މި ދުނިޔެއަކީ ވަގުތީ ޙަޔާތެކެވެ.
އިމްތިޙާނުގެ ގޮވައްޗެކެވެ. މާތް ﷲ މިދުނިޔޭގައި އެކިމީހުން އިމްތިޙާނު ކުރައްވަނީ
ތަފާތު އެކި ގޮތްގޮތަށެވެ. އެއްބަޔަކަށް ތަނަވަސްކަމާއި ތިޔާގިކަން ދެއްވަވާ އެބައިމީހުންގެ
ގޮތްބައްލަވައެވެ. އަނެއްބަޔަކު ނިކަމެތިކަމާއި ފަޤީރުކަމުގައެވެ. މާތް ﷲ އަށް
އީމާންވެގެން ތިބި ކޮންމެ މުސްލިމެއްވެސް މިޙަޤީޤަތް ޤަބޫލުކުރާނެއެވެ.
މިދުނިޔޭގެ
ޙަޔާތް ވޭތުކުރުމުގެ މަޤްޞަދަކީ ދުނިޔެމަތީގައި އަރާމާއި ލައްޒަތު ޙާޞިލްކުރުން
ކަމުގައި ނުވެއެވެ. ނަމަވެސް ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދަކީ މިދުނިޔޭގަ
ކުރިމަތިވާ ތަފާތު އިމްތިޙާނުތަކުން އެންމެ ފުރިހަމައަށް ފާސްވުމަށްފަހު އުފާވެރި،
ބާއްޖަވެރި އުޚްރަވީ ޙަޔާތަކާއި ހަމައަށް ވާޞިލްވުމެވެ.
އެކިމީހުންގެ ޙަޔާތް ބައްޓަންވެފައިވަނީ
އެކިގޮތަށެވެ. އެކިމީހުންނަށް މާތް ﷲގެ ނިޢުމަތްތައް ލިބިފައިވަނީވެސް އެކިމިންވަރަށެވެ.
އެއްބަޔަކު އިވުމުން މަޙްރޫމުވެފައިވާއިރު، އަނެއްބަޔަކު ވަނީ ފެނުމުން
މަޙްރޫމުވެފައެވެ. އެއްބަޔަކު މައިންބަފައިންގެ ލޯބިން މަޙްރޫމުވެފައިވާއިރު،
އަނެއްބަޔަކުވަނީ ދަރިން ލިބުމުން މަޙްރުމުވެފައެވެ. މިކަންތައްތަކަކީ ވިސްނާ
ބަލައިފި ކޮންމެމީހަކަށް ފެންނަންހުރި މަންޒަރުތަކެވެ. ނަމަވެސް ހިތާމައަކީ
މިހުރިހާ ނިޢުމަތްތަކެއް ފުރިހަމަވެފައިވާ އިންސާނުންނަށް އެމީހުންނަށް ލިބިފައިވާ
ނިޢުމަތްތަކުގެ އަގުވަޒަން ނުކުރެވޭކަމެވެ. އަދިހަމައެހެންމެ އެނިޢުމަތްތަކަށް
ކުފުރުވެރި ވާކަމެވެ.
ލޮލަށް ފެނުމުގެއަލިކަން ލިބިފައިވާ
ގިނަމީހުން ލޮލުން ބަލަނީ ފާޙިޝް ނުބައި ތަންތަނެވެ. އިވުމުގެ ޙިއްސު ސަލާމަތުން
ހުރިނަމަ ކަންފަތްދެނީ ބޭކާރު ވާހަކަތަކަށާއި ބެރު ދުންމާރީގެ އަޑުތަކަށެވެ.
މައިންބަފައިން ދުނިޔޭގައިތިބެ ތިމާއަށް އެދެމީހުންގެ ފަރާތުން ލޯތްބާއި އަޅާލުން
ލިބުނުނަމަވެސް ތިމާ އެމީހުންނަށް ހެޔޮކޮށްހިތުމުގެ ބަދަލުގައި ދެނީ ހިތާމައާއި
ހިތްދަތިކަމެވެ. އަދި ދަރިން ލިބުމަކީ ނުހަނު ފަސޭހަކަމެއް ކަމުގައިވަނީނަމަ އެއީ
މާތް ﷲ ތިބާއަށް ދެއްވާފައިވާ ކިހާމަތިވެރި ނިޢުމަތެއްކަން ދަނެގަންނަނީ ވަރަށް މަދުމީހެކެވެ.
މިދުނިޔެ މަތީގައި އިންސާނާއަށް ލިބިފައި ނުވާކިތައްމެ
ނިޢުމަތެއް އެއީ އާޚިރަތް ދުވަހުން އެމީހަކަށް ނުހަނު މަންފާކުރަނިވި ކަމަކަށް
ވެދާނެއެވެ. އެހެނީ ދުނިޔެމަތީގައި އުޅޭއިރު މުދާވެރިކަމަކީ ނިޢުމަތެއްކަމުގައި
ތިމާއަށް އިޙްސާސް ކުރެވޭނެއެވެ. ނަމަވެސް އެ ބިރުވެރިކަމުން ފުރިގެންވާ ދުވަހު
އެމުދަލާއިބެހޭގޮތުން އެމީހަކާއި ސުވާލު ވެވެން އެދޭނީ ކާކުތޯއެވެ؟ މިސުވާލުތަކުން
ސަލާމަތްވެހުރުމަކީ ފަޤީރު ނިކަމެތި މީހާއަށް ލިބިގެންވާ ނިޢުމަތެއްނޫންތޯއެވެ؟
އެމީހެއްގެ ލޮލުގެ އަލިކަން ގެއްލިފައިވާ މީހަކަށް އެއީ އެމީހާއަށް ލިބިފައިވާ
ނިޢުމަތެއްކަމަށް ޤަބޫލުކުރަން ދަތިވެދާނެއެވެ. ނަމަވެސް ލޮލުން ކުރެވޭ އެންމެހައި
ފާފަތަކުން ބަރީއަވެހުރުމަކީ އަޅެފަހެ ނިޢުމަތަކަށް ނުވެދާނެތޯއެވެ؟
މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ކޮންމެ
ނިޢުމަތަކީވެސް އެއާމެދު ތިމާ ފަރުވާތެރިވެއްޖެނަމަ ތިމާއަށް ނުހަނު މަންފާހުރި
ކަންކަމެވެ. ތިބާއަށް މާތް ﷲގެ ރަޙްމަތްފުޅުން ދަރިން ލިބިފައިވުމާއިއެކު
އެމަތިވެރި އަމާނާތް ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށްފިނަމަ ތިބާ މިދުނިޔެއާއި
ވަކިވުމަށްފަހުގައިވެސް އެދަރީންގެ ފަރާތުން ތިބާއަށް ހެޔޮކަން ލިބޭނެއެވެ. އެހެނީ
ޞާލިޙް ދަރީން އެކުދިންގެ މައިންބަފައިންގެ މައްޗަށްކުރާ ހެޔޮދުޢާ މާތް ﷲ
އިޖާބަކުރައްވާނެއެވެ. އަދިހަމައެހެންމެ ތިބާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ
ތިބާއަށް ނުހަނު ޘަވާބާއި ދަރުމަހުރި ކަމެއްވެސްމެއެވެ.
މިދުނިޔޭގެ ޙަޔާތުގައި ތަނަވަސްކަން
ލިބިފައިވާމީހުން އެއީ އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައި މާތް ﷲ
ދެއްވާފައިވާ ތަކެތިކަން ހަނދާނެއްނުހުރެއެވެ. އެއިން ފައިސާ ފޮއްޗެއް
ނިކަމެއްޗަކަށް ދިއްކޮށްލަނީވެސް ނުރުހުންތެރިކަމާއި އެކުގައެވެ. ހަމައެހެންމެ
ނިކަމެތި ޙާލުގައި ދުނިޔެއަށް ފޮނުއްވާފައިވާ މީހުންވެސް އެއީ އެބައިމީހުން
އިމްތިޙާނު ކުރެއްވުމަށްޓަކައި މާތް ﷲ މެދުވެރިކުރެއްވި ގޮތްކަން ނުދަނެއެވެ.
މާތް
ﷲ އަށް ޛިކުރުކޮށް ދުޢާކުރުމުގެ ބަދަލުގައި ދަނީ ޝަކުވާގެ ބަނދިތައް ތަކުރާރުކުރަމުންނެވެ.
އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިދުނިޔެއަކީ ނެތިފަނާވެދާނެ ތަނެއްކަން
ހަނދާންކުރާށެވެ. ތިބާއަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން
ހެޔޮގޮތުގައި ހިފާށެވެ. މިދުނިޔޭގައި ތިބާއަށްވުރެ ޙާލުގައި އުޅޭ އެތަކެއް
އިންސާނުންނެއް އުޅޭކަން ވިސްނާށެވެ. މާތް ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް
ޝުކުރުވެރިވާށެވެ.
0 comments:
Post a Comment