Thursday, November 1, 2012

ލޮބުވެތި އަޚާއެވެ. ތިބާގެ މޫނުމަތިން އެއްޗެއް މަދުކަން ތިބާއަށް އިޙްސާސްކުރެވޭ ހެއްޔެވެ؟

ލޮބުވެތި އަޚާއެވެ! މިކާއިނާތަށް ތިބާ ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ރައްބުގެ އަމުރަށް ނުކިޔަމަންތެރިވާޙާލު، ރެޔާއި ދުވާލު ތުނބުޅިބޭލުމުގެ ފާފައިގެމަތީގައި ހުރުމަށް ބިރެއް ނުގަނޭހެއްޔެވެ؟ އެއިލާހުގެ އަމުރުފުޅުތަކަށް އިންކާރުކުރުމުން ތިބާއަށް ކުރިމަތިވެދާނެ ޢަޒާބަކަށް ބިރެއް ނުގަނޭހެއްޔެވެ؟! ތުނބުޅި ދިގުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެތައް ޞައްޙަ ޙަދީޘްފުޅުތަކެއްގައި މުއުމިން ފިރިހެނުންނަށް އަމުރު ކުރައްވާފައިވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤު ކުރައްވާފައިވަނީ އެންމެ ފުރިހަމަ ސިފައަކާއި ބުރުސޫރައެއްގައެވެ. މިކަން ބަޔާން ކުރައްވަމުން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތުގައި ވަޙީކުރައްވާފައިވަނީ (لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ) التين 4  މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ."

އަންހެނުންނާއި ފިރިހެނުން ޚަލްޤުކުރައްވާފައިވަނީ ނަފްސާނީ އަދި ޖިސްމާނީގޮތުން ތަފާތު ގޮތަކަށެވެ. އަންހެނުންނަށް ލިބިގެންނުވާ އެތައް ސިފައެއް ފިރިހެނުންނަށް ލިބިގެން ވެއެވެ. ދެ ޖިންސުގެ މީހުންނަކީ އެއްދަރަޖައެއްގެ ބަޔެކޭބުނެ، ޖަހާލަތުގެ އަނދިރިކަމުން އިންސާނުން އަލިކަމުގެތެރެޔަށް ނެރެ، ދެ ޖިންސުގެމީހުންނަށް އެމީހުންގެ ޙައްޤުތައް ފުރިހަމަޔަށް ހޯދައިދިން މަތިވެރި އިސްލާމްދީނުގެ ޝަރީޢަތާއި އުޞޫލުތަކާއި ޚިލާފަށް، މުސްލިމް އުޚްތުން އެކަނބަލުންގެ  ޢިއްޒަތާއި ޤަދަރާއި ޝަރަފާއި ކަރާމަތަށް ބުރޫއަރާނެފަދަ މާޙައުލަކަށް ނެރެން އެދޭނަމަ އަންހެނުނަށް މި ސިފަ ހޯދައިދެވޭތޯ މަސައްކަތްނުކުރަނީ ކީއްވެގެންތޯއެވެ؟

އޭ ލޮބުވެތި އަޚާއެވެ! މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ތިބާގެ މޫނުމަތިން އެއްޗެއްމަދުހެން ހީވޭތޯ ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކުރައްވާށެވެ. އޭ ލޮބުވެތި އުޚްތާއެވެ! އެއްދުވަސްވަރެއްގައި ތުންފޮހެލާ އެއްލާލާ ޓިޝޫކޮޅެއް ފަދައިން ތިބާ ބޭނުންކުރެވެމުންދިޔަ އިރު، ތިބާޔަށް އޯގާތެރިކަމާއި ޙިމާޔަތްކަންދިން މަތިވެރި އިސްލާމްދީން ދޫކޮށް، އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަބަޔެއްކަމަށް ދަޢުވާކުރާމީހުންގެ ދަޢުވާ ޤަބޫލުކޮށް، ފިރިހެނުންގެ މަސްއޫލިއްޔަތު އަދާކުރުމަށް މުޖުތަމަޢުގެ ތެރެޔަށް ނުކުންނަން އެދޭނަމަ ތިބާގެ މޫނުމަތީގައި ފިރިހެނުންގެ ފިރިހެންވަންތަކަމަށް ދަލީލުކޮށްދޭ ތުނބުޅި ނެތީ ކީއްވެގެންތޯ ސުވާލު ކޮށްލާށެވެ؟

ލޮބުވެތި އަޚާއެވެ! ތިބާއަކީ ފިރިހެނެކެވެ! ފިރިހެންވަންތަކަމަށް ލޯބިކުރާށެވެ! ފިރިހެންވަންތަކަމުގެ އެންމެބޮޑު ދަލީލަކީ ތިބާގެ ތުނބުޅިއެވެ! މިއީ އަންހެނަކަށް ލިބިގެންނުވާ މަތިވެރި ނިޢްމަތެކެވެ. އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުވާ އެންމެބޮޑު ވަސީލަތްވެސްމެވެ. ﷲ ތަޢާލާ ތިބާއަށް މި ނިޢްމަތްދެއްވެވީ ތިބާއަކީ ފިރިހެނަކަށް ވީތީއެވެ. އެހެންކަމުން މި ނިޢްމަތަށް ޝުކުރުނުކޮށް އަންހެނަކަށްވާން ތިބާ ލަދެއްނުގަނޭ ހެއްޔެވެ؟ ތުނބުޅި ބާލައި ކުކުޅު ބިހެއްފަދައިން ތިބާގެ މޫނު ބަހައްޓަން ލަދެއްނުގަނޭ ހެއްޔެވެ؟ ޖަންގަލީގެ ރަސްގެފާނު ކަމުގައިވާ ސިންގާގެ ވާހަކަ ތިބާ އަޑުއެހިން ހެއްޔެވެ؟ އެ ޖަނަވާރުގެ ފިރިހެންވައްތަރުގެ މޫނާއި ދަތްދޮޅި ދަށުގައި ވާ ބިޔަ ކެހެރިގަނޑު ތިބާ ދެކުނިން ހެއްޔެވެ؟ ތިބާ ނިކަން ވިސްނަވާ ބައްލަވާށެވެ. އޭގެ ކެހެރިގަނޑު ނުވަތަ ތުނބުޅި ބާލައިފިނަމަ އޭގެ ހައިބަތާއި ޝަރަފުގެއްލި ހިނގައިދާނެއެވެ. އަދި ޚުދު ތިބާއަށްވެސް އޭގެ ފިރހެންވައްތަރާއި އަންހެންވައްތަރު އޮޅިދާނެއެވެ. ދަންނަވަންމިއުޅޭ ވާހަކައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްވާފައިމިވާ ތުނބުޅި ބާލައިފިނަމަ ތިބާގެ ހައިބަތާއި ފިރިހެންވަންތަކަން ގެއްލި އަންހެނެއްގެ ސިފައިން ސިފަވެދާނެއެވެ.

ތުނބުޅި ދިގުކުރުމަކީ ކިހާވަރެއްގެ  ކަމެއްކަމާއި  އެބޭލުމަކީ   ކިހާނުރައްކާތެރި   ކަމެއްކަން  ތިބާޔަށް  ބަޔާންކޮށްދެވޭތޯ މަސައްކަތްކުރާނަމެވެ. ޙަޤީޤަތް ފާޅުވެ ބަޔާންވުމުން ޙައްޤަށް ލޯބިކުރާ އެއާއި އެއްގޮތަށް ޢަމަލުކުރާ މީހަކަށްވޭތޯ ބަލާށެވެ. އަޑު އައްސަވާށެވެ! ފާރިސީންގެ ރަސްގެފާނު ކިސްރާގެ ފަރާތުން ޔަމަނަށް ކަނޑައަޅާފައިވާ ވެރިޔާގެ ފަރާތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދެ މަންދޫބަކު ފޮނުވިއެވެ. އެކެލޭގެފާނުގެ ކުރިފުޅުމައްޗަށް އެދެމީހުންނަށް އާދެވުނު ހިނދު، އެކަލޭގެފާނަށް ފެނިވަޑައިގަތީ އެމީހުން ތުނބުޅި ބާލައި ބޮޑެތިމަތިމަސް ލާފައި ތިއްބައެވެ. އެމީހުންގެ ބުރުސޫރައާއިމެދު ހިތްހަމަޖެހިވަޑައިނުގެން ނަފްރަތުކުރައްވާ ޙާލު، މޫނުފުޅު އަނބުރާލައްވައި އެމީހުނަށް ފުރަގަސްދެއްވާ ވިދާޅިއެވެ. ((وَيْحَكُمَا مَنْ أَمَرَ كُمَا بِهَذَا؟)) މާނައީ: "ކަލޭމެން ދެމީހުންނަށް ހަލާކުހުއްޓެވެ! ތިގޮތަށް ޢަމަލުކުރުމަށް ކަލޭމެންނަށް އަމުރުކުރީ ކާކުތޯއެވެ؟" އެމީހުން ބުންޏެވެ. "އަހަރެމެންގެ ވެރިޔާއެވެ." އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ((لَكِنَّنِيْ أَمَرَنِي رَبِّي عَزَّ وَجَلَّ أَنْ أُعْفِيَ لِحْيَتِيْ، وَ أَنْ أُحْفِيَ شَارِبِيْ)) حسنه الألباني މާނައީ: "އެހެންނަމަވެސް ތިމަންކަލޭގެފާނުގެ ވެރި ރައްބުވަނީ ތިމަންކަލޭގެފާނަށް ތުނބުޅި ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ. އަދި މަތިމަސް ކުރުކުރުމަށް އަމުރު ކުރައްވާފައެވެ." ތިބާ ވިސްނަވާށެވެ. ތިބާ ޤިޔާމަތްދުވަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު ވުމަށް ލޯބިކުރަންތޯއެވެ؟ އެހެންވެއްޖެނަމަ އެކަލޭގެފާނު ރުހިވަޑައިގަންނާގޮތަކަށް ތިބާގެމޫނުމަތި ބަހައްޓާށެވެ. ޤިޔާމަތްދުވަހުން ތިބާފެނުމުން އެކަލޭގެފާނު ތިބާއަށް ނަފްރަތުކުރައްވައި، މޫނުފުޅުއަނބުރާލައްވާ ފަދަގޮތަކަށް ތިބާގެ މޫނުމަތި ނުބަހައްޓާށެވެ.

 
 ((انْهَكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) (رواه البخاري) މާނައީ: "ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މަޢާފުކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)" އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިއެވެ. ((جُزُّوا الشَّوَارِبَ، وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ)) (رواه مسلم)  މާނައީ: "ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި  ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާ (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ."

މަތީގައިވާ ދެޙަދީޘްފުޅުގައިވެސް ތުނބުޅި ދިގުކުރުމަށް އެވަނީ އަމުރު ކުރައްވާފައެވެ. ނަމަވެސް ތުނބުޅި ދިގުކުރަން ނޭދޭ، އެ މާތް ސިފައަށް ނަފުރަތު ކުރާމީހަކު ބުނެފާނެއެވެ. އެއީ މަޖޫސީންނާ ޚިލާފުވުމަށް އެކަލޭގެފާނު އަމުރުކުރެއްވި ކަމެއްކަމަށް ވުމާއެކު، މިހާރު އެގޮތަށް މުސްލިމުން ޢަމަލު ކުރާކަށް ނުޖެހޭނެއެވެ. އެއީ މިހާރު ކާފަރުންގެ ތެރެއިންވެސް ބައެއްމީހުން ތުނބުޅި ބަހައްޓާތީ އެމީހުންނާ ޚިލާފުވާންޖެހޭތީއެވެ. ނަމަވެސް ދަންނަވާލަން އޮތް ޙަޤީޤަތަކީ އިސްލާމްދީނުގެ ޙުކުމްތައް ޝަރުޢުކުރެއްވީ ހުރިހާ ޒަމާނެއްގައިވެސް ހިނގާނެ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ކަމެވެ. އެހެންކަމުން އެއިލާހު ފޮނުއްވި ރަސޫލާގެ އެންގެވުންތަކަކީވެސް ހުރިހާ ޒަމާނަކަށްފެތޭ، އަދި ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން އެއަށް ޢަމަލުކުރަންޖެހޭ ޙުކުމްތަކެކެވެ. ކާފަރުން ވަކި ގޮތަކަށް ޢަމަލުކުރުމަކުން އިސްލާމްދީނުގައި އައިސްފައިވާ އެއްވެސް ޙުކުމެއްގެ މަޝްރޫޢިއްޔަތުކަމަށް ބަދަލެއް ނާންނާނެއެވެ. މިސާލަކަށް ދަންނަވާލަންތޯއެވެ. ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެގެންވާ ކަމެކެވެ. އަދި މިޒަމާނުގައި ކާފަރުންވެސް ޑޮކްޓަރީގޮތުން ހޯދި ހޯދުންތަކަށްފަހު ޚިތާން ކުރުމަކީ ޞިއްޙަތަށް ފައިދާހުރިކަމެއްކަން އެނގުމުން ޚިތާންކުރެއެވެ. ދެން އެމީހުންނާ ޚިލާފުވުމަށޭބުނެ އަޅުގަނޑުމެން ޚިތާނުކުރުން ހުއްޓާލަންވީތޯއެވެ؟ ތިބާއަށްވެސް ރަނގަޅަށް ވިސްނާލުމުން މިއީ މިކަންއޮންނާނެ ގޮތްނޫންކަން އެނގޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަށް ތަބާވުމަކީ ﷲއަށް ކިޔަމަންތެރިވުންކަން ތިބާ ހަނދާން ނައްތާނުލާށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا) النساء 80 މާނައީ: "ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން ﷲއަށް ކިޔަމަންވެއްޖެއެވެ. އަދި، ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."

އޭލޮބުވެތި އަޚާއެވެ! ތުނބުޅި ދިގުކުރުމަކީ އެކަލޭގެފާނުގެ ޠާހިރު ސުންނަތުގެ ތެރެއިންވާ ވާޖިބެކެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީންވަނީ މި އުއްމަތަށް ދަސްކޮށްދެއްވާފައެވެ. ޖާބިރު ބިން ސަމުރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((وَكَانَ كَثِيرَ شَعْرِ اللِّحْيَةِ)) (رواه مسلم) މާނައީ: "އަދި އެކަލޭގެފާނުގެ (އެބަހީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ) ތުނބުޅިފިޅުގެ އިސްތަށިތައް ގިނައެވެ." ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.  ((كَانَ رَسُوْلُ اللهِ ضخمَ الهَامَةِ ، عَظِيْمَ اللِّحْيَةِ)) حسنه الألباني މާނައީ: "ރަސޫލުﷲ ޞައްލަﷲގެ އިސްތަށިފުޅު ބޮޑުކަމުގައި ވިއެވެ. އެކަލޭގެފާނުގެ ތުނބުޅިފުޅުވެސް ބޮޑެވެ."

އަލްބަރާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((كَانَ رَسُولُ الله رَجُلَا مرْبُوْعَا, عَرِيْضَ ما بَيْنَ المَنْكِبَيْنِ, كثَّ اللِّحْية ))  صححه الألباني  މާނައީ: އެކަލޭގެފާނަކީ އިސްކޮޅުގައި މެދުމިނުގެ ބޭކަލެކެވެ. އެކަލޭގޭފާނުގެ ބައިމަތިފުޅު ފުޅަލެވެ. އަދި ތުނބުޅިފުޅު އިސްތަށިން ބޯވެފައިވެއެވެ."

ހަމައެހެންމެ، ތުނބުޅި ދިގުކުރުމަކީ އެކަލޭގެފާނުގެ ހިދާޔަތްވެސްމެވެ. އެކަލޭގެފާނުގެ ޚުތުބާފުޅުގައި ޙަދީޘް ކުރައްވާފައިވެއެވެ. ((وَ خَيْرَ الهَدْيِ هَدْيُ مُحَمَّدٍ –صلى الله عليه و سلم- )) رواه مسلم މާނައީ: "އަދި އެންމެ ހެޔޮވެގެންވާ ގޮތަކީ މުޙައްމަދު –صلى الله عليه و سلم- ގެ ގޮތެވެ."  ﷲ ސުބުޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވައިލެއްވި ދުސްތޫރުގައި އަންގަވާފައިވަނީ އެކަލޭގެފާނު ނަމޫނާއަކަށް ބަލައި އެކަލޭގެފާނަށް ތަބަޢަވުމަށެވެ. (لَقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّـهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا) الأحزاب 21 މާނައީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން الله ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

އަދި ހަމައެހެންމެ ތުނބުޅި ދިގުކުރުމަކީ ﷲ ތަޢާލާ ފޮނުއްވި އެހެނިހެން ނަބީބޭކަލުންގެވެސް މަގެވެ. މޫސާގެފާނު އެކަލޭގެފާނުގެ އަޚް ހާރޫނުގެފާނަށް ވިދާޅުވިބަސްފުޅު މާތްﷲ ކީރިތި ޤުރްއާނުގައި ވާޙީކުރައްވާފައިވެއެވެ. (قَالَ يَا ابْنَ أُمَّ لَا تَأْخُذْ بِلِحْيَتِي وَلَا بِرَأْسِي) طه 94 މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ މަންމާގެ ދަރިކަލުންނޭވެ! ތިމަންގެ ތުނބުޅީގައްޔާއި، ބޮލުގެ އިސްތަށިގަނޑުގައި ނުހިއްޕަވާށެވެ!"

ހަމައެހެންމެ، ޞަލަފުއް ޞާލިޙުންގެ މަގެވެ. (وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا) النساء 115 މާނައީ: "އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއި ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ."
މަތީގައި ބަޔާންވެދިޔައީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހިދާޔަތް ދައްކަވައި އެބަޔަކަށް ތަބަޢަވުމަށް އަންގަވާފައިވާ އަދި އަޅުގަނޑުމެން އެބަޔަކު ނަމޫނާއަކަށް ބަލަންޖެހޭ މީސްތަކުންގެ ތެރެއިންވާ އެންމެ ހެޔޮ މީހުންގެ ވާހަކައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (أُولَـٰئِكَ الَّذِينَ هَدَى اللَّـهُ  فَبِهُدَاهُمُ اقْتَدِهْ)  الأنعام 90 މާނައީ: "އެބޭކަލުންނީ، الله ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގާ ކަލޭގެފާނު ތަބަޢަވެވަޑައިގަންނަވާށެވެ!"

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް ޙަޤީޤަތް ބަޔާންވެ އެނގުނަސް ޢަމަލު ނުކުރެވޭ ކަމެވެ. ތިބާގެ ޢާއިލާގެ ފަރާތުން ނުވަތަ ރައްޓެހިންގެ ފަރާތުން ނުވަތަ އަނބިމީހާގެ ފަރާތުން ނުވަތަ މުޖުތަމަޢުގެ އަފްރާދުންގެ ފަރާތުން ތިބާއަށް މަލާމާތްލިބިދާނެކަމުގެ ބިރަށްޓަކައި މިމާތް ސިފައިން ސިފަލިބިގަތުމަށް ޖެހިލުންވަނީއެވެ. ނޫނީ މި މަތިވެރި ސިފައިން ތިބާގެ މޫނު އުޖާލާވެދާނެތީ ޙައްޤުބަސް ޤަބޫލުކުރަން ދެކޮޅުހަދަނީތޯއެވެ؟! ލޮބުވެތި އަޚާއެވެ! އެ ޒަމާނުގައި ތުނބުޅި ބާލާނެ ވަސީލަތެއް ނެތިގެން ތުނބުޅި ދިގު ކުރަނީކަމަށް ތިބާއަށް ހީވެދާނެއެވެ. ތިބާގެ އަމިއްލަ ނަފްސާއި ސުވާލުކޮށްލައްވާށެވެ. ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ބޯބޭލުން ނުވަތަ ތުނިކޮށް ކޮށުމަށް އަންގަވާފައިނުވޭތޯއެވެ؟ އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީންނާއި މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައި ނުވޭތޯއެވެ؟ އެބޭކަލުން ބޯބޭލުއްވީ ކޮންއެއްޗަކުންތޯއެވެ؟ އަދި މި ލިޔުމުގެ ކުރީކޮޅުގައި ތިބާ ވިދާޅުވެފަވާ ޙަދީޘެއްގައި ޔަމަނުގެ ވެރިޔާގެ ފަރާތުން އެކަލޭގެފާނުގެ އަރިހަށް ފޮނުވި 2 މަންދޫބުން ފެނުމުން އެކަލޭގެފާނުގެ މޫނުފުޅު އަންބުރާލެއްވި ވާހަކަ ޒިކުރުކުރެވިފައިވާނެއެވެ. އެކަލޭގެފާނުގެ މާތް މޫނުފުޅު އަނބުރާލެއްވީ އެމީހުންގެ ތުނބުޅިތައް ބާލާފައި ތިބުމުންނޫންތޯއެވެ؟ އެމީހުން ތުނބުޅިބޭލީ ހަމަ އެޒަމާނުގައެވެ. އެމީހުން ތުނބުޅިބޭލީ ކޮންއެއްޗަކުންތޯއެވެ؟

ފިތުތަރުގެ ތެރެއިންވާ ކަންތައްތަކުގެ ތެރެއިން ނިޔަފަތި ކެނޑުމާއި ލަދުވެތި ގުނަވަނުގެ އިސްތަށިބޭލުމާއި ކިހިލަފަތްދޮށުގެ އިސްތަށި އުފުރަން ﷲ ތަޢާލާގެ ޝަރީޢަތުގައި އައިސްފައި ނުވޭތޯއެވެ؟ ﷲ ތަޢާލާ އިންސާނާއަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އަޑުއަހާށެވެ. ތިބާގެ ލަދުވެތި ގުނަވަނުގެ އިސްތަށިތަކާއި ކިހިލިފަތްދޮށުގެ އިސްތަށިތައް ދިގުވެ އެއިސްތަށިތައްނުބާލާ، ބޭލުމަށް ޙަރާމްކުރައްވާފައިވަ ތުނބުޅީގެ އިސްތަށިތައް ކޮންމެދުވަހަކު ހެނދުނު ތެދުވެ ވަރަށް އިސްކަމެއްދީގެން ބާލަނީ ކީއްވެތޯއެވެ؟!

ﷲ ޚަލްޤު ކުރައްވާފައިވާ ރިވެތި ސިފަ ބަދަލުކޮށް އަންހެނެއްގެ ސިފައިން ސިފަލިބިގަތުމަށް މަސައްކަތްކުރާއިރު ﷲ އާއި އެއިލާހުގެ ރަސޫލާގެ ލަޢްނަތް ތިބާގެ މައްޗަށް ޙައްޤުވެދާނެތީ އެކަމަށް ބިރެއްނުގަނޭ ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لَعَنَ اللهُ المُخَىنثِيْنَ مِنَ الرِّجَالِ وَ المُتَرَجِّلَاتِ مِنَ النِّسَاءِ)) رواه البخاري މާނައީ: "ފިރިހެންނުންގެ ތެރެއިން އަންހެންދުޅާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެންދުޅާ މީހުންނަށް ﷲ ތަޢާލާ ލަޢްނަތްލެއްވިއެވެ." އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لَعَنَ رَسُوْلُ اللهِ المُتَشَبِّهِيْنَ مِنْ الرِّجَالِ بِالنِّسَاءِ وَ المُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ)) رواه البخاري މާނައީ: "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތއްވާ މީހުންނަށާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތަވާ މީހުންނަށް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ލަޢްނަތްލެއްވިއެވެ."
ޔަހޫދީންނާއި ނަޞާރާއިންނާއި އެހެނިހެން ކާފަރުންގެ ގޮތްތައް ރީތިވެ އެގޮތްތައް ކޮޕީކޮށް އެމީހުންނަށް ތަބަޢަވުމަށް މަސައްކަތްކުރާއިރު ތިމަންމެންނީ ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރަން ލަދުނުގަނޭތޯއެވެ؟!  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لَتَتَّبِعُنَّ سُنَنَ مَنْ كَانَ قَبْلَكُمْ شِبْرًا بِشِبْرٍ ، وَذِرَاعًا بِذِرَاعٍ ، حَتَّى لَوْ دَخَلُوا حُجْرَ ضَبٍّ لاتَّبَعْتُمُوهُمْ، قَالُوا : يَا رَسُولَ اللَّهِ ، فَمِنَ الْيَهُودِ وَالنَّصَارَى ؟، قَالَ : فَمَنِ النَّاسُ إِلا الْيَهُودُ وَالنَّصَارَى؟)) رواه البخاري މާނައީ: " ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އައި މީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބާވާނެއެވެ. (އެބަހީ އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.) އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ ﷲގެރަސޫލާއެވެ. އެބަޔަކީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟" އަދި މިކަމުގެ ބިރުވެރިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިޙަދީޘްފުޅުން ބަޔާންކުރައްވާފައިވެއެވެ. ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)) صححه الألباني މާނައީ: "ބަޔަކާއި ވައްތަރުވެގެންފި މީހަކު ވަނީ އެބައިމީހުންގެ ތެރެއިންނެވެ."

ލޮބުވެތި އަޚާއެވެ. ތިބާ ﷲ އަށް ލޯބިވާކަމަށް ދަޢްވާކުރާނަމަ އެކަލޭގެފާނަށް ތަބާވާށެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّـهُ غَفُورٌ رَّحِيمٌ) آل عمران 31  މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން، ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." އަދި އެކަލޭގެފާނުގެ ސުންނަތަށް ތަބާވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا) الأحزاب 36 މާނައީ: "އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."
 
 އަލްއަޚް ޢަބްދުލްމަތީން ޢަބްދުލްމަޖީދު

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons