަޢުލީމީ ގޮތުންނާއި
ވިސްނުމުގެ ގޮތުން ކޮށި މީހުންވެސް ޢައްޔަން ވަމުން ދިޔައެވެ. މިހުރިހާ
މީހުންގެ ފަހަތުގައި ވެރިކަން ހިންގާން އެކި ނަންނަމުގައި އެކިވަރުގެ
މީހުން އުޅެމުން ދިޔައެވެ. ބައެއްފަހަރަށް " އަތާބިކު"ގެ ނަމުގައެވެ.
ބައެއްފަހަރަށް " މަމްލޫކީން"ގެ ނަމުގައެވެ. މަދުމީހަކު ފިޔަވައި މިހުރިހާ
އެންމެންވެސް މަސައްކަތްކުރީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތު ޙިމާޔަތް
ކުރާށެވެ.
އެހެންވީމާ އިސްލާމީ ދައުލަތުގެ ވެރިކަން ކުރުމުގައި ދިމާވާ
މައްސަލަތައް ޙައްލުކުރުމުގެ ޢިލްމީ ޤާބިލުކަމާއެކު އިޖްތިހާދު ކުރުމުގެ
ޤާބިލުކަންވެސް މިފަރާތްފަރާތުގައެއް ނެތެވެ. އަދި ހަމަ އެފަދައިން
އަޚްލާޤީގޮތުންވެސް މާހަރުދަނާ ސިފަތަކެއް ނެތް މީހުން ވެރިކަމުގައި
ޙަރަކާތްތެރިވަމުން ދިޔައެވެ. އަދި ހަމަ އެހެންމެ އިސްލާމްދީނުގެ ޢިއްޒަތް
ދެމެހެއްޓުމާއި ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ކުރާ ޖިހާދު ކުރުމުގެ
ޤާބިލުކަން ލިބިފައިވާ ވެރިންވެސް މަދެވެ. އަދި އެއަށްވުރެ ހިތްވަރާ
ފަންވަރު ނެތުމުން އުފެދޭ މައްސަލަތައް މަދެއްނޫނެވެ.
ﷲ ވަޙީ
ކުރައްވާފައިވެއެވެ. وَقَا تِلُوْهُمْ حَتَّى لاَ تَكُوْنَ فِتْنَة
وَيَكُوْنَ الدِّيْنُ كُلُّهُ لِلَّهِ ( އަލްއަންފާލު 39) މާނައަކީ : "
އަދި ފިތުނަވެރިކަމާއި އަނިޔާވެރިކަން ހުއްޓި ދީންވަނީ ﷲއަށްޓަކައި
ކަމުގައި ހިމެނޭންދެން ކާފިރުތަކުންނާއި ހަނގުރާމަ ކުރަމުން ގެންދާހުށި
ކަމެވެ. " އެހެންވީމާ ޖިހާދަކީ އިސްލާމީ ދައުލަތުގެ ދިފާޢުގައްޔާއި ދީނުގެ
ދިފާޢުގައި ކުރުން ވާޖިބު ކަމެއްވެސް މެއެވެ.
އެހެންވީމާ
އިސްލާމުންގެ މެދުގައި ފިތުނަވެރިކަން ބޮޑުވެ މީސްތަކުން ބައިބައިވުމަކީ
އިސްލާމުން ނިކަމެތިވާން ދިމާވި މައިގަނޑު ސަބަބެވެ. ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " ޤިޔާމަތްވުމުގެ ކުރިން ބޮޑު
ދެޖަމާޢަތެއްގެ ދެމެދުގައި ވަރުގަދަ ހަގުރާމައެއް ހިނގާނެއެވެ.
މިދެބައިމީހުންވެސް ގޮވާލާނީ އެއް ގޮވާލުމެކެވެ. ދޮގުވެރި ދައްޖާލުން
ފޮނުވިއްޖެއުމަށް ދާންދެން މިކަން ހިނގަހިނގާ ހުންނާނެއެވެ. ގާތްގަނޑަކަށް
ތިރީހަކަށް މީހުންނާއި ގާތްޢަދަދަކަށް ދައްޖާލުން ފޮނުއްވޭނެއެވެ. މިފަދަ
ކޮންމެ މީހަކުމެ ހީކުރާނީ އޭނާއަކީ ﷲ ފޮނުއްވި ރަސޫލާ ކަމުގައެވެ. ދެން
ދުނިޔެއިން ޢިލްމު އުފުއްލެވޭނެއެވެ. އަދި ބިންހެލުންތައް ގިނަގިނައިން
އަންނާނެއެވެ. އަދި ދުވަސްކުރުވެގެން ދާހެންހީވެ ޒަމާން ގާތްވާނެއެވެ.
އަދި ފިތުނަވެރިކަން ބޮޑުވެ ޤަތުލުކުރުންތައް އިތުރުވެގެންދާނެއެވެ."
އަދި
މިފަދަ އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމަގެ މަޖްލިސެއްގައި އަޞްޙާބުން ތިއްބަވަނިކޮށް މީހަކު
(އޭގެތެރެއިން
ބޭކަލަކު) ޤިޔާމަތުގެ ވާހަކައިން ރަސޫލާއާއި ސުވާލު ކުރުމުން އެކަލޭގެފާނު
ހަނު އިންނަވާފައި ފަހުން އެއްސެވިއެވެ. ޤިޔާމަތާއިމެދު ސުވާލުކުރީ ފަހެ
ކާކުހެއްޔެވެ؟
ދެން އެބޭކަލަކު ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ.
ތިމަންނައެވެ. ދެން އެހިނދު ޙަދީޘް ކުރެއްވިއެވެ. " އަމާނާތް
ގެއްލިއްޖެނަމަ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ! އެބޭކަލުން ދެންނެވިއެވެ.
އަމާނާތް ގެއްލޭހުށީ ކޮންފަދައަކުންތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކަންކަމަށް ކުފޫހަމަނުވާ ފަރާތްތަކަށް
ކަންކަން ޙަވާލު ކުރެވިއްޖެނަމަ ދެން ފަހެ ޤިޔާމަތަށް އިންތިޒާރު
ކުރާށެވެ! |
0 comments:
Post a Comment