Wednesday, November 21, 2012

اتق الله حيثما كنت...!! "ތިބާ ވީ ކޮންމެ ތާކުމެ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވާށެވެ."

  މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވީ ތިބާ ހިތު ހުރިހާ ގޮތަކަށް ދުނިޔޭގެ ޙަޔާތް ވޭތި ކުރުމަށް ކަމަށް ތިބާ އަށް ހީވާނަމަ އެއީ ތިބާއަށް ހީވެފައިވާ ވަރަށް ބޮޑު ކުށް ހީއެކެވެ. އަވަހަށް އޭގެ ޙަޤީޤަތް ހޯދާށެވެ. އަދި އެވަގުތަކު ތިބާގެ ހަވާ ނަފްސު އެދޭ ގޮތަކަށް، ތިބާ ހިތަށް އެރި ކަމެއް ކުރަމުން ހިތަށް އެރި އެއްޗެއް ކިޔަމުން ދާނަމަ އެއީ ތިބާއަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އަވަހަށް އެކަމުން ތަޥްބާވާށެވެ.


 އެހެނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނާއި ޖިންނީން އުފެއްދެވުމަށްފަހު ވަޙީ ކުރައްވާފައިވަނީ {وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ} (سورة الزاريات 56) މާނައީ:- "ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ." 

އޭ ފާފަ ކުރުމުގައި ވަގުތުތައް ހޭދަކުރަމުންދާ މުސްލިމް އަޚާއެވެ! މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ބިރުވެތިވޭ! ތިބާ ތިޔަކުރާ ފާފަތައް އިންސާނުންނަށް ސިއްރުން ކުރެވިދާނެއެވެ. އެކަމަކު ނެތުމުގެތެރެއިން ތިބާ އުފައްދަވައި ފުރިހަމަ ކުރެއްވި ކާއިނާތުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެންވާ ހާލު ތިބާ ތިޔަކުރަމުންދާ ފާފަތައް ކުރާނީ ކިހިނަކުންހެއްޔެވެ.

 ތިބާ ކަނު އަނދިރީގައި ވީނަމަވެސް ތިބާގެ އެންމެހާ ޢަމަލުތައް މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ މޮޅަށް ބައްލަވާ ވޮޑިގެން ވެއެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ، {إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ} މި ފަދައިން ވަޙީކުރައްވާފައި ވެއެވެ. މާނައީ:- "ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ."
ތިމާގެ ހުސް ވަގުތުތައް ބޭކާރު ކުރަމުންދާ މުސްލިމް އަޚާއެވެ!

 މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ތިބާ އެކަލާނގެއަށް ބިރުވެތިވޭ! ތިބާ ކުރާ ކޮންމެ ޢަމަލެއް އަދި ބުނާ ބަހެއްވިޔަސް ތިބާގެ ފަތުގައި ނުލިޔެވި ނުދާނެއެވެ. ތިބާ ތިޔަ ކުރަމުންދާ ބޭކާރު ކަންތައްތަކާއި، ބޭކާރު ވާހަކަތައް ހުއްޓާލާށެވެ. އޭގެ ބަދަލުގައި ތިބާ ކުރާ ކޮންމެ ޢަމަލަކީ އަދި ބުނާ ކޮންމެ ބަހަކީ ހެޔޮ ބަހެއް ނުވަތަ ޢަމަލެއް ކަމުގައި ހަދާށެވެ. 

މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ {مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ} (سورة ق 18) މާނައީ:- "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކު ނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ."

ތިމާއަށް މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ދެއްވާފައިވާ އަގުބޮޑު ނިޢުމަތްތައް ބޭނުންކޮށްގެން އެކަލާގެ ޙަރާމް ކުރެއްވި ކަންތައް ކުރަމުންދާ މުސްލިމް އަޚާއެވެ! މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ތިބާއަށް ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވެއެވެ. އެ ނިޢުމަތްތައް ތިބާ ގުނައި ޢަދަދު ކުރަން އުޅުނު ކަމުގައިވިޔަސް ތިބާއަށް އެކަމެއް ނުވާނެއެވެ. އެހެނީ އެހައިވެސް ގިނަ ނިޢުމަތްތައް މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ތިބާއަށް ދެއްވާފައި ވެއެވެ. ތިބާއަށް ބަސްމޮށުންތެރިކަމާއި، ފެނުމާއި، އަޑުއެހުމާއި، ވިސްނުމާއި، ހިނގައިބިގައި އުޅުމާއި އަދި ތިބާގެ ދެ އަތުން މަސައްކަތް ކުރުމުގެ ނިޢުމަތާއި އަދިވެސް ކިތަންމެ ނިޢުމަތެއް ރަޙްމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ވަނީ ތިބާއަށް ދެއްވާފައެވެ.

 ނަމަވެސް ތިބާ ތިޔަދަނީ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވުމެއް ނެތި އެކަލާނގެ ދެއްވި ނިޢުމަތްތައް ބޭނުން ކޮށްގެން ތިބާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް ގެއްލުން ދެމުންނެވެ. އޭ އަޚާއެވެ! ވަގުތު ފާއިތު ވުމުގެ ކުރިން މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވުން ޙައްޤު ގޮތުގައި ބިރުވެތިވޭ! ތިބާއަށް މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ ދެއްވާފައިވާ އެންމެ ނިޢުމަތެއްވެސް އެކަލާނގެ ގެންދަވައިފިނަމަ ތިބާ އުޅެންޖެހޭ ޙާލު ތަސައްވުރު ކޮށްލާށެވެ. ތިބާއަށް ދެއްވާފައިވާ ނިޢުމަތްތައް ނެތިދިޔުމުގެ ކުރިން އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

 މާތް ﷲ ސުބުޙާނަޙޫ ވަތަޢާލާ ވަޙިކުރައްވާފައިވަނީ {لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ} (سورة إبراهيم 7) މާނައީ:- "ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކުފުރުވެރި ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."
ވިސްނާލައްވާށެވެ! ތިބާ ބޭނުންގޮތަކަށް ތިބާ ދުނިޔޭގައި އުޅެމުން ދާއިރު ތިބާއަށް ބޭނުންވާ އެންމެހާ ރިޒުޤު ތިބާގެ ވެރި ރައްބު ތިބާއަށް ދެއްވައެވެ. އެކަމަކު ތިބާ އެއަކަށް ޝުކުރުވެރި ނުވަމުއެވެ. ތިބާ ތިޔަވަނީ ޣާފިލުކަންމަތީގައިކަން ހަނދާނަށް ގެނެސްބަލާށެވެ.

 ސައުވީސް ގަޑިއިރު ތެރޭގައި ކިތަށް ފަހަރު ތިބާ، މި ފަނާކުރުވަނިވި ދުނިޔެއަށް ފޮނުއްވުނު މަޤުޞަދު ހަނދާންކުރަމުހެއްޔެވެ؟ ތިބާގެ މުޅި ޢުމުރު ފާފަ ކުޅައުމާއި ބޭކާރު ވަގުތު ހޭދަ ކުރާއިރު ތިބާގެ ވެރި ރައްބު ތިބާއަށް ކިހާ އޯގާތެރިވެ ވޮޑިގެންވާކަން ތިބާއަށް އިނގޭ ހެއްޔެވެ. ތިބާ، އެކަލާނގެ ޙަރާމް ކުރެއްވި އެތަކެއް ފާފަތަކަށް އަރައިގެންފައިވާއިރު އަދިވެސް ތިބާ އަށް ތަޥްބާވުމުގެ ފުރުޞަތު އެބައޮތެވެ. އޭ އަޚާއެވެ! ހަތް އުޑު މަތީގައިވާ ޢަރުޝީގައި ތަޖައްލީވެ ވޮޑިގެންވާ، އެންމެހާ މަޚްލޫޤުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އަދި މޮޅަށް އައްސަވާވޮޑިގެންވާ ޖައްބާރުވަންތަ ޤައްހާރުވަންތަ ކާއިނާތުގެ މިލްކުވެރި އިލާހަށް ބިރުވެތިވޭ! ތިބާ ކުރަމުންދާ ފާފަތައްކުރުމުން ދުރުވެ އަވަހަށް ތަޥްބާވޭ!

 އެކަލާނގެ އަންގަވާފައިވާ ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތުކުރުމުން މެނުވީ އާޚިރަތުގައި އެއްވެސް ކާމިޔާބެއް ނުވާނެއެވެ. މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ {وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى} (سورة طه 124) މާނައީ:- "އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ" {قَالَ رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنْتُ بَصِيرًا} (سورة طه 125) މާނައީ:- "އެމީހާ ދަންނަވާނެތެެވެ. 

 އަޅުގެ ވެރިރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ." {قَالَ كَذَلِكَ أَتَتْكَ آَيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى} (سورة طه 126) މާނައީ:- "އެކަލާނގެ ވަޙީކުރައްވާނެތެވެ. ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެެވެ. ފަހެ، އެ އާޔާތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެއެވެ. (އެބަހީ: ﷲ ގެ ރަޙްމަތުން މަޙްރޫމު ކޮށްލެވޭނެއެވެެ)."
އޭ މުސްލިމް އަޚާ އެވެ! ތިބާ ހޭލާކަށް ނުވޭ ހެއްޔެވެ؟ 

ތިބާ ތިވަނީ ގަދަ ނިންޖަކުން ނިދާފައެވެ. އަވަހަށް ހޭލާށެވެ! މި ދުނިޔޭގައި، ކިތަންމެ މޮޅު މީހަކަސް، ކިތަންމެ ބޮޑު މީހަކަސް، ކިތަންމެ މުއްސަންޖަކަސްވެސް، ފަޤީރަކަސްވެސް އަދި ކިތަންމެ މާތް މީހަކު ނަމަވެސް އިސްތިސްނާ ނުވާގޮތަށް ކޮންމެ މީހަކާއިވެސް ބައްދަލުކުރާ، ލަހެއް ފަހެއް ނުކުރެވޭނެ މަރު ތިބާއާއި ބައްދަލު ކުރުމުގެ ކުރިން އަވަހަށް ހޭލައިގެން ކުރެވިފައިވާ އެންމެހާ ފާފަތަކުން ތައުބާވުމަށް އަވަސްވޭ! މަރު ބައްދަލުވާނެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭނޭ ކަމެއް ނޫނެވެ.

 އަދި އެ މަރު ތިބާއާއި ބައްދަލު ކޮށްފިނަމަ ތިބާއަށް އެއަކުން ރެކިގަނެގެންވެސް ނުމެދެވޭނެއެވެ. މަރަކީ އޭގެ ވަގުތު ޖެހުމުން ލަހެއް ފަހެއް ވާނެ އެއްޗެއް ނޫނެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ {وَلَنْ يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ} (سورة المنافقون 11) މާނައީ:- "އަދި ﷲ، އެއްވެސް ނަފްސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އޭ މުސްލިމް އަޚާއެވެ! މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވެ، ކުރެވިފައިވާ އެންމެހާ ފާފަތަކުން ޠާހިރުވާން އަވަސްވެގަނޭ! ރަޙްމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެ ރަޙުމަތުން އުންމީދު ކަނޑައި ނުލާށެވެ. ކިތަންމެ ބޮޑެތި ފާފަތަކަށް އަރައިގެންފައިވީ ނަމަވެސް ފުރިހަމަ ތަޥްބާއަކުން ތަޥްބާވެއްޖެ ކަމުގައިވާނަމަ އެކަލާނގެ ތިބާގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއީ އަޅުތަކުން އެކަލާނގެއަށް އުރެދޭ ހާލުވެސް އަޅުތަކުންނަށް އެންމެ އޯގާވަންތަ ރަޙްމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

 އެކަލާނގެ ވަޙީ ކުރައްވާފައިވަނީ {قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ} (سورة الزمر 53) މާނައީ:- "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައި ނުލާށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ އެވެ."

އޭ މުސްލިމް އަޚާއެވެ! މާތް ﷲ ސުބުޙާނަޙޫ ވަތަޢާލާ ވަނީ ވަރުގަދަ އިންޒާރަކުން އިންޒާރު ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ {وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآَيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ} (سورة السجدة 22) މާނައީ:- "އެމީހެއްގެ ވެރިރަސްކަލާނގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons