بِسْمِ اللهِ وَالله ُأَكْبَرُ
ކިޔައިގެން ކަތިލުމުގެ ޢިލްމީ މުޢުޖިޒާތް
ބިސްމި ކިޔައިގެން ކަތިލުމާ، ބިސްމި ނުކިޔާ ކަތިލުމުގެ ތަފާތަކީ ކޮބާ؟ބިސްމި ކިޔައިގެން ކޮންމެ ރަނގަޅުކަމެއް ފެށުމަކީ އިސްލާމީ ރިވެތި އަދި މާތް އާދަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި އާޔަތުގައި މާތްﷲ އަންގަވަނީ (اقْرَأْ بِاسْمِ رَبِّكَ) "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން (ނަންފުޅު ގަނެގެން) ކިޔަވާ ވިދާޅުވާށެވެ." ﷲގެ ނަންފުޅު ގަނެގެން، އެ ނަންފުޅުން ބަރަކާތް ޙާޞިލުކޮށްގެން، ކުރާ ކޮންމެ ކަމެއްވެސް ކުރުމަށް ދީން ގޮވައިލައެވެ. ބިސްމި ނުކިޔާ ފަށާ ކޮންމެ ކަމަކީ ބަރަކާތް ހުސްވެފައިވާ ކަމެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ "ބިސްމި ނުކިޔާ ފަށާކޮންމެ ކަމަކީ ބަރަކާތް ކެޑިފައިވާ ކަމެކެވެ." ކޮންމެ ޙަރަކާތެއްވެސް ކުރަންވާނީ އަދި ކޮންމެ މިސްރާބެއްވެސް ޖަހަންވާނީ ބިސްމި ކިޔައިގެންނެވެ. ކާންފަށާއިރު، ވުޟޫކުރަން ފަށާ އިރު، ހެދުންލާއިރު ، އެއްޗެއް ބޯން ފަށާއިރު، އެއްޗެއް ކަތިލާއިރު ބިސްމިކިޔުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ސުންނަތެކެވެ. ކީރިތިރަސޫލާ عليه الصلاة والسلام ، ޢުމަރު ބިން އަބީ ސަލްމާ އަށް ވިދާޅުވިއެވެ. (يَا غُلاَمُ سَمِّ اللَّهَ وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ) رواه البخارى ومسلم وابن ماجة وأحمد والنسائى والبيهقى "ކޮއިފުޅާއެވެ! ބިސްމިކިޔާށެވެ! ކަނާތުން ކާށެވެ! އަދި ކޮއިފުޅާ އެންމެ ގާތުން ކާށެވެ."
ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ (فَكُلُواْ مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُمْ بِآيَاتِهِ مُؤْمِنِينَ) الأنعام: ١١٨ "ތިޔަބައިމީހުން، އެކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކު ކަމުގައި ވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!"
ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ (إِنَّ الشَّيْطَانَ لَيَسْتَحِلُّ الطَّعَامَ الَّذِى لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ) رواه أبو داود "އެ އެއްޗެއްގެ މައްޗަށް ﷲގެ ނަންފުޅުނުގަނެ (އެބަހީ ބިސްމި ނުކިޔާ) ކާ ކޮންމެ އެއްޗެއް ޝައިޠާނާ ގެ ނަފްސަށް ހުއްދަކޮށް ގަންނާނެއެވެ." މިބަސްފުޅުގެ މާނައަކީ ޝައިޠާނާ އެ އެއްޗަކުން ކާނެއެވެ. މިކަމުގެ ސަބަބުން އޭގެ ބަރަކާތް ކެޑިގެންދާނެއެވެ. ކީރިތިރަސޫލާ عليه الصلاة والسلام އެއްޗެއް ހިތްޕަވާނަމަ ހިއްޕަވަނީ ތިން ފަހަރު މަތިންނެވެ. ފުރަތަމަ ކޯވަރު ނަންގަވަނީ ބިސްމި ވިދާޅުވެފައެވެ. ފަހު ކޯވަރު ނަންގަވާފައި މާތްﷲ އަށް ޙަމްދކުރައްވައެވެ. ( ނުވަތަ الحمد لله ވިދާޅުވެއެވެ.)
މިއިން އެގެނީ ބިސްމި ކިޔުމަކީ މުސްލިމުން ގެ ގާތުގައި ވަރަށް މުހިއްމު ކަމެއްކަމެވެ. މުސްލިމަކު ބިސްމި ނުކިޔާ ހަމަ އެންމެ ކަމެއްވެސް ނުކުރާނެއެވެ. އޭނާގެ އަނބިމީހާގެ ގާތަށް ވަންނައިރުގައި ވެސް ބިސްމިކިޔުން ސުންނަތްވެގެންވެއެވެ. ލިބޭ ދަރިން ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދެއްވާތޯއެވެ. ލިބޭ ދަރިފުޅު ރަނގަޅު ކުއްޖަކުކަމުގައި ލައްވާތޯއެވެ.
މި މަޒްމޫނުގައި ބަލައިލާނީ އެއްޗެހި ކަތިލާއިރު ބިސްމިކިޔުމާ ބެހޭގޮތުންނެވެ. އެކަމުގެ ޙިކްމަތާއި ފައިދާއާ ބެހޭގޮތުންނެވެ. މާތްﷲ ވަހީކުރައްވަނީ (فَكُلُواْ مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِن كُنتُمْ بِآيَاتِهِ مُؤْمِنِينَ) الأنعام: ١١٨–"ތިޔަބައިމީހުން، އެކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކު ކަމުގައި ވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނަންގަނެފައިވާ ތަކެތިން (އެބަހީ ﷲގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާ ތަކެތިން) ތިޔަބައިމީހުން ކައިއުޅޭށެވެ!" ދެން ވަޙީކުރައްވަނީ (وَلاَ تَأْكُلُواْ مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ) الأنعام: ١٢١ "(ކަތިލާހިނދު) އެއެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ."
ކަތިލާ އިރު ތަކްބީރު (ނުވަތަ الله أكبر) ކިޔުމާ ބެހޭގޮތުން މާތްﷲ އަންގަވަނީ (لَن يَنَالَ اللَّهَ لُحُومُهَا وَلا دِمَاؤُهَا وَلَكِن يَنَالُهُ التَّقْوَى مِنكُمْ كَذَلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَبَشِّرِ الْمُحْسِنِينَ) الحج: ٣٧ "އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް ﷲގެ ޙަޟްރަތަކަށް ނުދާނެތެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުންގެކިބައން އެކަލާނގެ ޙަޟްރަތަށް ދާނީ ތަޤްވާވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި ތިޔަބައިމީހުންނަށްޓަކައި ޚިދްމަތްތެރިކުރެއްވިއެވެ. އެއީ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲ އަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި އިޙްސާންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ!"
އެއްޗެހި ކަތިލާއިރު ބިސްމިކިޔުމާ ބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ހަތަރު ރައުޔެއް ވެއެވެ. އަލްމާވަރްދީ ވިދާޅުވާގޮތުގައި (وَلاَ تَأْكُلُواْ مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ) الأنعام: ١٢١ "(ކަތިލާހިނދު) އެއެއްޗެއްގެ މައްޗަށް، ﷲގެ އިސްމުފުޅު ނަންނުގަންނަ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ." މި ބަސްފުޅުގެ ތަފްސީރުގައި ހަތަރު ރައުޔެއްވެއެވެ. އެއީ:
1- މި ބަސްފުޅުގެ މުރާދަކީ ޢަރަބިން ޖާހިލީޒަމާނުގައި ބުދުތަކަށް ކަތިލާ އެއްޗެއްސެވެ. މިއީ ޢަޠާއު ގެ ރައުޔެވެ.
2- އެކަމަކު އިބްނު ޢައްބާސް ވިދާޅުވާގޮތުގައި އެއީ މުޅަތަކެއްޗެވެ.
3- އިބްނު ބަޙްރު ވިދާޅުވާ ގޮތުގައި އެއީ މުޝްރިކުން، ޝިކާރަކޮށްގެން ހިފާ އެއްޗެއްސެވެ. އެމީހުން ޝިކާރަކުރާ އިރު ﷲގެ ނަންފުޅެއް ނުގަނެެއެވެ. ބިސްމިއެއް ނުކިޔައެވެ. މިފަދަ ތަކެތިން ކެއުން މުސްލިމުންނަށް ޙަރާންވާނެއެވެ.
4- އެއީ ބިސްމި ނުކިޔާ މުސްލިމުން ކަތިލާ އެއްޗެއްސެވެ. ބިސްމި ނުކިޔާ މުސްލިމުން ކަތިލާ އެއްޗެހީގެ މަސްކެއުމާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔު ތަފާތެވެ.
(ހ) ޙަސަނުގެފާނާއި ޝާފިޢީގެފާނު ވިދާޅުވާ ގޮތުގައި ބިސްމި ކިޔަސް ނުކިޔަސް މުސްލިމަކު ކަތިލާއެއްޗެހި ކެޔުން ހުއްދަވާނެެއެވެ. ބިސްމި ނުކިއީ ގަސްތުގައި ކަމުގައިވިޔަސް ނުވަތަ ހަނދާންނެތިގެން ކަމުގައިވިޔަސް ޙުކްމުގައި ތަފާތެއް ނެތެވެ.
(ށ) އަބޫޙަނީފާ ވިދާޅުވާ ގޮތުގައި ގަސްތުގައި ބިސްމި ނުކިޔާ ކަތިލި އެތީގެ މަސް ޙަލާލެއް ނުވާނެއެވެ. އެކަމަކު ކަތިލި އިރު ހަނދާންނެތިގެން ބިސްމި ނުކިޔުނު ނަމަ އޭގެ މަސް ޙަލާލުވާނެއެވެ.
(ނ) އިބްނު ސީރީނާއި ދާވޫދު ވިދާޅުގޮތުގައި ގަސްތުގައި ވިޔަސް ގަސްތަކާނުލައިވިޔަސް ބިސްމި ނުކިޔާ ކަތިލާއެތީގެ މަސް ކެއުން ޙަރާމްވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ (يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ فَكُلُواْ مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُواْ اسْمَ اللَّهِ عَلَيْهِ وَاتَّقُواْ اللَّهَ إِنَّ اللَّهَ سَرِيعُ الْحِسَابِ) المائدة: ٤ "އެއުރެންނަށް ޙަލާލުކުރެއްވީ ކޮންއެއްޗެއްތޯ، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލުކުރެއްވިއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި، ދޫނިގެ ތެރެއިން ޝިކާރަކުރުމަށް އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ ޙާލު، ތިޔަބައިމީހުން އުނގަންނައިދިން ޖަނަވާރާއި، ދޫނީގެ ޝިކާރަ، ޙަލާލުކުރެއްވިއެވެ. ﷲ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ކަންތަކުގެ ތެރެއިން އެ ތަކެއްޗަށް، ތިޔަބައިމީހުން އުނގަންނައިދެމުއެވެ. ފަހެ، އެ ތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ! އަދި، އެ ޝިކާރައިގެ މައްޗަށް (އެބަހީ، ޝިކާރަކުރުމަށް އެ ތަކެތި ދޫކޮށް ފޮނުވާ ހިނދު) ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން ﷲއީ ހިސާބުބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." މި އާޔަތުގައި އެއްޗެހި ޝިކާރަކުރަން ފޮނުވާލާއިރު ބިސްމިކިޔާފައި ފޮނުވާލުމަށް ވެސް އަންގަވާފައި ވެއެވެ. މި ޒަމާނުގައި ސުރުމުތި ފަދަ ދޫނިތަކަށް ވެސް ޝިކާރަކުރަން ދަސްކޮށްދޭތަން ފެނެއެވެ. އަދި މިޒަމާނުގައި ބަޑިފަދަ ހަތިޔާރު ބޭނުންކޮށްގެންވެސް ޝިކާރަކުރެވެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި އެ އެއްޗެހި ކަތިލާ އިރު ބިސްމި ކިޔަން އެންގެވުމުގެ އިތުރަށް، ދޫންޏެއް ނުވަތަ މަސްކެޔުން ޙަލާލު ޖަނަވާރެއް ހިފަން ބަޑިޖަހާ އިރު ބިސްމިކިޔުމަށް އަންގަވާފައިވެއެވެ. ކީރިތިރަސޫލާ عليه الصلاة والسلام ޙަދީޘްކުރައްވަނީ "ޝިކާރަކުރުމަށް ތިބާގެ ކުއްތާ ފޮނުވާލާއިރު ބިސްމި ކިޔާފައި ފޮނުވާލައިގެން ހިފާ ޝިކާރަ ކާށެވެ!" رواه مسلم
الله سبحانه وتعالى އެކަލާނގެ އަޅުންނަށް އުޟްޙިޔާ އާއި އެހެނިހެން ޖަނަވާރުތައް ކަތިލާއިރު ބިސްމި އާއި ތަކްބީރުކިޔާފައި (ނުވަތަ بِسْمِ اللهِ وَالله ُأَكْبَرُ ކިޔާފައި) ކަތިލާ އެއްޗެއް ކަތިލުމަށް އެންގެވުމުގައި ވަރަށްގިނަ ޙިކްމަތްތަކެއް ވެއެވެ. އެކަމުގައި މުޢުޖިޒާތްތަކެއް ވެއެވެ. ސޫރިޔާގެ ޔުނިވަރސިޓީތަކުގެ އުސްތާޛުންނާއި ދިރާސާކުރައްވާ ޓީމަކުން ކުރެއްވި ދިރާސާތަކެއް މިއަދު ކަށަވަރުކޮށްދޭ ގޮތުގައި ބިސްމި ކިޔާފައި ކަތިލާ އެއްޗެއްސާ، ބިސްމި ނުކިޔާ ކަތިލާ އެއްޗެހީގެ މަސް ޞިއްހީގޮތުން ބަލާއިރު ތަފާތެވެ. ސޫރިޔާގެ ތިރީހަކަށް ޕްރޮފެސަރުންގެ ޓީމަކުން މި ކުރެއްވި ދިރާސާ ބުނާ ގޮތުގައި ބިސްމިޔާއި ތަކްބީރު ކިޔާފައި ކަތިލާ އެއްޗެހީގެ މަހުގައި ޖަރާސީމެއް ނުހުރެއެވެ. މި ތިރީސް ބޭފުޅުންގެ ތެރޭގައި ކްލިނިކަލް ޑަކްޓަރުންނާއި، ޕެތަލޮޖިކަލް އެނޭޓަމީގެ ޢިލްމުވެރިންނާއި، ކާބޯތަކެއްޗާއި ނިޔުޓްރިޝާނާ ބެހޭ ސްޕެޝަލިސްޓުންނާއި، އެތެރެހަށީގެ ބަލިތަކާބެހޭ ޑަކްޓަރުންނާއި، ނަޢަމުސޫފިގެ މަހާއި ޖަނަވާރުގެ ޞިއްޙަތާ ބެހޭ ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން މި ދިރާސާގައި ތިންއަހަރު ހޭދަކުރެއްވިއެވެ. ބިސްމިއާއި ތަކްބީރު ނުކިޔާ ކަތިލާ އެއްޗެހީގެ މަހާއި، ބިސްމިޔާއި ތަކްބީރުކިޔާފައި ކަތިލާ އެއްޗެހީގެ މަސް ދިރާސާކުރެއްވިއެވެ. ރަސޫލުﷲގެފާނު އުގަންނާދެއްވާފައިވަނީ ޖަނަވާރާއި ދޫނިސޫފާސޫފި ކަތިލާއިރު "بِسْمِ اللهِ وَالله ُأَكْبَرُ" ކިޔާފައި ކަތިލުމަށެވެ. بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ އެއްކޮށްކިޔާކަށް ނާންގަވައެވެ. އެހެނީ ކަތިލުމަކީ އެކަމުގައި އޯގާތެރިކަން ހިމެނޭކަމެއްނޫނެވެ. الرَّحْمَنِ الرَّحِيمِ ނުކިޔަނީ މިހެންވެގެންނެވެ. މި ތިރީސް ބޭފުޅުންގެ ދިރާސާ އިން ދުނިޔެއަށް މިހާމަވި ޙަޤީޤަތަކީ ވަރަށް ޙައިރާންކުރަނިވި ކަމެކެވެ. އިސްލާމްދީނުގައި ހިމެނޭ މިފަދަ ތަޢައްބުދީ ކަންތައްތަކުގައި ވެސް ފޮރުވިފައިވާ ޙިކްމަތްތަކެއްވާކަން އަންގާދޭ ކަމެކެވެ. މިކަމުން ކަށަވަރުވަނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާ عليه الصلاة والسلام މީސްތަކުންނަށް ކަމަކަށް އަމުރުކުރައްވަނީ އެކަމުން މީސްތަކުންނަށް ފައިދާތަކެއް ލިބޭތީއެވެ. ނުވަތަ ގެއްލުންތަކަކުން އެބައިމީހުން ސަލާމަތްކޮށްދެއްވުމަށްޓަކައެވެ.
މި ޓީމްގެ މީޑިޔާ ވިރެސްވެރިޔާ ޑރ. ޚާލިދު ޙަލާވާ ވިދާޅުވާގޮތުގައި ލެބޯޓަރީ ތަޖްރިބާތައް ކަށަވަރުކޮށްދޭގޮތުގައި ބިސްމިނުކިޔާ އަދި ތަކްބީރު ނުކިޔާ ކަތިލާ އެތީގެ މަސްގަނޑުތެރޭގައި ޖަރާސީމުތައް އައިނުހަދައިގެން އުޅެއެވެ. އަދި މަސްގަނޑުތެރޭގައި ލޭތައް ގަނޑުވެފައި ހުރެއެވެ. އެކަމަކު ބިސްމިކިޔާ ތަކްބީރު ކިޔައިގެން ކަތިލާ އެތީގެ މަސްގަނޑުތެރޭގައި އެއްވެސް ޖަރާސީމެއް ނޫޅެއެވެ. ޑރ. ޙަލާވާ ކުވައިތު ނޫސްއޭޖެންސީ (ކޫނާ) އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިއީ ޢިލްމީ ވަރަށްބޮޑު އިންޤިލާބެކެވެ.
މި ދިރާސާކުރެއްވިގޮތާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ސޫރިޔާގެ ދިމިޝްޤު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ފާމަކޯލޮޖީގެ ޑީން ޑރ. ނަބީލުއްޝަރީފު ވިދާޅުވީ، އެޓީމުން ކަންބަޅިއާއި ބަކަރިއާއި ގެރިއާއި ޖަމަލުފަދަ ނަޢަމުސޫފިތަކާއި ތަފާތުބާވތްބާވަތުގެ ދޫނިސޫފާސޫފި ބިސްމިކިޔާ ތަކްބީރުކިޔައިގެންނާއި، ބިސްމި ނުކިޔައި ތަކްބީރު ނުކިޔާ ކަތިލައި އެތަކެތީގެ މަސްތައް ނަގައިގެން ލެބޯޓަރީތަކުގައި ތަޙްލީލުކުރެއްވިިއެވެ. އެ ޓީމުން މި މަސައްކަތް ކުރިގޮތް ހާމަކުރައްވަމުން ޑރ. ޝަރީފު ވިދާޅުވީ މި ފަދަ މަހުގެ ތަފާތު ސާމްޕަލުތަކުގެ ޖަރާސީމު ޓެސްޓްތައް ހަދައިގެން ލިބުނު ނަތީޖާތައް ކަށަވަރުކުރެވުނެވެ. ބައެއް ސާމްޕަލްތައް އެއްގަޑިއިރުވަންދެން ޑިޓޯލް ސޮލިއުޝަން (10 %) ގެ ތެރެއަށް ގަންބާފައި ބެހެއްޓުމަށް ފަހު ތައިގްލައިކޯލޭޓް ސޮލިއުޝަންގައި ކަލްޗަރ ކުރެވުނެވެ. އެއަށްފަހު ތެތްކަމެއް ނެތް އުނދުނެއް ތެރޭގައި 37 ދަރަޖައަށް ހޫނުކުރެވުނެވެ. އެއަށްފަހު މީގެ ބައެއް މަސްތައް ލޭގެ ތެރަހަކާއި ނިއުޓްރިޝަސް ތެރަހެއްގެ ތެރޭގައި، (އައި.އެމް.ބީ ޖައްވެއްގެ ތެރޭގައި) 48 ގަޑިއިރުވަންދެން ބެހެއްޓުނެވެ. ބިސްމިއާއި ތަކްބީރު ކިޔައިގެން ކަތިލެވުނު އެއްޗެހީގެ މަސްތައް މަޑު ފިޔާތޮށިކުލައަކަށް ބަދަލުވެގެންދިޔައެވެ. އަދި އެ ކަލްޗަރުގައި އެއްވެސް ކަހަލަ ޖަރާސީމެއް އުފެދެމުންދާ ތަން ފެނިފައެއް ނުވެއެވެ. އެކަމަކު ބިސްމިނުކިޔާ ކަތިލެވުނު އެއްޗެހީގެ މަސްތައް ގަދަރަތްކުލައަކަށް ބަދަލުވެގެންދިޔައެވެ. މި ކުލަވަނީ ނޫކުލައަކަށް ބަދަލުވާން ފަށައިފައެވެ. މި ބާވަތުގެ މަހުގެ ކަލްޗަރު ތެރޭގައި ޖަރާސީމުތައް އުފެދި ގިނަވަން ފަށައިފައިވެއެވެ.
މި މަސައްކަތުގައި އުޅުއްވި ބޭފުޅެއްކަމުގައިވާ ޑރ. ޢަބަދުލް ޤާދިރު ދީރާނީ ވިދާޅުވާ ގޮތުގައި މީސްތަކުންނަށް ބިސްމިއާއި ތަކްބީރު ކިޔައިގެން އެއްޗެހި ކަތިލުމުގެ ޙިކްމަތް ނޭނގުމުގެ ސަބަބުން، މިކަމަށް ސަމާލުކަންދިނުން ކުޑަވަމުންދާކަން ފާހަގަކުރެވެއެވެ. އޭނާ ވިދާޅުވިގޮތުގައި އަލްޢައްލާމާ މުޙައްމަދު އަމީނު ޝައިޚޫ ގެ ޤުރްއާނާ ބެހޭ ދަރްސުތަކުގައި ހާމަކުރައްވާފައިވާ ގޮތުގައި ﷲގެ އިސްމުފުޅު ނުގަނެ ކަތިލާ އެއްޗެހީގައި ލޭތައް ނުފައިބާ ހުރުމުގެ ސަބަބުން އޭގެ މަސްތަކުގެ ތެރޭގައި މައިކްރޯބުތައް އުފެދެއެވެ. ޢިލްމުވެރިން މި ދިރާސާ ކުރެއްވީ މި ވާހަކަ އަޑުއަހައިފައެވެ. އައްދީރާނީ ވިދާޅުވި ގޮތުގައި މި ޓީމްގައި ހިމެނިވަޑައިގަންނަވާބޭފުޅުން ތަކްބީރުކިޔުމުގެ ވާހަކަޔާ މެދު ދެއަތަށް ކިރިވަޑައިގެންނެވިއެވެ. ނަމަވެސް ލެބޯޓަރީ ޓެސްޓްތަކުން ފެނިވަޑައިގެންނެވި ނަތީޖާތަކުން ހިތްވަރު ލިބިވަޑައިގެން ދިރާސަތައް ކުރިއަށް ގެންދެވިއެވެ.
ސައެންސާއި ޓެކްނޮލޮޖީގެ ޒަމާނުގައި އަޅުގަނޑުމެންނަށް ފެނިގެންމިދިޔައީ الله سبحانه وتعالى، އެކަލާނގެ ސިފައިންގެ ތެރޭގައި ސައެންސް ހިމެނުއްވި ތަނެވެ. އެކަލާނގެ ބަސްފުޅުތައް ތެދުކޮށް ދެއްކެވުމަށްޓަކައި ސައެންސްގެ ހޯދުންތައްް ބޭނުންކުރެއްވި ގޮތެވެ. މިކަމުގެ ސަބަބުން މުއުމިނުންގެ ހިތްތަކުގައި އިމާންކަމުގެ ނޫރު ވަރުގަދަވެގެންދާނެއެވެ. މުސްލިމުންނަށް އެމީހުން ތިބީ ޙައްޤުގެ މަތީގައިކަން ކަށަވަރުވެގެންދާނެއެވެ. އިސްލާމްދީނުގެ މަތިވެރިކަމާއި ،ކީރިތިރަސޫލާގެ ބަސްފުޅުތަކުގެ ތެދުކަން އިތުރަށް ހާމަވީއެވެ. އިތުރަށް ދަންނަވާނީ ކީކޭތޯއެވެ؟ سبحان الله އިބަރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ!
އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ
0 comments:
Post a Comment