
ނަމާދުކުރާއިރު ޒީނަތްތެރިވުމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ޒީނަތްތެރިވުން ކަމުގައި ފުދޭނެ މިންވަރަކީ ޢައުރަ ނިވާވުމެވެ.
ނަމާދު ޞައްޙަވާމިންވަރަށް ޢައުރަ ނިވާވުންކަމުގައި ބެލެވޭ މިންވަރާމެދު ޢިލްމުވެރިންގެ މަޛްހަބުތައް:
1- ޙަނަފީ މަޛްހަބު:
الدر المختار" (2/84) ގައި ވިދާޅުވެފައިވެއެވެ." ޖެހިފައި، ހުރުމަކުން ނުވަތަ ބައްޓަންފާޅުވެފައި ހުރުމަކުން މައްސަލައެއް ނޫނެވެ. ابن عابدين رحمه الله - الدر المختار ގެ ޙާޝިޔާގައި ވިދާޅުވިއެވެ. "ގައިގައި ޖެހިފައި ހުރުމޭ ވިދާޅުވި ބަސްފުޅުގެ މާނައަކީ ފިނދު މަސްގަނޑުގެ ވާހަކައެވެ." شرح المنية ގައި ވިދާޅުވެފައިވާ ޢިބާރާތުގައިވަނީ މިފަދައިންނެވެ. "ލައިގެންހުރި ހެދުމަކީ އެތެރޭގެ ކުލަ ނުފެންނަ ވަރު ބޯއެއްޗެއްކަމުގައިވާނަމަ، ގުނަވަނުގެ ބައްޓަން އެނގި ފާޅުވާންހުރިކަމުގައި ވީނަމަވެސް ނިވާވެފައި ހުރިކަމަށްޓަކައި އެއީ އެހެދުމެއްގައި ނަމާދު ޞައްޙަވުން މަނާކުރާ ހެދުމެއްކަމުގައި ދެކުން އެކަށީގެން ނުވެއެވެ. އެއީ ނިވާވެފައިހުރިކަމަށްޓަކައެވެ. " ابن عابدين .
2- މާލިކީ މަޛްހަބު:
"الفواكه الدواني" (1/216) :އޭ ކިޔުނު ފޮތުގައި ވެއެވެ." ފިރިހެނާ އެއް ހެދުމުގައި ކުރާ ނަމާދު ޞައްޙައެވެ. އެ ހެދުމަކީ އެތެރެ ނުފެންނަފަދަ ބޯ ހެދުމެއްކަމުގައި ވާންޖެހޭނެއެވެ. އަދި ބައްޓަން ފާޅުނުވާފަދަ ދޫ ހެދުމަކަށްވުން އެދެވިގެންވެއެވެ. އެހެންނޫންނަމަ މަކްރޫހަވެގެންވެއެވެ. ހަށިގަނޑުއެއްކޮށް ނިވާވާ ހެދުމެއްކަމުގައިވުންވެސް އައުލާކަން ބޮޑެވެ. ނިވާވަނީ ހަމައެކަނި "الْعَوْرَة الْمُغَلَّظَة" (ޢައުރަ ގުނަވަން: އެބަހީ ކުރިމަތިފަރާތާއި ފުރަގަސްފަރާތު ދޮރު) ނަމަ ނުވަތަ ޢައުރަ ބައްޓަންވެ ޞިފަކުރާނަމަ އެފަދަ ހެދުމެއްގައި ނަމާދުކުރުން މަކްރޫހަވެގެންވެއެވެ. ވަގުތު ފާއިތުނުވާނަމަ އިޢާދަކުރުން އައުލާވެގެންވެއެވެ."
މި ޙާލަތުގައިވެސް ފާހަގަކުރައްވާފައި އެވަނީ ޙަރާމް ވާހަކައެއް ނޫނެވެ. މަކްރޫހަވާ ވާހަކައެވެ.
حاشية الدسوقي ގައި ވިދާޅުވެފައި ވެއެވެ. ޢައުރަ ޞިފަވާހެދުމުގައި ކުރާ ނަމާދު ޞައްހަވެގެންވެއެވެ. ނަމަވެސް މަކްރޫހައެވެ. ވަޤުތުގައިނަމަ އިޢާދަކުރުން އައުލާކަން ބޮޑެވެ.
ނޯޓު : މިތަނުގައި ޢައުރައޭ އެބުނަނީ "الْعَوْرَة الْمُغَلَّظَة" (ޢައުރަ ގުނަވަން: އެބަހީ ކުރިމަތިފަރާތާއި ފުރަގަސްފަރާތު ދޮރު) އަށެވެ.
3- ޝާފިޢީ މަޛްހަބު:
الإمام النووي رحمه الله المجموع ގައި (3/176) ވިދާޅުވިއެވެ." އެތެރޭގެ ކުލަ ފޮރުވޭނަމަ ކަކުލާއި ފިނދުމަސްގަނޑު ނުވަތަ އެނޫންވެސް އެފަދަ ތަނެއްގެ ބައްޓަން ފާޅުވިކަމުގައިވިޔަސް ނަމާދު ޞައްޙަވާހުއްޓެވެ. އެއީ ނިވާވެފައިހުރީމައެވެ. ބައްޓަންވެއްޖެނަމަ ނަމާދު ޞައްހަނުވާނެކަމަށް الدارمي އާއި އަލްބަޔާންގެ މުއައްލިފު، ނެރުއްވާފައިވާ ރައުޔަކީ ކަނޑައެޅިގެން ފާޅުކަންބޮޑު ނުބައި ރައުޔެކެވެ. " انتهى كلام النووي
4- ޙަންބަލީ މަޛްހަބު:
البهوتي رحمه الله "الروض المربع" (1/494) ގައި ވިދާޅުވިއެވެ." ޢައުރަ ގުނަވަނުގެ ބައްޓަން ފާޅުނުވުމުގެޝަރުޠު އެއީ އިތުބާރުހުރި ޝަރުޠެއް ނޫނެވެ. އެހެނީ އެކަމުން ރައްކާތެރިވުމަކީ އެކަށީގެންވާކަމެއް ނޫނެވެ. (އޭގެ މާނައަކީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ފޭރާން ގުނަވަނުގައިޖެހި އެނގެން ހުންނާނެއެވެ. އެކަމުން ސަލާމަތެއް ނުވެވޭނެއެވެ. ނުވަތަ ސަލާމަތްވުމަކީ އެއިން ރައްކާތެރިވުން އުނދަގޫ ކަމެކެވެ.)
"الروض المربع" ކިޔުނު ފޮތަށް ابن قاسم رحمه الله ލިޔުއްވި ޙާޝިޔާގައި البهوتي رحمه الله ގެ އިސްވެ ބަޔާންކުރެއްވި ބަސްފުޅާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ." މިއީ އިއްތިފާޤު މައްސަލައެކެވެ. (އިއްތިފަޤުވޭ، އެވިދާޅުވި ބަސްޅުގެ މާނައަކީ الإمام أبو حنيفة رحمه الله އާއި الإمام مالك رحمه الله އާއި الإمام الشافعي رحمه الله އާއި މިތިން އިމާމުންގެ ވާހަކައެވެ. އަދި އެބޭޅުންނާއެކު الإمام أحمد رحمه الله ގެ މަޛްހަބަކީވެސް މިއީއެވެ.)
ابن قدامة رحمه الله އެބޭފުޅާ ލިޔުއްވި المغني (287/2)ގައި ވިދާޅުވިއެވެ. "ޢައުރައިގެ ކުލަ ނިވާވާނަމަ، ބައްޓަންވީ ކަމުގައިވިޔަސް އެހެދުމެއްގައި ނަމާދުކުރުންހުއްދަވެގެން ވެއެވެ. އެހެނީ ބައްޓަންވުމަކީ އެއީ ރައްކާތެރިވެވޭނެ ކަމެއް ނޫނެވެ."
الشيخ سيد سابق رحمه الله އެބޭފުޅާ ލިޔުއްވި فقه السنة (97/1) ގައި ވިދާޅުވިއެވެ." ނަމާދުކުރުމުގައި ޢައުރަނިވާކުރުން ވާޖިބު މިންވަރަކީ ޢައުރަ ފޮރުވޭ މިންވަރެވެ. އެއީ އެނިވާކުރާއެއްޗަކީ ޢައުރަ ބައްޓަންވާ އެއްޗެއްކަމުގައިވީނަމަވެސް މެއެވެ."
އިސްވެ ބަޔާންކުރެވި ދިޔައީ ބާރު ހެދުމެއްގައި ކުރާ ނަމާދުގެ ޙުކުމުގައި އުއްމަތުގެ އިސްވެގޮސްފައިވާ ސަލަފުންގެ ބަސްފުޅުތަކެވެ. އެބަސްފުޅުތަކުން ސާފުކޮށް ދޭހަވާގޮތުގައި ނަމާދު އޭގެ ޛާތުގައި ޞައްޙަވާނެއެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް ކޮންމެހެން ބާރުއެއްޗެހިލުމަށް ހިތްވަރު ދިނުމެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ފަޓުލޫނެއްލައިގެން މީހުންކުރާ ނަމާދު ޞައްޙަނުވާނެކަމަށް ވަރަށް ހަރުއަޑުން ބަޔަކު ބުނަމުންދާތީ، ނަމާދަކީ އެކަން ޞަޢްޙަނުމުވުން އޭގެ މައްޗަށް ޝަރީޢަތުގައި ނުހަނުބޮޑެތި އެހެނިހެން ޙުކުމްތަކެއް ތަރުތީބުވާ ކަމަކަށް ވީހިނދު ، ކަމުގެ ޙަޤީޤަތް ހާމަކުރަން ލާޒިމުވީއެވެ. އެހެނީ ހަމަހުރެފައި މީހެއްގެ ނަމާދު ޞައްޙަ ނުވާނެކަމަށް ބުނުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެކަމެއް ނޫނެވެ. އަދި އަމުދުން ފަޓުލޫނަކީ ބާރުކޮށް އަދި ދޫކޮށްވެސް ލެވޭ އެއްޗެއްކަމުގައިވުމުން އެއްވެސް ތަފާތުކުރުމެއްނެތި ފަޓުލޫނުލައިގެން ކުރާ ނަމާދު ޞައްޙަ ނުވާނެކަމަށް ބުނުން ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟
ތިރީގައި މިހިމަނާލަނީ ބާރު އެއްޗެއް ލައިގެން ކުރާ ނަމާދު ޞައްޙަވާނޭކަމަށް ވިދާޅުވި މިޒަމާނުގެ ބައެއް ޢިލްމުވެރިންގެ ފަތުވާތަކެވެ.
1- سماحة الشيخ عبد العزيز بن باز رحمه الله :
ބާރު ހެދުމުގައި ނަމާދުކުރުމާއި ބެހޭގޮތުން ސުވާލުކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
"(ނަމާދުގައި) ގަޔަށް ބާރުހެދުންލުމަކީ އަންހެނުންނާއި ފިރިހެނުންނާއި ދެބައިމީހުންނަށްވެސް މަކްރޫހަކަމެކެވެ. ޝަރީޢަތުގައި އައިސްފައިވާގޮތަކީ ޢައުރައިގެ ބައްޓަން ފާޅުވާފަދަ ބާރު އެއްޗެއްކަމުގައިވެސް ނުވާ އަދި މާބޮޑަށް ދޫހެދުމެއްކަމުގައިވެސް ނުވާ މެދުމިނުގެ ފޭރާމެއްލުމެވެ. ނަމަވެސް ބާރުހެދުމެއްލައިގެން ކުރާނަމާދު، ލާފައިހުރި އެއްޗަކުން ޢައުރަ ފޮރުވޭނަމަ ޞައްޙަވާނެއެވެ. ނަމަވެސް މިފަދަ އެއްޗެލުން މުއިމިނުންނަށް މަކްރޫހަވެގެން ވެއެވެ. ލާންވާނީ ގަޔަށް ބާރުވުމާއި، މާބޮޑަށް ދޫވުމާއި ދެމެދުގެ ހެދުމެކެވެ. (އެބަހީ މާބޮޑަށް ބާރުވެ ގުނަވަންތައް ބައްޓަން ނުކުރާފަދަ އަދި މާބޮޑަށް ދޫވެސް ނުވާފަދަ އެދެމެދުގެ މިންވަރަކަށް ހުންނަހެދުމެކެވެ). އެކަށީގެންވާ ގޮތަކީ މިއީއެވެ." ( نور على الدرب ,(ރޭޑިޔޯ ޕޮރުގުރާމް) من فتاوى الشيخ عبد العزيز بن باز رحمه الله 10 ވަނަ ރޯލު، مجموعة فتاوى ابن باز 217/29
2- الشيخ محمد بن صالح العثيمين رحمه الله :
ގަޔަށްބާރުދަތި ހެދުންލައިގެން ނަމާދުކުރުން ފިރިހެނުންނަށް ހުއްދެވެގެންވޭތޯއާއި އެފަދަ ހެދުމެއްލުމަކީ ޙަރާމްކަމެއްތޯ ސުވާލުކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
" ގަޔަށްބާރު ހެދުމެއްކަމުގައިވީނަމަވެސް އެހެދުމަކީ ހަންގަނޑުގެ ކުލަނޭނގޭފަދަ ބޯ ހެދުމެއްކަމުގައިވާނަމަ އެ ހެދުމެއްގައި ކުރާ ނަމާދު ޞައްޙަވެގެންވެއެވެ. ނަމަވެސް އިންސާނާގެ ވަނާތައް ފާޅުވާފަދަ ބާރުއެއްޗެހިލުން އެކަށީގެން ނުވެއެވެ. ވީމާ ފިރިހެނުންވިޔަސް އަދި އަންހެނުންވިޔަސް ލާންވާނީ ވަނާތައް ބައްޓަން ނުވާފަދަ ކޮންމެސް ވަރަކަށް ދޫހެދުމެކެވެ. فتاوى نور على الدرب لابن عثيمين : 483/17
3- الشيخ صالح الفوزان حفظه الله :
އަންހެނާގެ ގުނަވަންތައް ފާޅުވެ ބައްޓަންފާޅުވާފަދަ ބާރުއެއްޗެހިލުން ހުއްދަވެގެން ނުވެއެވެ. އަދި ބާރުހެދުންލުން ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ހުއްދަވެގެން ނުވެއެވެ. ނަމަވެސް އަންހެނުން، ގަޔަށް ބާރު އެއްޗެހިލުމުގެ ފިތުނަ ފިރިހެނުން އެފަދަ އެއްޗެއްލުމުގެ ފިތުނައަށްވުރެ ބޮޑުވެގެންވެއެވެ. ނަމަވެސް އެފަދަ ހެދުމެއްގައި ނަމާދު ކޮށްފިނަމަ ނަމާދު އޭގެ ޛާތުގައި ޞައްޙަވާނެއެވެ. ޢައުރަ ފާޅުވާފަދަ ހެދުމެއްލައިގެން ނަމާދުކުރުމަކީ ފާފައެކެވެ. އެހެނީ އެހެދުމުގެ ސަބަބުން އެއްގޮތަކުން ނަމާދުގެ ރުކުންތައް އަދާކުރުމަށް އުނދަގޫވެއެވެ. އެއީ ގުނަވަންތައް ޙަރަކާތްކުރަން އުނދަގޫވާތީއެވެ. އަނެއްގޮތަކުން އެއީ މީސްތަކުންގެ ނަޡަރު އެމީހަކާ ދިމާއަށް ހުއްޓޭނެކަމަކެވެ. އަދި ވަކިން ޚާއްޞަކޮށް އަންހެނެއްކަމުގައިވާނަމައެވެ. ވީމާ މީސްތަކުންގެ ސަމާލުކަން ދަމައިނުގަންނަފަދަ ދޫ ހެދުމަކުން ނިވާވުން އެކަނބުލޭގެ މައްޗަށް ވާޖިބުވެގެން ވެއެވެ." المنتقى من فتاوى الشيخ صالح الفوزان (454/3)
ފަޓްލޫނުލުން އެއީ ޙަރާމްކަމެއްތަ؟ ނޫނީ އެއީ ކާފަރުންގެ ޚާއްޞަފޭރާމެއްތަ؟
الشيخ عبد الرزاق عفيفي رحمه الله އާއި ސުވާލުކުރެވުނެވެ. ފަޓުލޫނުލުން ނުވަތަ ވާއަތުގައި ގަޑިއެޅުން މިއީ ކާފަރުންނާ ވައްތަރުވުމުގެ ތެރެއިން ހިމެނޭކަމެއް ހެއްޔެވެ؟
ޖަވާބުގައި ވިދާޅުވިއެވެ. ކާފަރުންނާ އެއްގޮތްވުމުގެ ފޭރާމެއްކަމުގައި ބެލެވޭނީ އެހެދުމެއް އެއީ ކާފަރުންގެ ހުޞޫޞިއްޔަތުގެ ތެރެއިންވާ އެމީހުންނަށް ޚާއްޞަ ހެދުމެއްކަމުގައި ވާނަމައެވެ. މިގޮތުން އެހެދުމެއްލައިފިނަމަ ފެންނަމީހާއަށް ތިމާއަކީ ކާފަރުންގެ ތެރެއިންވާ މީހެއްކަމަށް ބެލެވޭ ކޮންމެ ހެދުމަކީ ކާފަރުންގެ ފޭރާމެކެވެ. އެނޫން އެއްޗެއް ލުން ހުއްދަވެގެންވެއެވެ. فتاوى الشيخ عبد الرزاق عفيفي
ފަޓްލޫނުލުމާއި ޓައި އެޅުމުގެ ޙުކުމާއި، މިޒަމާނުގައި އަޅަންވީ ހެދުމާއިބެހޭގޮތުން ސަޢުދީ ފަތުވާކޮމިޓީއާއި ސުވާލުކުރެވުމުން ޖަވާބުގައި އެބޭފުޅުން ވިދާޅުވިއެވެ.
އަޞްލަކީ ޝަރީޢަތުގައި ހުއްދަނޫންކަމަށް ބަޔާންކުރައްވާފައި ހެދުމެއްނޫން ކޮންމެ ހެދުމެއްވެސް ލުން ހުއްދަވެގެންވުމެވެ. މިޘާލަކަށް ފިރިހެނުން ރަންއެޅުންފަދަ އަދި ހަމުގައި ބައްޔެއް ހުރުންފަދަކަމަށް މެނުވީ ފިރިހެނުން ފަށުވިފޭރާންލުންފަދަ، ކަންކަމެވެ. ފަޓުލޫނުލުމަކީ ކާފަރުންނަށް ޚާއްޞަކަމެއްނޫނެވެ. ނަމަވެސް ހަށިގަނޑުގެ ވަނާތަކުން ޢައުރައަށް ދާންދެން ފާޅުވާވަރުގެ ބާރުއެއްޗެހިލުން ހުއްދަވެން ނުވެއެވެ. ފަޓުލޫނުވިޔަސް ދޫކަމުގައިވާނަމަ ހުއްދަވެގެންވެއެވެ. އެއީ އެކަން ކުރާމީހާ އެކަންކުރަނީ ކާފަރުންގެތެރެއިން ފަޓްލޫނު ލާ ވަކިމީހަކާއި ވައްތަރުވުމުގެ މަޤްޞަދުގައިކުރާ ކަމެއްކަމުގައި ނުވާނަމައެވެ. ހަމައެހެންމެ ކޯޓުލުމާއި ޓައީ އެޅުމަކީ ކާފަރުންގެ ޚާއްޞަފޭރާމުގެ ތެރެއިންވާ އެއްޗެއްނޫނެވެ. ވީމާ ކާފަރުންގެތެރެއިން ވަކިމީހަކާއި ވައްތަރުވުމުގެ މަޤްޞަދުގައި ކުރާކަމެއްކަމުގައި ނުވާނަމަ ހުއްދަވެގެންވެއެވެ. ޖުމްލަގޮތެއްގައި ބުނެވޭނީ ކުރިންވެސް ބަޔާންކުރިފަދައިން އަންނައުނުގެ އަޞްލު ޙުކުމަކީ ޝަރުޢީ ދަލީލަކުން އެއެއްޗަކީ ޙަރާމް އެއްޗެއްކަން ބަޔާންކުރައްވާފައި ނުވާ ކޮންމެއެއްޗެއް ލުން ހުއްދަވުމެވެ. ފަތުވާ ނަމްބަރު: (4257 )
للجنة الدائمة للبحوث العلمية والإفتاء ( ފަތުވާއާއި ޢިލްމީ ބަޙުޘްތަކާބެހޭ ދާއިމީ ކޮމިޓީ)
عبد الله بن قعود... عبد الله بن غديان ... عبد الرزاق عفيفي ... عبد العزيز بن عبد الله بن باز
ބަޔާވެ ދިޔައީ ފަޓްލޫނުގެ މައްސަލައިގައި ސުވާލުކުރެއްވުމުން ޢިލްމުވެރިން ދެއްވާފައިވާ އިރުޝާދެވެ. އެފަތުވާއިން އެނގެނީ ފަޓްލޫނުކަމުގައި ވިޔަސް ދޫކޮށް ހުންނަ ނަމަ ލުމަކީ އެއްވެސް މައްސަލައެއްހުރި ކަމެއްނޫންކަމެވެ. އަދި އޭގައި ނަމާދުކުރުންވެސް އެންމެ ރަނގަޅުކަމެވެ. އަދި ލާފައިހުންނަ އެއްޗަކީ ބާރު އެއްޗެއްކަމުގައި ވީނަމަވެސް ނަމާދު އޭގެޛާތުގައި ޞައްޙަވާނެކަމެވެ. އެހެންނަމަވެސް ރަނގަޅުގޮތަކީ ފަޓްލޫނު ލީކަމުގައިވިޔަސް ދޫކޮށް ފަޓުލޫނު ލުމެވެ. والله أعلم
0 comments:
Post a Comment