Tuesday, March 15, 2016

އަހަރެންނަށް އުފާވެރިކަމުގެ ޚަބަރު ތިޔަގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!

al_270315_ibntaymiya_ufaaverikhabar
ޝައިޚުލް އިސްލާމް އަޙްމަދު ބުނު ޢަބްދުލްޙަލީމް ބުނު ތައިމިއްޔާ \ ގެ އިސް ދަރިވަރު، އިމާމް އިބްނުލް ޤައްޔިމް \ ވިދާޅުވިއެވެ.
އިބްނު ތައިމިއްޔާގެ ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ތައިމިއްޔާ އާއި ޢަދާވާތްތެރިވެ އުޅުނު މީހަކު މަރުވުމުން އެއުފާވެރި ޚަބަރު ގެނެސް ދިނުމަށް އަހަރެން އިބްނު ތައިމިއްޔާގެ އަރިހަށް ދިޔައީމެވެ. އެޢިލްމުވެރިއާގެ ޙަޔާތުގައި އޭނާވަނީ އިބްނު ތައިމިއްޔާ ޤަތުލު ކުރުމަށް ފަތުވާ ނެރެފައެވެ. 


އަހަރެން މި ޚަބަރާއިގެން އިބްނު ތައިމިއްޔާގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ ފޮދު އޮހޮރި، ތިމަންކަލޭގެފާނު އުފާވެރިކަމާއެކު އެޚަބަރު ގެނެސް ދެއްވީތީ ކޯފާވެވަޑައިގެން އެކަލޭގެފާނުގެ މޫނުފުޅު ރަތްވެގެން ދިޔައެވެ.
އަދި ވިދާޅުވިއެވެ. ތިބާ އަހަރެންނަށް އުފާވެރިކަމުގެ ޚަބަރު ތިޔަގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!
އެއަށްފަހު އިބްނު ތައިމިއްޔާ \ ތެދުވެ ވަޑައިގެންނެވިއެވެ. ތިމަން ބޭކަލުންވެސް އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ތެދުވީމެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެ ޢިލްމުވެރިޔާގެ ގެއަށެވެ.
އެގެއަށް ވަޑައިގެން އެގޭގެ އަހުލުންނަށް ސަލާމް ކުރައްވައި، ތަޢުޒިޔާ ވިދާޅުވެ، އެބައިމީހުންގެ މައްޔިތާއަށް ހެޔޮދުޢާ ކުރެއްވިއެވެ. އަދި އެޢިލްމުވެރިޔާގެ ދަރިންނަށް ވިދާޅުވިއެވެ. ތިޔަ ކުދިންގެ ބައްޕައަށްފަހު އަހުރެންނަކީ ތިޔަކުދިންގެ ބައްޕައެވެ. ތިޔަ ކުދިންނަށް ބޭނުންވާ ކަމެއްވާނަމަ، އެކަމެއް އަހުރެންނަށް ދަންނަވާށެވެ.
މި ބަސްފުޅުތަކުގެ ސަބަބުން އެޢިލްމުވެރިޔާގެ ގޭގެ އަހުލުވެރިންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަރުވި ޢިލްމުވެރިޔާވީ އިއްޔެ އިބްނުތައިމިއްޔާގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމުގައެވެ. އެހެންނަމެވެސް މިއަދު އިބްނުތައިމިއްޔާ މިފަދަ ރީތި ބަސްތަކަކުން އޭނާގެ ދަރިންނާ މުޚާޠަބު ކުރައްވަނީއެވެ. އެއީ ﷲގެ މި ވަޙީ ބަސްފުޅަށް ޢަމަލު ކުރެއްވުމުގެ ގޮތުންނެވެ.
¢ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ£
އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.
( سورة فصلت:34)
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިފަދަ ނަމޫނާތަކުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެދޭނަމަ، މި ނަމޫނާތައް އަޅުގަނޑުމެންގެ ޢަމަލީ މައިދާނުގައި ފެންނަން ޖެހޭނެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons