ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ އަގު ބޮޑު 10 ހާދިސާ
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ދުނިޔޭގެ
ތާރީޚަށް ބަލާއިރު އިންސާނުންނާ ވަރަށް ތަފާތު ހާދިސާތަކާއި ކާރިސާތަކާ
ކުރިމަތިވެފައިވެ އެވެ. ޤުދްރަތީ ކަންތައްތަކާއި އިންސާނުންގެ ސަބަބުން
ކުރިމަތިވެފައިވާ ކަންތައްތަކެވެ. ބައެއް ހާދިސާތަކުގެ ގެއްލުން ވަރަށް
ބޮޑެވެ. އަނެއްބައި ހާދިސާތަކުގެ ގެއްލުމުގެ މިންވަރު އަގުކުރަން ވެސް
ނޭނގޭހާ ބޮޑެވެ. ބައެއް ހާދިސާތަކުގައި އެތައް އިންސާނުންނެއް މަރުވެ
ފަނާވެފައިވެ އެވެ. ބޮޑެތި ރަށްތައް މުޅިންނެތިވެ ފުހެވިފައިވެ އެވެ.
ހަނގުރާމަތަކާއި ޤުދުރަތީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމްގެ ސަބަބުން
ލިބެމުންދާ ގެއްލުންތަކަކީ އަގުކުރެވޭނެ އެއްޗެއްނޫނެވެ. މި ތާނގައި މި
ދަންނަވާ ހާދިސާތަކަކީ އަގުކޮށް ބެލުނު ހާދިސާތަކުގެ ތެރެއިން އެންމެ
އަގުބޮޑު 10 ހާދިސާ އެވެ.
10 ވަނަ ހާދިސާ
ޓައިޓެނިކް ބޯޓު
150 މިލިއަން ޑޮލަރު
ޓައިޓެނިކް
ބޯޓު ފެތުނު ހާދިސާއަކީ ބޯޓެއް ޣަރަޤުވި އެންމެ މަޝްހޫރު ހާދިސާކަމަށް
ވެދާނެ އެވެ. މި ފަތުރުވެރި ބޯޓު ފެތުނީ އެ ބޯޓުގެ އެންމެ ފުރަތަމަ
ދަތުރުގަ އެވެ. މި ހާދިސާ ހިނގީ 1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގަ
އެވެ. މި ހާދިސާގައި 1500 މީހުން މަރުވެފައިވެ އެވެ. މި ބޯޓު ބަން
ދުވަސްވަރު މި ބޯޓުގެ އަގަކީ 7މިލިޔަން ޑޮލަރެވެ. މި އަދުގެ ބަޒާރު އަގަށް
ބަލާއިރު އެއީ 150 މިލިއަން ޑޮލަރުކަމަށް ބެލެވެ އެވެ. މި ބޯޓު
ބަނުމަށްފަހު ފުރަތަމަ ދަތުރު ފެށީ ﷲއަށް ގޮންޖަހަމުންނެވެ. ކަލާނގެއަށް
ވެސް މި ބޯޓު ފައްތާނުލެވޭނެކަމަށް ބުނެ ބޮޑާކަމާ ކިބުރުވެރިކަމާއެކުގަ
އެވެ. ބޯޓު އަޑިއަށް ދިޔައީ ކުޑަކުޑަ ގަނޑުފެންކޮޅެއްގައި ޖެހިގެންނެވެ.
ނުވަވަނަ ހާދިސާ ތެޔޮ ލޮރީއަކާއި ފާލަމެއް 358 މިލިއަން ޑޮލަރު
2004
ވަނަ އަހަރު 3200 ލިޓަރުގެ ތެޔޮ އަރުވައިގެން ދަތުރުކުރި ލޮރީއެއް
ޖަރުމަނުގެ ވެހްލްޓާލް ފާލަމުގައި ޖެހި ގޮވުމުގެ ސަބަބުން މި ފާލަމުގެ
ބޮޑުބައެއް ހަލާކުވި އެވެ. ހަލާކުވި ފާލަން އަލުން ހެދުމަށް 358މިލިއަން
ޑޮލަރު ހޭދަވި އެވެ.
އަށްވަނަ ހާދިސާ
މެޓްރޯލިންކް
500 މިލިއަން ޑޮލަރު
2009
ވަނަ އަހަރު ކެލިފޯނިޔާގައި ދެރޭލެއް ޖެހުނެވެ. މި ހާދިސާ ހިނގީ ރަތްބޮކި
ދިއްލާފައި ހުއްޓައި އޭގެ ތެރެއިން އެއްރޭލު ވަރަށް ބާރު ދުވެއްޔެއްގައި
މަގު ހުރަސްކުރުމުންނެވެ. މި ހަދިސާ ހިނގީ ރޭލުގެ ޑްރައިވަރު އެސް. އެމް.
އެސް އެއް ލިޔަން އިނުމުގެ ސަބަބުންކަމަށް މަސްއަލަ ތަޙްޤީޤު ކުރި ޓީމުގެ
ރިޕޯޓްގައި އައިސްފައިވެ އެވެ. މި ހާދިސާގައި 25މީހަކު މަރުވެފައިވެ އެވެ.
މި މަސްއަލާގައި މެޓްރޯލިންކްސް ވަނީ 500 މިލިއަން ޑޮލަރުން ޖޫރިމަނާ
ކޮށްފަ އެވެ.
ހަތްވަނަ ހާދިސާ ބީ 2 މަތިންދާބޯޓެއް ވެއްޓުން 1.4 ހާސް މިލިއަން ޑޮލަރު
ބީ
2 މަރުކާގެ ސްޓިލްތު މަތިންދާ ބޯޓު ވެއްޓިފައިވަނީ 23 ފެބްރުއަރީ 2008
ވަނަ އަހަރު ގުއާމް ވައިގެ ބޭހުން އުދުއްސައިގަތް ތަނާ އެވެ. މިއީ ބޮންއަޅާ
ބޯޓެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ތެތްފިނީގެ ސަބަބުން
ބޯޓުގެ ކޮމްޕިޔުޓަރުގެ ބައެއް ބައިތަކުގެ މަސައްކަތް ހުއްޓުމެވެ. މިއީ
ޖައްވުގައި ހިނގި އެންމެ އަގު ބޮޑު ހާދިސާ އެވެ. މި ބޯޓުގެ ދެ ޕައިލެޓުން
ވެސް ކުޑައިން ފުންމާލައިގެން ސަލާމަތްވި އެވެ.
ހަވަނަ ހާދިސާ
ތެޔޮ އުފުލާ އުޅަނދު އެކްސަން ވެލްޑިސް
2.5 ހާސް މިލިއަން ޑޮލަރު
24
މާޗު 1989 ގައި އެކްސަން ވެލްޑިސް ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދުން
ތެޔޮ ބޭރުވާންފެށްޓެވެ. މި ހާދިސާ ހިނގީ އެ އުޅަނދު އަމީރު ވިލިއަމް
ކަނޑުއޮޅިތެރެއިން ދަތުރުކުރަނިކޮންނެވެ. މި އުޅަނދުން ބޭރަށް ނުކުތް
ތެޔޮތައް ސާފުކުރުމަށްޓަކައި އެކުންފުންޏަށް 2.5 ހާސްމިލިއަން ޑޮލަރު
ހޭދަކުރަން ޖެހުނެވެ.
ފަސްވަނަ ހާދިސާ
ތެޔޮނެގުމަށް ބޭނުންކުރާ އަލްފާ ބޭސް ޕްލެޓްފޯމް
3.4 ހާސް މިލިއަން ޑޮލަރު
މިއީ
ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ތަނެވެ. ދުވާލަކު 317000 ފީފާގެ
ތެޔޮ މި ތަނުން އުފައްދަ އެވެ. 6 ޖުލައި 1988 ވަނަދުވަހު މި ބޭހުގެ
ފަންނީމީހުން ގަވާއިދުގެ މަތިން އެ ތަން ސަރވިސްކުރި އެވެ. މި މަސައްކަތުގެ
ތެރޭގައި 100ވަރަކަށް ބަންދު ހުޅުވި އެވެ. އެއީ ނުރައްކާތެރި ދިޔާ
ގޭސްތައް ސާފުކުރުމަށްޓަކަ އެވެ. ނަމަވެސް އެމީހުންނަށް ހެދުނު ކުށެއްގެ
ސަބަބުން 2ގަޑިއެއްހާ އިރުގެ ތެރޭގައި މުޅި ޕްލެޓްފޯރމް ގައި ރޯވި އެވެ. މި
ހާދިސާގައި މުޅި ޕްލެޓްފޯމް އަނދައިގެން ދިޔަ އެވެ. އަދި 167 މީހަކު
މަރުވި އެވެ. މި ހާދިސާގެ ސަބަބުން އެ ކުންފުންޏަށް 3.4 ހާސްމިލިއަން
ޑޮލަރުގެ ގެއްލުންލިބުނެވެ.
ހަތަރުވަނަ ހާދިސާ ޖައްވީ އުޅަނދު ޗެލެންޖަރު ގޮވުން 5.5 ހާސް މިލިއަން ޑޮލަރު
ޖައްވީ
އުޅަނދު ޗެލެންޖަރު ގޮވާފައިވަނީ ބިމުން އުދުއްސައިގަތްތާ 73 ސިކުންތުގެ
ތެރޭގަ އެވެ. 28 ޖެނުއަރީ 1986 ގައި ހިނގި މި ހާދިސާ ހިނގައިފާ ވަނީ
ފަންނީ ކުށެއްގެ ސަބަބުންނެވެ. މި ހާދިސާގައި ހަލާކުވި ތަންތަނާއި
މެޝިންތަކާއި އުޅަނދު އަލުން ބަނުމަށްޓަކައި 5.5 ހާސްމިލިއަން ޑޮލަރު
ޚަރަދުވި އެވެ.
ތިންވަނަ ހާދިސާ ތެޔޮ އުފުލާ އުޅަނދު ޕްރިސްޓިޖް 12 ހާސްމިލިއަން ޑޮލަރު
2002
ވަނަ އަހަރު ހިނގި މި ހާދިސާ ހިނގާފައިވަނީ ސްޕޭންގެ އައްސޭރިފަށުގަ
އެވެ. 77ހާސް ޓަނުގެ ތެޔޮ އަރުވައިގެން ދަތުރުކުރި މި ބޯޓު ގެ ތެޔޮ
ތާނގީއެއް ފަޅައިގެން ދިޔައީ ޠޫފާނެއްގެ ސަބަބުންނެވެ. ބޯޓުގެ ކެޕްޓަން
އެހީއަށް އެދުމުން ފަރަންސޭސިވިލާތުންނާއި ސްޕޭނުންނާއި ޕޯޗްގީޒުން މި
ބޯޓަށް އަމުރުކުރީ އެ ޤައުމުތަކުގެ ގޮޑުދޮށްތައް ހަޑިވެދާނެތީ
އައްސޭރިފަށާ ފޭވުމަށެވެ. މި ޠޫފާނުގެ ސަބަބުން ބޯޓު ދެފަޅިވެ އަޑިއަށް
ދިޔަ އެވެ. މި ހާދިސާގެ ސަބަބުން 12ހާސްމިލިއަން ޑޮލަރު ޚަރަދުކުރަން
ޖެހުނެވެ.
ދެވަނަ ހާދިސާ
ޖައްވީ އުޅަނދު ކޮލަމްބިއާ
13 ހާސް މިލިއަން ޑޮލަރު
މި
ޖައްވީ އުޅަނދު ގޮވައިފާވަނީ ބިމަށް އަނބުރާ އަންނަނިކޮށް ޓެކްސާސް މަތީ
އޮއްވަ އެވެ. މި އުޅަނދު ގޮވީ ފިޔަގަނޑުގައި އެޅުނު ލޯވަޅެއްގެ
ސަބަބުންނެވެ. މި ހާދިސާގެ އަގަކީ 13ހާސްމިލިއަން ޑޮލަރެވެ.
އެއްވަނަ ހާދިސާ ޗަރްނޯބަލް އެޓަމިކް އުދުން 200ހާސް މިލިއަން ޑޮލަރު
މި
ހާދިސާ ހިނގައިފާ ވަނީ 1986 ވަނަ އަހަރު ޔުކްރޭން ގަ އެވެ. ޔުކްރޭންގެ
މުޅި ސަރަހައްދުގެ ދެބައިކުޅައެއްބަޔަށް މި ހަދިސާގެ އަސަރު ފޯރި އެވެ. މި
ހާދިސާ ހިނގި ސަރަޙައްދުގައި ދިރިއުޅުނުމީހުންގެ ތެރެއިން 1.7
މިލިއަންމީހުންގެ ޙަޔާތަށް މި ހާދިސާގެ ނުބައި އަސަރު ފޯރާފަައިވެ އެވެ. މި
ހާދިސާގައި ސީދާ މަރުވިމީހުންގެ އަދަދަކީ 175ހާހެވެ. ޔުކްރޭންގެ މި
އެޓަމިކް އުނދުނުގެ ކާރިސާގެ ގެއްލުންތަކުގެ މިންވަރަކީ 200ހާސްމިލިއަން
ޑޮލަރުކަމަށް ލަފާކޮށްފައިވެ އެވެ. |
0 comments:
Post a Comment