Thursday, October 4, 2012

މާލޭގެ ގޭންގްތަކާ ބެހޭ ހައިރާންކުރުވަނިވި، ބިރުވެރި ރިޕޯޓެއް


މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަ އަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވާނެ އެވެ. ގޭންގު ހަރަކާތްތައް ލޯމަތިން ދަނީ ފެންނަމުންނެވެ. އެކަމަކު އެ ގޭންގުތަކުގެ ހަގީގަތް އެހާ ރަނގަޅަކަށް ނޭނގެ އެވެ. އެކަމަކު އެ މީހުންނާ މެދު ތުންތުންމަތިން ދެކެވޭ ވާހަކަތައް ގިނަ އެވެ. އެ ވާހަކަތަކުގައި ހަގީގަތެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އޮގަސްޓް މަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނާ ގޮތުން މާލޭގައި 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ގޭންގުތައް ހަރަކާތްތެރިވެ އެވެ. "ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލޭ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނާ ގޮތުން އެ ގޭންގުތަކުގައި 50- 400 އާ ދެމެދުގެ އަދަދަކަށް މެންބަރުން އުޅެ އެވެ.
ގޭންގުތަކާ ގުޅުވައިގެން އަބަދުވެސް ދެކެވޭ އެއް ވާހަކައެއް އޮވެ އެވެ. އެއީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނާ ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ކުރާ ތުހުމަތެވެ. ދިރާސާ އަށް މައުލޫމާތު ދިން ގޭންގުތަކުގެ މީހުން ވަނީ އެއީ ތުހުމަތެއް ނޫން ކަމަށާއި ހަމަ ހަގީގަތުގައި ވެސް ހިނގާ ކަމެއްކަން ކަށަވަރުކޮށްދީފަ އެވެ.
"މިސާލަކަށް ބުނާ ނަމަ، ޓީވީއެމްގެ ކޭބަލެއް ބުރިކޮށްލައިފި ނަމަ 25،000ރ. ދޭނެ ކަމަށް ސިޔާސީ ފަރާތަކުން ބުނި. ބަހެއްގައި ރޯކޮށްލައިފި ނަމަ 10،000ރ. ދޭން ބުނި. އެންމެ ފަހުން ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ކުނިގޮނޑުގައި ރޯކޮށްލުމުގައި ވެސް އަހަރެމެން ބައިވެރިވިން. އެކަމުން ވެސް އަހަރެމެންނަށް ފައިސާކޮޅެއް ލިބުނު. އަހަރެމެންގެ ދެ މީހުންނާއި އަދި އިތުރު 10 މީހަކު ގޮސް ރޯކޮށްލާފައި ފިލައިގެން ގޮސް ތިބީ އެހެން ތަނެއްގައި. މި ކަމުގައި އުޅުނު އެންމެންނަށް ވެސް ފައިސާ ލިބުނު. މި ކަންކަމަށް އަހަރެމެންނަށް ފައިސާ ދެނީ ސިޔާސީ މީހުން. އަހަރެމެންގެ މަސައްކަތުގެ ބަދަލުގައި ބައެއް ފަހަރު އެ މީހުންގެ ސަފާރީތަކުގައި އަންހެން ކުދިންނާއި ރަލާ އެކު ޕާޓީކޮށްލަން ވެސް ދޭ،" ދިރާސާގައި ބައިވެރިވި ގޭންގު މީހަކު ބުނެފައިވެ އެވެ.
ދިރާސާ އިން އެނގިފައިވާ ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުންނާއި ބައެއް ވިޔަފާރިވެރިން އެމީހުންގެ އަމިއްލަ އެދުންތައް ހާސިލުކުރުމުގައި ގޭންގުތަކުގެ ބޭނުން ވަރަށް ނުބައި ގޮތެއްގައި ދަނީ ހިފަމުންނެވެ. އަދި ފައިސާ ނުވަތަ މަސްތުވާ އެއްޗެހީގެ ބަދަލުގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނަށް ކަންތައް ނުކޮށްދެނީ ވަރަށް މަދު ގޭންގުތަކަކުން ކަމަށް ދިރާސާ ރިޕޯޓްގައިވެ އެވެ. ވިޔަފާރިވެރިންނަށް ފައިސާ ލިބެން ޖެހޭ ދިމަދިމާލުން ބިރު ދައްކައިގެން ފައިސާ ހޯދުމަށް ގޭންގު މެންބަރުން ބޭނުންކުރެ އެވެ. އަދި ސިޔާސީ ކަންކަމުން އެހެން ދިމާލަކަށް ސަމާލުކަން އަނބުރާލުމަށް ހަމަނުޖެހުންތައް އުފެއްދުމަށް ސިޔާސީ ފަރާތްތަކުން ވެސް ގޭންގުތަކުގެ ބޭނުން ހިފާ ކަމަށް، ރާއްޖޭގައި ކޮށްފައިވާ މިފަދަ ފުރަތަމަ ދިރާސާގައި ވަނީ ބުނެފަ އެވެ.
"ގިނަ ފައިސާ ބޭނުމިއްޔާ ދޭން ޖެހޭ ގެއްލުން ވެސް ބޮޑުވާން ޖެހޭނެ. ފިހާރައެއްގެ ކުރިމަތީ ބިއްލޫރިގަނޑު ތަޅާލަ ދިނުމުގެ އަގަކީ 20،000ރ. އަދި އެކަން ކުރަނިކޮށް ހައްޔަރުކޮށްފި ނަމަ ބަންދުން ނުވަތަ ޖަލުން ސަލާމަތްކޮށްދިނުމަކީ ވެސް އަހަރެމެންގެ ޝަރުތެއް،" ގޭންގަކަށް ނިސްބަތްވާ މީހަކު ބުނެފައިވެ އެވެ.
"ސިޔާސީ މީހުން ނުވަތަ ވިޔަފާރިވެރިން ސީދާ ޑީލްކުރަނީ ގޭންގު ލީޑަރުންނާ އެވެ. އެ ދޭ ފައިސާގެ އަދަދު އެނގެނީ ވެސް ގޭންގު ލީޑަރަށް އެކަންޏެވެ. ހަވާލުކުރެވޭ މަސައްކަތް ތަންފީޒުކުރަން އުޅޭ މީހުންނަށް ލިބޭނީ މަދު ފައިސާކޮޅެކެވެ،" ރިޕޯޓްގައިވެ އެވެ.
އޭގައި ބުނެފައި ވަނީ ގޭންގުތަކުގެ ލީޑަރުންނަށް ބައެއް ފަހަރު މަހެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މީހުން މެރުމަށް ވެސް ގޭންގުތަކާ ހަވާލުކާ ކަމަށްވެ އެވެ.
"މަރާލަން ޖެހޭ މީހުންގެ ނަމާއި މައުލޫމާތު ހިމެނޭ ފައިލެއް ދީފަ ބުނެފާނެ މަރާލައިފިއްޔާ މިލިއަނުން ދޭނެ ކަމަށް ވެސް،" މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.
ކުރާ ކުށްތަކުން ސަލާމަތްވެގެން ތިބުމަށް ގޭންގުތަކުން ސިޔާސީ ފަރާތްތަކުގެ އެހީ ހޯދާއިރު ސިޔާސީ ފަރާތްތަކުން ގޭންގުތަކުގެ އެހީވެސް ހޯދަމުންދާ ކަމަށް ދިރާސާގައި ދައްކަ އެވެ.
ގޭންގުތަކުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ގޭންގުތަކުގެ މެދުގައި ހަމަނުޖެހުންތައް އިތުރުވެގެން ދއުމުގެ ސަބަބަކީ ގޭންގުތަކަށް ސިޔާސީ ޕާޓީތަކުން ފައިސާ ހަރަދުކުރުމެވެ. ދިރާސާގައި ބައިވެރިވި ގޭންގުތަކުގެ މީހުން އެންމެ ގިނައިން ބުނެފައި ވަނީ ޕީޕީއެމް، ޑީއާރްޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ އެންމެ ގިނައިން ހަރަދުކުރާ ކަމަށެވެ.
ގޭންގުތަކަކީ މާލެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އާންމުން ގަބޫލުކުރާ ކަމަށާއި ގޭންގުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތައް އިތުރުވަމުން ދާތީ ގޭންގުތަކުގެ މީހުންގެ މެދުގައި ވެސް ކަންބޮޑުވުން އޮންނަ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެއް ގޭންގަށް ވުރެ އަނެއް ގޭންގުގެ ތަނަވަސްކަން އިތުރު ކަމަށް ފެނުމާއި ގޭންގުތަކުގެ މެންބަރުންގެ ފޯރުންތެރިކަމާ މެދު ހަސަދަވެރިވުމުން ނުވަތަ ވާދަވެރި ގޭންގެއްގެ މީހަކަށް ވުމުން އެ މީހެއްގެ ދުވަސް ދުއްވާލަން މިހާރު ގޭންގުތަކުން ޖެހިލުމެއް ނުވެ އެވެ. ބަދަލުހިފުމުގައި ދެމިތިބޭ ގޭންގުތަކާ އެކު ޒުވާނުންގެ އާބާދީން ބޮޑު ބައެއް ހަލާކުވެގެން ދާއިރު މިއީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.
މި ކަންބޮޑުވުންތަކާ އެކު މިހާރު ބަލަންވީ ގޭންގުތައް އުފެދެން މެދުވެރިވާ ސަބަބަށެވެ. ރިޕޯޓްގައި މައިގަނޑު ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ. އާއިލާގެ ތެރެއިން އެކަށީގެންވާ އަޅާލުމާއި ލޯބި ނުލިބޭ ހިނދު ގޭންގުގެ ތެރެއިން އެ ހިތްހަމަޖެހުން ލިބުމަކީ އެއް ސަބަބެވެ. ހިމާޔަތް ލިބެން އޮތީ ގޭންގު މެންބަރަކަށް ވުމުން ކަމަށް ގަބޫލުކުރެވުމަކީ ވެސް ފާހަގަކޮށްފައިވާ ސަބަބެކެވެ.
"ހަނދާން ހުންނަން ފެށީންސުރެ އަހަރެން އުޅެނީ މި ގްރޫޕްގައި. އަހަރެންގެ ބޭބެ ވެސް އުޅުނީ މި ގްރޫޕްގައި. މި ގްރޫޕް ދެކެ އަހަރެން ވަރަށް ލޯބިވޭ. އަހަރެން އެ މީހުންނަށް ބޭނުންވާ ކޮންމެ ވަގުތަކު އެ މީހުން ތިބޭނެ. މި ގްރޫޕް ދޫކޮށް އަހަރެން ދުވަހަކު ވެސް ދާނެހެން ހިއެއް ނުވޭ،" ދިރާސާ އަށް މައުލޫމާތު ދިން ގޭންގު މެންބަރަކު ބުނެފައިވެ އެވެ.
ގްރޫޕްތަކާ އެކުގައި އުޅުމުން ލިބޭ މަޝްހޫރުކަމަކީ ވެސް ބައެއް ޒުވާނުން ގޭންގުތަކަށް ހިތްދަމައިގަން ކަމެކެވެ. މީގެ އިތުރުން ވަޒީފާ ނުލިބުމާއި މަސައްކަތުން ވެސް އެކަށީގެންވާ އުޖޫރައެއް ނުލިބުމުން ވެސް ގޭންގުތަކާ ގުޅި މަސްތުވާތަކެތީގެ ވިޔަފާރި އާއި އެހެން ބައެއް އަމަލުތައް ހިންގައިގެން ފައިސާ ހޯދާ ކަމަށް ދިރާސާގައިވެ އެވެ. މަސްތުވާތަކެތީގެ ބޭނުންކުރުމާއި ސްކޫލްގައި ބުލީކުރުމާ ކުރިމަތިވުމަކީ ވެސް ގްރޫޕްތަކާ ގުޅިގެން އުޅެން ފެށުމަށް މެދުވެރިވާ ސަބަބުތަކެވެ. އަދި މި ހުރިހާ ކަމަކާ އެކު އާއިލީ މައްސަލަތައް މި ކަމުގައި ބޮޑު ދައުރެއް އަދާކުރެ އެވެ.
ގޭންގުތަކުގައި އުޅޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުން ކަމަށް ވާއިރު އޭގެ ތެރެއިން ގިނަ މީހުން ގޭންގްތަކާ ގުޅިފައި ވަނީ ސްކޫލްގައި އުޅެމުންނެވެ. ގޭންގުތަކުގައި އުޅޭ މީހުންގެ ތެރެއިން 63 ޕަސެންޓަކީ ވަޒީފާ އަދާ ނުކުރާ މީހުން ކަމަށާއި 52 ޕަސެންޓަކީ ދުވަހަކު ވެސް ވަޒީފާއެއް އަދާނުކުރާ މީހުން ކަމަށްވެ އެވެ. ގޭންގުތަކުގައި އުޅޭ ވަޒީފާ އަދާކުރާ މީހުންނަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 9،238ރ. ލިބޭ ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ. މި ނަތީޖާތަކުން އަންގައިދެނީ މުޖުތަމައުގެ ހާލަތެވެ. އާއިލީ ގުޅުންތައް ރަނގަޅުވާން އެބަ ޖެހެ އެވެ. ފުދޭވަރުގެ ހިޔާވަހިކަމާއި ރައްކާތެރިކަން ލިބެން އެބަ ޖެހެ އެވެ. ސިޔާސީ ކަންކަމުގައި ނާޖާއިޒް ފައިދާތައް ގޭންގުތައް މެދުވެރިކޮށް ނެގުން ހުއްޓާލަން ވެއްޖެ އެވެ. މި ކަންކަން އިސްލާހުނުކޮށް ގޭންގު ކުށްތައް މަދުވާނެ ކަމަށް ދިރާސާ އިން ނުދައްކަ އެވެ.
ބޮއްސުންލާފައިވާ މުޖުތަމައުގައި މަގު ގެއްލިފައި ތިބި ދަރިންތަކެއް ފައިދާ ބަޔަކު ނުބައި ގޮތެއްގައި ހިފަމުން ދަނީ އެ ކަންކަމުގައި އުޅޭ ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް ރަނގަޅުވާން ފުރުސަތެއް ވެސް ނުލިބޭ ގޮތަކަށެވެ.

ހަވީރުނޫސް:ނިއުމަތުﷲ އިދުރީސް
04 އޮކްޓޯބަރ 2012

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons