މިފަހަރު ޙައްޖުވެރިން އަރަފާތުގައި ތިބޭނީ ނޮވެމަބަރު 15 ވަނަ ވާ ދުވަހުއެވެ. އެއީ ހިޖުރީގޮތުން ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެއެވެ. މި ދުވަހަށް ކިޔަނީ ހައްޖު ދުވަހެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހާއި ބެހޭގޮތުން ޙަދީޘް ކުރައްވަނީ " ހައްޖަކީ އަރަފާތެވެ" އެހެނީ އަރަފާތު ބިމުގައި ހުރުމުގެ ނަސީބު އެދުވަހު ނުލިބުނު މީހަކީ ޙައްޖު ލިބޭނެ މީހެއްނޫނެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " އެންމެ ފުރިހަމަގޮތުގައި ކުރެވޭ ހައްޖަކަށް ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ"
މިދުވަހު ރޯދަ ހިފުމާއި ބެހޭގޮތުން އެއްޗެއް ދަންނަވަނީ ނަމަ ދެންނެވޭނީ މިއީ ސުންނަތް ރޯދަ ހިފުން ގަދަވެގެންވާ ދުވަހެއްކަމަށެވެ. ސަބަބަކީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހުގެ ރޯދަހިފުން ދޫނުކުރައްވާކަން ސުންނަތުން ސާބިތުވެއެވެ. މާތްﷲ ރުއްސުންލެއްވި މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ ޙަފުޞާ ބިންތި އުމަރު ރިވާކުރެއްވިއެވެ.
" ހަތަރުކަމެއް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ދޫނުކުރައްވައެވެ. އެއީ ޢާޝޫރާ( މުޙައްރަމު މަހުގެ 10ވަނަ ) ދުވަހުގެ ރޯދަ ހިއްޕެވުމާއި އަރަފާތްދުވަހު (ހައްޖުދުވަހު) ރޯދަހިފުމާއި، ކޮންމެ މަހެއްގެ ތިންދުވަހު ރޯދަ ހިފުމާއި ( އެބަހީ ކޮންމެ ޙިޖުރީ މަހެއްގެ ތޭރަ ސާދަ ފަނަރަ) އަދި ފަތިސްނަމާދުގެ ކުރީގައި ކުރައްވާ ސުންނަތް ދެރަކުޢަތް މާއިރާ ކުރެއްވުމެވެ" (މި ޙަދީޘް ބަޔާންވެފައިވަނީ ޞަޙީހް މުސްލިމްގައި)
އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް އަބޫ ޙަފުސާ އެބަހީ ޢުމަރުގެފާނު ރިވާކުރެއްވިއެވެ. " ޢަރަފާތް (އެބަހީ ޙައްޖު ދުވަހު) ރޯދަ ހިފައިފި މީހެއްގެ ދެ އަހަރުގެ ފާފަ ފުއްސެވޭނެތެވެ. އެއީ ވޭތުވެގެންދިޔަ އަހަރާއި އަދި އަންނަން އޮތް އަހަރެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފައިފި މީހާގެ ވޭތުުވެގެން ދިޔަ އަހަރުގެ ފާފަ ފުއްސެވޭ ހުއްޓެވެ" ( މި ޙަދީޘް އިމާމު ބުޚާރީއާއި އަދި ތިރުމިޒީ ފިޔަވައި ހަތަރުބޭކަލުން އެބަހީ އަބޫ ދާއޫދު، ތިރުމިޒީ، މުސްލިމް އަދި ނަސާއީ ރިވާކުރައްވާފައިވެއެވެ. )
ނަމަވެސް ޙައްޖުވެރިޔާ އަށް މިދުވަހުގެ ރޯދަ ހިފުމެއްނެތެވެ. އެހެނީ އެއީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެލައްވާ ފަރާތްތަކަށް ﷲ ތަބާރަކަ ވަތަޢާލާ ދެއްވާފައިވާ ބޮޑުވެގެންވާ ލުޔެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނު އަރަފާތުގައި ހުންނެވި ދުވަހު މިކަން އެކަލޭގެފާނުގެ ސުންނަތުން ބަޔާންކޮށްދެއްވާފައެވެ.
މާތް ﷲ ރުއްސުންލެއްވި އަންހެން ޞަޙާބީ ބޭކަނބަލެއްކަމަށްވާ އުއްމު ފަޟުލު ރިވާކުރެއްވިއެވެ.
"އަރަފާތް ދުވަހު( ޙައްޖު ދުވަހު އަރަފާތުގައި ތިއްބެވި އިރު) ބައެއް ޞަޙާބީ ބޭކަލުންނަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހުންނެވީ ރޯދައަށް ކަމާމެދު ޝައްކުވެ ވަޑައިގަތެވެ." އެހެންކަމުން މިކަމަނާ ބޭނުންފުޅުވީ އެކަލޭގެފާނު ހުންނެވީ ރޯދައަށް ނޫންކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަށެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. " ދެން ތިމަން ކަމަނާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ކިރުތައްޓެއް ފޮނުއްވުމުން އެކަލޭގެފާނު އަރަފާތުގައި ހުޠުބާ ދެއްވަން ހުންނަވާފައި އެ ކިރުތަށި ބެއްލެވިއެވެ" (އެބަހީ އެކަލޭގެފާނު ޞައްލަﷲ އަލައިހި ވަސައްލަމަ ކިރުތަށި ހިއްޕެވިއެވެ.)
( ޞަޙީޙް ބުޚާރީ)
0 comments:
Post a Comment