Sunday, June 7, 2015

ދިވެހި ފޭކު އޭތިސްޓުން ފޭކު ދީނެއްގެ މަތީގައި

އޭތިސްޓުންނޭ ކިޔައިގެން މިއުޅޭ "ބައިގަނޑު" ގެ މީހުންނަކީ ޙަޤީޤަތުގައި އޭތިޒަމްގެ ޙަޤީޤަތްވެސް ރަނގަޅަށް އޮޅުން ނުފިލާ ތިބި އޭތިޒަމަށް "ޅަ" ކުދީންތަކެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ފޭކު އޭތިސްޓުން ތަކެކެވެ. ތިމަންނާމެންނީ އޭތިސްޓުންނޭ ގޮވާއިރު، ދީނީ ޢިލްމު ކިޔަވާ ކުއްޖަކާ "ޖަދަލުކުރުމުގެ" ތެރޭގައި ކަލޭއަށް "ގޯޑް" ސިކުނޑިއެއް ދެއްވާފައެބައޮތޭ އެ ބުނީ އަނެއްކާ ކޮން ގޯޑެއްގެ ވާހަކަ ބާއެވެ. އޭތިސްޓުންގެ ގޯޑު ވާހަކަ ބާވައެވެ؟

އެތިޒަމް އަކީ ޤަބޫލު ނުކުރުމެކެވެ. އެއީ އެއްވެސް ދީނެއް ވާކަމަށް އަދި އިލާހަކު ވޮޑިގެންވާކަމަށް ޤަބޫލު ނުކުރުމެވެ. އެތީސްޓުންނަކީ މި ފިކުރުގެ މީހުންނެވެ. ނަމަވެސް ބައެއް މުފައްކިރުން ވިދާޅުވަ ގޮތުގައި ޙަޤީޤަތުގާ މިއީ ފިކުރެއް ނޫނެވެ. މީ ބައްޔެކެވެ. މި ބަލި ޖެހެނީ ވަކި މިންވަރަކަށް ވުރެ ބޮޑަށް އިންސާނާ ދުނިޔެއަށް ލޯބި ކުރަން ފެށުމުންނެވެ. މި ބަލި ޖެހިފައި ތިބޭ މީހުން ދައުވާ ކުރާ ގޮތުގައި މި ބައި މީހުން ނަކީ ވަރަށް މިނިވަން ބަޔެކެވެ. މިމީހުން އަޅުކަން ކުރަނީ މިމީހުންގެ ހަވާ ނަފްސަށެވެ.

އެތިޒަމް އަކީ މީގެ އަހަރު ތަކެއް ކުރިން އުޅުނު ޑާވިން ކިޔާ އިންސާނެއް އުފެއްދި ފިކުރެކެވެ. މީ ދުނިޔެ އުފެދުނުގޮތާއި އެންމެހާ ތަކެތި ވުޖޫދަށް އައި ގޮތާއި މެދު މީނާ ވިސްނިވިސްނުމުގައި މީނާއަށް އައި ޚިޔާލެކެވެ. މީ ޚިޔާލެކެވެ. މި ޚިޔާލު ބަޔަކު ޤަބޫލު ކުރިއެވެ. މި އެތީސްޓުން ދައުވާ ކުރާ ގޮތުގައި އެންމެހާ ތަކެތި ވުޖޫދަށް އައިސްފައި މިވަނީ "ބިގްބޭންގް " އޭ ކިޔުނު ގޮވުމެއްގެ ސަބަބުންނެވެ. މިއީ ބާޠިލް، އިންސާނާގެ ބުއްދިއާ އަރާރުންވާ ދަޢުވާ އެކެވެ. ސަބަބަކީ އެއްޗެއް ގޮވައިފި ނަމަ އޭގެން ނިކުންނާނެ ނަތީޖާ އެންމެ ކުޑަކުއްޖާ އަށްވެސް އެނގެއެވެ.

 މިސާލަކަށް ކާރު ބޮމެއް ގޮށްވާލައިފި ނަމަ އޭގެ ނަތީޖާއެއްގެ ގޮތުން ކާރު ހަލާކުވެ އޭގައިވާ މީހުންތައް ޒަހަމްވެ ގުނަވަންތައްވަކިވެ މުޅި ސަރަހައްދު ޚަރާބު ވެއެވެ. ނަމަވެސް މި ބައިމީހުންގެ ތިއަރީ އަށް މީތި ފައްތައިފި ނަމަ އެ ކާރު ބޮން ގޮއްވާލުމުގެ ސަބަބުން ނިކުންނާނެ ނަތީޖާ އަކީ އެކާރު އިތުރަށް ފުރިހަމަވެ އޭގެން އިތުރު މޮޅު ކާރުތަކެއް އުފެދި ކައިރި ހިސާބު ތަކުގެ މަގުތައް ހެދި މޮޅު ތާރު އެޅިފައިވުމެވެ. އެހެންކަމަށް ވާނަމަ ޖާނުން ފިދާވެގެން ބޮން ގޮށްވާ މީހުން އެކުރަނީ ހާދަ ކްރިއޭޓިވް މަސައްކަތެކެވެ. މީ އިންސާނުންގެ ބުއްދި ދުވަހަކުވެސް ޤަބޫލު ކުރާނޭ ކަމެއްނޫނެވެ.

މުޅި ކާއިނާތުގައިވާ ޕްލެނެޓްތަކާއި އެތަކެތީގެ ދައުރުވުންތަކާއި އެކަތި އަނެކެއްޗާއި އެކްސިޑެންޓް ނުވެ ދައުރުވަމުންދާ ފުރިހަމަ ނިޒާމަކީ ހަމަ ހުރެލާފައި ބޮޑުސިންގާ ގޮވުމެއް ގޮވައިގެން ވުޖޫދަށް އަންނާނެ ކަންކަމެއްނޫނެވެ. ހަމަ ކަށަވަރުންވެސް މިތަކެތި މިހާ ފުރިހަމަ ނިޒާމެއްގައި ޚަލްޤު ކުރެއްވި ފަރާތެއް ވާނެއެވެ. އެއީ ﷲ ތަޢާލާ އެވެ. 

އިންސާނުންނާއި އެހެނިހެން ޖަނަވާރުންތަކާއި ދޫނިސޫފާ ސޫފީގެ އެތެރެއާއި ބޭރުގައި އެކުލަވާ ލައްވާފައި ވާ ފުރިހަމަ އަޖައިބު ކުރުވަނި ނިޒާމް ތަކަކީ، އެތަކެތި ޚަލްޤު ކުރެއްވި ފަރާތެއްނެތި ވުޖޫދަށް އަންނާނެ ކަންކަމެއްނޫނެވެ. މިފަދަ ފުރިހަމަ ނިޒާމެއް ލެއްވި ފަރާތަކީ ހަމަކަށަވަރުންވެސް ޚާލިޤުވަންތަ ﷲ އެވެ. ކާއިނާތާއި ކާއިނާތުގެ ނިޒާމް ޚަލްޤު ކުރައްވާ އެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގަވާ ފަރާތަކީ، ފެށުމެއްނެތި އިސްވެ ވޮޑިގެންވާ ނިމުމެއްނެތި ދެމި ވޮޑިގެންވާ ގަދަކީރިތި ވަންތަ ﷲ އެވެ.

"ބިގް ބޭންގް" އޭ އެ ކިޔާ ގޮވުމުގައި އެ ގޮވި އެއްޗެއް އައީ ކޮންތާކުން ކަމެއް މިބައި މީހުންނަކަށް ނޭނގެއެވެ. އެއްޗެއް ގޮވި ނަމަ އެ ގޮވި އެއްޗެއް އުފެދުނު ގޮތެއްވެސް ވާންޖެހޭނެއެވެ. ގޮވާނީ ކޮންމެވެސް އެއްޗެކެވެ. ނެއް އެއްޗެއް ގޮވާނެ ހެއްޔެވެ؟ މީގެން ވެސް އިނގެނީ މިބައިމީހުންގެ ދައުވާގައި ބުރަދަނެއް ނެތްކަމެވެ. މިބައިމީހުންނަށް އުނދަގޫ ވެގެން މިއުޅެނީ ﷲ ވޮޑިގެންވާ ކަން ޤަބޫލު ކުރާށެވެ.

މިމީހުން ބުނާ ގޮތުގައި ފެށުމެއް ނެތް ފަރާތެއް ނުވާނެވެ. ނަމަވެސް ކާއިނާތުގެ ނިޒާމް ފުރިހަމަ ގޮތުގައި ހިންގަވާ އަބަދުވެސް ޤާއިމު ވެވޮޑިގެންވާ ފަރާތެއް ވާން ޖެހޭކަން ބުއްދި ޤަބޫލު ކުރެއެވެ. ފެށުމެއްވާ އިލާހެއްނަމަ އަނެއްސުވާލަކަށްވާނީ އެއީ ކިހިނެއް އުފެދުނު އިލާހެއް ބާއެވެ؟ އެހެން ކަމުން ފެށުމެއްވެސް ނުވުމާއި އަދި ނިމުމެއްވެސްނުވުމާއި ދާއިމާށް ދެމިވޮޑިގެންވުމާއި އަބަދުވެސް ޤާއިމުވެ ވޮޑިގެންވުން، މިއީ އިލާހުވަންތަ ކަމުގެ ސިފައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއީ އަބަދުވެސް ވޮޑިގެންވާ ދާއިމަށް ޤާއިމުވެ ވޮޑިގެންވާ އިލާހެވެ.

އެތީސްޓުން ދުނިޔޭގެ އެކި ހިސާބު ތަކުގައި އުޅެމުންދެއެވެ. ދިވެހި ރާއްޖޭގައިވެސް އެތީސްޓުން އުޅެއެވެ. މިއީ އެންމެން ދަންނަ ކަމެކެވެ. ދިވެހި ރާއްޖެއަކީ މީގެ 800 އެތަށް އަހަރެއް ކުރިން އިސްލާމް ދީނުގެ ޢަޤީދާގެ މަތީގައި އުޅެމުން އައި ރައްޔިތަކު ދިރިއުޅޭ ގައުމެކެވެ. ދިވެހިން ދީނުގެ ކަންތައްތަކަށް ވަރަށް އިޙްތިރާމް ކުރެއެވެ. ނަމަވެސް މިހެން ކަންތައްތައް ވަމުން އައިސް ދާދި ފަހަކުން ގާތްގަނޑަކަށް މީގެ 25 އަހަރު ކުރިން އިސްލާމް ދީނުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ދީނީ ޢިލްމުވެރިންނަށް ވަރަށް ގިނަ ދަތި ތައް ކުރިމަތި ވެގެންދިޔައެވެ. ޢިލްމުވެރިންގެ ވާހަކަތައް މުޅިން ހުއްޓުމަކަށް އައެވެ.

 އެއްބައި ޢިލްމުވެރިން ޖަލަށްލެވި ތަފާތު އަނިޔާތައް ކުރެވުނު އިރު އަނެއްބައި ޢިލްމުވެރިންނަށް "ކުދި ގޯނާ" ކުރެވެމުން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ދިވެހިންގެ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑުތަން ދަށަށް ދިޔައެވެ. ޙާއްސަކޮށް އޭރު އުފެދިގެން އައި ޅަ ޖީލު (މިހާރުގެ ޒުވާން ޖީލު) ގެ ޢަޤީދާ ބަލިކަށިވެގެން ދިޔައެވެ. މިއީ ބަޔަކު ރާވައިގެން ކުރި ކަމެކެވެ. މިއަދު ފެނިގެން މިދަނީ އޭގެ "ނަތީޖާ" އެވެ.

 ހެޔޮކަމަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުން އެއީ ނެތްކަމަކަށް ވެގެންދިޔައެވެ. ޙަރާމް ޙަލާލެއް ބަލާލުމެއްނެތި ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަވެގެން ދިޔައެވެ. ވެރިކަމާމެދު ފާޑު ނުކިޔާނަމަ ކިތައްމެ ބޮޑު ޖަރީމާއެއް ހިންގިޔަސް، ކިތައްމެ ލާ ދިނީ ޢަމަލެއް ހިންގިޔަސް އެއީ އެއްވެސް ކަމަކަށް ޤައުމުގެ "ބޮޑުން" ނަކަށް އޭރަކު ނުވެއެވެ. މީސްތަކުންގެ ހިތުގައި ހެއްދެވިފަރާތާ މެދު އޮތް ބިރު ފިލައިގެން ދިޔައީއެވެ. އެހެން މީހެއް ދެކެ އެބިރު ގަންނަން ފެށީއެވެ.

ދެން އައީ "ޑިމޮކްރަސީގެ " މޫސުމެވެ. މީސްތަކުންގެ އަނގަތަށް ފާޑަކަށް ހުޅުވި، ހެވަސް ނުބަޔަސް އެމީހަކު ކިޔާނެ އެއްޗެއް ކިޔަން ފުރުސަތު ލިބުނީއެވެ. މިދުވަސްވަރު ދީނީ ޢިލްމުވެރިންނަށްވެސް ބަސް ބުނުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެބައިމީހުން ދީނުގައި ކަން އޮންނަގޮތް މީސްތަކުންނަށް ފުރިހަމައަށް ބަޔާންކޮށްދެމުން ދަނީއެވެ.

 މި އަޑު "އެއްކަލަ" ޒުވާން ޖީލަށް އަޑު އިވުމުން އެކަން ޤަބޫލެއް ނުކުރެވުނެވެ. އޭރު އެބައި މީހުންނަށް ވިސްނިފައި އޮތީ ނުވަތަ ބަޔަކު ވިސްނާދިފައި އޮތީ ޝަހާދަތުގެ ދެކަލިމަ ކިޔައިފިނަމަ ދެން ކޮންމެ ގޮތަކަށް އުޅުނަސް އެއީ މައްސަލައެއް ނޫންކަމަށެވެ. (ނަމަވެސް އެއީ މައްސަލައެކެވެ.)

އެހެން ކަމުން ޝޭޚުން އިސްލާމް ދީން މި ބަޔާން ކޮށްދޭ ގޮތުން މިބައިމީހުން ކުރިން ކުރަމުން އައި ވިޔާ ނުދާ ފާޙިޝް ކަންތައްތައް އެބަ ދޫކޮށްލަން ޖެހެއެވެ. ލަވައެއް ނުކިޔެއެވެ. މިއުޒިކު ޙަރާމެވެ. ޒިނޭ އެއް ނުކުރެވެއެވެ. ބުރުގާ އަޅަން ޖެހެއެވެ. ރަލެއް ނުބޮވެއެވެ. މިބައިމީހުން ބުނާގޮތުންނަމަ ކުރެވޭ އެއްވެސް ކަމެއްނެތެވެ. ޝައިތޯނާ މިބައިމީހުންގެ ފާޙިޝް ޢަމަލުތައް ޒީނަތްތެރި ކޮށްފައި ދައްކަނީއެވެ.

އެހެން ކަމުން މިދީން އެބައިމީހުންނަކަށް ކަމަކު ނުދިޔައެވެ. ސަބަބަކީ "ހުއްދަ" އެއްވެސް ކަމެއް ނެތެވެ. މިބައިމީހުން ބޭނުންވާހާ ގޮތަކަށް ނޫޅެވެއެވެ. ހަވާ ނަފްސު މިބައިމީހުންގެ މައްޗަށް ވެރިވެގަތީއެވެ. އިސްލާމްދީނަށް ޢަމަލު ކުރަން ބޭނުން ނުވުމުން އިލާހަކު ވާ ކަމާމެދު ޤަބޫލު ކުރަން ދެކޮޅު ހަދަނީ އެވެ.

 މިބައި މީހުންނަށް ބޭނުންހާ ގޮތަކަށް އުޅެވެން އޮތީ އެތިޒަމް ޚިޔާރު ކޮށްގެން ކަމުގައި ވާތީ އެކަން ކުރީއެވެ. ވަގަކު ފުލުހުން އެއީ ވާން ޖެހޭނޭ ބައެއް ކަމާމެދު ދުވަހަކުވެސް ޤަބޫލެއް ނުކުރާނެއެވެ. ސަބަބަކީ އޭނާ ވައްކަން ކުރާއިރު ފުލުހުން ފާރަލާނެއެވެ.

 އޭނާ އަށް ވައްކަން ކުރުމަށް ހުރަސް އަޅާތީއެވެ. ހަމަ އެގޮތަށް މިބައިމީހުންވެސް ބޭނުންވާ ފާޙިޝް ކަންތައްތައް ނުކުރެވޭތީ އެ ފާޙިޝް ކަންތައްތައް ޙަރާމް ކުރެއްވި އެއްކައުވަންތަ ﷲ ތަޢާލާ ވޮޑިގެންވާ ކަމާމެދު އިންކާރުކުރަން ފެށީއެވެ. މިބައިމިހުން ﷲ ގެ ދީނަށް އޮތް ޢަދާވަތްތެރި ކަމެއްގެ ސަބަބުން ﷲ ތަޢާލާ މިބައިމީހުންގެ ހިތްތައް ބަންދުކުރެއްވީއެވެ. މިހާރު މިބައިމީހުންގެ މަސައްކަތަކީ ތަފާތު ވަހުމު ތަކާއި ޝައްކު ތައް އުފައްދައިގެން މީސްތަކުން އިސްލާމްދީނާ ދުރުކުރުމެވެ. ނަމަވެސް ﷲ ގެ ރަޙްމަތްފުޅުން އެކަން ކާމިޔާބު ވުމަކުން ނުދެއެވެ.

ދިވެހިރާއްޖޭގައި އޭތިސްޓުންނޭ ކިޔައިގެން މިއުޅޭ "ބައިގަނޑު" ގެ މީހުންނަކީ ޙަޤީޤަތުގައި އޭތިޒަމްގެ ޙަޤީޤަތްވެސް ރަނގަޅަށް އޮޅުން ނުފިލާ ތިބި އޭތިޒަމަށް "ޅަ" އޭތިސްޓުންތަކެކެވެ.

އެހެން ޢިބާރާތަކުން ބުނާނަމަ ފޭކު އޭތިސްޓުން ތަކެކެވެ. ތިމަންނާމެންނީ އޭތިސްޓުންނޭ ގޮވާއިރު، ދީނީ ޢިލްމު ކިޔަވާ ކުއްޖަކާ "ޖަދަލުކުރުމުގެ" ތެރޭގައި ކަލޭއަށް "ގޯޑް" ސިކުނޑިއެއް ދެއްވާފައެބައޮތޭ އެ ބުނީ އަނެއްކާ ކޮން ގޯޑެއްގެ ވާހަކަ ބާއެވެ. އޭތިސްޓުންގެ ގޯޑު ވާހަކަ ބާވައެވެ؟

ﷲ ތަޢާލާ އަޅުގަނޑުމެންގެ އުއްމަތް މިފަދަ ޢަދާވަތްތެރިންގެ ކިބައިން ސަލާމަތް ކޮށްދެއްވާށިއެވެ. އާމީން.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons