Wednesday, October 3, 2012

ފާޠިމީންނަކީ ކޮންބައެއް؟

ފާޠިމީން ނުވަތަ ޢުބައިދީ ޚިލާފަތޭ ކިޔައިގެން އުޅުނު މީހުންނަށް އިސްލާމްދީނުގެ މަތިވެރި ހިޔާވަހިކަން ލިބުން ޙައްޤު ނުވާކަން ފާހަގަކުރަމުން ފަށަމެވެ.އަޞްލު މިމީހުންނަށް ފާޠިމީން ކިޔުމަށްވުރެ ކިޔުން ރަނގަޅީ ޢުބައިދީންނެވެ. އެއީ އެމީހުންގެ ފުރަތަމަ ވެރިޔާ ނުވަތަ ޒަޢީމްގެ ނަމަށް ނިސްބަތްކޮށެވެ. ފާޠިމީންނޭ ކިޔައިގެން މިމީހުން އުޅުނީ މުސްލިމުންނަށް އޮޅުވާލާ މުސްލިމުންގެ ރުހުން ހޯދާށެވެ.
  މިމީހުންގެ ކަންތައް ފެށިގެން އައީ ހިޖުރައިން 297 ވަނަ އަހަރު ޠޫނީސްގައެވެ. އަދި އޭގެ 65 އަހަރު ފަހުން ހިޖުރައިން 362ގައި މިމީހުން މިޞްރުގައި ވަކިހިއްޕާލިއެވެ. އެމީހުންގެ ބާރުގަދަވެ މުސްލިމު އުއްމަތުގެ މައްޗަށް، ޚާއްޞަކޮށް ސީރިޔާ އާއި ޢަރަބި ބައްރަށް އެމީހުންގެ ނުފޫޒު ފެތުރެން މެދުވެރިވީ އެހިސާބުންނެވެ.

މި މީހުންނަކީ ފާޠިމަތުގެފާނުގެ ދަރިކޮޅުން އައި ބައެއްކަމަށް ދަޢްވާކުރިއެވެ. ނަމަވެސް މިކަން ދިރާސާކުރެއްވި އަހްލުއްސުންނަ ވަލްޖަމާޢަތުގެ ޢިލްމުވެރިންނާއި ތާރީޚީ މުވައްރިޚުން ވިދާޅުވެފައިވަނީ މިމީހުންނަކީ އަޞްލު ޔަހޫދީންނެވެ، ނުވަތަ މަޖޫސީންނެވެ. އެއްވެސް ގޮތަކަށް ފާޠިމަތުގެފާނުގެ ދަރިކޮޅާ މިމީހުންނާ ގުޅުމެއް ނެތެވެ. މިފަދައިން ވިދާޅުވި އިމާމުންގެ ތެރޭގައި އިބްން ތައިމިޔާ އާއި އިބްން ކަޘީރު އަދި އައްޛަހަބީ ފަދަ އެތައް ޢިލްމުވެރި އިމާމުންނެއް ހިމެނިވަޑައިގަނެއެވެ. (މާތްﷲ އެބޭބޭކަލުންނަށް ރަޙްމަތްލައްވާށިއެވެ.) އަދި ނަސަބާއި ޚާންދާންތަކާއި ބެހޭ ދިރާސާތައް ކުރައްވާ ޢިލްމުވެރިންވެސް މިކަމަށް އިއްތިފާޤްވެލައްވައެވެ.

ފާޠިމީންކަމަށް ދަޢްވާކުރި ޢުބައިދީންނޭ މިކިޔާ ބައިގަނޑުގެ ހަމައެކަނި ދޮގު ދަޢްވާއަކީ އެއެއްނޫނެވެ. އެމީހުން ނަބީންކަމަށްވެސް އަދި ކަލާނގެކަމަށްވެސް ދަޢްވާ ކުރިއެވެ. މިމީހުންގެ ފުރަތަމަ އިމާމް ޢުބައިދުﷲ ނަބީކަމަށް ދަޢްވާކޮށް ޤައިރަވާންގެ ދެ ފަޤީހަކު އޭނާގެ ދަރުބާރަށް ޙާޟިރުކުރުވިއެވެ. އަދި އޭނާގެ އަޢްވާނުން ލައްވާ އެ ދެޝައިޚުންގާތު “މިއިންނެވި ކަލޭފާނަކީ ކަލާނގެ ރަސޫލެއްކަމަށް ކަލޭމެން ހެކިވަމުތަ؟” މިހެން ބުނެ ސުވާލުކުރިއެވެ.

ދެޝެއިޚުންވެސް ކެރިހުރެގެން ވިދާޅުވި ބަސްފުޅަކީ ހިތްވަރާއި ޖެހިލުންކުޑަކަމުގެ ލާމަސީލު މިސާލެކެވެ. “ﷲ ގަންދީ ބުނަމެވެ. ތިޔަކަލޭފާނެއް، ކަނާތަށް އިރުލައިގެން ވާތަށް ހަނދުލައިގެން އައިސް ހުރެ، އެދޭތި އޭނާއަކީ ރަސޫލެއްކަމަށް ބުނަމުންދިޔަސް އަހަރުމެންނެއް އެކަމެއް ޤަބޫލެއް ނުކުރާހުށީމެވެ.” ﷲ އަކްބަރް،
ނުބައި ޖައްބާރު ދޮގުވެރިޔާ ޢުބައިދުﷲގެ ޢަމުރަށް އެދެ ޝެއިޚުން ވަގުތުން ކަތިލެވުނެވެ. އިންނާ ލިﷲ ވައިންނާ ޢިލައިހި ރާޖިޢޫން… މިފަދަ ނުބައި ބަޔަކު އުފެއްދި ބިދްޢަވެރި ކަންތަކުން މި އިސްލާމީ އުއްމަތް ސަލާމަތްވާނީ ކޮންއިރަކުންބާވައެވެ؟

މިދެ ފަޤީހުންނަކީ މިމީހުންގެ ކޮށި އަނިޔާވެރި ކަނޑިން މަރާލެވުނު ހަމައެކަނި ނަފްސުތަކެއްނޫނެވެ. އަބުލް ޙަސަން އަލް ޤާބިސީ (ރަޙިމަހުﷲ) ވިދާޅުވާ ގޮތުން މިމީހުންގެ އަނިޔާވެރިކަމުގައި 4000 ޢިލްމުވެރިންނާ އަޅުވެރިން މަރާލެވިފައި ވެއެވެ. ކުށަކީތޯ؟ ހަމައެކަނި ކުށަކީ، ސަޙާބީންގެ ނަން ގަނެވޭ ހިނދު “ރަޟިޔަﷲ ޢަންހް (ﷲ އެބޭކަލުންނަށް ރުއްސަވާނދޭވެ)” މިހެން ކިޔާކަމެވެ. މިމީހުންނަކީ ސަޙާބީންނަށް ރުޅިއަރާ ބައެއްކަން ފާޅުގައި ދޭހަކޮށްދޭ ކިތަންމެ ކަމެއް ފާޅުވެއެވެ. “ރަޟިޔަﷲ ޢަންހު” މިބަހުގެ އަޑުނޭހުމުގެ ގޮތުން ކުށެއްނެތް 4000 ޠާހިރު ފުރާނަ އެވަނީ ދުއްވާލާފައެވެ. އަލްޢަޒީޒޭ ކިޔުނު މިމީހުންގެ ޚަލީފާއެއްގެ ދައުރުގައި ސަޙާބީންނަށް ފާޅުގައި މަލާމާތްކޮށްފައިވާކަމަށް މަޝްހޫރު “އައް ސިޔަރު”ގައިވެއެވެ. 

މި ޢިއްޒަތެއްނެތް އަލްޢަޒީޒް ޢަމުރު ނެރެފައިވަނީ މިސްކިތްތަކުގެ ދޮރުތަކުގައާއި މަގުތަކުގައި ސަޙާބީންނަށް ބަދުބަސް ބުނެފައިވާ ޢިބާޜާތްތައް ލިޔެ ޢާއްމުކޮށް ފެންނާނެހެން ބެހެއްޓުމަށެވެ. އަދި ހިޖުރައިން 395ވަނަ އަހަރު އޭނާގެ ދަޢްލަތުގެ “ސިވިލް ސާރވެންޓުން” ލައްވާ އެފަދަ ބަސްތައް ބުނުވާފައިވާކަމަށް “ތާރީޚުލް އިސްލާމް” ގައި ވެސް ބަޔާންކޮށްފައިވެއެވެ.
އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގޮތްކޮޅަށް އެންމެ ފުރިހަމައަށް ޢަމަލުކުރެއްވި ޞަޙާބީން ދެކެ އެހާ ރުޅިއަރާ ބަޔަކު އެކަލޭގެފާނަށް ތަބާވުމުގެ ގޮތުން ކިހާ މޮޅުކަންކަން އަލަށް އުފައްދާނެނޫންތޯއެވެ؟
 
މިމީހުންނަކީ ޣައިބު ދަންނަ ބައެއްކަމަށްވެސް އަމިއްލައަށް ދަޢްވާކޮށްފައިވެއެވެ. ބާޒާރުމަތީގައާއި މަޖްލިސްކުރާ މާލަންތަކުގައި މިމީހުންގެ ވެރިޔާ ވަޑައިގެންފިނަމަ ޢާއްމުން އޭނާއަށް ސަޖިދަ ޖަހާހަދާކަމަށް ތާރީޚީ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. މިފަދަ ބައެއްގެ ޢަމަލުތައް އަޅުގަނޑުމެން ކޮޕީކުރަން ހެޔޮވާނީ ކިހިނެއްތޯއެވެ؟ އޭރާއި މިހާރުގެ ސުންނަތުގެ ޢިލްމުވެރިން ވިދާޅުވަނީ އެމީހުންނަކީ ބޭރުފުށުން ރާފިޟީންކަމަށާއި، އެތެރެ ފުށުން ކާފަރުންކަމަށެވެ. މުސްލިމުންނޭ ހޭ އަރާށެވެ. މިމީހުންނަކީ ކަލޭމެންގެ މާޒީވި ފަޚްރުވެރި ޚިލާފަތެއް ނޫނެވެ. އެއީ އިސްލާމްގެ ހިޔަލުގެ ދަށަށް ވެއްދުން ހެޔޮނުވާނެ ބައެކެވެ.

މި މީހުންގެ ނިމުން އައީ މަޝްހޫރު މުޖާހިދު އަދި ކުޅަދާނަ ފަހުލަވާނު ސަލާޙުއްދީނުލް ޢައްޔޫބީ(ރަޙިމަހުﷲ) ގެ އަތްދަށަށެވެ. ސަލާޙުއްދީނުލް ޢައްޔޫބީ (ރަޙިމަހުﷲ) މިނުބައި ވެރިކަމަށް ނިމުމެއް ގެނެސްދިންކަމީ އޭނާ ކުރެއްވި ވަރަށް މަތިވެރިކަމެއްކަމަށް އަލްއިމާމް އައްޛަހަބީ (ރަޙިމަހުﷲ) ވިދާޅުވެ އެމާތް ޢަމަލަށް ތަޢްރީފްކުރައްވާފައިވެއެވެ. ﷲ އެކަލޭފާނަށް ހެޔޮ ދަރުމަ ދެއްވާށިއެވެ.

މިދެންނެވި ޢުބައިދީންފަދަ ނުބައި ބައެއް ދީނަށް އަލަށް އުފެއްދި ޢަމަލެއް އަޅުގަނޑުމެން މި ފާހަގަކުރަނީ އަޅެ ފަހެ ހެޔޮ ބުއްދީގެ ތަންފުކެއްވެސް އަޅުގަނޑުމެންގެ ނެތީމަބާވައެވެ؟ ހަމަ ޑޮކްޓަރަކު ވިދާޅުވީމަ، މިފަދަ ކާފަރުންތަކެއް ކުރިކަމެއްވެސް ސުންނަތަކަށް ވާނީހެއްޔެވެ؟ އަޅުގަނޑު މިކުރީ ސުވާލެއް ނޫނެވެ. އަޅުގަނޑު މިދަންނަވަނީ އެފަދަ ކަންކަމުން މި މުޖްތަމަޢް ސަލާމަތް ކުރަމާ ބަހީއެވެ. ނުވަތަ އެފަދަ ކަމެއް ކޮށްލަދޭނެ ޞަލާޙުއްދީނެއް އަޅުގަނޑުމެންގެ ތެރެއަށް އަންނާނީ ކޮންއިރަކުން ބާވައެވެ؟


0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons