Friday, October 12, 2012

ރިޒުޤް ގެ ޤާނޫން ތައް

ދުނިޔޭގައި އިންސާނާ ގެ ދިރިއުޅުން ވޭތު ކުރަމުން ދާއިރު  އޭނާ ބޭނުން ކުރަމުން ދަނީ ﷲގެ ރިޒްޤެވެ.  ނަމަވެސް ރިޒްޤު ދެއްވާތީ އެ ދެއްވާ ފަރާތަށް ޝުކުރުވެރިވެވޭތޯ އާއި އެރިޒްޤު އޭނާ ހޯދަނީ ޙަލާލް ގޮތުގައި ތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަނީ ކިތައްމީހުންބާވައެވެ.


 އަދި މިއީ ރިޒުޤު ލިބުމުގެ ޤާނޫން ތަކުގެ ތެރެއިން ބައެއް ޤާނޫންތައް ކަން ދެނެތިބީ ކިތައް މީހުން ބާވައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކައުނުގައި ލައްވާފައިވާ  ޤާނޫން ތައް (މިސާލަކަށް ޖާޒުބިއްޔަތުގެ ޤާނޫނު ނުވަތަ ލޯ އޮފް އެޓްރެކްޝަން، ގްރެވިޓީ ލޯ ނުވަތަ ބިމަށް ދަމާބާރުގެ ޤާނޫން  ) ފަދައިން ރިޒުޤު ލިބުމަށް އަދި ރިޒުޤު ތަނަވަސް ވުމަށްޓަކައި ޤާނޫން ތަކެއް ނުވަތަ law ތަކެއް ލައްވާފައިވާކަން އަދި އެޤާނޫން ތަކަށް ތަބާވާން އަންގަވާފައިވާކަން މުސްލިމުންގެ ހައިޘިއްޔަތުން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ.

   ރިޒުޤުގެ ޤާނޫން ތަކުގެ ވާހަކަ ދައްކާ އިރު އެންމެ ފުރަތަމަ ރިޒުޤަކީ ކޮބައިތޯ ބަލާލަމާތޯއެވެ. ރިޒްޤަކީ ހަމަ އެކަނި ފައިސާ އާއި މުދަލުގެ ގޮތުގައި ބެލުމަކީ ރަނގަޅު ގޮތެއްނޫނެވެ. މުދަލާއި ދަރިންނާއި ސިއްޙަތާއި ޙާލާއި އަދިވެސް އެތައްކަމެއް ރިޒްޤުގެ ތެރޭގައި ހިމެނެއެވެ. 

މީހަކު އަތުގައި ކިތައްމެ ގިނަ ފައިސާ ތަކެއް ހުއްޓެއް ކަމަކު ފުރިހަމަ ސިއްޙަތެއް ނެތިއްޔާ އެ ފައިސާއިން ލިބޭނެ ހިތްހަމަ ޖެހުމެއްނެތެވެ. މީގެ މިސާލަކީ މިސްރުގައި  50 ގެ ނުވަތަ 60 އަހަރުތަކުގެ ތެރޭގައި ހިނގި ހާދިޘާ އެކެވެ*. މަޝްހޫރު ފިލްމުސްޓާރެއް އޭނާ މަޝްހޫރު ވުމުގެ ކުރީގައި، ފަޤީރެއްގެ ގޮތުގައި ހުރި އިރު، އޭނާއަށް މިލިޔަން ޑޮލަރ ލިބުމަށް އެދި ކުރީ ދުޢާއެކެވެ. އޭނާގެ ދުޢާ އަކީ ކެންސަރާއި އެކު ނަމަވެސް މިލިޔަން ޑޮލަރު ލިބުމެވެ.

 އޭނާ އަށް މިލިޔަން ޑޮލަރ ލިބުނެވެ އަދި ކެންސަރާއި ވެސް ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް އޭނާ އަށް ކެންސަރު ޖެހިފައި ވުމުން އެ މިލިޔަން ޑޮލަރުން ކުރި ފައިދާ އަކީ ކޮބާހެއްޔެވެ.
    
 ވަރަށް ގިނަ ފަހަރު ވާގޮތެކެވެ. ފަޤީރަކަށް މުއްސަންޖަކު ފެނިއްޖެ ނަމަ އެކަމާއި ޙަސަދަ ވެރިވެވި ތިމާގެ އަމިއްލަ ޙާލާއި މެދު ހިތާމަ ކުރެވޭ ތަން އާދެއެވެ. އެހެންނަމަވެސް އެ ފެންނަ މުއްސަނދި ކަމާއި އެކު އެ ފައިސާވެރިޔާ އެތައް ހިތާމަ އަކާއި ވޭނެއް ނުވަތަ މުސީބާތް ތަކެއް ތަހައްމަލު ކުރަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަން ހިތައް ގެނެވެނީ މަދު ފަހަރަކުއެވެ. ނުވަތަ އެ ފައިސާއާއި މުދަލުގައި ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުމާއި ހާސް ކަން އެކުލެވިފައިވާނެ ހުރެދާނެ އޭ ހިތަކަށް ނާރައެވެ.
   
 މިސްރުގެ ހޮޓަލެއްގެ މެނޭޖަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ*. ވަޒީފާގައި އުޅުނެއްކަމަކު އޭނާގެ  އެ ވަޒީފާ އާއި މެދު ރުހި ހިތްހަމަ ޖެހޭ ގޮތެއްނުވެއެވެ. ސަބަބަކީ  ހޮޓަލުން ރަލުގެ ބާވަތް ތައް ވިއްކާ ހަދާތީއެވެ. އެދުވަސްވަރު އަރަބި ދުނިޔޭގައި މަޝްހޫރު އިލްމްވެރި އެއްކަމަށްވާ އައްޝައިޚުއްޝަޢުރާވީ އަރިހަށް މީނާދިޔައެވެ. 

މިކަމާއިމެދު މަޝްވަރާއެއް ހޯދުމުގެ ބޭނުމުގައެވެ. އޭނާގެ ވަޒީފާގެ ވާހަކަ ދެންނެވުމަށްފަހު، މިވަޒީފާ ފިޔަވައި ދިރިއުޅުމަށް ފައިސާ ލިބޭނެ އެއްވެސް ގޮތެއްނެތް ނެތްވާހަކަ އާއި ވަޒީފާ ދޫކޮށްލައިފި ނަމަ އޭނާގެ މާލީހާލަތު ހުންނާނެ ގޮތާއިމެދު ބިރުގަންނަވާހަކަ ވެސް ދަންނަވައިފި އެވެ. ޝައިޚް އޭނާ އަށް ނަސޭހަތް ދެއްވީ މިފަދައިންނެވެ. ” ވަޒީފާ ދޫކޮށްލާށެވެ. މާތްﷲ(ގެ އިރާދަފުޅުން) ހަމަ ޔަގީނުންވެސް ކަލެއަށް ބަދަލު ދެއްވާނެ އެވެ. މިއީ (މާތްﷲ އަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ، އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއްދައްކަވާނެއެވެ.އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާ އަށް ރިޒުޤުދެއްވާނެ އެވެ. (ސޫރަތުއްތަލާޤު2،3)) މި އާޔަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން ކައުނުގައި ލައްވާފައިވާ ޤާނޫންތަކުގެ ތެރެއިން ޤާނޫނެކެވެ.

       އޭނާ ޝައިޚު އަރިއަހުން ނިކުމެގެން އޭނާގެ އޮފީހާ ދިމާއަށް މިސްރާބު ޖެހީ ވަޒީފާއިން ވަކިވުމަށް ޢަޒުމު ކަނޑަ އަޅައިގެނެވެ. އޮފީހަށް ވަދެ މޭޒު ދޮށުގައި އިށީނދެ ޤަލަމަކާއި ގަނޑެއް ނަގާ  ވަޒީފާއިން ވަކިވުމުގެ ސިޓީ ލިޔަންފެށި އެވެ. ސިޓީގެ މެދާއިހަމަ އަށް ލިޔެވިފައިވަނިކޮށް އޮފީހުގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގުމާއި އެކު ހޮޓަލުގެ ރީޖަނަލް މެނޭޖަރ އޭނާގާތު ބުނީ އޭނާ ގެ ވަޒީފާ ކުރި އެރުވުމުގެ ގޮތުން މަދީނާ އަލް މުނައްވަރާގައި ހުންނަ އެމީހުން ގެ ހޮޓަލުގެ މެނޭޖަރަކަށް އޭނާ ހަމަޖައްސަން ގަސްތު ކުރާވާހަކަ އެވެ.

     ނިކަން ބައްލަވާށެވެ. ﷲ އަށްޓަކައި ހިތްނިޔަތް ޚާލިޞްކޮށް ނުބައިކަންތަކުން ދުރުވުމަށް އޭނާގަސްތުކުރިހިނދު ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ ރިޒުޤު ޙަލާލުގޮތުގައި ލިބޭނޭގޮތް މިންވަރުކުރެއްވީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކޮންމެމީހެއްގެވެސް ރިޒްޤު މާ ކުރިން ލިޔުއްވާފައެވެ. އެ ރިޒްޤު ޙަލާލުގޮތުގައި ނުވަތަ ޙަރާމް ގޮތުގައި ހޯދުން އެއީ އެމީހެއްގެކަމެކެވެ. ﷲ އަށް ޙައްޤުގޮތުގައިވަކީލުކޮށް ޙަލާލު ރިޒުޤް ހޯދުމަށް މަސައްކަތްކުރާނަމަ ﷲ އޭނާއަށް ޙަލާލުގޮތުގައި އޭނާގެ ރިޒުޤް ދެއްވާނެއެވެ. އެއީ ﷲ تعالي ގެ ބަސްފުޅުގައި ވާފަދައިންނެވެ. ” ومن يتقي الله يجعل له مخرجا ويرزقه من حيث لايحتسب” މާނައީ ” މާތްﷲ އަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ، އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއްދައްކަވާނެއެވެ.އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާ އަށް ރިޒުޤުދެއްވާނެ އެވެ. “

       މިބުނެވި ދިޔައީ ރިޒުޤު ތަނަވަސް ވުމަށްޓަކައި ﷲ ލައްވާފައިވާ ޤާނޫން ތަކުގެ ތެރެއިން ” ﷲ އަށް ބިރުވެތިވެ ހަލާލު ގޮތުގައި ރިޒުޤު ހޯދުމުގެ” ވާހަކަ އެވެ.   ﷲ ކައުނުގައި ލައްވާފައިވާޤާނޫން ތައް (މިސާލަކަށް ލޯ އޮފް އެޓްރެކްޝަން، ނުވަތަ ޖާޒުބިއްޔަތުގެ ޤާނޫން، ލޯ އޮފ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރުގެ “ޤާނޫން” އަދި މިނޫންވެސް މިފަދަ އެތައް ޤާނޫންތަކެއް ލައްވާފައިވާ) ފަދައިން ރިޒުޤު ތަނަވަސް ވެ އިތުރުވުމަށް އިތުރު އެތައް ޤާނޫނު ތަކެއް ލައްވާފައިވެއެވެ.   އަޅުގަނޑުމެން އެދެނީ ރިޒުޤު ތަނަވަސްވެ އިތުރުވާން ކަމުގައިވާނަމަ މި ޤާނޫންތަކަށް ނުވަތަ ޝަރީޢަތުގައި ﷲ އެންގެވި އެންގެވުންތަކަށް އޮތީ ތަބާވުމެވެ.

     އިތުރު ޤާނޫން ތަކަށް ބަލާލަމާތޯއެވެ. ﷲ އަށް ވަކީލު ކުރުން ، ރަޙިމުގެ ގުޅުން ދެމެހެއްޓުން، ނިޢުމަތައް ޝުކުރުވެރިވުން، އިސްތިޣްފާރު ކުރުން ގިނަ ކުރުން. އަދި ނަމާދު ކޮށް ދުޢާ ކުރުން މީ ހައްތާވެސް ރިޒުޤު އިތުރުވެ ތަނަވަސް ވުމަށްޓަކައި ތަބާ ވާން ވީ ޤާނޫން ތަކެވެ. ﷲ އަންގަވަނީ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ  (މާނަ އަކީ : ފަހެ ﷲ އަށް ވަކީލު ކުރާ މީހާ (ދަންނާށެވެ.) ފަހެ އޭނާ އަށް ﷲ ފުދެއެވެ). 

ތަޤުވާގެ އަމުރު އިތުރަށް ފުރިހަމަ ކޮށްދޭ މިކަމަކީ ހާސް ކަމާއި ކަންބޮޑުވާ ދަތި އުނދަގޫ ކަންތައްތަކުން މުސްލިމް އަޚާ ދުރުކޮށްދޭނެ ކަމެކެވެ. ސަބަބު ތަކުގައި ހިފުމަށްފަހު ރިޒުޤުދެއްވާނީ ﷲ ކަމަށް ގަބޫލު ކޮށް ޔަޤީން ކުރުމެވެ. ﷲ އަށް  ފުރިހަމަ އަށް ވަކީލު ކުރުމެވެ. ދެން އޮތީ  ރަޙިމުގެ ގުޅުން ބޭއްވުމެވެ.  ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ އަދުގެ މުޖުތަމައުގައި މާ އިސްކަމެއް ނުދެވޭ އެހެންނަމަވެސް ރިޒުޤު ތަނަވަސް ވުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

 މިއީ ރިޒުޤު އިތުރުކުރައްވާ ކަމެއް ކަމުގައި މާތް ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ من سره أن يبسط الله له في رزقه وأن ينسأ له في أجله فليصل رحمه މި ޙަދީޘް ފުޅުން ޘާބިތު ވެއެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ ގޮތުން ޢާއިލާ އާއި ގާތް ތިމާގެ މީހުންނަށް ޒިޔާރަތް ކޮށް ހާލު ބެލުމާއި މާއްދީ އަދި ރޫޙާނީ ގޮތުން އެހީތެރިވެ ދިނުމާއި މިކަންކަމަކީ ތިމާގެ ރިޒުޤު އިތުރުވުމަށް އެދޭނަމަ ހިފަންޖެހޭ ސަބަބު ތަކެވެ. ދެއްވާ ނިޢުމަތް ތަކަށް ޝުކުރުވެރިވުމަކީ މިކަމަށް އޮތް އިތުރު ޤާނޫނެކެވެ. ﷲ އަންގަވަނީ ޝުކުރުވެރިވާ ނަމަ އިތުރު ކުރައްވާނެ ކަމުގައެވެ.

 (لَئِنْ شَكَرْتُمْ لأَزِيدَنَّكُمْ) މިއާޔަތުގައި އަންގަވާފައިވާފަދައިންނެވެ. ހަމައެފަދައިން އިސްތިޣްފާރު ކުރުމުގައި ދެމިހުރުމަކީ ވެސް މިފަދައިން ތަބާ ވާން ޖެހޭ ޤާނޫނެކެވެ. ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައިވެސް ތިމާއަށް ކުރެވޭ ފާފަ ތައް މަތިން ހަނދާންކޮށް އޭގެ މައްޗައް ހިތާމަ ކޮށް ފުއްސެވުން އެދި ދުޢާކުރުމަކީ ރިޒުޤު އިތުރުވާނެ ކަމެކެވެ. ނޫޙު ސޫރަތުގެ 10 ،11، 12 މި އާޔަތްތަކުގައި ﷲ ކުރަށްވާފައިވާ ވަޙީބަސްފުޅުގެ މާނައިގައިވަނީ މިފަދައިންނެވެ.  

 ”ފަހެ ތިމަންކަލޭގެ ފާނު ވިދާޅުވީމެވެ. ތިޔަބައި މީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ތިޔަބައިމީހުން  ދަންނަވާށެވެ! ހަމަ ކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވާރޭ ފޮނުއްވާނެތެވެ. އަދި މުދާ ތަކާއި ދަރިންގެ ގޮތުގައި  އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެ އެވެ. އަދި އެކަލާނގެ  ތިޔަބައިމީހުންނަށްޓަކައި ބަގީޗާ ލައްވާނެތެވެ.

 އަދި ތިޔަބައި މީހުންނަށްތަކައި  ކޯރުތައްވެސް ލައްވާނެތެވެ”. ދެން އޮތީ ނަމާދު ކޮށް ދުޢާ ދެންނެވުމާއި ޞަދަޤާތް ދިނުމެވެ. ނަމާދު ޤާއިމު ކުރުމުގައި ދެމިހުންނަ ތަޤުވާވެރި މުސްލިމަކީ އެމީހާގެ ރިޒުޤު އިތުރުވުމުގެ އުފާ ޙާޞިލް ކުރާނެ އަޅެކެވެ. ހަމަ އެފަދައިން ޤަބޫލު ކުރަންޖެހެނީ ،މުދަލުން ޞަދަޤާތް ކޮށް ފަޤީރުނާއި މިސްކީނުނާއި ބޭނުން ޖެހޭ މީހުނަށް އެހީތެރިވެދީ ހެޔޮފޯރުކޮށްދިނުމަކީ ރިޒުޤު އިތުރުވާނެ އަނެއް ޤާނޫން ކަމެވެ ނުވަތަ ވަސީލަތް ކަމެވެ. ﷲ ގެ ރުއްސެވުމާއި، ރިޒުޤު އިތުރުވުމަށް އެދި މީހުންގެ ދުޢާ އަބަދަށް ލިބި ލިބި ހުންނަ އިރު އޭނާގެ މުދަލުގައި ބަރަކާތް ލައްވާ މުދަލާއި ނިޢުމަތް އިތުރު ނުކުރައްވާނީ ކޮންފަދަ އަކުންތޯއެވެ.

      ބަޔާންވެ މިދިޔައީ ރިޒުޤު ލިބުމުގެ ޤާނޫންތަކުގެ ތެރެއިން ބައެއް ޤާނޫނެވެ. ނުވަތަ ރިޒުޤު އިތުރު ވުމަށް މެދުވެރިވާނެ ވަސީލަތް ތަކެވެ.   މިއަށް ސަބަބު ތަކޭވެސް ކިޔިދާނެ އެވެ. އަޅުގަނޑުމެންނަށް އޮތީ މިކަންކަމުގައި ހިފުމެވެ. އިންސާނާ ކިތައްމެ ބުރަމަސައްކަތެއް ކުރިޔަސް ނުވަތަ ކިތައްމެ މޮޅު ތަދުބީރެއް ކުރިޔަސް ރިޒުޤު އެ އިންސާނާ އާއި ހަމަ އަށް އަންނަނީ ﷲ ގެ ޙަޟްރަތުންނެވެ. 

އިތުރު ވުމާއި ގިނަވުން އޮންނަނީ އެކަލާނގެ ކަނޑައެޅުއްވި ޤާނޫން ތަކުގެ ތެރެއިންނެވެ. ﷲ ގެ ވަޙީ ބަސް ފުޅުތަކާއި އެކަލާނގެ ރަސޫލާ ގެ ޙަދީޘް ފުޅު ތަކުން އެކަން އެއޮތީ ޘާބިތުގެ އެނގޭށެވެ. އެބަސްފުޅުތައް ވިސްނާ އެކަމުން ދަރުސް ލިބިގަނެ އެއަށް ތަބާވާނަމަ އަޅުގަނޑުމެން މުސްލިމުންނަށްވުރެ ދެދުނިޔޭގެ ދިރިއުޅުން ބާއްޖަވެރިވެ ނިޢުމަތް ތަނަވަސްވާނެ  އިތުރު ބަޔަކީ ކޮބައިތޯއެވެ.!.

 ** (ވާހަކަ : ޚަވާތިރު  ޕްރޮގްރާމް (އަޙްމަދުއްޝުޤައިރީ ޝައިޚް ޝަޢްރާވީ ގެ އަރިހުން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons