Wednesday, July 4, 2012

ކާމިޔާބީއަށް ވާޞިލުވުމަށް މަގެއް

 
ކަމެއް ޙާޞިލުކުރުމަށްޓަކައި މަސައްކަތްފަށާ ކޮންމެ މީހަކަށް އެމަސައްކަތުގެ ފޮނިމޭވާއާ ހަމައަށް ވާޞިލެއްނުވެވެއެވެ. ވަކިހިސާބަކުން އެކަމަކާމެދު މީހާ މާޔޫސްވެއެވެ. ނުވަތަ ކާމިޔާބީގެ މަގަށް ތަފާތު ހުރަސްތައް ކުރިމަތިވުމުގެ ނަތީޖާއަކަށް ވެގެންދަނީ ނުރުހުނު ނަމަވެސް ނާކާމިޔާބީއާ ކުރިމަތިލުމެވެ. ދޮންކޮށް ފޮނިކުރަން ބޭނުންވި މޭވާ، ހިތި ވަނދުވެފައިވާ މޭވާއަކަށް ބަދަލުވެގެން ދިޔުމެވެ.

ކުރާކޮންމެ ކަމެއް ކާމިޔާބީއާ ހަމައަށް ވާޞިލު ނުވެވުމަކީ، މާޔޫސްވާންޖެހޭ ކަމެއް ނޫނެވެ. މިއީ ދުނިޔެއެވެ. ބައެއްފަހަރަށް ނާކާމިޔާބީއާވެސް ކުރިމަތިލާންޖެހޭނެއެވެ. އަބަދުވެސް ހުންނަންޖެހޭނީ ނާކާމިޔާބީއާވެސް ކުރިމަތިލާން ތައްޔާރުވެގެންނެވެ. އަޅުގަނޑުމެންނަކީ މުއުމިނުންކަމުގައިވާނަމަ އެއީ އެކަމުގައި މާޔޫސްވާންޖެހޭނެކަމެއް ނޫނެވެ. ކާމިޔާބީގައިވެސް، އަދި ނާކާމިޔާބީގައިވެސް މުއުމިނާއަށް އޮތީ ހެޔޮކަމެވެ. 

 ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ)) (مسلم) މާނައީ: “މުއުމިނުމީހާގެ ކަންކަން ޢަޖައިބުވެގެންވެއެވެ. ހަމަކަށަވަރުން އޭނާގެ އެންމެހާ ކަމެއްގައި ވަނީ ހެޔޮކަމެވެ. މުއުމިނަކު ފިޔަވައި އެއްވެސް މީހަކަށް އެގޮތަށް (ދެގޮތުގައިވެސް ހެޔޮކަން) ލިބިގެންނުވެއެވެ. އޭނާއަށް ރަނގަޅުކަމެއް ކުރިމަތިވެއްޖެނަމަ ޝުކުރުވެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ. އަދި އޭނާއަށް ދެރަކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ.” 

 މިއީ އީމާންކަމުން އެހިތްތަކެއް އަލިވެގެންވާ މީހުންގެ ގޮތެވެ. ކެތްތެރި، ކަންކަން ތަޙައްމަލުކުރުމުގެ ހިތްވަރު ހުރި މީހުންގެ މަގެވެ. އެލިބޭ ނާކާމިޔާބަކީ އެކަމާމެދު ފުރިހަމައަށް ވިސްނާލައިފިނަމަ، ކުރިއަށް ހުރި އެތައް ކަމަކަށްވާ ޢިބްރަތެކެވެ. އެއީ މުސްތަޤްބަލުގައި ކާމިޔާބީއަށް ކޮށާލެވޭ މަގެކެވެ. އަޅުގަނޑުމެންނަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙައްޤުވަންތަ އިލާހަށް އީމާންވާ ބަޔަކު ކަމުގައިވާއިރު، އަޅުގަނޑުމެން އަބަދުވެސް އެއިލާހާ ދޭތެރޭ އުއްމީދުކުރަންޖެހޭނީ ހެވަށެވެ. އަޅުގަނޑުމެންނަށް ކަމެއް ކާމިޔާބު ނުވުމުގައިވެސް ހެޔޮކަމެއް އޮވެދާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެއެވެ. މިސާލެއްގެގޮތުން، އަޅުގަނޑުމެންގެ ތެރެއިން މީހަކު ފައިސާވެރި މުދާވެރިމީހަކަށްވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފާނެއެވެ. 

ނަމަވެސް އެފަދަ މީހަކަށް ވަންހަނާވެގެންވާ ކަމެއް އެބަވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އެކަން އެނގިގެންނުވެއެވެ. އެއީ އެމީހާ ފައިސާވެރިއަކަށްވުމަށް ފަހު ކަންތައް ވާނެގޮތެވެ. ފަހަރެއްގައި އެމީހަކީ ފައިސާވެރިވުމުގެ ސަބަބުން ޖައްބާރު، އަނިޔާވެރިމީހަކަށް ވެގެންވެސް ހިނގައިދާނެއެވެ. އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި އޯގާވަންތަކަމުން، އެމީހާގެ މުސްތަޤްބަލު އެއިލާހު މޮޅަށް ދެނެވޮޑިގެންވާތީވެ، އެމީހާއަށް ހެވަށްޓަކައި ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށް މިންވަރުނުކުރައްވައި ފާނެއެވެ. 

 އަޅުގަނޑުމެންޖެހޭނީ މިކަން ދަނެ، އެއިލާހުގެ ރަޙްމަތާއި، ދެއްވުމަށް ރުހި، ކަންކަމުގައި ނާކާމިޔާބުވީނަމަވެސް އެކަމަށް ކެތްތެރިވެ، ހެޔޮގޮތް މެދުވެރިކޮށްދެއްވުން އެދި ﷲއަށް ދަންނަވާށެވެ. އެއާއިޚިލާފަށް، ދުލުން ހުތުރުބަސްތަކާއި ކުފުރުގެ ބަސްތައް ގޮވައި، ދުނިޔެމަތިން މީހާ މާޔޫސްވެ، ތިމާއަކީ ނާކާމިޔާބު މީހެއްކަމުގެ ހުތުރުނަން އަމިއްލައަށް ހޯދައިގެންނުވާނެއެވެ.
ހަމައެފަދައިން، ބައެއް ފަހަރަށް ކުރަން އުޅޭ ކަންތައް “ފްލޮޕް” ވެގެންދަނީ، އެކުރަންއުޅޭކަމެއްގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތަކާމެދު އިޙްމާލުވެވުމުގެ ސަބަބުންނެވެ. ބަލަންޖެހޭ ކަންކަމާމެދު ފަރުވާކުޑަކުރެވުމުގެ ސަބަބުންނެވެ. ނުވަތަ ކަމުގެ ހައްސާސީކަން ތަސައްވުރު ނުކޮށްލެވުމުގެ ސަބަބުންނެވެ. އެކަންކުރާނެގޮތުގެ ދުރުވިސްނުމެއް ނެތުމުގެ ސަބަބުންނެވެ. އިސާހިތަކު ވަކި ހިސާބަކަށް ކަންތައް ދާއިރަށް މަގު ބަންދުވެއެވެ. ހަތަރުއުދަރެސް ފެނުޖެހޭ ބުނާ ހިސާބަށް ކަންތައް ދެއެވެ.

މިގޮތުން އިބްނުލް ޤައްޔިމުލް ޖަޥްޒިއްޔާ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތެއްކަމުގައިވާ “އިޣާޘަތުލް ލަހްފާން” ގައި، ކަންކަމުގައި ކާމިޔާބީއަށް ވާޞިލުވުމަށްޓަކައި، އެކަމެއް ކުރަންފެށުމުގެ ކުރިން ވިސްނަންޖެހޭ ހަތަރުކަމެއް ގެންނަވާފައިވެއެވެ. މިއީ ޢަމަލެއް، ނުވަތަ ކަމެއް ކުރުމުގެ ކުރިން އަބަދުވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށް މުހިއްމު ހަތަރު ސުވާލެކެވެ. މިހަތަރު ސުވާލަށް ޖަވާބު ލިބުމަށްފަހުގައި މެނުވީ ޢަމަލެއް ނުވަތަ ކަމެއް ކުރަން ނުފެށުމަށް އެކަލޭގެފާނު އިލްތިމާސް ކުރައްވާފައިވެއެވެ.

 އަދި އެހަތަރު ސުވާލަށް ރަނގަޅަށް ޖަވާބު ދިނުމަށްފަހު، އެޖަވާބުތަކުން އެކަން ކުރަން ފެންނަކަމުގައިވާނަމަ ކާމިޔާބީއަށް ވާޞިލުވެވޭނެކަމުގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

 އެހަތަރު ސުވާލަކީ:
(1) ކުރަންއުޅޭ ކަމަކީ ތިމާއަށް ކުޅަދާނަވެގެންވާކަމެއްތޯ ނުވަތަ ކުޅަދާނަވެގެންނުވާކަމެއްތޯއެވެ؟

ކުޅަދާނަވެގެންނުވާކަމެއްކަމުގައިވާނަމަ އެކަމަކާ ކުރިމަތި ނުލާށެވެ. ކުޅަދާނަވެގެންވާނަމަ އަންނަނިވި ސުވާލަށް ޖެހިލާށެވެ.

(2) ހެޔޮކަން ވަނީ އެކަމެއް ދޫކޮށްލުމަށްވުރެ ކުރީމަތޯ ނުވަތަ ކުރުމަށްވުރެ ނުކޮށްދޫކޮށްލުމުންތޯއެވެ؟

ހެޔޮކަން ވަނީ ނުކޮށްދޫކޮށްލުމުން ކަމުގައިވާނަމަ، އެކަމެއް ނުކޮށްދޫކޮށްލާށެވެ. އަދި ހެޔޮކަން ވަނީ ކުރުމުގައި ކަމުގައިވާނަމަ އަންނަނިވި ސުވާލަށް ޖެހިލާށެވެ.

(3) އެކަން ކުރަނީ ﷲއަށްޓަކައި، އެއިލާހުގެ ޘަވާބާއި ދަރުމައަށް އެދިގެންތޯ ނުވަތަ ޖާހާއިމަންސަބާއި، މީހުންގެ ޘަނާ ކިޔުމާއި، ދުނިޔެވީ މުދާވެރިކަމަށް ބޭނުންވެގެންތޯއެވެ؟

ޖާހާއިމަންސަބާއި، މީހުންގެ ޘަނާ ކިޔުމާއި، ދުނިޔެވީ މުދާވެރިކަމަށް ބޭނުންވެގެންކަމުގައިވާނަމަ އަވަހަށް އެކަމަކުން ދުރުވެގަންނާށެވެ. ތިމާގެ ނަފްސު ޝިރުކުން ދުރުކުރުމަށްޓަކައެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އެދިގެން ޢަމަލުނުކުރުމަށެވެ. އެހެނީ، ދެއްކުމަށްޓަކައި ޢަމަލުކުރުމަކީ ޝިރުކަށް މީހާ ގެންދާނެކަމެކެވެ. އަދި މިދެއްކުމުގެ ބަލިބޮޑުވެ، ﷲއަށްޓަކައި ކަމެއް ކުރުމަކީ އެމީހާއަށް އެންމެ ބުރަކަން ކަމުގައި ވެގެން ހިނގައިދާނެއެވެ.

 އެހައިރުން އެފަދަމީހެއްގެ ފަރާތުން މީހުންނަށް އެހީވެދިނުމާއެކީ ކަލަގޮވާއަޑު އިވޭނެއެވެ. އެހީއެއްވެދިނަސް އެކަމުގެ ބަދަލެއް އެމީހާ ބޭނުންވާނެއެވެ. އެމީހާއަށް ފައިދާއެއްނެތްގޮތެއްގައި އެންމެ ފިޔަވަޅެއްވެސް ނާޅާނެއެވެ. އެދުމެއްނެތި ވެދުމެއްނުކުރާނޭ ބުނާ އުޞޫލުންނެވެ.

ސުވާލުގެ ޖަވާބަކީ ﷲއަށްޓަކައި، އެއިލާހުގެ ޘަވާބާއި ދަރުމައަށް އެދިގެންކަމުގައިވާނަމަ އަންނަނިވި ސުވާލަށް ޖެހިލާށެވެ.

(4) އެކުރާކަމުގައި ބޭނުންޖެހިއްޖެ ޙާލަތެއްގައި އެހީތެރިވެދޭނެ ބަޔަކު އެބަހުރިތޯއެވެ؟

އެހީތެރިވާނެ ފަރާތެއް ނެތިއްޖެނަމަ، ކަމަށް އެކަށީގެންވާ އެހީތެރިވާނެ ފަރާތެއް ލިބެންދެން އެކަން މަޑުޖައްސާލާށެވެ. ނަޞްރުވެރިވެ، އެހީތެރިވާނޭ ބޭކަލުންތަކެއް ލިބިއްޖެއުމަށް ދާންދެން، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މައްކާގައި ޖިހާދުނުކޮށް މަޑުކުރެއްވި ފަދައިންނެވެ.

މިކަން ކަން ބަޔާންކުރެއްވުމަށްފަހު، އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ކާމިޔާބު ގެއްލިދާހުށީ މިކަންކަމުގެ ތެރެއިން ކަމެއް ގެއްލުވާލިމީހަކަށެވެ. އެހެންނޫނީ، މިކަންކަން އެކުއެކީގައި ޖަމާވެއްޖެނަމަ ކާމިޔާބު ގެއްލިގެންނުދާނެއެވެ. މިހަތަރު ކަމަކީ ޢަމަލެއްކުރުމުގެ ކުރިން މުޙާސަބާކުރަންޖެހޭ ހަތަރުކަމެވެ.

 ފަހެ، އަޅަކު ކުރަންބޭނުންވާ ކޮންމެކަމަކީ އޭނާއަށް އެކަމަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. އަދި އޭނާއަށް ކުރުމަށް ކުޅަދާނަ ކޮންމެކަމަކީ އެކަންދޫކޮށްލުމަށްވުރެ ކުރުން ހެޔޮކަމެއްކަމުގައި ނުވެދާނެއެވެ. އަދި ދޫކޮށްލުމަށްވުރެ ކުރުން ހެޔޮ ކޮންމެކަމަކީ ﷲއަށްޓަކައި ކުރާކަމެއްކަމުގައި ނުވެދާނެއެވެ. އަދި ﷲއަށްޓަކައި ކުރާ ކޮންމެކަމެއްގައި އެހީތެރިކަން ނުލިބިދާނެއެވެ.”

ޙަޤީޤަތުގައި އިބްނުލް ޤައްޔިމު ރަޙިމަހުﷲގެ މިބަސްފުޅުތަކަކީ އަގުހުރި ބަސްފުޅުތަކެކެވެ. ކާމިޔާބީއަށް ވާޞިލުވަންއެދޭ ކޮންމެ މީހެއްގެ ކޮއްތުކަމުގައި ވާނެ ބަސްފުޅުތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިބްނުލް ޤައްޔިމަށް ހެޔޮރަޙްމަތް ލައްވާށި! އަދި އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އެމަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކުރައްވާށި! އާމީން.
_____________________
ލިޔުއްވީ: އައްޝައިޚު މުޙައްމަދު ސިނާން

* މަރުޖިޢު: إغاثة اللهفان في مصايد الشيطان: ابن القيم الجوزية.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons